ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

23 May, 2012

ތިބާ، ދަރިފުޅުގެ ޅައުމުރުގެ އފާވެރި ދުވަސްތަށް، ތިބާގެ އަތުން ނަގާ ނުލާށެވެ



       ހިނިތުންވުމާއި މަޖާކުރުމާއި ކުޅެއުޅުމަކީ ތުއްްތުކުއްޖާއަށް ލިބިގެންވާ ޙައްޤެކެވެ. ބުއްދިހުރި ކޮންމެ މީހަކު މިކަމަށް އެއްބަސްވާނެއެވެ. އިސްލާމީ ޝަރީޢަތްވެސް މިކަމަށް ބާރުއަޅައެވެ. ޙަދީޘެއްގައި އައިސްފައި ވެއެވެ. "مروا أولادكم بالصلاة لسبع" މމާނައީ :"ހަތްއަހަރުވުމުން ކުއްޖާ ނަމާދަށް އަހުލުވެރިކުރުވާށެވެ."
ހަތްއަހަރުވުމުން ކުއްޖާއަށް އުނގަންނައިދެން ފައްޓާށެވެ. ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ބަޔާންކޮށްދޭށެވެ. ސުފިޔާނުއްޘައުރީ(ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. "ހަތްއަހަރުވަންދެން ތިބާ ދަރިފުޅާއެކުގައި ކުޅެއުޅޭށެވެ. އަދި ހަތް އަހަރުވަންދެން އޭނާ އަދަބުވެރިކުރުވާށެެވެ. އަދި ހަތްއަހަރުވަންދެން އޭނާއާއި އެކުގައި ހޭދަ ކުރާށެވެ. އެއަށްފަހުގައި އޭނާ ތަޖުރިބާކުރުމަށް ދޫކޮށްލާށެވެ. " އެހެންކަމުން އަޅުގަނޑުމެންގެ ދަރިން އެކުދިންގެ ޅަފަތުގެދުވަސްވަރު ކުޅެމަޖާކޮށްލުމުގެ ފުރުޞަތެއް ދޭންވާނެއެވެ. ކީރިތި ޤުރުއާނުގައި ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިން އެކަލޭގެފާނަށް ދެންނެވި ވާހަކަ އައިސްފައި ވެއެވެެ."أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ" މާނައީ : މާދަމާ އެކަލޭގެފާނު(އެބަހީ ޔޫސުފު ޢަލައިހިއްސަލާމް) ތިމަން މެންނާއި އެކުގައި ކުޅެމަޖާކޮށްލާ ހެދުމަށް ފޮނުވައިދެއްވާށެވެ." އަދިވެސް އެބައިމީހުން ބުނިކަމަށް ޤުރުއާނުގައި އައިސްފައި ވެއެވެ."إِنَّا ذَهَبْنَا نَسْتَبِقُ"މާނައީ:"ތިމަންނާމެން ވާދަކުރުމަށް (އެބަހީ ވާދަޔަށް ދުވުމަށް) ދިޔައީމުއެވެ." ތިބާގެކިބައިން ތިބާގެ ދަރިފުޅު މަޖާކޮށްލާ ކުޅެލާ ހީލާ ފެންފޯދޫންޔެއްފަދައިން އުޅެލާނެ ފުރުޞަތެއް ދިނުމަށް އެދެމެވެ. އެދަރިފުޅަށް މަތުނުތަށް ހިތުދަސްކުރުމުންނާއި ބޮޑެތި ފޮތްތައް ދަސްކުރަން ޙަވާލުކުރުމުން ބުރަނުކުރާށެވެ. ބައެއް މައިންބަފައިން އެމީހުންގެ ދަރިން ތިން އަހަރު އަދި ހަތަރު އަހަރުގައި މަތުނުތައް ކުއްޖާލައްވާ ދަސްކުރުވަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އުފާވެރިކަންގެއްލި މޮޅިވެރިކަމުގެ ދުވަސްތަކެއް އޭނާ ވަށާލައެވެ. ބައެއް ބައްޕައިން އޭނާގެ ދަރިފުޅު ހީލައިފިނަމަ އޭނައާއި ދިމާއަށް ހަޅޭއްލަވައިގަނެއެވެ. އަދި ބުނެއެވެ."ވިސްނައިގެން އުޅޭށެވެ" އެދަރިފުޅު ހިނިތުންވެލައިފިނަމަ ތިޔައީ ކޮންކަމެއްހޭ ބުނެ އެކަންތައް މަނާކުރެއެވެ. އޭނާ ކުޅެލައިފިނަމަ ﷲތަޢާލާގެ އާޔަތްތައް ހަނދާންނެތުނީހޭ ކިޔައި "أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا"މާނައީ:"ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ ބޭކާރުގޮތުގައި ކުޅިވަރަކަށް ކަމަށް ތިޔަބައިމީހުން ހީކުރަނީހެެއްޔެވެ؟" މިފަދަ އާޔަތްތައް އެތުއްތު ދަރިފުޅާދިމާއަށް ކިޔައެވެ.ބައްޕަ ގާތުގައި އެއްޗެއް ގަނެދިނުމަށް އެދެފިކަމުގައިވަނީނަމަ
            وينشأ ناشئ الفتيان منا على ما كان عوده أبوه
މާނައީ : ތިމަންނާމެންގެ ތެރޭގައި އުޅޭކުޑަކުދިން ބޮޑުވަމުން އަންނަނީ އޭނާގެ ބައްޕަ އޭނާ އާދަކުރުވާ ގޮތެއްގެ މައްޗަށެވެ.
މިފަދަ ބައިތުތައް ބުނެ ދަރިފުޅު އެކަމުން މަނާކުރެެއެވެ.
އަދި އޭނާ އެކުވެރި ކުދިންނާއެކީ ކުޅެލަން ދާން އިޒުނައަށް އެދެފިކަމުގައި ވަނީނަމަ ބަލަ ދަރިފުޅު ޅެންވެރިޔާ ވިދާޅުވާ އަޑު ނާހަމުހޭބުނެ
          إذا بلغ الفطام لنا وليد تخر له الجبابرساجدينا
މާނައީ:"ވިހާދަރިފުޅު ކިރުތުނބުން ވީއްލޭއިރަށް އޭނާގެ އެދުންތަކަށް އެހެންމީހުން ސަޖިދަކުރަންޖެހެއެވެ.
އޭނާ އެކަމުން މަނާކުރުވައެވެ
ކުއްޖާއަށް ބައެއް ބައްޕައިން ވެފައި މިވަނީ ﷲ ތަޢާލާގެ ހަޟުރަތުން އަންނަ ކޯފާއެއްކަހަލަ ކަމަކަށެވެ. އެކުދިން މަޖާކުރަން ތިބެފައިވެސް ބައްޕަ ގެއަށް އަތުވެއްޖެކަމުގައި ވަނީނަމަ ބައްޕަ އަތުވެއްޖެއޭ ބައްޕަ އަތުވެއްޖެއޭ ބުނެ މައިތިރިވެއެވެ. ހީވަނީ މަރު އެކުއްޖާގެ ގާތަށް ޙާޟިރުވީހެންނެވެ. ﷲތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ.قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ މާނައީ : "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ފިލަން ތިޔަދުވާ މަރު ތިޔަބައިމީހުުންނާއި އައިސް ބައްދަލުކުރާނެއެވެ." ތިބާގެ ތުއްތު ދަރިފުޅުގެ ތުންފަތަށް ވެރިވާ ހިނިތުންވުން ކަތިލައިނުލާށެވެ.
       އިންސާނުންގެ ސާހިބާ ރަސޫލުﷲ - ޞައްލަﷲ ޢަލައިހިވަސައްލަމް - އަކީ ކުޑަކުދިންނަށް ނުހަނު އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނު ކުދިންނާއި އެކުގައި ކުޅެހައްދަވައެވެ. ސަމާސަކުރައްވައެވެ. އެކުދިން އުރާ ހައްދަވައެވެ. އެކަލޭގެފާނު ސަޖިދައިގައި އޮންނަވާވަގުތުގައި ޙަސަންގެފާނާއި ޙުސައިންގެފާނު އެކަލޭގެފާނުގެ މާތް ބުރަކަށިފުޅަށް އަރުއްވާ އުޅުއްވަތެވެ. އަދި އެކަލޭގެފާނުގެ އަންހެންދަރިކަނބަލުންކަމަށްވާ ޒައިބުގެފާނުގެ ދަރިކަނބަލުން އުމާމާ އުރާވަޑައިގެން ހުންނަވާ މީސްތަކުންނާއިގެން ނަމާދު ކުރައްވައެވެ. އަދި ޙަސަންގެފާނާއި ޙުސައިންގެފާނު އެކަލޭގެފާނުގެ އުނގުފުޅުގައި ބައިންދަވާ އެދެކުދިންނަށް ބޮސްދެއްވާ ހައްދަވައެވެ. އަދި ވިދާޅުވެއެވެ."މިދެކުދިންނަކީ ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަމެވެ." އެހިނދު މީހަކު ދެންނެވިއެވެ. ތިމަންނާގެ ދިހަ ފިރިހެންދަރިންތިބެއެވެ. އެއިން އެއްވެސް ކުއްޖަކަށް ތިމަންނާ ބޮސްދީނުހަދަމެވެ. މިމީހާ މިހެން ބުނުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އޭނާއަށް ޙަދީޘްކުރެއްވިއެވެ." ތިބާގެ ހިތުން ﷲ ފިލުއްވާ ރަޙުމަތް ތިމަންކަލޭގެފާނަށް އަނބުރާ ގެނެސްދެވިދާނެ ހެއްޔެވެ؟".
       ތުއްތުދަރިފުޅު ވަނީ އޭނާގެ ސިކުނޑިތާޒާކޮށްލާ ކުޅިވަރުކުޅެ އުޅެލާނެ ވަގުތަށް ބޭނުންވެފައެވެ. އެއީ މުސްތަޤްބަލުގައި މަސައްކަތުގެ މައިދާނަށް ނުކުތުމަށް އޭނާ ތައްޔާރުކުރުވާކަމެކެވެ. ބައެއް ބައްޕައިން ދަރިފުޅު މިކަމުން މަޙުރޫމުކުރަނީ ކީއްވެގެން ބާވައެވެ.؟ ބުލްބުލް ރާގުލައްވާ ގޮވާ އުޅުން ތިބާ މަނާކުރާނަންހެއްޔެވެ؟ ނުވަތަ ފެންފޯދޫނި ބަގީޗާތަކުގައި އުދުހިއުޅުންމަނާ ކުރާނަން ހެއްޔެވެ؟ ކުދިދޫނިތައް ޒައިތޫނި ގަސްގަހުގައި ތިބެގެން އެގޮވާ ގޮވެލި ގޮވުން ތިބާ މައިތިރި ކުރާނަންހެއްޔެވެ؟ ކުއްޖާގެ ވިސްނުން ތަނަވަސްނުވުމެގެ ސަބަބެއްކަމަށް އަނިޔާވެރި ރުޅިގަދަ ބައްޕައިން ވުމަކީ އެކަށީގެންވާ ކަމެކެވެ. އެބައިމީހުން ދަރިންގާތުގައި ތިބެނީ އަނިޔާވެރި ވެރި އެއް ކަމުގައިވާ ޙައްޖާޖުބިން ޔޫސުފް ފަދައިންނެވެ. އެކުދިންގެ ނަފްސުތަކުން ހިތްހަމަޖެހުން ނައްތާލާ އެކުދިންގެ އުފާވެރިކަން މައިތިރި ކުރެއެވެ. މިކަންކަމުގެ ސަބަބުން އެދަރީންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އަޅުވެތި ކަމުގެ މާޙައުލެއްގައި ވާކަމުގެ އިޙްސާސް އެކުއްޖާއަށް ކުރެވެއެވެ. އެކުދިންގެ މޫނަށް ބަލައިލައިފި ނަމަ ފެނިގެންދާނީ ހިތާމައިގެ ވިލާގަނޑެއް އެ ރީތި މޫނު ކިލަނބުކޮށްފައި ވާތަނެވެ. އެއީ އެކުދިން އެ މަޙުރޫމު ކުރެވިފައިވާ ކަންތަކުގެ ސަބަބުންނެވެ.
       ބައެއް ބައްޕައިން ކުއްޖާއަށް ފާރަލާން އޮންނަ ސިންގާއެއް ފަދައެވެ. ތިބާގެ ދަރިފުޅު ތިބާ ގެއަށް ވަނުމުން ހޫނު މަރުޙަބާއެއްނުކިޔާ ނުވަތަ ތިބާ އަންނަ އަޑު އިވިގެން އެއްކުޖަކު އަނެއްކުއްޖަކާ ވާދަކޮށް އަވަހަށް ބައްޕަގައިގައި ބައްދާލަން ނައިސް ނުވަތަ އެކުދިންގެ މޫނުމަތިން އުފާވެރިކަމެއް ނުފެންނަ ނަމަ ތިބާ އަލުން ބަލުން އެކުދިން ތަރުބިއްޔަތުކުރާށެވެ. ތިބާ އަކީ އެކުދިންގެ ގާތުގައި ކުޑަކުއްޖަކަށްވާށެވެ. ތިބާ އެެކުދިންގެ ފެންވަރަށް ތިރިވެ އެކުދިންނާއި މުޢާމަލާތު ކުރާށެވެ. ލޯތްބާއި ކުލުނާއި އެކުގައެވެ. އަދި އެކުދިންގެ ސަކަމަޖަލުގައި ތިބާވެސް ބައިވެރިވެލާށެވެ. މީގެ މާނައަކީ ތިބާ އެކުދިން އަދަބުވެރިކުރުމެއް ނެތި ހިތުހުރި ގޮތަކަށް ކުޅެ ސަކަރާތްޖެހުމަށް ދޫކޮށްލުމެއްނޫނެވެ. އެކުދިންނާއި ތިބާ ބަހަށްޓާ ރިވެތިގޮތްތަކުގެ ސަބަބުން އެކުދިންގެ ހިތްތަކުގައި ތިބާއަށްވާ ލޯބި އުފެދިގެންދާނެއެވެ. އޭރުން ތިބާ އަށް އެކުދިން ރަނގަޅަށް އަދަބުވެރިކުރުވާ ތަރުބިއްޔަތު ކުރެވޭނެއެވެ. ލޯތްބާއި ކުލުނާއެކުގައެވެ. މިލިޓަރީ އަމުރުތަކަކުން ނޫނެވެ.
      ކުޑަދަރިފުޅު އޭނާގެ ބައްޕަ ފިޔަވާ އެހެންމީހެއް ނުދަނެެއެވެ. އެކުއްޖާކައަށް ބައްޕަ ޢަންތަރާއަށް ވުރެ ހިތްވަރުގަދައެވެ. ޙާތިމްއަށްވުރެ ދީލައްޗެވެ.އަހްނަފް އަށްވުރެ ޙިލްމުވެރިއެވެ. އެހެންކަމުން ދަރިފުޅު ތެދުވެރި ދީލަތި ޙިލްމުވެރި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ބޭނުންވާނަމަ ފުރަތަމަ ތިމާގެ ގައިގައި މިސިފަތަށް އަށަގަންނުވާން ޖެހޭނެެއެވެ. ކުއްޖާއަށް އަދަބު ދިނުމުގެ ބަދަލުގައި ލޯބި އިސްކުރާށެވެ. ރުޅިވެރިކަމުގެ ބަދަލުގައި ކުލުނު އިސްކުރާށެވެ. އޭރުން ކުއްޖާ އޭނާގެ ވާޖިބައިގެން އިސްނަގައި ތެދުވާނެއެވެ. ޒިންމާތަކައިގެން ހީވާގި ވާނެއެވެ. ކުއްޖާގެ ޢުމުރުގެ ފުރަތަމަ ހަތްއަހަރުގައި އޭނާ ކުޅެ ހީލާ މަޖާނުކޮށްލާނަމަ އޭނާ މަޖާކޮށްލާނީ ކޮންއިރަކުން ހެއްޔެވެ؟ އޭނާ ހިނިތުންވާނީ މަސައްކަތާއި ވަރުބަލިކަމާއި ހިތާމަތަކާއި ކުރިމަތިލާ ދުވަހުގައި ހެއްޔެވެ؟ ގޭގެ ޒިންމާތަކާއި ޙަވާލުވެ ވަޒީފާގެ މައިދާނުގައި ޙަރަކާތްތެރިވެ އިޖްތިމާޢީ ކަންތައްތަކާއި ޝަަރުޢީ ވާޖިބުތަކާއި މީސްތަކުންގެ ދެކޮޅުވެރިކަމާއި ކުރިމަތިލާ ދުވަހުގައި ހެއްޔެވެ؟ އެދުވަހުން އެކުއްޖާގެ ހިތުން ގޮވާނެއެވެ.
ألا ليت الشباب يعود يوما فأخبره بما فعل المشيب
މާނައީ :"ޒުވާންކަށް އެއްދުވަހު އެނބުރި އަންނާނެ ނަމައެވެ.އެއީ (ޒުވާނާއަށް) މުސްކުޅި ޢުމުރުގެ ޚަބަރުދިނުމަށް ޓަކައެވެ.