ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

21 October, 2012

ތިބާގެ އަބުރާއި ޢިއްޒަތެވެ


ބައެއް އުޚްތުން ގާތުގައި ފޭސްބުކްގައި ފޮޓޯޖެހުމަކީ ރަނގަޅުކަމެއް ނޫނޭ ބުނުމުން މިފަދައިން ބުނެއެވެ. “މިއީ އަހަރެންނެވެ. އަހަރެން މަގުމައްޗަށް ނިކުންނައިރުވެސް މީހުންނަށް ފެންނާނީހަމަ އަހަރެންނެވެ. ހަމަ މި މޫނެވެ. އެހެންވީމަ ފޭސްބުކްއިން ފެނުމެކޭ މަގުމަތިން ފެނުމެކޭ ހުރީ ކޮން ތަފާތެއްހެއްޔެވެ؟”


ޖަވާބުގައި ދަންނަވަމެވެ. ވަރަށް ތަފާތެވެ. ޢާއްމުގޮތެއްގައި މަގުމަތީގައި އުޅޭއިރު ގިނަމީހުންނަށް ހަމަ ސީދާ ކުރިމަތީގައި ހުރެގެން ބަލާކަށް ނުކެރޭނެއެވެ. އެކަމަކު އިންޓަނެޓް މިއާ ވަރަށް ތަފާތެވެ. ކޮންމެ މީހަކަށްވެސް އެއްވެސް ޖެހިލުމެއް ހުރަހެއް ނެތި ތިބާގެ ފޮޓޯއަށް، ތިބާގެ ހަށިގަނޑަށް ބޭނުންއިރެއް ވަންދެން ބޭނުން ވަރަކަށް ބަލާލެވޭނެއެވެ. ތިބާ ވަނީ މުޅި ދުނިޔެއަށް ހާމަވެގެންނެވެ. ފޭސްބުކަށް ފޮޓޯލައި ތިބާގެ ޒީނަތްތެރިކަން އެހެންމީހުންނަށް ދެއްކުމަކީ އެތަކެއް ފިތުނައެއް އުފެދޭނެ ކަމެކެވެ. ފިރިހެނުން ހިލޭ އަންހެނުންނަށް ބެލުން ޙަރާމް ކުރައްވާފައިވާއިރު އެމީހުން އެކަމުން އެއްކިބާވުމަށް އެހީތެރިވުމުގެ ބަދަލުގައި ތިބާ އެ ފިތުނައަށް ތިޔަ މަގުފަހި ކުރަނީއެވެ. ސަބަބަކީ ތިބާ އަދި ބުރުގާ އަޅާފައި ހުރިނަމަވެސް ޒީނަތްތެރިކަމެއް ނުފޮރުވެއެވެ. އެންމެ ބޮޑަށް އަދި އެންމެފުރަތަމަ މީހުންގެ ސަމާލުކަން ދާނީ މޫނަށެވެ. ލޮބުވެތި އުޚްތުން ވިސްނަވާލައްވާށެވެ. ހިލޭ ފިރިހެނަކު ނުވަތަ ނުދަންނަ ފިރިހެނަކު ތިބާގެ ކުރިމަތީގައި ހުރެގެން ތިބާގެ މޫނާއި ލޮލާއި ތުންފަތާއި އެހެނިހެން ވަނާތަކަށް ބަލާނެވަރަކަށް ބަލާ ހިތްހަމަޖެހުން ހޯދަން ތިބާއަށް ރުހެވޭނެ ހެއްޔެވެ؟ ތިބާ އާއިމެދު ފާޙިޝް ވާހަކަ ދައްކާ އަޑު އަހަން ކެރޭނެ ހެއްޔެވެ؟ ލަދުވެތި ކަމެއް ހުރި އެއްވެސް އުޚްތަކު މިފަދަ ކަމަކަށް ނުރުހޭނެއެވެ.
ބައެއް އަޚުން ﷲ ބައްލަވާވޮޑިގެންވާކަން ހަނދުމަނެތި ތިބާ ހާމަ ކޮށްފައިވާ ފޮޓޯތައް ބެލުމުގައި ވަޤުތުތައް ހޭދަކުރެއެވެ. އެއީ އެ އަޚުންކުރާ ފާފައެއް ކަމާމެދު ޝައްކެއް ނެތެވެ. އެހެން ނަމަވެސް އެކަމަށް މަގުފަހި ކުރީ ކާކުތޯއެވެ. އެ ފާފައިގައި ތިބާގެ ޙިއްސާއެއް ނުވާނެތޯއެވެ.
ދެވަނަ ކަމަކީ ޢާއްމުގޮތެއްގައި މަގުމަތިން ދާ ކޮންމެ މީހަކަށް  ނުވަތަ ތިބާ ފެންނަހާ ތަނަކުން ތިބާގެ ފޮޓޯ ނަގާކަށް ނުކެރޭނެއެވެ. އެހެންނަމަވެސް ފޭސްބުކްގައި ހުންނަ ފޮޓޯތައް ފަސޭހަކަމާއެކު ތިބާއަށް ނުވެސް އެނގި ބޭނުންމީހަކަށް ޑައުންލޯޑްކޮށް އަޕްލޯޑްކޮށްލެވޭނެއެވެ. ތިބާގެ ފޮޓޯތައް އެގޮތަށް ނަގަނީ ކޮންބައެއް ކަމެއް  ރޭކާވެސް ނުލާނެއެވެ. އެހިސާބުން އެފޮޓޯތައް އެހެން މީހެއްގެ މިލްކަކަށް ވީއެވެ. ދެން އެފޮޓޯއަށް  އޮތީ އޭނަގެ ޖާހިލުކަމާއި ނުބައިކަން ހުރި މިންވަރަކުން އެ ފޮޓޯއަށް އަންނާނެ ބަދަލެވެ. ވިސްނަވާލައްވާށެވެ. އެގޮތަށް ފޮޓޯބޭނުންކޮށްގެން އަސްލު ނޫން ޕްރޮފައިލް ހެދުމަކީ މިހާރު ޢާއްމު ކަމެކެވެ. މީހުންގެ ޢަބުރާއި ޢިއްޒަތަށް ބުރޫއަރާފަދަ ގޮތްގޮތަށް ފޮޓޯ އެޑިޓްކޮށް އިންޓަނެޓްގައި ފެތުރުމަކީ ބައެއް މީހުން މަޖަލަކަށް ކުރާ ކަމެކެވެ. އަޚްލާޤު ރަނގަޅު ކުދިންނަށްވެސް ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސް ނުކުރެވި ފޮޓޯލުމުގެ ސަބަބުން މިފަދަ މީހުންގެ ޝިކާރައަކަށް ވެފައިވާ އެތައްކުދިންނެއްވެއެވެ. މިފަދަ ހިތާމަވެރި އެތައް ޙާދިޘާތަކެއް މުސްލިމް އަންހެންކުދިންނާ ކުރިމަތިވެފައި ވެއެވެ. ތިބާއަށް މިފަދަކަމެއް ކުރިމަތި ވެއްޖެނަމަ ތިބާ ދެރަވެ ލަދުގަންނާނެ ވަރު ވިސްނަވާލައްވާށެވެ.
ތިންވަނަ ކަމަކަށް ތިބާގެ ފޮޓޯއަށް ބަލާ ތިބާގެ ޒީނަތްތެރިކަމުން އެތައް ބަޔަކު ހިތްހަމަ ޖެހުމާއި އުފާ ހޯދާނެއެވެ. އެތައް ބަޔަކު ހިތުގައި ޝައިޠާނީ ޚިޔާލު އުފެދުމަށް މަގުފަހިވާނެއެވެ. އެފަދަ ގޮތަކަށް މީހަކު ތިބާ އާއި ދިމާލަށް ބަލާލާ ކޮންމެ ބެލުމަކަށް އެލިބޭ ފާފައިގައި ތިބާގެ ޙިއްޞާއެއްނުވާނެތޯއެވެ. އެހުރިހާ ފާފަތަކެއް ކޮނޑުގައި އަޅައިގެން ތިބާ އުޅެން ބިރެއް ޖެހިލުމެއްނުވޭހެއްޔެވެ. ތިގޮތަށް އުޅުމުގައި ވަގުތުހޭދަ ކުރަނިކޮށް މަރު އައިސް ތިބާގެ ދޮރުގައި ޓަކިދޭނީ ކޮން ވަގުތަކު ކަމެއް ނޭގޭނެއެވެ. ތިބާ ފޮޓޯ ލުމުގެ ސަބަބުން އެކަމަށް ޝައުގުވެރިވީ ކިތައްކުދިންކަން އެނގޭހެއްޔެވެ. އެއީ އާދައިގެ ކަމެއް ކަމަށް ބަލައި ފޮޓޯ ލާންފެށީ ކިތައްކުދިންހެއްޔެވެ. ތިބާގެ ފޮޓޯ ފެނުމުގެ ސަބަބުން އެކަން ކުރުމަށް ހިތްވަރު ލިބުނީ ކިތައްކުދިންނަށް ހެއްޔެވެ؟ ތިބާއަށް އެހުރިހާ ކުދިން ފޮޓޯ ލުމުގެ ސަބަބުން އުފެދޭ ފިތުނައިގެ ފާފަ އުފުލޭނެހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ)) (مسلم: 1017) މާނައީ: “އަދި އިސްލާމްދީނުގައި ނުބައި ކަމެއް އުފައްދައިފިމީހާގެ މައްޗަށް އެކަމުގެ ފާފަވެއެވެ. އަދި އެމީހާއަށްފަހު (އެމީހާއަށް ތަބާވެ) އެކަންކުރާމީހާގެ ފާފަވެސްވެއެވެ. އެކަންކުރާމީހުންގެ ފާފައިގެ ތެރެއިން އެއްވެސް އެއްޗެއް އުނިނުވާގޮތުގެ މަތީންނެވެ.”
ލޮބުވެތި އުޚްތުންނޭވެ! ވިސްނަވާލައްވާށެވެ. ތިބާގެ އަމިއްލަ ޞޫރަ އިޝްތިހާރު ކުރުމުގެ ކުރިން އަދިވެސް ވިސްނާށެވެ. “މާދަމާ  ރިމޫވް ކޮއްލާނަމޭ”ނުބުނާށެވެ. މާދަމާއަށް އިންތިޒާރު ނުކުރާށެވެ. ތިބާއާއެކު ވަނީ މިއަދެވެ. މާދަމާ އެފޮޓޯ ނަގަންދެން ތިބާ ދިރި ހުންނާނޭ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ. ވަޤުތު ފާއިތުވުމުގެ ކުރިން ވިސްނަވާލައްވާށެވެ!
____________________