ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

19 September, 2012

ޢައުރަ ނިވާކުރުމަކީ އިސްލާމީ ޝަރުޢުގައިވާ ގޮތަށް ހަށިގަނޑު ނިވާކުރުމެވެ


ޢައުރަ ނިވާކުރުމަކީ އިސްލާމީ ޝަރުޢުގައިވާ ގޮތަށް ހަށިގަނޑު ނިވާކުރުމެވެ. މި ގޮތުން ބަލާއިރު އިސްލާމީ ޝަރުޢުގައި ފިރިހެނާގެ ޢައުރައަކީ ފޫޅާއި ކަކުލާ ދެމެދެވެ.
އަންހެނާގެ މޫނާއި ދެ އަތްތިލަ ފިޔަވައި މުޅި ހަށިގަނޑަކީ ޢައުރަކަމަށް ޢިލްމުވެރިން އިޖުމާޢުވެ އެވެ. ދަލީލަކީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތެވެ. ނަމާދުގައި ވެސް އަންހެނުން ތިބެންޖެހެނީ މި ދެންނެވި ގޮތަށް ޢައުރަނިވާކޮށްގެންނެވެ. އަންހެނާގެ މުޅި ހަށިގަނޑަކީ ޢައުރަކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. އެ ބޭފުޅުންގެ ދަލީލަކީ އަޙްޒާބް ސޫރަތުގެ 59 ވަނަ އާޔަތެވެ.


އައުރަނިވާކުރުމަށްޓަކައި އިންސާނުން ފޭރާން ބޭނުންކުރުމަކީ، އެހެނިހެން މަޚުލޫޤޫންނާއި އިންސާނުން ތަފާތުކޮށްދޭ މައިގަނޑު ބަހާއެކެވެ. ފޭރާމަކީ ވަރަށް ވެސް ބޮޑު ނިޢުމަތެކެވެ. ރަނގަޅު ގޮތުގައި ފޭރާން ބޭނުންކުރުމުން އިންސާނާގެ ޢިއްޒަތާއި ކަރާމާތް ހިފެހެއްޓެ އެވެ. އިންސާނުންގެ ތެރެއިން ހަމަ ކޮންމެ މީހަކުމެ، އެ މީހަކީ ކުޑަ ކުއްޖެއް ކަމުގައި ވިޔަސް ނުވަތަ ބޮޑު މީހެއް ކަމުގައި ވިޔަސް، މުއްސަންޖެއް ކަމުގައި ވިޔަސް ފަޤީރެއް ކަމުގައި ވިޔަސް އައުރަ ނިވާކުރުމަށާއި ފިންޏާއި ހޫނުން ހަށިގަނޑު ރައްކާތެރި ކުރުމަށްޓަކައި އެ މީހެއްގެ ނިސްބަތުން ފޭރާން ބޭނުންކުރަންޖެހެ އެވެ.

ނިވާވާނޭ ފޭރާމެއް ނެތުމަކީ އިންސާނުންނަށް ލަދުވެތިކަމާއި ނިކަމެތިކަން އިޙްސާސްކޮށްދޭ ކަމެކެވެ. ކަންމިހެން އޮތްއިރު ފިޠުރީ ގޮތުން ދުޅަހެޔޮކަން މަތީ ހުރި ކޮންމެ އިންސާނަކުމެ އައުރަ ނިވާކުރުމަށް ސަމާލުވާނެ އެވެ. އަދި އައުރަ ކަޝްފުވުމަކަށް ނުރުހޭނެ އެވެ. މިކަމުން އެނގި ފާޅުވެގެންދަނީ އިންސާނުން ފޭރާންލައި އުޅެނީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ނޫން ކަމެވެ. އެހެނަސް އައުރަ ނިވާކުރުމަށްޓަކައި ފޭރާން ބޭނުންކުރުމަކީ އެއީ އިންސާނާގެ ޠަބީޢަތާއި ގުޅިލާމެހިފައިވާ ފިޠުރީކަމެއް ކަމެވެ.

މިހާ ހިސާބުން މުސްލިމުން ލާން ބޭނުންކުރާ ފޭރާމުގައި ހުންނަންޖެހޭ ޝަރުޠުތަކަށް ނަޒަރުކޮށްލާނަމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމުން ލާ ފޭރާމުގައި އަށް ޝަރުޠެއް ހަމަވާންޖެހެ އެވެ. ފުރަތަމަ ޝަރުޠަކީ އައުރަ ނިވާވާ ފަދަ ހެދުމަކަށް ވުމެވެ. އައުރަ ނިވާކުރުމަށް މާތްﷲ ވަނީ އަމުރުކުރައްވާފަ އެވެ. މާތްﷲގެ އަމުރުފުޅުތަކަށް އެންމެހާ މުސްލިމުން ތަބާވެ ބޯލަނބާ ކިޔަމަންވާންޖެހެ އެވެ. އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްޓަކަ އެވެ. ހިލޭ މީހުންގެ ކުރިމައްޗަށް ނުކުންނަ އިރާއި އެހެނިހެން ޙާލަތްތަކުގައި އައުރަ ނިވާކުރަންޖެހޭ މިންގަނޑު ތަފާތެވެ.

ހެދުން އެޅުމުގައި ސަމާލުވާންޖެހޭ ދެ ވަނަ ޝަރުޠަކީ ލާހެދުމަކީ ގައިގެ ވަނާތައް ފާޅުވާ ފަދަ ބާރުހެދުމަކަށް ނުވުމެވެ. މާނައަކީ ހެދުން ވާންޖެހޭނީ ދޫ ހެދުމަކަށެވެ. އެހެނީ ގަޔަށް ބާރު ހެދުމަކަށްވާ ނަމަ ހެދުން އެޅުމުގެ ފުރިހަމަ މަޤުޞަދު ޙާޞިލެއް ނުވާނެ އެވެ. ހެދުން އެޅުމުގެ މައިގަނޑު މަޤުޞަދަކީ ހަށިގަނޑު ނިވާކުރުމެވެ.

ތިން ވަނަ ޝަރުޠަކީ ލާ ހެދުމަކީ ގައިގެ ހަމުގެ ކުލަ އެނގޭ ފަދަ ތުނި ހެދުމަކަށް ނުވުމެވެ. ގައިގެ ހަމުގެ ކުލަ އެނގުމަކީ ފިތުނައަކަށް ހުށަހެޅިދާނެ ކަމެކެވެ. ވީމާ، ލާހެދުމަކީ ތުނި ހެދުމަކަށް ވެގެންނުވާނެ އެވެ. ހަތަރު ވަނަ ޝަރުޠަކީ މަޝްހޫރުކަން ހޯދަން ބޭނުންކުރާ ހެދުމަކަށް ނުވުމެވެ. މިސާލަކަށް މާ ދުރަށް ފަސްބައި ދެމިފައިވާ ޒީނަތްތެރި ހެދުންތައް ހިމެނިގެންދާނީ މި ބައިގެ ތެރޭގަ އެވެ.

ފަސް ވަނަ ޝަރުޠަކީ އަނެކުންގެ ޙިއްޞުތައް ލަންބުވާލާ ފަދަ މީރުވަސް ދުއްވުމަށްޓަކައި ބޭނުންކުރާ ހެދުމަކަށް ނުވުމެވެ. އެހެނީ މި ކަމަކީ ފިތުނައަކަށް ހުށަހެޅިގެން ހިނގައިދާނެ ކަމެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމުން، އެކަމުގެ ލާބަ އާއި މަންފާ ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަ ވަނަ ޝަރުޠަކީ އަންހެނުން ފިރިހެން ހެދުން ނޭޅުމެވެ. އަދި ފިރިހެނުން އަންހެން ހެދުން ނޭޅުމެވެ. ހެދުން އެޅުމުގައި ޠަބީޢީ ގޮތަކީ އެ ޖިންސަކަށް ޚާއްޞަ ކުރެވިފައިވާ ހެދުމެއް އެޅުމެވެ.

ހަތް ވަނަ ޝަރުޠަކީ ކާފިރުން އަޅާފަދަ ހެދުމަކަށް ނުވުމެވެ. މިސާލަކަށް ކާފިރުން އަޅުކަންކުރަން ބޭނުންކުރާ ހެދުންތަކެވެ. އަށް ވަނަ ޝަރުތަކީ ހެދުމަކީ އޭގެ ޒާތުގައި ޒީނަތްތެރިކަން ފާޅުވާ ގޮތަށް މީހުންގެ ލޮލުގައި އަޅައިގަންނަ ފަދަ ހެދުމަކަށް ނުވުމެވެ. މީގެ އިތުރުން ލާން ބޭނުންކުރާ ހެދުމަކީ ސާފުތާހިރު ސާދާ ހެދުމަކަށް ވާންޖެހެ އެވެ. ލާން ބޭނުންކުރާ ފޭރާމުގައި އިސްވެ ދެންނެވުނު ޝަރުޠުތައް ފުރިހަމަވާނަމަ އެއީ އެ ފޭރާމަކުން ފޭރާންލާ މީހާ އަށް ޒީނަތްތެރިކަމާއި ޙިމާޔަތާއި ރައްކާތެރިކަން ލިއްބައިދޭނެ ފޭރާމެކެވެ.

ފޭރާން އެޅުމުން ލިބޭ ފައިދާ

އިސްލާމީ ޝަރީޢަތުގައި ކަމަކަށް އަމުރު ކުރައްވާފައިވާނީ، އެކަމެއްގެ ފަހަތުގައި ތަފާތު ގިނަގުނަ ފައިދާތަކާއި ޙިކުމަތްތައް ލައްވާފައިވާއިވާތީކަން ކަށަވަރެވެ. އެފައިދާތަކުގެ މަދު މިންވަރެއް މެނުވީ އަޅުގަނޑުމެންނަށް އެނގިފައިނުވެ އެވެ. އިސްލާމީ ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތަށް ފޭރާން އެޅުމުން އަޚްލާޤީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ޞިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

އައުރަ ނިވާކުރުމުން ލިބޭ އިޖުޠިމާޢީ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އައުރަ ނިވާކުރުމުން ލޯތައް ރައްކާތެރިވެގެން ދިއުމެވެ. ދަލީލަކީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތެވެ. އަދި ޒިނޭއާ ކައިރިވެސް ނުވުމަށް ޤުރުއާނުގައި އަންގަވާފައިވެ އެވެ. ކަންމިހެން އޮތްއިރު، އައުރަނިވާވާ ގޮތަށް ހެދުންއެޅުމަކީ ބެލުންތައް ތިރިވެ ނޭދެވޭ ޢަމަލުތަކުން ހިތްތައް ސާފުވެގެންދާނެ ކަމެކެވެ. ރޭޕްކުރުމާއި ބަދުއަޚުލާޤީ ޢަމަލުތައް މަދުވެގެންދާނެ އެވެ. ވީމާ، ނިވާކުރުމުގެ ސަބަބުން މުޖުތަމަޢަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަން ކަށަވަރެވެ.

ހަމަ އެގޮތަށް މުސްލިމުން އައުރަ ނިވާވާ ގޮތަށް ހެދުން އަޅައިގެން ތިބޭއިރު ކުރެވިގެންދާ ޝަރަފުވެރި މަތިވެރި އިޙުސާސެއްވެ އެވެ. އެއީ އެ މުސްލިމުންނަކީ އުންމަތް ތަމްސީލުކުރަމުންދާ ބައެއްކަމުގެ އިޙްޞާސް ކުރެވުމެވެ. އަދި މުސްލިމެއްގެ ހައިސިއްޔަތުން އެ މީހަކަށް ލިބިގެންދާ ޙައްޤުތަކާއި ވާޖިބުތަކާއި ކޮނޑުގައި އެޅިފައިވާ ޒިންމާތައް ހަނދާންވަމުން ދިއުމެވެ.

މިސާލަކަށް މާތްﷲގެ އަމުރުފުޅަށް ބޯލަނބާ ކިޔަމަން ގަތުމުގެ ގޮތުން، ބުރުގާ އަޅުއްވާ ކަނބަލުން، އެކަނބަލުން ބުރުގާ އަޅުއްވައިގެން ތިއްބަވާއިރު، އެއީ އިސްލާމީ އުންމަތް ތަމްސީލު ކުރަމުންދާ މީހެއްކަމުގެ އިޙްސާސްކުރެވެ އެވެ. އަދި މުސްލިމެއްގެ ހައިސިއްޔަތުން އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާތައް ހަނދާންވާނެ އެވެ. ފަސްވަގުތު ނަމާދުކުރަންޖެހޭ ކަމާއި މުސްލިމުންނަށާއި މުޅި އިސްލާމީ އުންމަތަށް ނަޞްރު ދެއްވުން އެދި ދުޢާކުރަންޖެހޭކަން ހަނދާންކޮށްދޭނެ އެވެ. އެއީ ތަފާތު ޔުނިފޯމުތަކުގައި ވަޒީފާގެ މާޙައުލުގައި މަސައްކަތް ކުރަމުންދާއިރު އެބައިމީހުންނަށް އެބައިމީހުންގެ ޒިންމާ ހަނދުމަވާ އުޞޫލުންނެވެ. ނަތީޖާއަކަށްވާނީ ޒިންމާދާރު ބަޔަކު މުޖްޠަމަޢުގައި އިތުރުވުމެވެ. މުޖުތަމަޢުގެ އަމަން އަމާންކަން ޤާއިމްވަމުން ދިއުމެވެ.

މުޖުތަމަޢުން މީހަކު ދެނެގަންނަނީ އޭނާ އެ މުޖްތަމަޢެއްގައި ތަމްސީލުކުރާ ގޮތަކުންނެވެ. އަންހެނަކު ނިވާކޮށްފައި ހުންނަނަމަ، މުސްލިމް މުޖްޠަމަޢުތަކުން އެ މީހަކު ބޮޑަށް ބަލައިގަންނާނެކަމީ ފެންނަން އޮތް ބޮޑު ޙަޤީޤަތެކެވެ. މުސްލިމް އަންހެން ކަނބަލުން އިސްލާމީ ޝަރުޢީ މިންގަނޑުގެ ތެރޭގައި ނިވާވަނީ އެކަނބަލުންގެ ރުހުމާއި ފުރިހަމަ ހިތްހަމަޖެހުމާއެކުގަ އެވެ. އެކަނބަލުންނަށް ލިބޭ ޝަރަފާއި ރައްކާތެރިކަމަށްޓަކައެވެ. އެހެނީ ކަންކަމުގައި ކުރިއަރައި ގޮސް ކާމިޔާބު ހޯދުމަކީ، ނިވާވުމުގެ ސަބަބުން، ހުރަސް އަޅާ ކަމެއް ނޫންކަން އުންމަތުގެ މުސްލިމް ކަނބަލުންވަނީ ސާބިތުކޮށްދެއްވައިފަ އެވެ.

ނިވާނުކޮށް ތިބުމުން މެދުވެރިވާ ގެއްލުންތަކަށް ބަލާއިރު، އައުރަ ނިވާނުކޮށް އުޅުމަށް ނިންމޭ ނިންމުން ގިނަ ފަހަރަށް ވެގެންދަނީ، އެ މީހަކަށް ލިބިފައިވާ ރީތިކަން ހާމަކޮށް، އެހެން މީހުންގެ ސަމާލުކަން ހޯދަން އުޅެވ ޭގޮތެއް ކަމުގަ އެވެ. މި ކަމުގައި ދެއްކުންތެރިކަން ވަރަށް ބޮޑަށް އެކުލެވިގެންވެ އެވެ.

ދެއްކުންތެރިކަމަކީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާކުރާ ސިފައެކެވެ. މިސާލަކަށް ދަންނަވަނީ ނަމަ، ޓީވީ ޗެނަލްތަކާ އިޝްތިހާރުތަކުން ދައްކާ ތަފާތު ޑިޒައިންތަކުގެ ހެދުންތައް ހޯދުމާއެކު، އަވަސް އަވަހަށް ފެޝަން ބަދަލުކުރުމާއި، ބޮލުގެ ކުލަ އާއި ބޮލުގެ ޑިޒައިން އަވަސް އަވަހަށް ބަދަލުކޮށް ހެދުން މިއީ އަބަދުގެ ވިސްނުން ކަމުގައިވުމީ، އެ މީހެއްގެ ސިކުނޑި އަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.