ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

02 February, 2012

ޚަތިމް ދުޢާ


اللهم ارحمنى بالقرآن واجعله لى إماما ونورا وهدى ورحمة ، اللهم ذكرنى منه ما نسيت وعلمنى منه ما جهلت وارزقنى تلاوته آناء الليل وأطراف النهار واجعله لى حجة يا رب العالمين.

 اللهم أصلح لى دينى الذى هو عصمة أمرى وأصلح لى دنياى التى فيها معاشى وأصلح لنا آخرتى التى فيها معادى واجعل الحياة زيادة لى فى كل خير واجعل الموت راحة لى من كل شر .

 اللهم اجعل خير عمرى آخره وخير عملى خواتمه وخير أيامى يوم ألقاك فيه .

 اللهم إنى أسألك عيشة هنية وميتة سوية ومرداً غير مخز ولا فاضح .

 اللهم إنى أسألك خير المسألة وخير الدعاء وخير النجاح وخير العلم وخير العمل وخير الثواب وخير الحياة وخير الممات وثبتنى وثقل موازينى وحقق إيمانى وارفع درجاتى وتقبل صلاتى واغفر خطيئاتى وأسألك العلا من الجنة .

 اللهم إنى أسألك موجبات رحمتك وعزائم مغفرتك والسلامة من كل إثم والغنيمة من كل بر والفوز بالجنة والنجاة من النار .

 اللهم أحسن عاقبتنا فى الأمور كلها وأجرنا من خزي الدنيا وعذاب الآخرة .

 اللهم اقسم لنا من خشيتك ما تحول به بيننا وبين معصيتك ومن طاعتك ما تبلغنا بها جنتك ومن اليقين ما تهون به علينا مصائب الدنيا ومتعنا بأسماعنا وأبصارنا وقوتنا ما أحييتنا واجعله الوارث منا واجعل ثأرنا على من ظلمنا وانصرنا على من عادانا ولا تجعل مصيبتنا فى ديننا ولا تجعل الدنيا أكبر همنا ولا مبلغ علمنا ولا تسلط علينا من لا يرحمنا .

 اللهم لا تدع لنا ذنبا إلا غفرته ولا هما إلا فرجته ولا دينا إلا قضيته ولا حاجة من حوائج الدنيا والآخرة إلا قضيتها يا أرحم الراحمين .

 ربنا آتنا فى الدنيا حسنة وفى الآخرة حسنة وقنا عذاب النار وصلى الله على نبينا محمد وعلى آله وأصحابه الأخيار وسلم تسليما كثيراً.

 އޭ ﷲ! މިއަޅާއަށް ޤުރްއާނުން ރަޙްމަތް ލައްވާނދޭވެ! އަދި އެ ޤުރްއާނަކީ މިއަޅާއަށްވާ އިމާމެއްކަމުގައްޔާއި، ނޫރެއްކަމުގައްޔާއި، ހިދާޔަތެއްކަމުގައްޔާއި، ރަޙްމަތެއް ކަމުގައި ލައްވާނދޭވެ!

 އޭ ﷲ! ޤުރްއާނުން މިއަޅާ ހަނދުމަނެތިފައިވާ އެއްޗެއް މިއަޅާއަށް ހަނދުމަ ކޮށްދެއްވާނދޭވެ! އަދި އެއިން މިއަޅާއަށް ނޭނގޭ އެއްޗެއް އުނގަންނަވައި ދެއްވާނދޭވެ! އަދި ރެއާދުވާލު ހުރިހާ އިރެއްގައި އެ ޤުރްއާން ކިޔެވުމުގެ ތައުފީޤް މިއަޅާއަށް ދެއްވާނދޭވެ! އަދި އެ ޤުރްއާނަކީ މިއަޅާއަށްވާ ޙުއްޖަތެއް ކަމުގައި ލައްވާނދޭވެ!


 އޭ ﷲ! މިއަޅާގެ ހުރިހާ ކަމެއްގެ ރައްކާތެރިކަން ކަމުގައި ހިމެނޭ މިއަޅާގެ ދީން މިއަޅާއަށްޓަކައި އިޞްލާޙް ކޮށްދެއްވާނދޭވެ! އަދި އެތަނެއްގައި މިއަޅާ ދިރިއުޅޭން އޮތް ދުނިޔޭގެ ދިރިއުޅުން މިއަޅާއަށްޓަކައި އިޞްލާޙް ކޮށްދެއްވާނދޭވެ! އަދި މިއަޅާ އެނބުރި ދާންޖެހޭ ތަނެއް ކަމުގައިވާ އާޚިރަތް މިއަޅާއަށްޓަކައި އިޞްލާޙް ކޮށްދެއްވާނދޭވެ! އަދި ކޮންމެ ހެޔޮކަމެއްގައި މިއަޅާއަށް ލިބޭ އިތުރު ފުރުޞަތެއް ކަމުގައި މިއަޅާގެ ދިރިހުރުން ލައްވާނދޭވެ! އަދި މިއަޅާގެ މަރަކީ އެންމެހައި ނުބައި ކަންތައްތަކުން މިންޖު ވުމަށް މިއަޅާއަށް ލިބޭ އަރާމެއްކަމުގައި ލައްވާނދޭވެ!

 އޭ ﷲ! މިއަޅާގެ ޢުމުރުގެ އެންމެ ހެޔޮދުވަސްވަރަކީ ޢުމުރުގެ އެންމެ ފަހުކޮޅު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާއަށް ކުރެވޭ އެންމެ ހެޔޮ ޢަމަލަކީ މިއަޅާގެ ޢުމުރުގެ އެންމެ ފަހުގެ ދުވަސްތަކުގައި ކުރާ ޢަމަލު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާއަށް ލިބޭނޭ އެންމެ ހެޔޮވެގެންވާ ޘަވާބަކީ މިއަޅާގެ ޢުމުރުގެ އެންމެ ފަހު ދުވަސްތަކުގައި ކުރާ ޢަމަލުގެ ޘަވާބު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާއަށް އެންމެ ހެޔޮވެގެންވާ ދުވަހަކީ އެދުވަހެއްގައި މިއަޅާ އިބަރަސްކަލާނގެއާ ބައްދަލުވާ ދުވަސް ކަމުަގައި ލައްވާނދޭވެ!

 އޭ ﷲ! މިއަޅާއަށް އުފާވެރި ޙަޔާތެއް ދެއްވުންއެދި އިބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމުއެވެ. އަދި އަމާންކަން ލިބިގެންވާ މަރެއް ދެއްވުންއެދި ދަންނަވަމުއެވެ. އަދި ބޭޒާރު ކުރެއްވުމެއް، ނިކަމެތި ކުރެއްވުމެއް ނެތް އުޙްރަވީ ޙަޔާތެއް ދެއްވުން އެދި ދަންނަވަމެވެ.

 އޭ ﷲ! އެންމެ ހެޔޮކަންކަމަށްއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމުއެވެ. އަދި އެންމެ ހެޔޮވެގެންވާ ދުޢާއިން ދުޢާ ދަންނަވަމުއެވެ. އަދި އެންމެ ރަނގަޅު ފަލާޙާއި ކާމިޔާބު މިއަޅާއަށް ދެއްވުން އެދި ދަންނަވަމުއެވެ. އަދި އެންމެ ހެޔޮވެގެންވާ ޢިލްމާއި، އެންމެ ހެޔޮވެގެންވާ ޢަމަލުތަކާއި، އެންމެހެޔޮވެގެންވާ ޘަވާބަށްއެދި ދަންނަވަމުއެވެ. އަދި ޙަޔާތުގެ ހެޔޮކަމާއި، އެންމެ ހެޔޮވެގެންވާ ނިމުން ދެއްވުންއެދި ދަންނަވަމުއެވެ. އަދި މީޒާނުގައި މިއަޅާގެ ހެޔޮކަން ބުރަކުރައްވައި ހިސާބު ބެއްލެވުމުގައި ސާބިތުކަން ދެއްވުންއެދި ދަންނަވަމުއެވެ. އަދި މިއަޅާގެ އީމާންކަން ޙަޤީޤަތެއް ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ ދަރަޖަ އުފުއްލަވައި މަތިވެރި ކުރައްވާނދޭވެ! އަދި މިއަޅާގެ ނަމާދު ޤަބޫލު ކުރައްވާނދޭވެ! އަދި މިއަޅާގެ ކުށްފާފަތައް ފުއްސަވާނދޭވެ! އަދި މިއަޅާއަށް ސުވަރުގެއިން މަތިވެރި ދަރަޖަ ދެއްވުންއެދި ދަންނަވަމުއެވެ.

 އޭ ﷲ! އިބަރަސްކަލާނގެ ރަޙްމަތް މިއަޅާއަށް ލެއްވުން ޙައްޤުވާހާ ކަމެއް ދެއްވުންއެދި ދަންނަވަމުއެވެ. އަދި މިއަޅާގެ އެންމެހާ ފާފަތަކެއް ފުއްސަވައި ފާފަތަކުން މިއަޅާ ސަލާމަތް ކޮށްދެއްވައި، ކޮންމެ ހެޔޮކަމެއް މިއަޅާއަށް ޣަނީމާ ކޮށްދެއްވުން އެދި ދަންނަވަމުއެވެ. އަދި މިއަޅާ ނަރަކައިން ސަލާމަތް ކޮށްދެއްވުންއެދި ދަންނަވަމުއެވެ.

 އޭ ﷲ! ކޮންމެ ކަމެއްގައިމެ އަޅަމެންގެ ނިމުން ރަނގަޅުކޮށް ދެއްވާނދޭވެ! އަދި ދުނިޔެމަތީގައި ބޭޒާރު ވުމާއި ފަޟީޙަތް ވުމުންނާއި، އާޚިރަތުގެ ޢަޛާބުން އަޅަމެން ސަލާމަތް ކޮށްދެއްވުން އެދި ދަންނަވަމުއެވެ.

 އޭ ﷲ! އިބަރަސްކަލާނގެއަށް އުރެދުމަށް ހުރަސްއަޅާނޭ ބިރުވެރިކަމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ސުވަރުގެއަށް ވާޞިލްކޮށްދޭނޭ ކިޔަމަންތެރިކަމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ދުނިޔޭގެ މުޞީބާތްތައް އަޅަމެންނަށް ލުއިކޮށްދޭނެ ޔަޤީންކަމެއް ދެއްވައި، ދިރިތިބިހައި ހިނދަކު އަޅަމެންގެ ފެނުމާއި އިވުމާއި ހަށިގަނޑުގެ ވަރު ދަމަހަށްޓަވާނދޭވެ! އަދި އެއީ އަޅަމެންގެ ވާރުތަވާ ފަރާތް ކަމުގައި ލައްވާނދޭވެ! އަދި އަޅަމެންނަށް އަނިޔާކުރި ބަޔަކުގެ ކިބައިން ބަދަލުހިފާނޭގޮތް އަޅަމެންނަށް މެދުވެރިކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ މައްޗަށް ޢަދާވާތްތެރިވެގަތް ބަޔަކަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! އަދި އަޅަމެންގެ ދީން ގެއްލިދާ ބަޔަކުކަމަުގައި އަޅަމެން ނުލައްވާނދޭވެ! އަދި ދުނިޔެއަކީ އަޅަމެން އެންމެ އަހަންމިއްޔަތުދޭ ތަންކަމުގައި ނުލައްވާނދޭވެ! އަދި އަލަމެންގެ ޢިލްމުފޯރާ އެންމެދުރު ހިސާބަކީ ދުނިޔެކަމުގައި ނުލައްވާނދޭވެ! އަދި އަޅަމެންނަށް ރަޙުމްނުކުރާ ބަޔަކު އަޅަމެންގެ މައްޗަށް ފާ ނުކުރައްވާނދޭވެ!

 އޭ ﷲ! އަޅަމެންގެ އެއްވެސް ފާފައެއް ނުފުއްސަވާ ދޫކޮށް ނުލައްވާނދޭވެ! އަދި އެއްވެސް ހިތާމައެއް ނުފިއްލަވާ ދޫކޮށް ނުލައްވާނދޭވެ! އަދި އަދާނުކުރެވޭ ދަރަންޏެއް ދޫކޮށް ނުލައްވާނދޭވެ! އަދި ދުނިޔެއާއި އާޚިރަތުގެ ބޭނުންތަކުގެ ތެރެއިން އެއްވެސް ބޭނުމެއް ނުފުދިވާ ބަޔަކު ކަމުގައި ނުލައްވާނދޭވެ!

 އޭ އެންމެ ރަޙްމަތްވަންތަ އޯގާވަންތަ ރަސްކަލާކޮ! އަޅަމެން ހައްދަވައި ގެންގުޅުއްވާ ރަސްކަލާކޮ! ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވައި ސަލާމަތް ކޮށްދެއްވާނދޭވެ! އަޅަމެންގެ ނަބިއްޔާ محمد صلي الله عليه وسلم އަށް ޞަލަވާތް ލައްވާނދޭވެ! އަދި އެންމެ ހެޔޮވެގެންވާ ކަލޭގެފާނުންގެ އާލު އަޞްޙާބުނަށް ގިނަގިނައިން ސަލާމް ލައްވާނދޭވެ!
 آمين