ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

02 February, 2012

އިސްތިޣުފާރުގެ މޭވާ

އިންސާނާ ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ، މާތް ﷲ އަށް އިސްތިޣުފާރު ކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. އިސްތިޣުފާރު ކުރުމަކީ ﷲ އަށް ކުއްތަންވުމުގެ ވަރަށް ބޮޑު ދޮރެކެވެ. އަދި އެކަމުގެ ސަބަބުން ފާފަފަތައް ފުހެވި،ސުވަރުގޭގެ މަތިވެރި ދަރަޖައަށް ވާޞިލްކޮށްދެއެވެ. މާތްﷲވަޙީ ކުރައްވާފައިވެއެވެ.
وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّـهَ يَجِدِ اللَّـهَ غَفُورًا رَّحِيمًا﴿١١٠﴾ سورة النساء މާނައީ: "ފާފައެއްކޮށް، ނުވަތަ، ތިމާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ދެން އެއަށްފަހު ފާފަފުއްސެވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާމީހާ ދަންނާށެވެ! ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ނުހަނު އޯގާވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ."
 މާތް ﷲ އަށް އިސްތިޣުފާރު ކުރުމަކީ ދުނިޔޭގައިވެސް ގިނަގުނަ މަންފާތަކެއް ލިބޭނެކަމެކެވެ. މިގޮތުން ﷲ އަށް އިސްތިޣުފާރު ކުރުމަކީ ހިތާމަތައް ދުރުކޮށް، ތަކުލީފުތައްވެސް ފިއްލަވާ ކަމެކެވެ. ހަމައެހެންމެ ރިޒުޤް ތަނަވަސް ކުރައްވައި ތަނަވަސްކަމާއި ތިޔާގިކަން އިތުރު ކުރައްވާކަމެއް ވެސްމެއެވެ. ނޫޙްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި ބަސްފުޅުތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި މިފަދައިން އައިސްފައިވެއެވެ. وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ ﴿٥٢﴾سورة هود- މާނައީ: "އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް توبة ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!"
 މިއާޔަތުގެ ތަފްސީރުގައި އަލްއިމާމުލް ޤުރުޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ "އިސްތިޣުފާރު ކުރުމަކީ ރިޒުޤު ތަނަވަސް ކުރައްވައި، ވާރޭ ވިއްސަވާނޭ ކަމެއްކަން މިއާޔަތުން އެބަ ސާބިތުވާކަމަށެވެ."
 އަލްއިމާމުލް ޙަސަނުލްބަޞަރީ ރަޙިމަހު ﷲ އަރިހަށް މީހަކު އައިސް، ވާރޭ ނުވެހުމުގެ ޝަކުވާ ދެންނެވުމުން އެކަލޭގެފާފު ވިދާޅުވިއެވެ. "ﷲ އަށް އިސްތިޣުފާރު ކުރާށެވެ! އެއިރުން ވާރޭ ވެއްސަވާފާނެއެވެ." އަދި އެހެންމީހަކު އައިސް އަތްމަތިދަތިކަމާއި ފަޤީރުކަމުގެ ޝަކުވާ ކުރުމުންވެސް ޙަސަނުލްބަޞަރީ އޭނާއަށްވެސް އިސްތިޣުފާރު ކުރުމަށް އިރުޝާދު ދެއްވިއެވެ. އަދި މީހަކު ދަރިން ނުލިބުމުގެ ޝަކުވާ ކުރުމުންވެސް އެކަލޭގެފާނު އޭނާއަށްވެސް ﷲ އަށް އިސްތިޣުފާރުކޮށް އުޅުމަށް ވަޞިއްޔަތް ކުރެއްވިއެވެ. މިޖަވާބުތައް އަޑުއަހާފައި މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ތަފާތު ތިންމީހަކު، ތަފާތު ތިންކަމަކާ ބެހޭގޮތުން ސުވާލު ދެންނެވުމުންވެސް، ކަލޭގެފާނު އެ އެންމެންނަށްވެސް ތިޔަދެއްވީ އެއްޖަވާބެއްނޫންތޯއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲގެ ވަޙީ ބަސްފުޅު އަޑު ނާހަންހެއްޔެވެ؟ އެއަށްފަހު އަންނަނިވި އާޔަތް ވިދާޅުވިއެވެ. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ سورة نوح- މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (١٠)(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (١١) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (١٢)"
 އިންސާނުން މާއްދިއްޔަތުގެ ތެރެއަށް ގެއްލިފައިވާ މިފަދަ ޒަމާނެއްގައި އިސްތިޣުފާރުކުރުން ގިނަ ކުރަންޖެހެއެވެ. އެކަމުގެ ސަބަބުން ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލުވެގެންދާނެއެވެ. ތަނަވަސްކަމާއި ތިޔާގިކަން އިތުރުވެގެންދާނެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. " مَنْ أَكْثَرَ مِنَ الاسْتِغْفَارِ جَعَلَ اللَّهُ عَزَّ وَجَلَّ لَهُ مِنْ كُلِّ هَمٍّ فَرَجًا ، وَمِنْ كُلِّ ضِيقٍ مَخْرَجًا ، وَرَزَقَهُ مِنْ حَيْثُ لا يَحْتَسِبُ "(رواه أحمد وابن ماجه والحاكم) މާނައީ: "އިސްތިޣުފާރުކުރުން އިތިރުކޮށްފިމީހަކަށް، މާތްﷲ އެމީހެއްގެ ހިތާމަތައް ދުރުކޮށްދެއްވާނެތެވެ. އަދި ދަތިކަންތައް ފިއްލަވާ ދެއްވާނެތެވެ. އަދި އޭނާ ހިތަށްވެސް ނާރާ ފަދަ ގޮތްގޮތަށް ރިޒުޤުދެއްވާނެތެވެ."