ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

03 February, 2012

ޔާ ރައްބި! އަޅަމެން ދިންނަވާ، ފާންދޭވެ، މުނާފިޤު ދޫތަކުން!


މުނާފިޤުންނަކީ ކޮބައިހެއްޔެވެ. މުނާފިޤުންނާއި މުސްލިމުންނާއި ތަފާތު ތަކެއް ވޭހެއްޔެވެ؟ މުނާފިޤުންނާއި، މުޝްރިކުންނާއި، ކާފަރުންނާއި ހަމަ ހަމަ ވޭހެއްޔެވެ، މުނާފިޤުންނާއި މުއުމިނުންގެ ތަފާތަކީ ކޮބައިހެއްޔެވެ؟ މުނަފިޤުންނަށް ހުރި ޢަޒާބަކީ ކޮބައި ހެއްޔެވެ؟ މުނާފިޤު ކަން އެބައިމީހުންގެ ކިބައިގައި ވަނީ ކިއްވެގެން ހެއްޔެވެ؟


 މިއީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ގިނަބަޔެއްގެ ހިތުގައި އުފެދިފައިވާނެ ސުވާލު ތަކެކެވެ. މިސުވާލު ތަކުގެ ޖަވާބު އެނގޭ ހާލުގައި އެފަދަ ޖަވާބު ތަކަށް އިންކާރު ކުރާ މީހުންގެ އަދަދުވެސް ގިނައެއް ނުވާނެއެވެ. އިސްލާމް ދީނުގައި މުނާފިޤުންނަކީ ވަރަށް އިހާނަތިވި ޢަޒާބު އެބަޔަކަށް ލިބިގެންދާނެ ބަޔެކެވެ. މުނާފިޤުން ގެ ތެރޭގައި ކާފަރުން ނުވަތަ މުޝްރިކުން ގެ ތެރެއިން އަންނަ މީހުންވެސް އުޅެއެވެ! ނަމަވެސް ހަޤީޤީ މުނާފިޤުންނަކީ އިސްލާމް ވެ، އިސްލާމުންގެ ނަމުގައި، މާތް ﷲ އެބައިމީހުންނަކީ ނަރަކައިގެ އެންމެ އަޑީގައިވާނެކަމަށް ބަޔާންކުރާ މީހުންނެވެ.

މުނާފިޤުންނަކީ އެބައިމީހުންގެ ބޭރުފުށުން އިސްލާމްކަން ދައްކައިގެން އުޅޭބައެކެވެ. އެހެނެއްކަމަކަު އެބައިމީހުންގެ އެތެރެފުށް މުޅިން ތަފާތެވެ.

 މިފަދަ ވޭންދެނިވި ގަދަ ފަދަ އަޒާބެއް އިސްލާމްވެ ތިބޭ މުސްލިމުންނަށް ލިބެންވީ ކީއްވެގެން ހެއްޔެވެ؟ މުނާފިޤުންނަކީ މުސްލިމުންގެ ތެރެއިން ވާ ބަޔެއްނަމަ، އެބައިމީހުންގެ މުނާފިޤު ކަމުގެ އަލާމާތް ތަކަކީ ކޮބައި ހެއްޔެވެ؟ މުނާފިޤު ވާން ޖެހޭ ސަބަބު ތަކެއް ވެސް ވާން ޖެހޭނެއެވެ؟

 މި ސުވާލަކީ ވަރަށް ގިނަ ބަޔަކު އެކަމާއި މެދު ޙާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ސަބަބަކީ ތިމާމެންނަށް ނޭނގި ތިބެ ތިމާމެންނަކީ މުނާފިޤުން ކަމަށް ﷲ ގެ ޙަޞްރަތުގައި ލިޔެވިގެން ގޮސްފިނަމަ ތިޔަބައިމީހުންގެ ޢަމަލުތައް ބޭކާރުވާނެތީއެވެ. ވީމާ އިސްލާމް ވެ ތިބެ މުނާފިޤުންނަކީ އިސްލާމުންގެ ތެރެއިން ވާ ބަޔެއްކަމަށް ﷲގެ އާޔަތް ތަކާއި ޙަދީޘްތަކުން އައިސްފައިވާތީވެ އެފަދަ ސިފަތަކުން ދުރުހެލި ނުވެވިއްޖެނަމަ، މުނާފިޤުންގެ ނަން ލިސްޓުގައި ނަން ލިޔެވި ނަރަކައިގެ ގަދަފަދަ އަޒާބުގެ ތެރެއަށް ތިމާ ވެއްޓިގެން ދާނެ ކަމީ އެކަމުން މިއަދު ރައްކާތެރި ވުމަށް ލިބޭނެ ފުރުސަތުކަން ހަނދާން ކުރުން މުހިއްމެވެ.

 ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ (رواه البخاري)ހަތަރުކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހަކީ ޚާލިޞް މުނާފިޤެކެވެ. މިހަތަރު ކަންތަކުގެ ތެރެއިން ކަމެއް ހުރެއްޖެމީހާ، މުނާފިޤުކަމުގެ މިންވަރެއް އެމީހެއްގެ ކިބައިގައި ހުރެއްޖެއެވެ. އެއީ އޭނާ އެކަން ދޫކޮށްފުމަށް ދާނދެނެވެ. އެކަންތައްތަކަކީ؛ އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެއްޔާ އޭނާ އެ އާމާނާތަށް ޚިޔާނާތްތެރިވެއެވެ. އަދި އޭނާ ވާހަކަދައްކައިފިއްޔާ ދޮގުހަދައެވެ. އަދި އޭނާ ޢަހުދެއްވެއްޖެއްޔާ އެ ޢަހުދާ ޚިލާފުވެއެވެ. ކަމަކާމެދު ވާހަކަދައްކައި ބަހުސްކޮށްފިނަމަ ޙައްޤުން އެއްކިބާވެއެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ (رواه البخاري) މާނައަކީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވަޢްދެއްވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.”

އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެއްޔާ އޭނާ އެ އާމާނާތަށް ޚިޔާނާތްތެރިވެއެވެ.
 އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންގެ އަތަށްތޯ މީހުން އަމާނާތް ތައް ރައްކާތެރި ކުރުމަށް ދެނީ، އަޅުގަނޑުމެން އެ އަމާނާތް ތަކަށް ރައްކާތެރި ވެވޭތޯ، އަމާނާތް ހެޔޮގޮތުގައި އެ އަމާނާތުގެ ވެރި ފަރާތަށް ރަށްދު ކުރެވޭތޯ އެކަން ނުވާނަމަ އަޅުގަނޑުމެންގެ ކިބައިގައި މުނާފިޤު ކަމުގެ ސިފަ ވެއެވެ. އެކަމުން ސަލާމަތް ނުވެވިއްޖެނަމަ އާޙިރަތުގައި ގެއްލެނިވެގެންވާ ބަޔެއްކަމުގައި އަޅުގަނޑުމެން ވާނެއެވެ. ވީމާ މީހުން ރައްކާތެރި ކުރުމަށް، ނުވަތަ އެހެން ރައްޓެއްސަކަށް ދިނުމަށް ތިމާޔާ ހަވާލު ކުރެވޭ އަމާނާތަށް ވީ އެންމެ ފުރިހަމަ ގޮތެއްގައި ރައްކާތެރި ވެވޭތޯ މަސައްކަތް ކުރާށެވެ! އަމާނާތް ރައްދުވާ މުސްލިމް އަޚާގެ ދުލުން "ޔާރައްބި އަޅަމެން މުނާފިޤުންނެ ކިބައިން ދިންނަވާނދޭވެ" މިދުއާ ކިޔުމުގެ ކުރިން އެފަރާތެއްގެ އަމާނާތަކަށް ޙިޔާނާތް ތެރިވެފައިވާނަމަ އެކަމަކަށް މާފް ކުރައްވާ! އަދި ކަންވެފައިވާ ގޮތް ތެދަށް ކިޔައިދެއްވާ! ދެފަރާތުން މަޝްވަރާކޮށް އެކަމުގައި ރަނގަޅު ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާށެވެ!މީހަކު އެހެން މީހެއްގެ ގާތުގައި ނުކިޔުމަށް އެދިފައިވާ ވާހަކަ ތައް އެހެން މީހެއްގެ ގާތުގައި ކިޔައިދިނުމަކީވެސް އަމާނާތަށް ޚިޔާނާތްތެރި ވުމެވެ.

ވާހަކަދައްކައިފިއްޔާ ދޮގުހަދައެވެ
 މިއީ މުނާފިޤުންގެ ކިބައިގައިވާ އެންމެ ނުބައި އެއް ސިފައެވެ. މާތް ﷲ ކީރިތި ޤުްރުއާންގައި މުނާފިޤުންނާއި ބެހޭގޮތުން ވަނީ ސޫރަތެއް ބާވާލައްވާފައެވެ. سورة المنافقون ގެ ފުރަތަމަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަނީ (إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَ‌سُولُ اللَّـهِ ۗ وَاللَّـهُ يَعْلَمُ إِنَّكَ لَرَ‌سُولُهُ وَاللَّـهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ ﴿١﴾) މާނައީ:"ލޭގެފާނުގެ އަރިހަށް منافق ން އަތުވެއްޖެހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، اللَّه ގެ رسول އާކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ رسول އާކަން اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، منافق ންނީ، ދޮގުވެރިންކަމަށް اللَّه ހެކިވެވޮޑިގެންވެއެވެ." މިއާޔަތުގައި މުނާފިޤުންނަކީ ދޮގު ވެރިންކަމަށް މަތްﷲ އެވަނީ ހެކިވެ ވޮޑިގެންފައެވެ. ވީމާ މުނާފިޤުން ދައްކާ ވާހަކަ ތަކަކީ އޭގައި ހަޤީގަތެއް ނުވާ ދޮގު ޙަބަރު ތަކާއިގެން އަންނަ މީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުނާފިގުންގެ ޢަލާމާތްތަކުގެ ވާހަކަ ދައްކަވަމުން ފުރަތަމަ އަލާމާތަކަށްވެސް ޙަދީޘް ކުރައްވާ ފައި އެވަނީ "ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެ" ވާހަކަ އެވެ. ވީމާ މިއިން އެގެނީ މުނާފިޤުން ވާހަކަ ދެއްކި ކަމުގައި ވިޔަސް ދޮގު ވާހަކަ ފިޔަވައި އިތުރު ވާހަކަ އެއް އެބައިމީހުންނަކަށް ނުބުނެވޭނެއެވެ.

 މާތްﷲ ވަޙީކުރައްވާފައިވެއެވެ:- يُنَادُونَهُمْ أَلَمْ نَكُنْ مَعَكُمْ ۖ قَالُوا بَلَىٰ وَلَٰكِنَّكُمْ فَتَنْتُمْ أَنْفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّىٰ جَاءَ أَمْرُ اللَّهِ وَغَرَّكُمْ بِاللَّهِ الْغَرُورُ [57:14]
 މާނައީ: "އެެއުރެން (އެބަހީ: منافق ން) އަނެއްބައި މީހުންނަށް ގޮވައި އުޅޭނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަމުހެއްޔެވެ؟ އެއުރެން (އެބަހީ: مؤمن ން) ބުނާނެތެވެ. ނޫނެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ފިތުނަވެރިކޮށް، ހަލާކުކުޅައީމުއެވެ. އަދި (مؤمن ންނަށް ދެރަލިބުމަށް) ތިޔަބައިމީހުން انتظار ކުޅައީމުއެވެ. އަދި ތިޔަބައިމީހުން شك ކުޅައީމުއެވެ. އަދި ދޮގު އުންމީދުތައް ތިޔަބައިމީހުން ހެއްލުންތެރި ކުޅައެވެ. اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެނެވެ. އަދި اللَّه އާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުޅައެވެ."

 قُتِلَ الْخَرَّاصُونَ [51:10]
 މާނައީ: "ދޮގުހަދާ މީހުންނަށް لعنة ލައްވާފައިވެއެވެ."

 لَآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ [56:52]
 މާނައީ: "އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ."

 "ޔާ ރައްބި! މިފަދަ ނުބައި ދޮގުތަށް ފަރުތާ މުނާފިޤުންގެ ދޫތަކުން އަޅަމެން ދިންނަވާފާނދޭވެ!"

ޢަހުދެއްވެއްޖެއްޔާ އެ ޢަހުދާ ޚިލާފުވެއެވެ.
 އަޙްދަކީ ކަމަކަށް ވެވޭ އެއްބަސްވުމެކެވެ. އެމީހެއްގެ ކިބައިގައި މުނާފިޤުކަން ވާ މީހުންނަކީ އެއްވެސް ހާލެއްގައި އިތުބާރު ހިފޭބަޔެއްނޫނެވެ. މިބައިމީހުން އަބަދުވެސް މަސައްކަތް ކުރާނީ އަމިއްލަ އެދުން ކުރިޔަށްނެރެ. ދުނިޔަވީ ގޮތުން ކޮންމެވެސް އެދުމެއް ހާސިލް ކުރުމަށެވެ. މިއީވެސް މުނާފިޤުންގެ ވަރަށް ނުބައި ސިފައެކެވެ. ކޮންމެ ފަދަ އަހުދެއް ކޮށްގެންވެސް ތިމާގެ މުސްލިމް އަޙާއަށް ލިބިގެންދާނެ އުފާތަކާއި ނުވަތަ މާތްﷲ މުއުމިން އަޙަކަށް ދެއްވާ މަތިވެރި ނިއުމަތެއް ފެނިއްޖެ ކަމުގައި ވާނަމަ، އެމަންޒަރު ތައް ތަޙައްމަލް ކުރުމަކީ މުނާފިޤުންނަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އެބައިމީހުން ކޮށްފައިވާ ހުވާތަކާއި އަޙުދުތައް ހާމަވެ ބޭޒާރުވެގެން ދާ ވަގުތަކީވެސް މިފަދަ ހާލަތް ތަކެވެ. މިސާލަކަށް މުނާފިޤުން އޭނާގެ މުސްލިމް އަޙާއަށް ހެޔޮ ރަނގަޅު ތަނަވަސް ކަމެއް ލިބުމަކަށް ނޭދޭނެއެވެ. އެއީ އޭނާއަށް އެފަދަ ނިއުމަތަކާއި ތަނަވަސް ކަމެއް ލިބިފައިވާ ޙާލަތުގައި ވެސް މެއެވެ. އަދި އެފަދަ ނިޢުމަތެއް ތިބާއަށް ލިބޭ ކަމުގައި ވާނަމަ އޭނާ އެންމެ ފުރަތަމަވެސް މަސައްކަތް ކުރާނީ އެމީހަކަށް ބިރުދައްކާ އަޅުގަނޑުމެން މިއަދު މިކިޔާގޮތަށް "ބްލެކްމެއިލް" ކޮށްގެންވެސް ތިމާގެ މުސްލިމް އަޚާއަށް ލިބޭނެ ނިޢުމަތް ތަކުން އެ އަޚާ މަޙްރޫމް ކުރެވޭތޯއެވެ. އެފަދަ ހާލަތް ތަކުގައި މުނާފިޤުން ބޭނުން ކުރާނެ އެންމެ ނުބައި ހަތިޔާރަކީ ދެ އަޚުން ނުވަތަ އުޚްތުންގެ މެދުގައި ވެފައިވާ ޢަޙްދާއި ޙިލާފް ވުމެވެ،

 "ޔާ ރާއްބު! މިފަދަ މުނާފިޤުންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!'

ކަމަކާމެދު ވާހަކަދައްކައި ބަހުސްކޮށްފިނަމަ ޙައްޤުން އެއްކިބާވެއެވެ.
 މިއީ ވެސް މުނާފިޤުންގެ ނުބައި އެއް ސިފައެވެ. މިފަދަ ސިފަތައް ފެންނަ މުނާފިޤުންނަކީ އަމިއްލަ އެދުމުން ފޯވެފައިތިބޭ މީހުންނެވެ. ސަބަބަކީ އެބައިމީހުން ނަކީ މީސްތަކުންނަށް ވާ ދެއްކުންތެރި ބަޔެކެވެ. ދުނިޔަވީ އެދުންތަކާއި، ދުނިޔަވީ ކަންކަން ކުރަމުން މިބައިމީހުންދާނީ، މުސްލިމުންނަށް ބުޙުތާނު ދޮގުތަށް ހަދަމުންނެވެ. މިބައިމީހުންގެ އެންމެ ބޮދު ދައުވާ އަކަށްވާނީ ޙައްޤު ގޮތުގައި ތިބޭ، ޙައްޤު ބަސް ފާޅުކުރާ ބަޔަކީ ހަމައެކަނި މިބައިމީހުންކަމެވެ. ތިމާމެން ފަދަ މުސްލިމް އެހެން ޖަމާއަތް ތައކުގައި ތިބޭ ޢިލްމުވެރިން ކިތަންމެ ހެޔޮ ބަހެއް ބުނިކަމުގައި ވިޔަސް މިބައިމީހުން ޤަބޫލު ކުރާނީ އެބައިމީހުންނަކީ މީހުންމަގުފުރައްދާ މީހުންކަމެވެ. ދީނީ ގޮތުން ތަންދޮރު ފިލާފައި ތިބޭ ދީނީގޮތުން މީހުންނަށް ތަންދޮރު ފިލާނޭ ވާހަކަ ދެއްކޭނޭ ހަމައެކަނި މީހުންނަކީވެސް މިބައިމީހުންކަމެވެ. މިބައިމީހުންގެ މިފަދަ ދޮގު ތުހުމަތު ތައްކޮށް ދީނަށްޓަކާ މަސައްކަތް ކުރާ ފަރާތްތަކުގެ ބޮލުގައި ބަދުނާމު އަޅުވާއިރު އަބަދުވެސް ބަލަނީ ،އެބައިމީހުންގެ ފަރާތުން ފެންނަ ކަންތައް ތަކުގެ ތެރެއިން އެންމެ ނުރަނގަޅު ކަންކަމުގައެވެ. މިހާރުގެ މިދުނިޔޭގައި ފާފަ ނުކުރާނެ އެކަކުވެސް ނޫޅޭނެއެވެ! ނަމަވެސް މިފަދަ މުނާފިޤުން ތުޙުމަތު ކުރާގޮތޮގައި އެބައިމީހުންގެ ބަސްތަކަކީ ޙައްޤު ބަހެވެ. ބަކީ ތިބޭ މީހުންނަކީ ބާޠިލް އަޤީދާގެ މީހުންނެވެ. މިއީ ދޮގު ވާހަކަ ތަކެވެ. އިސްލާމް ދީނަށް ޓަކާ، އިސްލާމީ ޤައުމެއް ދިފާއު ކުރުމަށް ވާހަކަ ދައްކާ މީހުންނަކީ ޙައްޤުން އެއްކިބާވެފައިވާ މީހުންނެއް ނޫނެވެ. އެފަދަ މީހުންނާދިމާއަށް "ޑިމޮކްރަސީ" ޕްރޮމޯޓް ކުރަނީ އޭ، ކިޔަސް ޙައްޤު ބަސް ބުނާހާ ހިދަކު އެއީ ޙައްޤު ގޮތުގައި ތިބޭ ބަޔެކެވެ. އެފަދަ ވާހަކަ ތަކެއް ތިބާމެން ޙައްޤު ގޮތުގައި ތިބެ ނުދައްކާނެއެވެ. ވީމާ ބާޠިލް އަދި ޙައްޤުން އެއްކިބާވެފައި ތިބޭ ބަޔަކީ މީސްތަކުންނަށް ޙައްޤު އޮޅުވާލާ މީހުންނެވެ

 "ޔާރައްބި މިފަދަ މުނާފިޤުންގެ ކިބައިން އަޅަމެން ދިންނަވާނދޭވެ!"

ފަތިސް ނަމާދުގެ ޖަމާޢަތަށް މުނާފިގުންނެއް ޙާޟިރެއްނުވާނެއެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ.
 وإذا قاموا إلى الصلاة قاموا كسالى"
 މާނައި: އަދި އެބައިމީހުން ނަމާދަށް ތެދުވާއިރު ކަންނެތްވެ ތިބެ ތެދުވެއެވެ. މިކަމަށް ކައުއިތުރު ޞާޙިބާ – صلى الله عليه و سلم -ވެސް ވަރަށް ރަގަޅަށް ޢިޝާރާތްކުރައްވާފައިވެއެވެ.( إن أثقل الصلاة على المنافقين صلاة العشاء وصلاة الفجر ولو يعلمون ما فيهما لأتوهما ولو حبوا) މާނައީ: "ހަމަކަށަވަރުން މުނާފިޤުންގެ މައްޗަށް އެންމެ ބުރަ އަދި ބަރު ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެބައިމީހުންނަށް މި ދެނަމާދުގެ ހުރި މާތްކަމާއި ދަރުމަ އެނގޭނަމަ ބިމުގައި ދެމިފައިވިޔަސް އެ ދެނަމާދަށް ޙާޟިރުވީހެވެ". މިތާގައި އެކަލޭގެފާނު އެމީހުން ނަމާދު ނުކުރާ ވާހަކައެއް ޙަދީޡްފުޅެއް ނުކުރައްވައެވެ. ޙަދީޘްފުޅު ކުރެއްވީ އެމީހުން އެ ދެނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވާ ވާހަކައެވެ.

 މުނާފިޤުންނާއި ބެހޭގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ...
މުނާފިޤުން ކުޅަ عمل ތަކުގެ ސަބަބުން، اللَّه އެއުރެން كافر ކަމުގެ ތެރެޔަށް ރައްދުކުރައްވާފައިވެއެވެ.
 فَمَا لَكُمْ فِي الْمُنَافِقِينَ فِئَتَيْنِ وَاللَّهُ أَرْكَسَهُمْ بِمَا كَسَبُوا ۚ أَتُرِيدُونَ أَنْ تَهْدُوا مَنْ أَضَلَّ اللَّهُ ۖ وَمَنْ يُضْلِلِ اللَّهُ فَلَنْ تَجِدَ لَهُ سَبِيلًا
 މާނައީ: "ފަހެ، منافق ންނާމެދުގައި، ތިޔަބައިމީހުން ދެބަޔަކަށް ބެހިގެންދާންވީ ކީއްވެގެންހެއްޔެވެ؟ އެއުރެންކުޅަ عمل ތަކުގެ ސަބަބުން، اللَّه އެއުރެން كافر ކަމުގެ ތެރެޔަށް ރައްދުކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާފައިވާ މީހަކަށް ތެދުމަގު ދައްކަން ތިޔަބައިމީހުން އެދެނީހެއްޔެވެ؟ اللَّه މަގުފުރައްދަވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކަވާނެ މަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

މުނާފިޤުންނަށް ހުރީ ވޭންދެނިވި ޢަޒާބެވެ.
 بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا
 މާނައީ: "ހަމަކަށަވަރުން، منافق ންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ!"

މުނާފިޤުންނަކީ ކަންނެތް ބަޔެކެވެ.
 إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا
 މާނައީ: "މަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ."

މުނާފިޤުންނަށް ނަޞްރު ވެރިވާނޭ ފަރާތެއް ނުވެއެވެ. އެބައިމީހުންގެ އާޙިރު ނަތީޖާއަކީ ނަރަކައިގެ ވޭންދެނިވި ޢަޒާބެވެ.
 إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيرًا މާނައީ: "ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ."

منافق ންނަކީ، ހަމަ فاسق ންނެވެ.
 الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُمْ مِنْ بَعْضٍ ۚ يَأْمُرُونَ بِالْمُنْكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ މާނައީ: "منافق ފިރިހެނުންނާއި، منافق އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެއުރެން ނުބައިކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، اللَّه ހަނދުމަނެތި ކުރޫއެވެ. ދެން اللَّه އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، منافق ންނަކީ، ހަމަ فاسق ންނެވެ.

منافق ންނަކީ ﷲ ލަޢުނަތް ލައްވާފައިވާ މީހުންނެވެ...
 (وَعَدَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا ۚ هِيَ حَسْبُهُمْ ۚ وَلَعَنَهُمُ اللَّهُ ۖ وَلَهُمْ عَذَابٌ مُقِيمٌ)
 މާނައީ: "منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، كافر ންނަށް اللَّه وعد ކުރައްވާފައިވަނީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. އެ ނަރަކަ އެއުރެންނަށް ފުދިގެންވެއެވެ. އަދި اللَّه އެއުރެންނަށް لعنة ލެއްވިއެވެ. އަދި ދެމިހުންނަނިވި عذاب އެއުރެންނަށް ހުށްޓެވެ."

މުނާފިޤުންނާއިމެދު ހަރުކަށިވާށެވެ. އަދި އެބައިމީހުންނާއި ދެކޮޅަށް ޖިހާދު ކުރާށެވެ.
 (يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِي)
 މާނައީ: "އޭ ނަބިއްޔާއެވެ! كافر ންނާއި، منافق ންނާ ދެކޮޅަށް ކަލޭގެފާނު جهاد ކުރައްވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހަރުކަށިވެ ވަޑައިގަންނަވާށެވެ! އަދި (آخرة ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ."

މުނާފިޤުންނަކީ ޤިޔާމަތް ދުވަހު އިސްލާމް ކަމުގެ ނޫރުން މަޙްރޫމް ވާނެ މީހުންނެވެ...
 (يَوْمَ يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انْظُرُونَا نَقْتَبِسْ مِنْ نُورِكُمْ قِيلَ ارْجِعُوا وَرَاءَكُمْ فَالْتَمِسُوا نُورًا فَضُرِبَ بَيْنَهُمْ بِسُورٍ لَهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِنْ قِبَلِهِ الْعَذَابُ)
 މާނައީ: "(އެއީ) منافق ފިރިހެނުންނާއި، منافق އަންހެނުން، إيمان ވި މީހުންނަށް ބުނާދުވަހެވެ. ތިޔަބައިމީހުންގެ ނޫރުން ތިމަންމެން އަލިކަމެއް ލިބިގަތުމަށްޓަކައި ތިޔަބައިމީހުން ތިމަންމެންނަށް انتظار ކުރާށެވެ! އަންގަވާނެތެވެ. ތިޔަބައިމީހުންގެ ފަހަތަށް ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! ފަހެ، ތިޔަބައިމީހުން (އެހެން) ނޫރަކަށް އެދޭށެވެ! ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ رحمة އެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ عذاب އެވެ."

 ޔާ ﷲ... އަޅަމެންނީ އިސްލާމް ކަމުގެ ހެޔޮ ފޭރާމުގައި ހެޔޮ ދިރި އުޅުމެއްގައި ދިރި އުޅޭ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެން ވަނީ އަޅަމެންގެ ނަފްސްތަކަށް އަނިޔާވެރިވެފަ! އިބަ ﷲ ފިޔަވައި ފާފަ ފުއްސަވާދޭނޭ އެހެން ފަރާތެއް ނުވޭ! މިއަޅާ ވަނީ މުސްލިމުންގެ ތެރެއިންނެވެ! މިއަޅާގެ ފާފަތަކަށް މިއަޅާ އިއްތިރާފް ވަމެވެ! މިއަޅާގެ ފާފަތަށް މިއަޅާއަށް ފުއްސަވާނދޭވެ! ހަމަ ކަށަވަރުން އިބަ ﷲ ފިޔަވައި ފާފަ ފުއްސަވާދޭނޭ އެހެން ފަރާތެއް ނުވެއެވެ! ރިވެތި އަޚްލާޤަށް މިއަޅާއަށް މަގު ދައްކަވާނދޭވެ! ނުބައި އަޚްލާޤުން މިއަޅާ ސަލާމަތް ކޮށްދެއްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!(އަޅަމެންގެ ޙިމާޔަތާއި ދިފާޢަށްޓަކައި)އަޅަމެން އެބައިމީހުންނާ(ދުޝްމިނުންނާ) ދިމާލަށް އިބަ ﷲ ކުރިމަތިކުރަމުއެވެ.އަދި އެބަިމީހުންގެ ނުބައި ނުލަފާކަމުން އަޅަމެން ރައްކާތެރިކޮށްދެއްވުމަށް އިބަ ﷲ ގެ ޙަޞްރަތުން ދަންނަވަމުއެވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!އިބަ ﷲ އެދިވޮޑިގަންނަވާ ގޮތަކަށް އެބައިމީހުން (އެބަހީ މުނާފިޤުން)ގެކިބައިން މިއަޅާއަށް ފުއްދަވާނދޭވެ! އެންމެ ބޮޑީ ﷲ އެވެ.ﷲ އެކަލާނގެ ހުރިހައި މަޙްލޫޤުންނަށްވުރެ ކަށަކުޅަދުންވަންތަވެ ވޮޑިގެންވެއެވެ.މިއަޅާ ބިރުގަންނަ އަދި ޖެހިލުންވާ ހުރިހައި އެއްޗަކަށްވުރެ ﷲ ކަށަ ކުޅަދުންވަންތަވެ ޢިއްޒަތްތެރިވެވޮޑިގެންވެއެވެ.އިބަ ﷲ ގެ މިވެނި އެވެނި އަޅާގެ ނުބައިކަމުންނާއި، ޖިންނީންނާއި އިންސާނުންގެ ތެރެއިންވާ އޭނާގެ ލަޝްކަރާއި، އޭނާގެ އެކުވެރިންނާއި އަދި އޭނާގެ ޖަމާޢަތްތަކުގެ ނުބައިކަމުން ރައްކާތެރިކަން ﷲ ގެ ޙަޞްރަތުން މިއަޅާ ލިބިގަންނަމެވެ.އެކަލާނގެއީ އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާ ރަސްކަލާނގެއެވެ.އެކަލާނގެ އިޒްނަފުޅާއެކު މެނުވީ ބިންމައްޗަށް ހަތްއުޑު ވެއްޓުނަނުދީ ހިފަހައްޓަވާ ރަސްކަލާނގެ އެވެ.އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!އެބަިމީހުންގެ ނުބައިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވާ ފަރާތެއްކަމުގައި ވެވޮޑިގަންނަވާނދޭވެ!އިބަ ﷲ ގެ ސަނާ މަތިވެރިއެވެ.އިބަ ﷲ ގެ ރައްކާތެރިކަން ގަދަފަދައެވެ.އަދި އިބަ ﷲ ގެ އިސްމުފުޅު ބަރަކާތްތެރިއެވެ.އަދި އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ!

 އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ފޮތް ބާވާލައްވާ ރަސްކަލާކޮ! ހީސާބުބެއްލެވުމަށް އަވަސްވެވޮޑިގެންވާ ރަސްކަލާކޮ!(ދުޝްމިނުންގެ)ޖަމާޢަތްތައް ބަލިކުރައްވާނދޭވޭ!ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!އެބައިމީހުން ބަލިކުރައްވާނދޭވޭ!އަދި އެބައިމީހުންގެ ސާބިތުކަން ނެތިކޮށްލައްވާނދޭވެ!އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެއްވެސް މުއުމިނަކާ ދިމާއަށް ހުތުރުބަހެއް މިއަޅާއަށް ބުނެވިފައިވާނަމަ ފަހެ އެކަން އޭނާއަށް، ޤިޔާމަތް ދުވަހުގައި އިބަﷲގެ ޙަޟްރަތަށް ކުއްތަންވުމުގެ ޒަރިއްޔާއެއް ކަމުގައި ލައްވާނދޭވެ! އަދި މިއަޅާއަށް ނޭނގި ކުރެވިފައި ވާ ފާފަތަކަށް މިއަޅާއަށް އެކަމުގެ ޝަޒާ ނުދައްކަވާނދޭވެ! އަދި މިއަޅާގެ ކިބައިން ފާފަ ފުއްސަވާނދޭވެ! ޔާރައްބި އަޅަމެން ދިންނަވާ ފާނދޭވެ، މުނާފިޤު ދޫތަކުން! ފަހެ، މިއަޅާ އިބަ ﷲ ގެ ޙަޞްރަތަށް ތައުބާވަމެވެ.