ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

12 January, 2011

ތަޢުބާ ނަމާދު ކުރަނީ ކިހިނެއް ކޮން ވަގުތެއްގައިތޯ





ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީހުޅުވިފައެވެ. އެއީ އިންސާނާ ނޭވާހޮޅިއަށް އެޅިއްޖެއުމަށް ދާންދެން ނުވަތަ ހުޅަނގުފަރާތުން އިރުއަރައްޖެއުމަށް ދާންދެނެވެ.
ތައުބާނަމާދަކީ މުސްލިމަކަށް ﷲ ތަޢާލާއަށް އުރެދޭ ކަމެއްކުރެވެމުން ކުރާ ނަމާދެކެވެ. އެއުރެދުމަކީ ކުޑަ ނަވަތަ ބޮޑު އުރެދުމެއްކަމުގައި ވިޔަސްމެއެވެ. މުސްލިމަކަށް ފާފައެއްކުރެވުމުން ވަގުތުން އެފާފައިން ތައުބާ ވެގަތުމަށް އަވަސްވެގަތުން ވާޖިބުވެގެންވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާއަކީ ފާފަފުއްސަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. ނަމާދަކީ އަޅާ ﷲ ތަޢާލާއާ އެންމެ ބޮޑަށް ކުއްތަންވެވޭ އެއްޢަމަލެވެ. އެހެންކަމުން އަޅާ ތައުބާވުމަށް ޤަސްދުކުރާއިރު، ﷲ ތަޢާލާ އޭނަގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސައްވާނެ، ވަޞީލަތެއްގެ ގޮތުން ދެރަކުޢަތް ނަމާދެއްކުރުމީ އެދެވިގެންވާ ކަމަކެވެ.

ޢިލްމުވެރިންވަނީ ތައުބާ ނަމާދަކީ ޝަރުޢުވެގެންވާ ނަމާދެއްކަމަށް ޢިޖުމާޢުވެފައެވެ. އަދި ތައުބާވުމަށްޓަކައި ނަމާދަކީ މުސްތަޙައްބުވެގެންވާ ކަމެއްކަމުގައި ސުންނަތުގެ ހަތަރު މަޒުހަބުގައި ވަނީ އިއްތިފާޤުވެފައެވެ. މިކަމާއި ބެހޭގޮތުން އައިސްފައި ހުރި ޙަދީޘްތަކުގެ ތެރެއިން ދެޙަދީޘެއް ބަޔާންކޮށްލާނަމެވެ.
1.     ފުރަތަމަ ޙަދީޘަކީ އަބޫދާވޫދުގެ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު:1521). އަލްޙާފިޡު އިބުނު ޙަޖަރު ވަނީ ފަތުޙުލްބާރީގައި މިޙަދީޘް ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ވިދާޅުވެފައެވެ . އަދި  އަލްބާނީ ވަނީ މިޙަދީޘް ޞަޙީޙް އަބޫ ދާވޫދުގައި ޞައްޙަ ކުރައްވާފައެވެ.
عن أبي بَكْرٍ الصديق رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: ( مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ إِلَّاغَفَرَ اللَّهُ لَهُ ، ثُمَّ قَرَأَ هَذِهِ الْآيَةَ : "وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَفَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ").
މާނައީ:  ﷲ ތަޢާލާ ރުއްސުންލެއްވި އަބޫބަކުރު އައްޞިއްދީޤުގެ ފަރާތުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއްކުރެވުމުން ފުރިހަމައަށް ވުޟޫކުރުމަށްފަހު ދެރަކްޢަތް ނަމާދެއްކުރުމަށްފަހު  ﷲއަށް އިސްތިޣުފާރު ކޮށްފިނަމަ އެމީހަކަށް ﷲތަޢާލާ ފާފަނުފުއްސަވާ އެއްވެސް އަޅަކުނުވެއެވެ. އެއަށްފަހު މިއާޔަތް ކިޔަވާވިދާޅުވިއެވެ. ("وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْيَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ")މާނައީ: އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްގެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި، އެއުރެންދެނެތިބި ޙާލު އެއުރެންކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." (3:135)
2.ދެވަނަ ޙަދީޘަކީ މުސްނަދު އަޙްމަދުގައިވާ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު:26998). މުސްނަދު އަޙްމަދުގެ މުޙައްޤިޤުން ވިދާޅުވަނީ މިޙަދީޘުގެ ސަނަދަކީ ޙަސަން ދަރަޖައިގެ ސަނަދެއްކަމަށެވެ. އަދި އަލްބާނީ ވަނީ ސިލްސިލަތުއް އަޙާދީޘިއް ޞަޙީޙާގައި މީޙަދީޘް ހިމަނުއްވާފައެވެ.
عن أَبي الدَّرْدَاءِ رضي الله عنه قال سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ :(مَنْ تَوَضَّأَ فَأَحْسَنَ وُضُوءَهُ ثُمَّ قَامَ فَصَلَّى رَكْعَتَيْنِ أَوْ أَرْبَعًا (شك أحد الرواةيُحْسِنُ فِيهِمَاالذِّكْرَ وَالْخُشُوعَ ثُمَّ اسْتَغْفَرَ اللَّهَ عَزَّ وَجَلَّ غَفَرَ لَهُ )
.މާނައީ: ﷲ ތަޢާލާ ރުއްސުންލެއްވި އަބުއްދަރުދާއުގެ އަރިހުން ރިވާވެގެންވެއެވެ." ތިމަންކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއްކުރެވުމުން ފުރިހަމައަށް ވުޟޫކުރުމަށްފަހު ދެރަކްޢަތް ނަމާދެއް ނުވަތަ ހަތަރު ރަކުޢަތުގެ ނަމާދެއްކޮށްފައި( ރާވީއަށް ހަތަރުރަކުޢަތް ނުވަތަ ދެރަކުޢަތާއި މެދުވަނީ ޝައްކުއުފެދިފައެވެ.) ޛިކުރުކުރުމާއި ޚުޝޫޢަތްތެރިވުމުގައި ފުރިހަމަކޮށް އެއަށްފަހު ﷲ ތަޢާލާއަށް އިސްތިޢްފާރުކޮށްފިށްފިނަމަ އޭނައަށްފާފަ ފުއްސަވާނެވެ."
ތައުބާނަމާދުގެ ވަގުތު
މުސްލިމަކަށް ފާފައެއްކުރެވި އެފާފައިން ތައުބާވުމަށް ޤަސްދުކޮށް ތައުބާ ނަމާދުކުރުން މުޞްތަހައްބުވެގެން ވެއެވެ. ތައުބާ ނަމާދަކީ ހުރިހާ ވަގުތެއްގައިވެސް ކުރެވިދާނެ ނަމާދެކެވެ. އެއީ ސަބަބަކާއިހުރެ ކުރުވޭނަމާދަކަށްވާތީއެވެ. އެހެންކަމުން ސަބަބަކާއި ހުރެކުރުވޭ ނަމާދު ހުރިހާ ވަގުތެއްގައިވެސް ކުރުން މަޝްރޫޢަވެގެން ވެއެވެ. (ކޭތަނަމާދު، އިސްތިޚާރާ ނަމާދު އަދި ވުޟޫގެ ދެރަކުޢަތްނަމާދު ފަދަ ނަމާދުތަކެވެ)
ތައުބާ ނަމާދުގެ ސިފަ
ކޮންމެ އަޅުކަމެއްގައިވެސް ނިޔަތަކީ ޝަރުޠެކެވެ. ނިޔަތަކީ ޤަސްދުކުރުމެވެ. ﷲ ތަޢާލާ އަށް ތައުބާވުމުގެ ގޮތުން ދެރަކުޢަތް ނަމާދެއް ކުރަން ނިޔަތްގަތުމުން ފުދޭނެވެ. ދުލުން ނިޔަތް ކިޔާކަށެއް ކޮންމެހެން ނުޖެހޭނެވެ.


އަބޫބަކުރުގެފާނުގެ ޙަދީޘުގައިވާ ފަދައިން ތައުބާ ނަމާދުގައިވަނީ ދެރަކުޢަތެވެ. ތައުބާ ނަމާދުކުރުން މަޝްރޫޢަވެގެންވަނީ ޖަމާޢަތަކުނޫނެވެ. އެނަމާދަކީ ނަފްލު ނަމާދުތަކުގެ ތެރެއިން ޖަމާޢަތުގައި ކުރުން މަޝްރޫޢަވެގެންވާ ނަމާދެއްނޫނެވެ. އަދި ތައުބާވާ މީހާގެ މައްޗަށް ގިނަގިނައިން އިސްތިޢްފާރުކުރުން އެދެވިގެން ވެއެވެ.
ތައުބާ ނަމާދުގައި ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމްގެ އަރިހުން، ވަކި ޚާއްޞަ ސޫރަތެއް ކިޔެވުން ވާރިދުވެގެން އައިސްފައިނުވެއެވެ. ނަމާދުކުރާމީހާ ބޭނުން ސޫރަތެއް ކިޔެވިދާނެވެ. އަދި ތައުބާނަމާދުކޮށް ނިމިގެން ތައުބާވުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ވާރިދުވެގެން އައިސްފައެއްނުވެއެވެ. ޤުރުއާނުންނާއި މާތް ނަބިއްޔާގެ ޞައްޙަ ޙަދީޘްފުޅުތަކުން އައިސްފައިހުރި ދުޢާތައް ކުރުން މޮޅުއިތުރުވެގެންވެއެވެ. ނުވަތަ ދުޢާކުރާމީހާ އަމިއްލައަށް އަމިއްލަބަހުން ދުޢާކުރިއަސް މައްސަލައެއްނެތެވެ. 
ތައުބާ ނަމާދުކޮށް ނިމިގެން ހެޔޮޢަމަލުތައްކުރުމުގައި އަވަސްވެގަތުން މުޞްތަޙައްބުވެގެން ވެއެވެ. ﷲ ތަޢާލާ ޠާޙާ ސޫރަތުގެ 82 އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى ).މާނައީ:"ތައުބާވެ އީމާންވެ ޞާލިޙުޢަމަލުކޮށް، ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ".
އެގޮތުން ޞަދަޤާތްކުރުމީ ތައުބާވާން ބޭނުންވާ މީހާ ކުރުން އެންމެ މާތް ހެޔޮ އެއްޢަމަލެވެ. ޞަދަޤާތްކުރުމީ ފާފަތަކުގެ ކައްފާރާއެކެވެ.  ﷲ ވަޙީކުރައްވާފައިވެއެވެ(إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَفَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ ) މާނައީ :"ވާޖިބުނޫން ޞަދަޤާތް ތިޔަބައިމީހުން ފާޅުގައި ދެނީނަމަ ފަހެ އެއީ ނުހަނު މޮޅު ގޮތެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް އެޞަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުއްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެއިލާހު ފުއްސަވާނެކަމެކެވެ". والله أعلم
ތައުބާއަކީ ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އެކުށަށް އިޢުތިރާފުވެ، ދެން އެފަދަ ކުށަކަށް އަރައިނުގަތުމަށް ޢަޒުމްކަނޑައަޅައި މާތްﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. މިގޮތުން ތައުބާ ވުމުގައި ތިމާގެ އަމިއްލަ ބަހުން، ކުރެވިފައިވާ ފާފަ ފުއްސެވުމަށް އެދި ދުޢާ ދެންނެވިދާނެއެވެ. ޢަރަބި ބަހުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ.

ތައުބާ ވުމުގައި ހިމެނޭ ޝަރުތުތައް:

1-     ތިމާއަށް ފާފައެއް ކުރެއްވިޖެކަން ޤަބޫލުކޮށް އެކަމަށް ހިތާމަ ކުރުން.
2-      ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން.
3-      ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމްކަނޑައަޅާ އެ ފާފަ ތަކުރާރު ނުކުރުން. (ތެދު ނިޔަތަކުން ތައުބާވެއްޖެނަމަ އެފަދަ ފާފައަކަށް އެމީހަކު ދެވަނަ ފަހަރަށް އަރައެއް ނުގަންނާނެއެވެ.)
4-      މީހެއްގެ ޙައްގަކަށް އަރައިގެންފައި ވާނަމަ އެމީހަކަށް އެ ޙައްޤު ރައްދުކޮށްދިނުން. އަދި އޭނަގެ ކިބައިން މާފަށް އެދުން.

އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރި މީހާގެ ދިރި އުޅުމާއި ޢާއިލާރޫޅުންފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއްކަމުގައި ވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.

ތައުބާވާން ވަކި ނަމާދެއް ކުރާކަށް ނުޖެހެވެ. މަތީގައި ލިޔެވިދިޔަ ހަތަރު ޝަރުޠު ހަމަވުމުން ތައުބާ ވެވުނީއެވެ. މީހަކަށް އޭނާ ކުރާ ފާފަތަކުގެތެރެއިން އެއް ފާފާއިން ތައުބާވިޔަސް އެފާފައެއްގެ ތައުބާ ކަމުދާނެއެވެ.  ނަމަވެސް ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބެކެވެ. ބޮޑެތި ފާފަތަކުން ވަކިވަކީން ތައުބާ ވާން ޖެހޭނެއެވެ. ނަމަވެސް ކުދިފާފާތަކުން ޢާންމުކޮށް ތައުބާ ވުމުން ފުދޭނެއެވެ.

ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެއެވެ. ތައުބާ ގަބޫލުކުރެއްވިކަން އަންގައިދޭ ޢަލާމާތަކީ ދެވަނަ ފަހަރަށް އެފާފަޔަށް އެނބުރި އަރައި ނުގަތުމެވެ. والله أعلم