ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

23 May, 2012

އޭނާ ލާދީނޭ ބުނެ ރައްޔިތުންގެ ހިތުގައި ނަފްރަތުގެ ހުޅުރޯކުރުމުގެ ހައްގު އެމީހުންނަށް ލިބިގެން ވޭ ހެއްޔެވެ


އެކަކު ދެކޭގޮތައް އަނެކަކު ދެކުމަކީ ލާޒިމު ކަމެއްނޫނެވެ. އަދި އެއީ ވާނޭވެސް ކަމެއް ނޫނެވެ. އެހެންކަމުން މީސްތަކުންވަނީ އިލާހީ ދީނަކަށް އަބަދުވެސް ބޭނުންޖެހިފައެވެ. އެއީ ހުރިހާ ޚަލްޤުތަކުން ޚަލްޤުކުރެއްވި ﷲ އަށް އެކަލާނގެ އަޅުތަކުންގެ ހާލަތު މޮޅަށް ދެނެވޮޑިގަންނަވާތީއެވެ. ވުމާއިއެކު އެއް ވެރިއަކު ރަނގަޅުކޮށް އަނެއްވެރިޔަކު ގޯސްކޮށް އެއް ނިޒާމެއް ގޯސްކޮށް އަނެއް ނިޒާމެއް ރަނގަޅުކުރަން ބަޔަކަށް ދީފިނަމަ ތަޅާފޮޅާ އެކަމުގައި ދިގުލައިދިއުމަކީ އެކަން ވާނޭ ގޮތެވެ
.

ވުމާއިއެކު އަހަރެމެން މިކަމަށް ސުލްހަވެރި ހައްލެއް ހޯދަން އެބަ ޖެހެއެވެ. އެކަމަކު އެކަމަށް ހައްލެއް ހޯދޭނީ މިންގަނޑެއް ކަނޑައެޅިގެންނެވެ. ސުވާލަކީ އެމިންގަނޑަކީ ކޮބައިހެއްޔެވެ؟
އެމިންގަނޑަކީ ދީނެވެ. ދީނާއި ހިލާފުވުން ބޮޑުވީވަރަކަށް އެއީ ގޯސްއެއްޗެކެވެ. ހިލާފުވުން ކުޑަވީވަރަކަށް އެއީ ރަނގަޅު އެއްޗެކެވެ. މިމިންގަނޑަށް ނާދެވޭ މީހުންނަކީ ހަލާކުވެއްޖެ ބައެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا
"އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."
ދެން އޮތީ ދީނުން އެންމެ މުޙިއްމީ ކޮން ބައެއް ހެއްޔެވެ؟ އެންމެ ބަލަންވީ ކޮން ކަންކަމަކަށް ހެއްޔެވެ؟ މިހިސާބުން ކިތާބުއް ތައުޙީދު ލިޔުއްވި ޝައިޚުލް އިސްލާމް މުޙައްމަދު ބުން ޢަބްދުލް ވައްހާބުގެ ވާހަކައެއް ޒިކުރު ކޮއްލާނަމެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ދަރިވަރުންނަށް ކިތާބުއް ތައުޙީދު ވަރަށް ގިނައިން ކިޔައިދެއްވިއެވެ. އެއްފަހަރު ނިމުމުން އަނެއްކާ އަނެއްފަހަރު ފައްޓަވައެވެ. މިހެން ތަކުރާރު ކުރައްވަން ފެއްޓެވުމުން ކުދީންގެ މޫނުމަތިން އިތުރު ފޮތަކަށް ބޭނުންވާކަމުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ. އަބަދު އެއްފޮތެއް ކިޔުމުގެ ބަދަލުގައި އިތުރު ފޮތްތައް ކިޔަން ކުދިން ބޭނުންވިއެވެ. އެހިނދު ޝެއިޚް އެއްޗެކޭ ވިދާޅުނުވެ އިންނެވިއެވެ.
އޭގެ އަނެއްދުވަހު ކުދިންތައް އައުމުން އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ކުދީންނޭވެ. ތިޔަކުދީން އަޑުއެހީމުހެއްޔެވެ؟ މިވެނި ތަނެއްގައި މީހަކު ރާބޮއެގެންގޮސް އެމީހާގެ މަންމަޔާއި ޒިނޭކޮއްފިއެވެ. ކުދީންތައް އެވާހަކަ އަޑުއަހާފައި ވަރަށް ކަންބޮޑުވެ އެވާހަކަ ދައްކަން ފެށިއެވެ. އަދި ކުދީން އެކަމާ ވަރަށް ނުރުހި އެނުބައިކަމުގެ ބޮޑުކަން ދައްކަމުން ދިޔައެވެ. އިރުކޮޅަކުން ދަރުސްފެށުނުވެ. ދަރުސް ނިމުމަކާއި ގާތްވުމުން ޝައިޚް ކުދީންނަށް ވިދާޅުވިއެވެ. އޭކުދީންނޭވެ! ތިޔަކުދީން އަޑުއެހީމުހެއްޔެވެ؟ މިވެނި ތަނެއްގައި މީހަކު ﷲ ފިޔަވާ އިލާހަކަށް އެއްޗެއް ކަތިލައިފިއެވެ. އެހެނަސް ކުދީން، އެވާހަކަ ކުރީގެ ވާހަކައެކޭ އެއްފަދައިން ކަންތައްބޮޑުވެ ދައްކައެއް ނެހެދިއެވެ. ދެން ޝައިޚް ކުދީންނަށް ވިދާޅުވިއެވެ. އޭކުދީންނޭވެ! ތިޔަކުދީންނަށް ތައުހީދުގެ މިފޮތް ތަކުރާރުކޮށް ކިޔައިދޭން މިޖެހެނީ މިސަބަބަށްޓަކައެވެ.
ތެދެކެވެ! ﷲ އަށް ޝަރީކުކުރުމަކީ އެންމެ ބޮޑު ފާފައެވެ. އެހިސާބުން އޭނާގެ ފާފަ ނުފުއްސަވާނެއެވެ. ތައުބާ ވުމައްޖައުމަށް ދާންދެންނެވެ. އެއީ ނަރަކައިގެ އަހުލުވެރިއެކެވެ. އެހެނަސް ރާބޮއެ މަޙްރަމަކާއި ޒިނޭކުރުމަކީ ނުބައިކަންކަމެވެ. ނަމަވެސް ޝިރުކު ކުރުމާއި އެއްފަދަ ވެގެންނުވެއެވެ. ﷲ ބޭނުންފުޅުވެ ވޮޑިގެންވާނަމަ އެއަޅަކަށް އެފާފަ ފުއްސަވައިދެއްވަފާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ
"ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ."
ދެން އޮތީ އިސްލާމްދީނެވެ. އެއީ އެދީންނޫން އެހެން ދީނެއް މާތް ﷲގެ ހަޟްރަތުގައި ބަލައިނުގަނެވޭނޭ ދީނެވެ. މާތް ﷲ އެކަން ބަޔާންކޮއްދެއްވައި ވަޙީ ކުރައްވަނީ:
وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ
"دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
އެހެން ކަމުން ޝިރުކާއި ދީނުން ބޭރުވުން މިއީ އެންމެ ބޮޑު ކަންތަކެވެ. ދީނުން ބޭރުވުމަކީ އެކި ގޮތްގޮަތަށް ވެދާނޭ ކަމެކެވެ. އޭގެތެރެއިން އެންމެ ނުރައްކާތެރި ގޮތަކީ ދީނަށާއި ދީނުގައި އައިސްފައިވާކަމަކަށް މަލާމާތްކުރުމެވެ. އެހެނީ ދީނަށް މަލާމާތްކުރުމަކީ އެނގިގެން ނުވަތަ ނޭނގި ކުރިޔަސް ދީނުން ބޭރުވާނޭ ޢަމަލެކެވެ. ކާފަރުވާ އެހެން ގޮތްތަކުގައި އޭނާއަކީ ކާފަރެއް ކަމަށް ޙުކުމް ކުރުމަށް އެކަން ކުރާމީހާއަށް އެކުރެވެނީ ކިހާވަަރެއްގެ ކަމެއްކަން އެނގެން ޖެހެއެވެ. ނަމަވެސް މަލާމާތްކޮށްފިމީހާ އެކަން އެނގިގެން ކުރިޔަސް ނޭންގި ކުރިޔަސް ޙުކުމް އެއްފަދައެވެ. ޞާލިޙުލް ފައުޒާން ނަވާޤިޟުލް އިސްލާމްގެ (އިސްލާމްކަން ގެއްލޭ ކަންތައްތައް، މިފޮތުގެ) ޝަރަހައިގައި ވިދާޅުވެފައިވެއެވެ.
"ހަމަ އެފަދައިން، އޭނާއަށް އެއީ ކުފުރުކަން ނޭނގުނުކަމުގައި ވީނަމަވެސް ކާފަރުވާނޭކަން މިއާޔަތުން ދަލީލުކުރެއެވެ. އެހެނީ އެބައިމީހުންނަށްވެސް އެއީ ކުފުރުކަން އެނގިފައެއް ނެތެވެ. އަދި ﷲ ތަޢާލާ ވަޙީ ކުރެއްވި ފަދައިން އެބައިމީހުން ކުރިންވީ އީމާންވީ މީސްތަކުންގެ ތެރެއިންނެވެ. ("قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ" "ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ"). އެބައިމީހުންނަށް އެއީ ކުފުރުކަމެއް ނޭނގެއެވެ. އެހެނަސް ﷲ ތަޢާލާ އެމީހުންގެ އުޒުރު ޤަބޫލުނުކުރެއްވިއެވެ. އެހެންކަމުން ﷲ ގެ އާޔަތްތަކަށާއި ރަސޫލާއަށް މަލާމާތްކުރުމުން ކުފުރުވާނޭކަން ނޭނގުނުކަމުގައިވިޔަސް ކާފަރުވާނެއެވެ. އެހެންކަމަށްވާކަމުގައިވާނަމަ އަދި އެނގޭކަމުގައިވީނަމަ ކޮންފަދަތޯއެވެ؟ އެކަން ބޮޑުވެގެންވެއެވެ. މި މައްސަލައަކީ މުހިއްމު މައްސަލައެކެވެ. އަދި މިކަމުގައި ގަސްދުގައި ކުރާމީހާއެކޭ މަލާމާތުގެ ގޮތުން ކުރާމީހާއެކޭ ނޭނގިކުރާ މީހާއެކޭ އަދި އެނގިގެންކުރާމީހާއެކޭ ތަފާތެއް ނެތެވެ."
ޝައިޚްގެ ވާހަކައިގައި ބަޔާންކުރައްވާފައި އެވާ އާޔަތަކީ އައްތައުބާ ސޫރަތުގެ 65 ވަނަ އަދި 66 ވަނަ އާޔަތެވެ. މާތް ﷲ ވަޙީކުރައްވަނީ:
وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآَيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ () لَا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ
"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ."
އަދިވެސް ޝައިޚްއާއި ސުވާލުކުރެވުނެވެ. މަލާމާތްކޮށްގެން ކާފަރުވާނޭ އެންމެ ކުޑަމިންވަރަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި ވިދާޅުވީ: "އޭގައި ކުޑަ މިނެއް ނުވެއެވެ. ކުޑަމިނަކީވެސް ބޮޑުވަރެކެވެ. އެކަމުން އަޅަމެން ސަލާމަތްކުރައްވާށިއެވެ. ކޮންމެ މަލާމާތަކީ ކުފުރެވެ. ތުންފަތުން ނުވަތަ އަތުން ނުވަތަ ލޮލުން ކުރެވޭ އިޝާރާތެއް ކަމުގައިވީނަމަވެސްއެވެ. އެނާ ވާހަކަ ނުދެއްކިކަމުގައި ވީނަމަވެސް އެކަންކަން ބެލެވެނީ މަލާމާތަކަށެވެ."
ވުމާއިއެކު އަހަރެމެން މިވަރުން ހެޔޮ ނުބައި ވަކިވާންވާނެއެވެ. ޝައިޚް އިތުރަށް ހަމަ އެފޮތުގައި ވިދާޅުވެފައިވެއެވެ. "ހަމަކަށަވަރުން އަހަރެމެން އަހަރެމެންގެ ތެރެއިން ރަނގަޅު ހޮޔޮލަފާމީހުން ބައެއްނުކުރަމެވެ. އެހެނަސް އަހަރެމެން ބައިކުރަނީ ރަނގަޅާއި ނުބައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.:
"قُلْ لَا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ"
"ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ عجائب ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ."
އަހަރެމެން މުސްލިމުން ވަކިނުކުރަމެވެ. އެހެނަސް ވަކިކުރަނީ ރަނގަޅާއި ނުބައެވެ.
لِيَمِيزَ اللَّهُ الْخَبِيثَ مِنَ الطَّيِّبِ وَيَجْعَلَ الْخَبِيثَ بَعْضَهُ عَلَى بَعْضٍ فَيَرْكُمَهُ جَمِيعًا فَيَجْعَلَهُ فِي جَهَنَّمَ أُولَئِكَ هُمُ الْخَاسِرُونَ
"(އެއީ) اللَّه، ރަނގަޅު މީހުންނާއި، ނުބައި މީހުން ވަކިކުރައްވައި، ނުބައި މީހުން އެކަކުގެ މައްޗަށް އަނެކަކު ލައްވައި، އެންމެން އެކުގައި ފުނިޖައްސަވައި، ނަރަކައިގެތެރެއަށް ލެއްވުމަށްޓަކައެވެ. އެއުރެންނީ ހަމަ، ގެއްލެނިވެގެންވާ މީހުންނެވެ."
ވަނީ މިއާޔަތުގައި ހެވާއި ނުބައި ބަޔާންކުރައްވާފައެވެ. ހެވާއި ނުބައި ވަކިނުކުރެވޭ މީހުންނަކީ ހެވާއިނުބައި ވަކިނުކުރެވޭވަރުގެ ބުއްދިއެއްނެތް މީހުންނެވެ. ނުވަތަ އެމީހެއްގެ އީމާންކަން ނެތީއެވެ."
ވީމާ އިމާންވެގެން ތިބިމީހުންނާއި ކާފަރުން ތަފާތުކުރަން ޖެހެއެވެ. ތަފާތުކޮށް ބައިކުރުމުގައި އެންމެ ފުރަތަމަ ބަލަންވީ މިކަމަށެވެ. ހަދާ ދޮގަށާއި ކުރާ ނުބައިކަންތަކަކަށް ނޫނެވެ. އެކަންކަން އަންނަނީ މިޔަށްފަހުއެވެ. މިހިރަ ފެންނަނީ ދީނުގެ ބޮޑެތި ކަންކަމެވެ. މިއީ މިދީން މީހުންނާއިމެދު ޙުކުމްކުރާގޮތެވެ. މިގޮތަށް ތިބާއަށް ޙުކުމްކުރަން ދަތިނަމަ ތިބާގެ އީމާންކަމާއިދޭތެރޭ އަލުން ވިސްނާލުންހުއްޓެވެ. އަހަރެމެންގެ ވާޖިބަކީ ތިބާއަށް ބުނެދިނުމެވެ. އަހަރެންގެ ވާޖިބު އަދާކުރެވިއްޖެ ކަމަށް ހީކުރަމަވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَا يُبْصِرُونَ بِهَا وَلَهُمْ آَذَانٌ لَا يَسْمَعُونَ بِهَا أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގ)ު ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ."
އަދިވެސް ވަޙީކުރެއްވިއެވެ.
"يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا (66) وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا (67) رَبَّنَا آَتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا (68)
"އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) رسول އާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ! އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! عذاب ގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ لعنة ލެއްވުމަކުން، އެއުރެންނަށް لعنة ލައްވާނދޭވެ!"
އަދިވެސް ވަޙީކުރެއްވިއެވެ.
فَإِنْ أَعْرَضُوا فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا إِنْ عَلَيْكَ إِلَّا الْبَلَاغُ
"ފަހެ، އެއުރެން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަށް ބެލެހެއްޓުންތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެތެވެ."