ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

25 March, 2012

ވާހަކަ ދައްކާ ގުރާ






ޢިލްމުވެރިޔަކު އުޅުއްވިއެވެ. ކިޔަވައިދެއްވަނީ އިސްލާމީ ޢަޤީދާއެވެ. އޭނާގެ ދަރިވަރުންނަށް لا إله إلا اللهގެ މާނަ ޝަރަޙަކުރައްވައި މިކަލިމައިގެ މަތީގައި ތަރުބިއްޔަތު ކުރައްވަމުން ގެންދެވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިތުރު އެކަލޭގެފާނުންގެ އަޞްޙާބުބޭކަލުންނަށް އެކަލިމައިގެ މާނަދަސްކޮށްދެއްވައި އެގޮތުގެ މަތީގައި ތަރުބިއްޔަތުކުރެއްވި ގޮތް ނަމޫނާއަކަށް ބައްލަވައިގެންނެވެ. ކޮންމެއަކަސް މިޢިލްމުވެރިޔާއަކީ ބުޅަލާއި އެކިވައްތަރުގެ ދޫނިގެންގުޅުމަށް ލޯބިކުރައްވާ ފަރާތެއް ކަމަށްވާތީ އޭނާގެ ދަރިވަރަކު ހަދިޔާއަކަށް ގުރައެއް ގެނެސްދިނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޢިލްމުވެރިޔާގެ ހިތްޕުޅުގައި މިގުރައަށް ޚާއްޞަ ލޯތްބެއް އުފެދެމުން އައެވެ. ކިޔަވައިދެއްވާ ދަރުސްގެއަށް ވަޑައިގަންނަވާއިރުވެސް ގުރާ ގެންނަވައެވެ.  އެއީ ގުރައަށް لا إله إلا اللهމިމަތިވެރި ކަލިމަ ކިޔަން ދަސްކޮށްދިނުމުގެ އެދުން ހިތްޕުޅުގައިވާލެއް ބޮޑުކަމުންނެވެ. ގުރައަށް މިކަލިމަފުޅު ދަސްވުމުން އެސޮރު އިންނަނީ އަބަދާއިއަބަދު لا إله إلا الله މިކަލިމަގޮވާލަގޮވާލައެވެ.  އެއްފަހަރަކު ދަރިވަރުންނަށް ފެނުނީ އެމީހުންގެ އުސްތާޛު ގިސްލަގިސްލާފައި ކީރިތިކުރައްވަން އިންނެވި ތަނެވެ. އެކަމާމެދު އެކުދިން ސުވާލުކުރުމުން ޖަވާބުގައި އުސްތާޛު ވިދާޅުވިއެވެ.  އަހުރެން ގެންގުޅޭ ބުޅަލެއް ގުރާ މަރާލައިފިއެވެ.
ހައިރާންކަމާއެކީ އެކުދީން ބުންޏެވެ. ތިޔަ ކީރިތިކުރައްވަނީ އެކަމާތޯއެވެ؟! އުސްތާޛު ބޭނުންފުޅުނަމަ އެގުރައަށް ވުރެ މާމޮޅު، މާރީތި ގުރައެއް އަޅުގަނޑުމެން ގެނެސްދީފާނަމެވެ.
ޢިލްމުވެރިޔާ ވިދާޅުވިއެވެ. އަހުރެން މިރޮނީ ގުރާމަރުވީމައެއް ނޫނެވެ. އެކަމަކު އަހަންނަށް ރޮވުނީ އެބުޅާ ގުރާ މަރައިލުމަށް ފުންމައިގަތް ހިނދު ގުރާ އަޑުން އަޑުނަގައި ހަޅޭއްލެވީއެވެ. އޭގެ ކުރިން އެގުރާ  لا إله إلا اللهކިޔާފައިވާލެއް ގިނަކަމާއި އެކުގައިވެސް މަރުމަތީގައި އެކަލިމައެއް ނުކިޔައެވެ. އެމަތިވެރި ކަލިމައިގެ މަތިން ހަނދާންނެތިއްޖެއެވެ. އޭގެ ބަދަލުގައި ލެވީހަޅޭކެވެ.
ސަބަބަކީ ކޮބައިކަން ކަލޭމެންކުދީންނަށް އެނގޭހެއްޔެވެ؟ އެސޮރު އޭގެ ކުރިން އެކަލިމަކިޔަމުން ދިޔައީ ހަމައެކަނި ދުލުކޮޅުންނެވެ. އޭގެ މާނައެއް ނޭނގެއެވެ. މާނައާމެދު ވިސްނައި ފިކުރުހިންގައެއް ނޫޅެއެވެ. އެކަލިމައިގެ މަތިވެރިކަމާއި އެކަލިމަ ލާޒިމުކުރާކަންތައްތައް އެސޮރަކަށް އިޙްސާސެއް ނުކުރެވެއެވެ.
ދެން އުސްތާޛު އެކުދީންނާ މުޚާޠަބުކޮށް ވިދާޅުވިއެވެ. އަހުރެން ބިރުގަންނަނީ މިގުރާފަދައިން އަހުރެމެންވެސް ވެދާނެކަމަށްޓަކައެވެ. ދުނިޔޭގެ ޙަޔާތްވޭތިކުރަމުންދާއިރު لا إله إلا الله ތަކުރާރުކޮށް ކިޔަމުއެވެ. ނަމަވެސް ދުލުކޮޅުންނެވެ. އެހެންވެ އަޖަލުހަމަވެ މަރުމަތީގެ ނުރައްކާތެރި ވަގުތުކޮޅުގައި މިކަލިމަ ހަނދާންނުވާ ބަޔަކުކަމުގައި ވެދާނެތީ ބިރުގަންނަނީއެވެ. އެއީ އަހުރެމެންގެ ހިތުގައި މިކަލިމައިގެ ޙަޤީޤީ މާނަ ބިންވަޅުނެގިފައި ނުވާކަމަށްޓަކައެވެ. لا إله إلا الله މިކަލިމައިގައި ތެދުވެރިބަޔަކަށް ނުވެދާނެ ކަމުގެ ބިރުހީވެ ހުރިހާ ދަރިވަރުންނަށް ވެސް ރޮވިއްޖެއެވެ.