ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

23 May, 2012

ގަދަކަމުން ވެރިކަމަށްއައުމަކީ، ޝަރުޢީހަމަތަކުގެ މަތިން ވެރިކަމަށްއާދެވޭ ގޮތެއްބާ!


ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
ގަދަކަމުން ވެރިކަމަށް އައުމަކީ، ޝަރްޢީ ހަމަތަކުގެމަތިން ވެރިކަމައް އާދެވޭ ޖާއިޒުގޮތެއް ކަމުގައި އިއްތިފާޤުވެފައިވަނީ ކޮން އުއްމަތެއްގެ ޢިލްމުވެރިންނެއް ހެއްޔެވެ. މުޙައްމަދު صلى الله عليه وسلم ގެ އުއްމަތުގެ ޢިލްމުވެރިންގެ މަޛްހަބަކީ ޝަރްޢީގޮތުން ވެރިކަމަށް އާދެވޭނީ ހޮވިގެން ވެރިކަމަށް އައުން، ނުވަތަ އިސްތިޚްލާފުކުރުން މިދެގޮތުން ކުރެ ގޮތަކުންނެވެ.
 ދެން ވެރިޔަކު ހޮވުމުގައި، ހޮވުމުގެ ޙައްޤު ލިބިގެންވަނީ ކޮންބަޔަކަށްތޯއާއި ހޮވާނޭ ގޮތަކާއި މިއީ ޢިލްމުވެރިންގެ މެދުގައި ބަޙުސުކުރެވިފައިވާ މައްސަލައެކެވެ. އިސްތިޚްލާފުކުރުމަކީ ކުރިން ހުންނެވި ވެރިޔާ ތިމާގެ ފަހުން އަންނާނޭ ވެރިޔަކު ކަނޑައެޅުމެވެ. މިސާލަކަށް އަބޫބަކުރުގެފާނު އަވަހާރަވުމުގެ ކުރިން ވަނީ އެކަލޭގެފާނަށްފަހު ވެރިކަމާ ޙަވާލުވެވަޑައިގަންނަވާނީ ޢުމަރުގެފާނު ކަމުގައި ކަނޑައަޅުއްވާފައެވެ. އެއީ ޞައްޙަގޮތެއް ކަމުގައި އަޞްޙާބުބޭކަލުން ވަނީ އިއްތިފާޤުވެ ވަޑައިގެންފައެވެ. އެހެނަސް މިމައްސަލައިގައިވެސް ޢިލްމުވެރިން ބަހުސުކުރައްވާފައިވާ ކަންތައްތަކެއް ވެއެވެ. އަދި ޝަރުޠުތަކެއްވެސް ކަނޑައަޅުއްވާފައި ވެއެވެ.ނަމަވެސް ގަދަކަމުން މީހަކު ވެރިކަމަށް އަރައި، ވެރިކަމުގައި ވަކިހިއްޕާލައިފިކަމުގައި ވާނަމަ އެވެރިޔަކަށް ކިޔަމަންވާންޖެހޭނޭ ކަމަށް އުއްމަތުގެ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެއީ، ކޮންމެހެން އޭނާއެކުރި ކަންތައް ރަނގަޅުވެގެނެއް ނޫނެވެ. ނަމަވެސް ދެވަނަ މީހާވެސް ނުކުމެ ގަދަކަމުން ވެރިކަން އަތުލަން އުޅެފިނަމަ ނުވަތަ އަތުލައިފިނަމަ، މުޖްތަމަޢުގައި ފަސާދަބޮޑުވެ އެތައް ބައެއްގެ ލޭއޮހޮރި އިޖްތިމާޢީ ގުޅުންތައް ކެނޑި މުޖްތަމަޢު ބައިބައިވެ ހިނގައިދާނެތީއެވެ. އަދި ވެރިކަމަށް އަންނަ ގޮތަކީ މިއީ ކަމުގައި ވެއްޖެނަމަ މުޖްތަމަޢުގައި ދުވަހަކުވެސް ހަމަޖެހުމެއް ނޯންނާނެތީއެވެ. އެހެންކަމުން އަބަދުވެސް އިސްލާމް ދީން ބުރަވަނީ ޢާއްމުންގެ މަޞްލަޙަތަށް އިސްކަން ދިނުމަށެވެ.
ހަމައެހެންމެ ގަދަކަމުން ވެރިކަމަށް އަންނަ ވެރިޔަކަށް ކިޔަމަންވުމަކަށް އުއްމަތުގެ ޢިލްމުވެރިން އިއްތިފާޤެއްވެސްނުވެއެވެ. الخوارج ންނާއި المعتزلة ންނާއި شافعي މަޛްހަބުގެ ބައެއް ޢިލްމުވެރިން ދެކެވަޑައިގަނަންވާގޮތުގައި ގަދަކަމުން ވެރިކަމަށް އަރާ މީހެއްގެ ވެރިކަން ޞައްޙައެއް ނުވާނެއެވެ. އަދި އޭނާޔަށް ކިޔަމަންވާކަށްވެސް ނުޖެހޭނެއެވެ. އެހެނަސްأهل السنة والجماعة ގެ ގިނަ ޢިލްމުވެރިންގެ މަޛްހަބަކީ އެފަދަވެރިޔާއަށްވެސް ކިޔަމަންވާންޖެހޭނެކަމެވެ.
މިއާއެކު ފާހަގަކޮށްލުން މުހިއްމު އަނެއްނުކުތާއަކީ، ގަދަކަމުން ވެރިކަމަށް އައުމީ ޝަރްޢީ ހަމަތަކުގެ މަތިން ވެރިކަމަށް އާދެވިދާނެ ގޮތެއްކަމުގައި  ޢިލްމުވެރިން ވިދާޅުވެފައިވަނީ، ކުރީގައި ވެރިކަމުގެ ހުރިމީހާ މަރުވެ، އަދި އޭނާގެ ފަހުން އަންނާނޭ ވެރިޔައަކު އިސްތިޚްލާފުވެސް ކޮށްފައިނެތީސް، އަދި އޭނާއަށްފަހު ވެރިޔަކު ޢައްޔަންކުރާނޭ ވަކި އުޞޫލެއް ވެސް ކަނޑައެޅިފައި ނެތީސް، މީހަކު އައިސް ކަނޑީގެ ބާރުން ވެރިކަން އަތުލައިގަނެ، އޭނާގެ ވެރިކަން ރައްޔިތުން ބަލައިގެންފިނަމަ، އެއީ ޝަރްޢީ ހަމަތަކުގެ މަތިން އައިސްފައިވާ ވެރިކަމެއް ކަމުގައި ބެލެވިދާނެ ކަމަށެވެ. (މިއީ މިޒަމާނުގައި ވަރަށް ހިނގުން ނާދިރުކަމެކެވެ. އެހެނީ، މިހާރު ކޮންމެ ޤައުމެއްގައިވެސް ވެރިކަމަށް އާދެވޭގޮތްތައް އޮންނަނީ އެބައެއްގެ މެދުގައި ކަނޑައެޅިފައެވެ.) ނަމަވެސް ވެރިމީހާ ދިރިހުއްޓާ އޭނާގެ މައްޗަށް ބަޣާވާތްކޮށް އޭނާގެ ވެރިކަން އަތުލައިގެންފިނަމަ ބަލާނީ، ކުރީގެ ވެރިމީހާ ވެރިކަމަށް އައިސްފައި ވަނީ ކިހިނެއްތޯއެވެ. އެއީވެސް ބަޣާވާތަކުން އައިސްފައި ހުރި މީހެއްނަމަ އޭނާގެ މައްޗަށް ގަދަވެގަތް ވެރިމީހާގެ ވެރިކަން ޞައްޙަވާނެއެވެ. އެއާޚިލާފަށް ކުރީގަ ހުރި ވެރިމީހާއަކީ ޝަރްޢީ ހަމަތަކުގެ މަތިން ވެރިކަމަށް އައިސްފައި ހުރި ވެރިޔެއް ނަމަ، އޭނާގެ މައްޗަށް ބަޣާވާތްކުރި މީހާގެ ވެރިކަން ޞައްޙައެއް ނުވާނެއެވެ. އެހެންކަމުން، ޝަރްޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހޮވިފައިވާ ވެރިޔަކު ވެރިކަމުގައި ހުއްޓާ ގަދަކަމުން އޭނާ ވެރިކަމުން ބާލައި، ވެރިކަމަށް އެރުމަކީ ޝަރްޢީ ހަމަތަކުގެ މަތިން ވެރިކަމަށް އާދެވޭ ގޮތެއް ކަމުގައި މިހާތަނަށް އަޅުގަނޑު ބެލިބެލުމުން އަޅުގަނޑަކަށް އެނގިފައި ނުވެއެވެ.
ކޮންމެއަކަސް ގަދަކަމުން ވެރިކަމަށް އަންނަމީހާއަށް ކިޔަމަންވުން ވާޖިބުކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ، އޭނާ އެކުރިކަންތައް ހުއްދަކަމަކަށް ވެގެނެއް ނޫނެވެ. އެއާ ޚިލާފަށް އެހެން ނަހަދައިފިނަމަ، މުޖްތަމަޢު ފަސާދަވެ ލޭއޮހޮރުންތައް ހިނގައި މިބާވަތުގެ އެތައް ކަމެއް ހިނގާފާނޭ ތީއެވެ. މިއީ އިސްލާމްދީނުގައި ވަރަށް ސާފުކޮށް އެނގެންއޮތް މައްސަލައެކެވެ.
މިސާލަކަށް އިމާމު މީހާ ހުކުރު ޚުޠުބާ ދެމުން ދަނިކޮށް، ވާހަކަ ދައްކާ މީހަކާ ދިމާލަށް، ހަނުހުންނާށޭ ދެވަނަ މީހަކު ބުނުން ހުއްދަވެގެން ނުވަނީވެސް މިސަބަބަށްޓަކައެވެ. އެހެނީ، ދެވަނަ މީހާ ފުރަތަމަ މީހާއާ ދިމާލަށް ހަނުހުންނާށޭ ބުނުމުން އޭނާއަށްވެސް އެއަރައިގަނެވުނީ ފުރަތަމަ މީހާވެސް އަރައިގަތްފަދަ ޙަރާމްކަމަށެވެ.