ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

02 February, 2012

ކޮންމެ ފިރިހެނަކީވެސް އެފަދަ ފިރިހެނެއްނަމަ

މިއީ ހަޤީޤީ ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. މިވާހަކަ އެހެންފަރާތަކުން ތަރުޖަމާކޮށް ހުށައަޅާފައިވާނަމަ އެއީ އިއްތިފާގެކެވެ. މިއީ ތުރުކީ ވިލާތުގެ އަންހެން ކުއްޖަކު އޭނާގެ، ޚަޔާތުގެ ވާހަކަ އޭނާގެ ދުލުން ކިޔައިދިން ގޮތެވެ. ﷲ ގެ މަގަށް އޭނާ ރުޖޫޢަވެ އެނބުރުނީ މިހެންނެވެ. މިވާހަކަތައް އަޑު އަހާށެވެ.

އަހަރެންގެ އާއިލާއަކީ ކުޑަކުޑަ އާއިލާއެކެވެ. މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ އާއިލާގައި ވަނީ އަހަރެން އެކަންޏެވެ. އަހަރެންނަކީ އަންހެން ކުއްޖަކީމެވެ. މަންމަ އަކީ ހުޅަނގުގެ ޙަޟާރާތުގެ ތެރޭގައި އުޅެބޮޑުވެފައިވާ އަންހެނެކެވެ. އިނގިރޭސިވިލާތުގެ އަންހެނެކެވެ. ބައްޕައަކީ ތުރުކީ ވިލާތުގެ މުސްލިމު ފިރިހެނެކެވެ. މަންމަވެސް ބައްޕައާއި ކައިވެނިކުރުމަށް އިސްލާމްދީން ޤަބޫލުކުރިއެވެ. ނަމަވެސް މަންމަ ނަމާދުކުރާ، މަންޒަރެއް އަދި ﷲ ގެ އާޔަތްތަކުން ތައްކޮޅެއް ކިޔަވާ އަޑުވެސް އަހަރެން ދުވަހެއްގައިވެސް ނާހަމެވެ.

އާއިލާއަށް ކަންތައްތައް ކުރިމަތިވީ ވަރަށް ހިތާމަވެރިކޮށެވެ. އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައި، ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ މަސައްކަތްކުރާ ކާރުޙާނާ އިން އެނބުރި ގެއަށް އައި މަގުމަތީގައި، ދަތުރުކުރި ބަސް އެކްސިޑެންޓް ވެގެންނެވެ. އާއިލާގެ އާއްމުދަނީ ލިބޭ މަގު ބަންދުވީއެވެ. މަންމަ އަކީ އިނގިރޭސިވިލާތުގެ މީހެއްކަމަކު ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ފަޤީރު އާއިލާއަކުން އައިސްހުރި ފަޤީރެކެވެ. ބައްޕަ ރައްކައު ކޮށްފައިވާ ފައިސާތައް ހުސްވާން ނެގީ އަހަރެއްހާ ދުވަހެވެ. ބައްޕައަކީ ވެސް މެދުމިނުގެ މުސާރައެއް ލިބޭ މީހަކަށް ވާތީ މާގިނައެއްކޮށް ރައްކާކުރެވިފައި ނެތީއެވެ.


ކޮންމެއަކަސް އެހިސާބުން މަންމަ ފެށީ އެހެން މަސައްކަތެކެވެ. މަންމަގެ ރީތިކަން ވިއްކާން ފެށީއެވެ. ރެޔާ ދުވާލު އެތައް ފިރިހެނުންނެއް މިވިޔަފާރި ކުރަން މަންމަގެ ގާތަށް އާދެއެވެ. އެމަސައްކަތުން އަހަރެމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސެއެވެ. އަހަރެންގެ ލޮލުގެ ކުރިމަތީގައި، ބަލަން ހެޔޮނުވާވަރުގެ އެތައް މަންޒަރުތަކެއް ހިނގިއެވެ. މަންމަގެ މިމަސައްކަތުގައި ހޭދަވީ ގާތްގަނޑަކަށް ހަތަރު އަހަރެވެ. މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. މާރަނގަޅު ފަރުވާތަކެއް ނުދެވި އުޅެނިކޮށް މަންމަ އަމިއްލައަށް މަރުވެއްޖެއެވެ. ދަންޖެހިގެންނެވެ. އަހަރެންގެ އުމުރުން އެންމެ 14 އަހަރުގައި އަހަރެން އެކަނިވީއެވެ.

އަހަރެންނަށް ކިޔެވިފައެއް ނެތެވެ. މަސައްކަތެއް ދަސްކުރެވިފައެއް ނެތެވެ. އަހަރެންނަކީ ވެސް ރީތި އަންހެނަކީމެވެ. ތުރުކީގެ ރަންއިސްތަށިގަނޑާ، އިގިރޭސި ދޮންކުލަ އަހަރެންގެ ގައިގައި ހުރެއެވެ. އަހަރެންވެސް ނިންމީ މަންމަގެ ވިޔަފާރި ކުރާށެވެ. އުމުރުން އެންމެ 14 އަހަރުގައެވެ. އަހަރެންނަށް އަނިޔާވެސް ލިބެއެވެ. ބައެއް ނުބައި ފިރިހެނުން އަހަރެންގެ ލޭކޮޅު ބޯލުމަށްފަހު ފައިސާ ނުދީ ދެއެވެ. އަހަރެން ކުޑަވީމާވެސް ތޯއްޗެކެވެ. ފަސް ވަރަކަށް އަހަރުވީއިރު އަހަރެންގެ ވިޔަފާރި ފުޅާވެ، ބޮޑެތި މުއްސަނދިންގެ ހައިހޫނުކަން ފިލުވާދޭން ކޮށްލެވޭ ފޯނު ކޯލުތަކަކަށް އެކިއެކި ހޮޓާތަކަށް ދާން ފަށައިފީމެވެ.

މިރޭވެސް މިއީ އެކަހަލަ ރެއެކެވެ. އަހަރެންނަށް އެޕޮއިންޓްމެންޓެއް ހޯދުމަށް ޒުވާން ފިރިހެނަކު ފޯނު ކޮށްފިއެވެ. ހޮޓަލުގެ ނަން ބުނުމަށްފަހު ރޫމް ނަންބަރުވެސް ދީފިއެވެ. އަދި އުމުރުން 22 އަހަރުކަމުގައި ބުންޏެވެ. މީހަކާ ނީންނަ ވާހަކައާއި، ދަރިއަކުވެސް ނެތްކަމަށް ބުންޏެވެ. އަދި މިއީ އޭނާގެ ފުރަތަމަ ފަހަރުކަމަށް، ވަރަށް ލަދުވެތި ގޮތެއްގައި ބުންޏެވެ. އަދި އެއީ މޯބައިލް ފޯނުގެ ޚިދުމަތްދޭ ވަރަށް ބޮޑު ކުންފުންޏެއްގެ އޯނަރެއްގެ ދަރިއެއްކަމާއި، 500 ޑޮލަރު ލިބޭނެ ކަމަށްވެސް ބުންޏެވެ.

ކޮންމެ އަކަސް އޭނާ އެބުނި ގަޑިއަށް އެތަނަށް ދިޔުމަށް އަހަރެން ތައްޔާރުވާން ފެށީމެވެ. އަދި އެހެން ރޭރެޔަށްވުރެ ފުރިހަމައަށް ފެންވަރާ ރީތި ވެލީމެވެ. އަދި އޭނާއަކީ މުއްސަންޖެއްކަން އެނގޭތީ، މޭކަޕަށް ވަރަށް ލޯބި ކުރާނޭކަން އެނގެއެވެ. އެހެންކަމުން، ވަރަށް ރަނގަޅަށް މޭކަޕް ކުރީމެވެ. ރޭނގަޑުގެ 10 ޖަހާނޭ ވަގުތަކަށް އިންތިޒާރުކުރަން ފެށީމެވެ. އޭނާ ބުނެފައިވަނީ 10:30 އަށް ހޮޓަލަށް ދިޔުމަށެވެ. 10 ޖެހުމާއިއެކު އަހަރެން ގެއިން ނިކުތީމެވެ. އަދި މަގުމަތިން ޓެކްސީއެއް ނެގީމެވެ. ޑުރައިވަރުގެ ގާތުގައި ހޮޓަލުގެ ނަން ބުނުމަށްފަހު އެހޮޓަލަށް ގެންގޮސް ދިނުމަށް ބެނެފީމެވެ.

ބަރާބަރު 10:20 އަހަރެންނަށް ހޮޓަލަށް ދެވުނެވެ. އަދި އޭނާބުނި ރޫމް ހުންނަ ފަންގިފިލާ އަހަރެން އެތަނުގެ ރިސެޕްޝަނިސްޓަކަށް އިން އަންހެން ކުއްޖާ އާއި ސުވާލު ކޮށްގެން ހޯދީމެވެ. އެއަށްފަހު އެކޮޓަރިއަށް ދިޔުމަށް އަވަސްވެ ގަތީމެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. ހީވަނީ ވާންމިއުޅޭ ގޮތެއް ނޭނގިގެން އުޅެނީހެންނެވެ. އެހެންނެއް ނޫންތޯއެވެ؟ މިއީ އަހަރެންނަށް އާކަމެއްނޫނެވެ. އަދި މިފަދަ ހޮޓާތަކަށް އައުމަކީވެސް އަހަރެންނަށް އާކަމެއް ނޫނެވެ. ދެން އަހަރެންގެ ހިތް މޭގައި މަޑުން ނޯންނަން މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

ލިފްޓްގެ ތެރެއިން ނިކުމެ ހަތް ވަނަ ފަންގިފިލާގައިވާ 723 ނަންބަރު ކޮޓަރި ދޮރުމައްޗަށް ހުއްޓި ދޮރުގައި ޓަކިދިނީމެވެ. ޖަވާބެއް ނުލިބުނެވެ. ގަޑިބަލައިލީމެވެ. އަދި 10:28 ހިނގީއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު 10:30 ހިނގުމާއެކު އަހަރެން އެދޮރުގާ ޓަކި ދިނީމެވެ. ދޮރުހުޅުވިއްޖެއެވެ. އަހަރެންނަށް ކުޑަކޮށް ފަހަތައް ޖެހެވުނެވެ. މޫނުމަތި އަލި ރީތި ރީތި ޒުވާނަކު ކޮޓަރި ތެރޭގައި އަހަރެންނާ ދިމާއަށް ހިނިތުންވެފައި އެބަހުއްޓެވެ. ބަލާބެލުމަށް އޭނާ އެބުނިގޮތަށް އޭނާގެ ފުރަތަމަ ފަހަރުހެންނެއް ހިޔެއް ނުވެއެވެ. ސަބަބަކީ، ޖެހިލުންވުމާ ލަދުވެތިވުމުގެ އެއްވެސް ސިފައެއް އޭނާގެ މޫނުމަތިން ފެންނާން ނެތީމައެވެ.

ކޮޓަރި ތެރެއަށް ވަނުމަށް އޭނާ ބުންޏެވެ. އަދި އެތާހުރި ކިންގް ސައިޒްގެ ބޮޑު އެނދުގައި އިށީނުމަށް ބުންޏެވެ. އަދި އޭނާ ފާހަނާއަށް ވަނެވެ. އަހަރެން ހިތަށް އަރަމުން ދިޔަ އެޒުވާނާގެ ރީތިކަމާ ދޭތެރޭގައެވެ. އެޒުވާނާގެ ބޭނުން އަހަރެންނަށް ރަނގަޅަށް ފުއްދާ ދެވިދާނެތޯ އަހަރެންގެ ހިތް އަހަރެންނާ ސުވާލުކުރަމުން ދިޔައެވެ. އޭނާ ފާހާނާއިން ނިކުމެއްޖެއެވެ. އަދި އަހަރެންނާ ދިމާއަށް މަޑުމަޑުން އައެވެ. އަދި އެނދުގެ ބޯލާކޮޅުގައިވާ މުޞައްލާއެއް ނެގިއެވެ. އަދި ބިންމަތީގައި ފަތުރާލިއެވެ. އޭނާ އިޝާރާތުން އެމުޞައްލާ މަތީގައި އިށީނުމަށް އެދުނެވެ. އަހަރެން މިވަނީ ކިހިނެއްކަން ނޭނގޭ ހާލު އެމުޞައްލާ މަތީގައި އިށީނދެއްޖާމެވެ.

އަދި އަހަރެންނަށް އަޑު އިވޭވަރަށް އޭނާ ޤުރުއާނުގެ އާޔަތްތައް ކިޔަވަން ފެށިއެވެ. އަދި އޭގެ މާނަ އަހަރެންނަށް ކިޔައިދޭން ފެށިއެވެ. އަންހެނުންގެ މާތްކަމުގެ ވާހަކައެވެ. އެކަލާނގެ ޙަޟްރަތުގައި އެކަނބަލުން ފިރިހެނުންނަށްވުރެ މާތްކުރެއްވި ވާހަކައެވެ. އެކަނބަލުންގެ ޒިންމާތަކުގެ ވާހަކައެވެ. އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމުގެ ވާހަކައެވެ. އަދި އޭނާ ހަރުއަޑުން ނަރަކައިގެ ގަދަފަދަ އަޒާބުގެ ވާހަކަ އަހަރެންނަށް އެއްޗެހި ކިޔާ ބީދައިން ކިޔަން ފަށައިފިއެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ރޮވެން ފެށުނެވެ. ހުއްޓާލުމަށް އޭނާގެ ކައިރީ ގައި އެދުނީމެވެ. ނަމަވެސް އޭނާ އިހުނަށްވުރެ ބާރަށް އެޔާތްތަކާއި، ޙަދީޘްތައް އަހަރެންނަށް ކިޔައިދޭން ފެށިއެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ. ކުއްވެރިއެއް ފަދައިން އޭނާގެ ކުރިމަތީގައި އަހަރެން ރޯންފެށީމެވެ. ތަޢުބާވުމަށް ބޭނުންކަމުގައި ބުނަންފެށީމެވެ. ﷲ ގެ ނަން ދުލުކުރިން އެތައް ދުވަހަކަށްފަހު، އެތައް އަހަރަކަށްފަހު، ކިޔަން ފެށީމެވެ. އަދި އެންމެފަހުން އޭނާ އަހަރެންގެ ކޮނޑުގައި ހިފާ ނެގިއެވެ. އަދި އަހަރެންގެ އަތަށް ކޮތަޅެއް ދިނެވެ.

އަދި ފާހާނާއަށް ވަނުމަށް އެދުނެވެ. އަހަރެން އެކޮތަޅު ހިފައިގެން ފާހާނާއަށް ވަނީމެވެ. އަދި އެބަލައިލީމެވެ. އެއާއެކު އަހަރެންނަށް އަނެއްކާވެސް ރޮވެންފެށުނެވެ. މަޑުމަޑުން އޭގައިވާ ހެދުންނަގައި އަހަރެން އެހެދުން ލީމެވެ. (އެއީ ދިވެހިން މިކިޔާކަހަލަ ހައުސްކޯޓް ހެދުމެކެވެ.) އަދި އޭގައިވާ ބުރުގާ ނަގައި އަހަރެންގެ ރަންކުލައިގެ އިސްތަށިގަނޑު ފޮރުވާލީމެވެ. އަދި މަޑުމަޑުން ފާހާނާއިން ނިކުތީމެވެ. އެއާއެކު އަނެއްކާވެސް އަހަރެންނަށް ރޮވެން ފެށުނެވެ. އޭނާ އަހަރެންގެ ކައިރިއަށް އައެވެ. އަދި ބުންޏެވެ. އަހަރެން މިދޭފޮތްތައް ހިފައިގެން ދާށެވެ. މިއޮތީ ތިބާގެ އުޖޫރައެވެ. އޭނާ އަހަރެންގެ އަތަށް 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އަދި ފޮތްތަކެއްވެސް ދިނެވެ. އަހަރެން އެފޮތްތަކުގައި ހިފީމެވެ. އަދި އެކަރުދާހު ނޫޓު ތަކުގައިވެސް ހިފީމެވެ.

އަހަރެން ގެއަށް ދާން ހިނގައިގަތުމުން ބުންޏެވެ. މާދަމާރޭވެސް މިގަޑިއަށް ތިޔަ ހެދުމުގައި، ތިޔަފޮތްތައް ހިފައިގެން އަންނާށެވެ. ތިޔަފޮތްތަކުން ތިބާއަށް ފައިދާ އެއް ވާނޭކަމަށް އަހަރެން އުއްމީދުކުރަމެވެ. އަހަރެން އެފޮތްތަށް ކީމެވެ. ވުޟޫ ކުރުމަކީ ކޮބައިކަން އަހަރެންނަށް އެނގުނީ އަދިއެވެ. ހިނާއިގަންނާނޭ ގޮތްވެސް އެނގުނީ އަދިއެވެ. ނަމާދު ކުރަނީ ކީއްކުރަންކަމާއި، ނަމާދުގައި ކިޔާނޭ ތަސްބީހަތަކާއި، ޒިކުރުތައް އެނގެންފެށިއެވެ.

އަނެއްރޭވެސް އޭނާބުނިގޮތަށް އެގަޑިއަށް އޭނާގެ ކައިރިއަށް ދިޔައީމެވެ. އޭނާ ކަންތައްތައް ކުރީ އެހެންނެވެ. އޭނާ އަހަރެންގެ އަތަށް 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އެކަރުދާހު ނޫޓުތަކުގައިވެސް ހިފީމެވެ. އަދި ގެޔަށް ދިއުމަށްފަހު ފޮތްތަށް މުރާޖާ ކުރުމަށް ބުންޏެވެ. އޭނާ އެބުނިގޮތަށް އަހަރެން ކަންތައް ކުރީމެވެ. މިގޮތުގައި ދެހަފުތާ ފާއިތުވެ ދިޔަ އެވެ.

މިހާރު އަހަރެންނަކީ ބަރާބަރަށް ފަސްވަގުތު ނަމާދުކުރާ ޤުރުއާން ކިޔަވާ، އަންހެން ކުއްޖަކީމެވެ. އޭނާގެ ކައިރިން ސުވާލު ތަކުގެ ޖަވާބު އޮޅުން ފިލުވާ އަންހެން ކުއްޖެއް ކަމުގައި އަހަރެން ވެއްޖައީމެވެ. އެގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔުމަށްފަހު އަހަރެން ފޮތްތަކުގެ ތެރޭގައި ހޭދަކުރި ދުވަހެއްގައި އެންމެ ހެޔޮ އަދި އެންމެ މާތް ކޮއްތަކީ، ތިމާކުރާ ޙަލާލު މަސައްކަތަކުން ހޯދާ ޙަލާލު ފައިސާއިން ގަންނަ ކެއުންކަމުގައި އަހަރެންނަށް އެނގިއްޖެއެވެ.

އެރޭވެސް އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ. މިރޭވެސް ދެގަޑިއިރުވަރު ހޭދަކުރުމަށްފަހު ގެޔަށްދާން ހިނގާގަތުމުން އަހަރެންނަށް ފައިސާ ދޭން އޭނާ ގޮވިއެވެ. އަހަރެންގެ އަތަށް އޭނާ 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އަހަރެން އޭގައި ހިފީމެވެ. އަދި އޭނާ އަތަށް އެފައިސާ އަނބުރާ ދިނީމެވެ. އަދި ބުނީމެވެ. އެންމެ ހެޔޮ އަދި އެންމެ މާތް ކޮއްތަކީ، ތިމާކުރާ ޙަލާލު މަސައްކަތަކުން ހޯދާ ޙަލާލު ފައިސާއިން ގަންނަ ކެއުމެކެވެ. ތިބާ ތިޔަ ކޮށްދޭ ޙަލާލުކަން ބޮޑު މަސައްކަތުގެ އުޖޫރަ އަހަރެން ތިބާއަށް ދިނީއެވެ. އޭނާ އެފައިސާގައި ހިފިއެވެ. އަދި އަހަރެންގެ ބޮލުގައި އަތްތިލަ ބޭއްވުމަށްފަހު ބުންޏެވެ. ތިބާ އަހަރެންނާ ކައިވެނިކުރާށެވެ. ހަމަކަށަވަރުން ވަފާތެރި ފިރިއެއް ކަމުގައި އަހަރެން ވާނަމެވެ. އަދި ތިބާ އަހަރެންނަށް ވަފާތެރި އަނތްބެއް ކަމުގައި ވާނޭކަމަށް އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެން އެކަން ޤަބޫލުކުރީ ހެޔޮހިތުންނެވެ. ﷲ އަހަރެންނަށް ތެދުމަގު ދެއްކެވީ އެޒުވާނާ މެދުވެރިކޮށެވެ. އޭނާފަދަ މާތް ފިރިހެނަކަށް ހުރިހާ ފިރިހެނުންވެސް ވާނެނަމައެވެ.