ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

20 February, 2011

އަންހެނުންވެސް އަރާމުގެ ކުންނަށްދޭތަ؟


anhenunves-kunnu-dheytha
ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ، މަނި ބޭރުވަނީ ހަމައެކަނި ފިރިހެނުންގެ ތޯ އެވެ؟ އަދި ނިދުމުގެ ތެރޭގައި އިޙްތިލާމް ވަނީވެސް ހަމައެކަނި ފިރިހެނުން ތޯ އެވެ؟ އަދި ޖިންސީ ގުޅުން ހިންގާއިރު، މަނި ބޭރުވާ ވަގުތު ފރިހެނުންނަށް "އަރާމުގެ ކުންނަށް" ދެވޭ ގޮތަށް އަންހެނުންނަށްވެސް ދެވޭތޯ، ވަރަށް ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެއެވެ.
މީގައި ދެކޮޅަށްވެސް ވަރަށް ގިނަ މީހުން ވާހަކަ ދައްކައެވެ. ނަމަވެސް ، އަންހެނުންގެ ވެސް މަނި ނުވަތަ "ފާޑެއްގެ ފެނެއް" ބޭރުވާކަމަށް، ޙަދީޘުތަކަށް ބަލާއިރު އެއިން ދޭހަވެއެވެ.
އަންހެނުން ނިދީގައި އިޙްތިލާމްވެސް ވެއެވެ. ޖިމާޢު ވާ އިރު "މަނި" ވެސް ބޭރުވެއެވެ.
މި މައްސަލައަށް ޢިލްމީ ނަޒަރަކުން ބެލުމުގެ ކުރީގައި ދީނީ ނަޒަރަކުން ބަލާލާނަމެވެ.
ފުރަތަމަ މި ބަލައިލަނީ އުއްމުލް މުއުމިނީނަ އުއްމު ސަލަމާ ރިވާ ކުރެއްވި ޙަދީޘަކަށެވެ. މި ޙަދީޘް މިއީ ބުޚާރީގެ ހިނައިގަތުމުގެ ބާބުގައި ވާ ޙަދީޘެކެވެ.
جاءت ‏أم سليم امرأة ‏أبي طلحة ‏إلى رسول الله ‏صلى الله عليه وسلم ‏فقالت يا رسول الله إن الله لا يستحيي من الحق هل على المرأة من غسل إذا هي احتلمت فقال رسول الله ‏صلى الله عليه وسلم ‏نعم إذا رأت الماء
މާނައަކީ: "އަބޫ ޠަލްޙާގެ އަންހެނުން އުއްމު ސުލައިމް، ކީރިތި ރަސޫލާ އަރިއަހަށް އައިސް ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުންވެސް، ކަލޭގަފާނު ޙަޤީޤަތެއް ވިދާޅުވުމުން، ﷲ ލަދުވެތިވެ ވޮޑިއެއް ނުގަންނަވާނެއެވެ. އަންހެނާ އިޙްތިލާމް ވެއްޖެނަމަ، ހިނައިގަތުން އޭނޭގެ މައްޗަށް ވާޖިބުތޯއެވެ؟" ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ. އެކަނބުލޭގެއަށް ފެނެއް ފައިބާފައި ހުރިތަން ފެނިއްޖެނަމައެވެ."
ފިރިހެނުންވެސް ހަމަ ޖިންސީ ހުވަފެނެއް ފެންނަ އިރަށް، ހިނައިގަތުން ވާޖިބެއް ނުވެއެވެ. ވާޖިބުވަނީ ނިދިން ހޭލާއިރު މަނި ނުވަތަ ދިޔާ އެއްޗެއް (ކުޑަ ކަމުދާ އެތި ނޫންކަން އެގޭ) ފައިބާފައި ހުރިކަން އެގުމުންނެވެ.
ދެން އޮތް ޙަދީޘަކީ، ޞަޙީހު މުސްލިމުގެ ޙައިޟު މި ބާބުގައި އޮތް ޙަދީޘެކެވެ.
أنس بن مالك ‏حدثهم أن ‏أم سليم ‏حدثت أنها سألت نبي الله ‏صلى الله عليه وسلم ‏عن المرأة ‏ترى في منامها ما يرى الرجل فقال رسول الله ‏صلى الله عليه وسلم ‏إذا رأت ذلك المرأة فلتغتسل فقالت ‏أم سليم ‏واستحييت من ذلك قالت وهل يكون هذا فقال نبي الله ‏صلى الله عليه وسلم ‏نعم فمن أين يكون الشبه إن ماء الرجل غليظ أبيض وماء المرأة رقيق أصفر فمن أيهما علا أو سبق يكون منه الشبه
މާނައަކީ: "އަނަސް ބިން މާލިކް އުއްމު ސުލައިމްގެ އަރިއަހުން ރިވާކުރެއްވިއެވެ. އުއްމު ސުލައިމް ވިދާޅުވިއެވެ. ފިރިހެނުންނަށްވެސް ނިދި ތެރޭގައި ފެންނަ ފަދަ (ޖިންސީ ހުވަފެން) ފެންނަ އަންހެނުންނާއި ބެހޭގޮތުން، އެކަނބުލޭގެ، ﷲގެ ރަސޫލާ އަރިއަހުގައި ސުވާލު ދެންނެވިއެވެ. ދެން ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެފަދަ ކަމެއް އަންހެނާއަށް ފެނިއްޖެނަމަ، ހިނައިގަންނާށެވެ. އުއްމު ސުލައިމް ވިދާޅުވިއެވެ. އަހަރެން އެވަގުތު އެކަމުން ލަދުގަތެވެ. އަދި ދެންނެވީމެވެ. އެހެން ވޭ ތޯއެވެ؟ ދެން ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. (އެހެން ވެއެވެ.) އެހެން ނޫނީ ދަރިން އަންހެނާއާއި ވައްތަރުވަނީ ކިހިނަކުން ހެއްޔެވެ؟ ފިރިހެން މީހާގެ ދިޔާ (މަނި) ބޯވެފައި، ކުލަ ހުދުވާނެއެވެ. އަދި އަންހެނުންގެ ދިޔާ (މަނި ނުވަތަ ފެން ނުވަތަ ތެއްކަން މިއިން ކޮންމެ ނަމެއްވެސް ކިއި ދާނެ)، ތުނިވެފައި ކުލަ ރީދޫ ވާނެއެވެ. ވީމައި ދެ މީހުންގެ ޖީންތަކުގެ ތެރެއިން ގަދަކަން ހޯދައި ނުވަތަ ކުރި ހޯދި ޖީނަކާއި ވައްތަރުވެއެވެ.
އަދިވެސް ހަމަ މި ބާބުގައި އަނަސްބިން މާލިކް ރިވާކުރެއްވި ޙަދީޘެއްވެއެވެ.
جاءت ‏أم سليم ‏وهي جدة ‏إسحق ‏إلى رسول الله ‏صلى الله عليه وسلم ‏فقالت له ‏وعائشة ‏عنده يا رسول الله المرأة ‏ترى ما يرى الرجل في المنام فترى من نفسها ما يرى الرجل من نفسه فقالت ‏عائشة ‏يا ‏أم سليم ‏فضحت النساء تربت يمينك فقال ‏لعائشة ‏بل أنت فتربت يمينك نعم فلتغتسل يا ‏أم سليم ‏إذا رأت ذاك
މާނައަކީ: "އުއްމު ސުލައިމް، އެއީ އިސްޙާޤުގެ މާމަ، ﷲގެ ރަސޫލާ އަރިއަހަށް، ޢާއިޝަތުގެފާނުވެސް ހުންނަވަނިކޮށް އައިސް، ދެންނެވިއެވެ. އޭގެ ރަސޫލާއެވެ. ފިރިހެނާއަށްވެސް ހުވަފެނުގައި ފެންނަކަންތައްތައް އަންހެނާއަށްވެސް ފެނި، ފިރިހެނާއަށްވެސް ވާހެން އަންހެނާއަށްވެސް ވެއެވެ. ދެން މިހިސާބުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ." އޭ އުއްމު ސުލައިމެވެ. ކަނބުލޭގެ އަންހެނުން ފަޟީޙަތް ކޮށްފީމުއެވެ. ކަބުލޭގެ ކަނާއަތް ވެއްޔާއި މޮޑެވިއްޖެއެވެ. (މި ބަހުގެ އަސްލު މާނައަކީ ފަޤީރުވުމަށް ދުޢާ ކުރުމެވެ. ނަމަވެސް ޢަރަބިން މީގެ އަސްލު މާނަ އަށް ނުއެދި، ހިތްހަމަ ނުޖެހުނީމައި ދަންނަ ރައްޓެހިންނާއި ދިމާލަށްވެސް މި ބަސް ބުނެލައެވެ. ނުބައި ނިޔަތަކު ނޫނެވެ.) ދެން ރަސޫލާ ޢާއިޝަތުގެފާނަށް ޙަދީޘް ކުރެއްވިއެވެ. "އަދި ކިއެއްތަ ކަނބުލޭގެ ކަނާއަތް ވެއްޔާއި މޮޑެވިއްޖެއެވެ. އަދި އުއްމު ސުލައިމާއި މުޚާޠަބް ކުރައްވައި ޙަދީޘް ކުރެއްވިއެވެ. އޭ އުއްމު ސުލައިމްއެވެ. އާއެކެވެ . އެ ކަނބުލޭގެއަށް އެ ފެނިއްޖެނަމަ ހިނައިގަންނަން ޖެހޭނެއެވެ."
ފަހުގެ ހޯދުންތަކުން ހޯދިފައިވާ ގޮތުގައި "ޖީ . ސްޕޮޓް'' އޭ ނަންދެވިފައިވާ ހިސާބެއް އަންހެނާގެ ޖިންސީ ގުނަވަނުގެ އެތެރޭ ހިސާބެއްގައި ވެއެވެ. އެއީ ކުރިމަތީފަރާތުގެ ފެއްޓޭ ހިސާބުން ގޮސް އެ ހޮޅީގެ (ވަޖައިނާ) 2 އިންޗިއެއްހާ އެތެރެއިން، ހޮޅީގެ ކުރިމަތީ ފާރުގައި، ޔުރެތުރަލް ސްޕޮންޖުގެ ކައިރީގައެވެ. މިއީ މަޘާނާ (ބްލެޑާރ) އާއި ޔުރެތުރަސް ގުޅޭ ހިސާބުވެސް މެއެވެ. ޖީ. ސްޕޮޓްއަކީ ޕެރަޔުރެތުރަލް ގްލޭންޑް(ސްކީންސް ގްލޭންޑް) ކަމަށް ވެއެވެ.
ޙަޤީޤަތުގައި މިއީ "ސްޕޮޓް" އޭ ކިއުނެއް ކަމަކު އެހެން ވަކިން ފެންނަން، ގުނަވަނެއް ހެން ހުންނަ ތަނެއް ނޫނެވެ. އެކަމަކު ޕެރަޔުރެތުރަލް ގްލޭންޑްގެ ޓިޝޫތަކުގައި ވަކިން ޚާއްސަކޮށް އިހުސާސްވާލެއް ގަދަ ކޮށް ހުންނަ ތަންކޮޅެކެވެ. ވަކިވަރަކަށް މީހާ، ޖިންސީ އަރާމުގެ މަތީ މަރުހަލާއެއްގައި ނެތިއްޔާ މިތަން ހުންނަހެން ހީ ނުވެވެސް ހިގައިދާނެއެވެ. އެއް އަންހެނާއި އަނެއް އަންހެނާވެސް ތަފާތެވެ.
ފިރިހެނުންގެ ހުންނަ ޕްރޮސްޓޭޓް ގެ ބަދަލުގައި އަންހެނުންގެ ހުންނަ ތަނަކީ މިއީ ކަމުގައިވެސް ޤަބޫލުކުރެވެއެވެ. މި ތަނަށް ޖީ- ސްޕޮޓް އޭ ކިއުނީ، 1950 ގައި މިތަން ހޯދި ޖަރުމަނުވިލާތުގެ ޢިލްމުވެރިއެއް ކަމުގައިވާ "އާންސްޓް ގްރެފެންބާރގް" ގެ ފަހު ނަމުގެ އަކުރަށް ނިސްބަތް ކޮށެވެ.
މިއީ އަންހެންމީހާ ޖިންސީ އަރާމުގެ ކުންނަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭ ތަނެއްކަމުގައި، މާހިރުން ވިދާޅުވެއެވެ. ފިރިހެނުން، މަނި ބޭރުވީމައި އަރާމުގެ ކުންނަށް ދާ ގޮތަށް، އަންހެނުންވެސް ދާކަމަށް، ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ.
އަންހެނުން ކުންނަށް ވާސިލުވުމުން، ހަށިގަނޑަށް ރޫރޫ ތަކެއް ކަހަލަ ރާޅުބާނީއެއް އަރައި، ރަޙިމާއި ކުރިމަތީފަރާތުގެ މަސްތަކަށް ކުއްލި ކުދިކުދި ހަރަކާތްތަކެއް އާދެއެވެ.
އަންހެނުން ކުންނަށް ދެވޭގޮތާއި ވަގުތު އަދި ދެވުމުގެ އަސަރުވެސް ފރިހެނުންނާއި ވަރަށް ތަފާތެވެ. މިކަން ހިތަށް ނަގައިގަންނަން އެންމެ ފަސޭހަވާނެ މިސާލަކީ މިއެވެ. އަންހެނަކާއި ފރިހެނެއް އެއްވައްތަރެއްގެ އާފަލެއް ކެއުމުން، އެ އާފަލުން ދިނީ ކޮން ކަހަލަ މީރު ރަހައެއްތޯ ސުވާލު ކުރެވިދާނެއެވެ. ނަމަވެސް ދެ މީހުންގެ އިޙްސާސް އެއްގޮތެއް ނުވާނެއެވެ. އެކަމަކު ދެ މީހުންނަށްވެސް މީރުވިއެވެ.
ޖިންސީ އަރާމުގެ ކުންނަށް ދިއުމަކީވެސް މިކަހަލަ ކަމެކެވެ. އެކި މީހުންނަށް ދެވޭ ގޮތާއި، ދެވުމުން ވާ އިޙްސާސާއި، ދެވުނީ ކަމަށް ޤަބޫލު ކުރާ މިންވަރުވެސް ތަފާތެވެ. އެއީ އެ ބައެއް ޖިންސުގެ މާނަ ކުރާ ގޮތާއި، އުފެދި ބޮޑުވާ މުޖްތަމަޢެއް އެކަހަލަ ކަންކަން ދެކޭ ގޮތާއި، ލިބިފައި ހުންނަ މަޢުލޫމާތުގެ މައްޗަށް، ބިނާވެފައި އޮންނަ ކަމެކެވެ.
މި ފަދަ ޙާލަތަކަށް ދަނީ ގާތްގަޑަކަށް 30 އިންސައްތަ އަންހެނުން ކަމަށް ވެއެވެ. 70 އިންސައްތަ މީހުން މި ބުނާހެން ކުންނަކަށް ނުދެއެވެ. މީގައި ދެން ބުނަން ޖެހެނީ ކުންނަށް ދެވުމުގެ ވައްތަރަތަކުގެ އިތުރަށް ދަރަޖަތަކެއްވެސް ވެއެވެ. ވީމައި ބާކި ތިބި 70 އިންސައްތަ މީހުންނަކީ އެކި ދަރަޖަ ތަކުގައި ކުންނަށް ދެވޭ މީހުންނެވެ. ވީމައި ތިމަންނައަށް އެހެނެއް ނުވެޔޭ މިހެނެއް ނުވެޔޭ ބުނެ، ޝައްކު އުފެއްދުމުގެ ބޭނުމެއް އޮތް ހެނެއް ހިއެއް ނުވެއެވެ.
ކޮންމެ މީހަކަށް ވެސް އޭނާގެ ހަށިގަނޑު ވަރަށް ރަނގަޅަށް އެގޭނެއެވެ. އަދި އަންނަ ބަދަލުތައްވެސް އެގޭނެއެވެ. ވީމައި ޖިންސީ ގުޅުމުގެ ކުންނާއި ހަމައަށް ދެވޭތޯ ނުދެވޭތޯ އެގޭނީ އެ މީހަކަށެވެ. އެހެން މީހުންނަށް ވާ ގޮތެއް އަޑު އަހައިގެނެއް ނޫނެވެ. ދިރާސާތަކަށް މަޢުލޫމާތު ހޯދުނު ބައެއް އަންހެނުންވެސް ބުނެފައި ވަނީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނިގޮތުގައި ޖީ ސްޕޮޓުގައި ކުޅުމުގެ ސަބަބުން، އެމީހުންނަށް ބުނަން ނޭގޭ ކަހަލަ އިޙްސާސްތަކެއް ލިބުނުވެ. އަނެއް ބަޔަކު ބުނީ އެމީހުންނަށް ކުޑަކަމުދާން ޖެހޭ ކަހަލަ ގޮތެއް ވީ ކަމަށެވެ.
ކޮންމެއަކަސް، ދެ ޖިންސުގެ ވެސް ޖިންސީ ގުނަވަންތައް މަސައްކަތް ކުރާ ގޮތާއި ޝަކުލު ތަފާތު ވިޔަސް، އެއް ޖިންސުގެ ހުންނަ ބައި އަނެއް ޖިންސުގައިވެސް، އެހެން ސިފައެއްގައި ނަމަވެސް ހުރެއެވެ. މިސާލަކަށް ފިރިހެނުންގެ ޛަކަރުގެ ކޮޅަށް ވާތަން އެއީ އަންހެނުންގެ ކުޅަނދިލިއެވެ. ފރިހެނުންގެ ހުރަވަޅިއަށްވާތަން އެއީ އަންހެނުންގެ، ކުރިމަތީފަރާތުގެ ބޭރު ދެ ތުންފަތެވެ. ފރިހެނުންގެ ޛަކަރުގެ ދަށުގައި ހުންނަ ރޮގަކީ އެއީ އަންހެން ގުނަވަނުގެ އެތެރޭ ދެ ތުންފަތެވެ. ފިރިހެނުންގެ ޕްރޮސްޓޭޓުގެ ބަދަލުގައި އަންހެނުންގެ ހުންނަނީ "ޖީ ސްޕޮޓް" ކަމަށް ބުނެވެއެވެ. ފރިހެނުންގެ މަނި އުފައްދައިދާ "ޓެސްޓިކަލް" ގެ ބަދަލުގައި އަންހެނުންގެ ހުންނަނީ ދެ ބިހެވެ.
ވީމައި ފިރިހެނުންހެން އަންހެނުންވެސް މަނި ކަހަލަ އެއްޗެއް، އަރާމުގެ ކުންނަށް، ދިއުމުން ފޭބުމަކީ ވެދާނެ ކަމެއްކަމަށް ގިނަ ސައިންސުވެރިން ދެކެއެވެ. މިއީ އަދި މިހާތަނަށް ޢިލްމީ ގޮތުން ސައްތައިން ސައްތަ ޔަޤީން ހޯދުމެއް ހޯދިފައިވާ ކަމެއް ނޫނެވެ. އެކަމު ޙަދީޘްތަކަށް ބަލައި ޢިލްމުވެރިންނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، އަންހެނުންވެސް މަނިބޭރުވުން، އެއީ ވާ ގޮތެއްކަމަށް ޤަބޫލު ކުރަންޖެހެއެވެ.