ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

11 April, 2013

މަރުވުމަށްފަހު

މަރުވުމަށްފަހު
އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
ދުނިޔެވީ ޙަޔާތުގައި އެކި މީހުން އެކި މަސައްކަތުގައި މަޝްޢޫލުވެ އުޅެއެވެ. އެފަދަ ކަންކަން ކުރުމުގައި ދެންވެދާނޭ ގޮތަކާއިމެދު އެމީހުން ނުހަނު ބޮޑަށް ވިސްނައެވެ. އެކަމުން ތިމާއަށް ލިބޭނީ ފައިދާތޯއެވެ؟ ނުވަތަ ގެއްލުންތޯއެވެ؟ އެއީ އެކަމުން އެމީހަކަށް އެންމެ ފައިދާހުރި ގޮތް ޚިޔާރުކޮށް، އެމީހަކަށް އެންމެ ގެއްލުން ހުރިމަގުން ރައްކާތެރިވެ ހުރުމަށްޓަކައެވެ. ޝައްކެއްނެތެވެ.


 ކައްވަޅަކީ އެތަނުން ރައްކާތެރިވުން އެންމެ ޙައްޤުކަން ބޮޑު ތަނެވެ. ސަބަބަކީ އެއީ އާޚިރަތުގެ އެންމެ ފުރަތަމަ މަންޒިލު ކަމުގައިވުމެވެ. އެތަނުން ސަލާމަތްވެއްޖެނަމަ ދެން އޭގެ ފަހުގައިވާ ކަންތައްތައް މާ ލުއިފަސޭހަވާނެކަމަށާއި އެތަނުން ސަލާމަތް ނުވެއްޖެނަމަ ދެން އޭގެފަހުގައިވާ ކަންތައްތައް މާ ގަދަފަދަވެފައި ބުރަބޮޑުވާނެކަމަށް އަންގަވާފައިވެއެވެ. މަރަކީ އޭގެ މަތީން އެންމެ ގިނައިން ހަނދުމަކުރުން ވާޖިބު ކަންތަކެވެ. ނަމަވެސް އިންސާނުންކުރެ ގިނަބަޔަކު މަރު ހަނދާނެއްނުކުރެއެވެ. އެބައިމީހުން ހަނދާން ކުރަނީ ދުނިޔެވީ ފަނާވެދަނިވި ނިޢްމަތްތަކެވެ. ކެހިވެރިކަމުގެ އުފަލެވެ. މިކަމާހެދި ޚިޔާނަތްވެވެނީއެވެ. އަދި ވައްކަންވެސް ކުރެވެނީއެވެ. އަދި ބަނގުރާވެސް ބޮވެނީއެވެ. އަދި ޒިނޭވެސް ކުރެވެނީއެވެ. ނަމަވެސް ނަމާދާއި ޒަކާތާއި ރޯދަޔާއި ޙައްޖާއި އެންމެހާ ހެޔޮކަންކަމުގައި ލައްވާފައިވާ ޙިކްމަތްތައް އޭނާއަށް އެނގޭނަމަ އެފަދަ ނުބައިކަންތައްތަކުގެ ބަދަލުގައި ކުރީހީ މިފަދަ ހެޔޮކަންތައްތަކެވެ. ކައްވަޅުގެ ސުވާލާއި ބެހޭގޮތުން އައިސްފައިވާ މަޝްހޫރު ޙަދީޘެއްވެއެވެ. މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ ރަޙިމަހުﷲ ވަނީ އޭގެ އެކިއެކި ރިވާޔަތްތައް އެއްކުރައްވާފައެވެ. ތިޔައަރިސްތަކަށް މިހުށަހަޅާލަނީ އެމަޝްހޫރު ޙަދީޘެވެ.
އަލްބަރާއު ބުނު ޢާޒިބް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އަންޞާރުންކުރެ ބޭކަލެއްގެ ޖަނާޒާއަށް ތިމަންމެން ނުކުތީމެވެ. ދެން ތިމަންމެން އެތަނަށް ދިޔައިރު ވަޅުކޮނެއެއް ނުނިމެއެވެ. "ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޤިބްލައަށް ކުރިމަތި ލައްވަވައިގެން އިށީންދެ ވަޑައިގެންފިއެވެ. އެހިނދު ތިމަންމެންވެސް އެކަލޭގެފާނު ވަށައިގެން އިށީންދެއްޖައީމުއެވެ. ތިމަންމެން ބޯތައް މަތީގައި ދޫނި(ތަކެއް) ތިބިފަދައިން މަޑުމައިތިރި ކަމާއިއެކުއެވެ. އެވަގުތު އެކަލޭގެފާނު އަތްޕުޅުގައި ދަނޑިގަނޑެއް އޮތެވެ. (ފިކުރުކުރައްވާ ޙާލު) އެއިން ބިންމަތީ ޖައްސަވާލަ ޖައްސަވާލައްވައި އިންނެވިއެވެ. ދެން އެކަލޭގެފާނު އުޑަށް ބައްލަވައި، ބިމަށްބައްލަވާ ހައްދަވަން ފައްޓަވައިފިއެވެ. އަދި ތިން ފަހަރު އެކަލޭގެފާނުގެ ނަޒަރުފުޅު ހިއްލަވައި، ތިރިކުރައްވައި ހައްދަވައިފިއެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން މުއުމިން އަޅާ ދުނިޔޭގެ ކަންތައްތަކުން ކެނޑި އާޚިރަތުގެ ކަންތައްތަކާއި ކުރިމަތިލާހިނދު އޭނާގެ ކައިރިއަށް، މޫނުހުދު(އަލި) މަލާއިކަތުންތަކެއް އުޑުން، ފައިބާވަޑައިގަންނަވާނެއެވެ. އެބޭކަލުންނާއިއެކު ސުވަރުގޭގެ ކަފުންތަކުންކުރެ ކަފުނެއް ވާނެއެވެ. އަދި ސުވަރުގޭގެ ޙަނޫޠުން ޙަނޫޠުވެސްވާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަހިސާބުގައި އިށީންދެ ތިއްބަވާނެއެވެ. ދެން މަލަކުލް މަވްތު ޢަލައިހިއްސަލާމް ވަޑައިގެން އޭނާގެ ބޯލާކޮޅުގައި އިށީނދެ އިންނަވާފައި ވިދާޅުވާނެތެވެ. އޭ ހެޔޮ (އެހެން ރިވާޔަތެއްގައި : ހަމަޖެހުން ލިބިގެންވާ) ފުރާނަޔާއެވެ! ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށާއި، އެއިލާހުގެ ރުހިވޮޑިގަތުން ލިބުމަށް ނުކުންނާށެވެ! (ދެން) ޙަދީޘްކުރެއްވިއެވެ. އެހިނދު ފެންކަންވާރުގެ ތުނބުން ދިޔާތިއްކެއް އޮހިގެން އަންނަފަދައިން އެފުރާނަ ނުކުމެގެންއަތުވެދާނެއެވެ. (އަދި އެހެން ރިވާޔަތެއްގައި : އޭނާގެ ފުރާނަ ހަމަ ނުކުންނައިރަށް އުޑާއި ބިމާދެމެދުގައިވާ ކޮންމެ މަލާއިކަތަކު އޭނާގެ މައްޗަށް ޞަލަވާތް ވިދާޅުވާނެތެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތަކުވެސްމެއެވެ. އަދި އޭނާއަށްޓަކައި އުޑުގެ ދޮރުކޮޅުތައްވެސް ހުޅުވޭނެއެވެ. އެބޭކަލުންގެ އަރިހުން ލާފައި އޭނާގެ ފުރާނަ ގެންދެވުމަށް ﷲއަށް ދުޢާ ނުދަންނަވާ އެއްވެސް ދޮރުކޮޅެއްގެ އަހުލުވެރީންނެއް ނުވެއެވެ.) ފަހެ، އެކަލޭގެފާނު އެފުރާނަ ނަންގަވައިފިހިނދު އެކަލޭގެފާނުގެ އަތްޕުޅުގައި އެސްފިޔަޖަހާހާ ހިނދުކޮޅަކުވެސް، އެބޭކަލުން އެފުރާނައެއް ނުބާއްވަވާނެއެވެ. ދެން (ރަޙްމަތުގެ) މަލާއިކަތުން އެފުރާނަ ނަންގަވައި (އެބޭކަލުން ގެންނެވި) އެކަފުނުގެ ތެރެއަށާއި ޙަނޫތުގެ ތެރެއަށް ލައްވަވާނެއެވެ. ފަހެ، އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެވެ." ތިމަން ﷲ ފޮނުއްވި ބޭކަލުން އޭނާ މަރުގަންނަވާނެއެވެ. އަދި އެކަމުގައި އެބޭކަލުން ފަރުވާކުޑައެއް ނުކުރައްވާނެއެވެ. "ދެން އެފުރާނައިން، ބިމުން ފެނިފައިވާ އެންމެމީރުވަސްދުވާ ގޮމަކަސްތޫރީގެ ވަސް ނުކުމެދާނެއެވެ. (ދެން) ޙަދީޘްކުރެއްވިއެވެ. އަދި އެބޭކަލުން އެފުރާނަޔައިގެން މައްޗަށްއަރާ ވަޑައިގެންފާނެއެވެ. ދެން މިމީރުވަސްދުވާ (ހެޔޮ) ފުރާނަޔަކީ ކާކުގެ ފުރާނައެއްހޭ؟ ވިދާޅުނުވާ، މަތިވެރި މަލާއިކަތުންގެ (އެއްވެސް) ޖަމާޢަތެއްގެ އަރިހަކުން އެފުރާނައެއް ނުގެންދެވޭހުއްޓެވެ. އެހިނދު (ޖަވާބުގައި) އެބޭކަލުން ވިދާޅުވާނެއެވެ. އެވެނި މީހެއްގެ ދަރި މިވެނިމީހެކެވެ. ދުނިޔޭގައި އެމީހަކަށް ކިޔައިއުޅުނު ނަންތަކުގެތެރެއިން އެންމެ ރިވެތިނަމުންނެވެ. ދެން އެބޭކަލުންނަށް އެފުރާނަޔާއިގެން ދުނިޔެވީއުޑާއި ހަމައަށް (އެބަހީ : ފުރަތަމަ އުޑާހަމައަށް) ވާޞިލްވެވި ނިމެންދެން އެގޮތުގައި ވާނެއެވެ. އެއަށްފަހު، އޭނާއަށްޓަކައި އުޑުގެދޮރުކޮޅު ހުޅުވެވުމަށް އެދިވަޑައިގަތުމުން އެބޭކަލުންނަށް ދޮރުކޮޅު ހުޅުވިދާނެއެވެ. ދެންކޮންމެއުޑެއްގެވެސް އެއުޑެއްގެ ކުއްތަންވެގެންވާ މަލާއިކަތުން އެއާއި ޖެހިގެންއޮންނަ އުޑާއިހަމައަށް އެފުރާނަ ގެންދަވައިފާނެތެވެ. މިފަދައިން އެފުރާނަ ހަތްވަނައުޑާއި ހަމަޔަށް ގެންގޮސް ނިމިދާނެއެވެ. ދެން ﷲ ޢައްޒަވަޖައްލަ ވަޙިކުރައްވާނެތެވެ. ތިޔަބޭކަލުން ތިމަން ﷲގެ އަޅާގެފަތް (އެބަހީ : އޭނާގެ ނަން) "ޢިއްލިއްޔޫން" ގައި ލިޔުއްވާށެވެ! "އަދި ޢިއްލިއްޔޫން އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންފަރާތެއް ހެއްޔެވެ؟ (އެއީ) ފާހަގަކުރެވިގެންވާ ފޮތެކެވެ. (ﷲއަށް) ކުއްތަންވެގެންވާ އަޅުތަކުން އެފޮތް ދެކެވަޑައިގެންނަވާނެތެވެ." އެހިނދު އޭނާގެފޮތް ޢިއްލިއްޔޫންގައި ލިޔުއްވޭހުއްޓެވެ. އަދި ވަޙީ ކުރެއްވޭނެތެވެ. ތިޔަބޭކަލުން އޭނާ އެނބުރި ބިމަށްގެންދަވާށެވެ! ފަހެ، ހަމަކަށަވަރުން ތިމަން ﷲ އެމީހުން އެބިމުން އުފައްދަވައި، އަދި (މަރުވުމައްފަހު) އެތަނަށް އެނބުރި އިޢާދު ކުރައްވައި، އަދިހަމަ އެތަނުން ދެވަނަ ފަހަރަށް އެމީހުން ނެރުއްވާނެކަމަށް ތިމަން ﷲ އެމީހުންނަށް ވަޢުދުވެވޮޑިގެންނެވީމެވެ. (ދެން) ޙަދީޘްކުރެއްވިއެވެ. އެއަށްފަހު އޭނާބިމަށް އެނބުރި ރުޖޫޢަކުރެއްވޭހުއްޓެވެ. އަދި އޭނާގެ ހަށިގަނޑަށް އޭނާގެފުރާނަ ރުޖޫޢަކުރެއްވޭހުއްޓެވެ. އަދި އޭނާގެ ހަށިގަނޑަށް އޭނާގެ ފުރާނަ ރުޖޫޢަކުރެއްވޭނެތެވެ. (ދެން) ޙަދީޘްކުރެވިއެވެ. އެހިނދު އޭނާގެ އެކުވެރީން އޭނާއަށް ފުރަގަސްދީ ދާހިނދު އެމީހުންގެ ފައިވާންތަކުގެ އަޑު އެމައްޔިތާއަށް އިވޭނެތެވެ. ދެން އޭނާގެ ކައިރިޔަށް ގަދަ ހަޅޭކުގެ ވެރި ދެމަލާއިކަތުން ވަޑައިގަންނަވާނެއެވެ. އަދި އޭގެ ދެބޭކަލުން އޭނާއަށް ބާރަށް ގޮވާލައްވަވާނެއެވެ. އަދި އޭނާ ބައިންދަވާނެއެވެ. ދެން އޭނާއަށް (ސުވާލުކޮށް) ވިދާޅުވާނެއެވެ. ކަލޭގެ ރައްބަކީ ކާކުހެއްޔެވެ؟ އެހިނދު (ޖަވާބުގައި) އޭނާ ދަންނަވާނެއެވެ. އަހުރެންގެ ރައްބަކީ ﷲއެވެ. ދެން ވިދާޅުވާނެއެވެ. ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟ އެހިނދު އޭނާ ދަންނަވާނެއެވެ. އަހުރެންގެ ދީނަކީ އިސްލާމްދީނެވެ. ދެން އޭގެ ދެބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ކަލޭމެންގެ ތެރެއަށް ފޮނުވުނު މިބޭކަލަކީ ކޮބައިހެއްޔެވެ؟ ދެން އޭނާ ދަންނަވާނެއެވެ. އެއީ ﷲގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެއަށްފަހު އެބޭކަލުން ވިދާޅުވާނެއެވެ. އަދި ކަލޭގެ ޢަމަލަކީ ކޮބައިހެއްޔެވެ؟ ދެން އޭނާ ދަންނަވާނެއެވެ. އަހުރެން ﷲގެ ފޮތް ކިޔެވީމެވެ. އަދި އެއަށްއީމާންވެ، ތެދުކުރީމެވެ. ދެން (އަނެއްކާވެސް ބާރަށް) އެބޭކަލުން ވިދާޅުވާނެތެވެ. ކަލޭގެ ރައްބަކީ ކާކުހެއްޔެވެ؟ އަދި ކަލޭގެދީނަކީ ކޮބައިހެއްޔެވެ؟ އަދި ކަލޭގެ ނަބިއްޔަކީ ކާކުހެއްޔެވެ؟ ފަހެ އެއީ މުއުމިނެއްގެ މައްޗަށް ހުށަހެޅޭ އެންމެ ފަހު އިމްތިޙާނެވެ. އަދި އެއީ ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވި ބަސްފުޅު ހިނގާ ވަގުތުވެސް މެއެވެ. "ދުނިޔެވީ ޙަޔާތުގައްޔާއި (އާޚިރަތުގައި) ﷲ ތަޢާލާ އީމާންވިމީހުންނަށް ތެދުބަހުން ޘާބިތުކަން ދެއްވާނެއެވެ." އެހިނދު އޭނާދަންނަވާނެއެވެ. އަހުރެންގެ ރައްބަކީ ﷲއެވެ. އަދި އަހުރެންގެ ދީނަކީ އިސްލާމްދީނެވެ. އަދި އަހުރެންގެ ނަބިއްޔަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. ދެން އުޑުން ގޮވާލައްވާ ފަރާތެއް ގޮވާލައްވާނެއެވެ. ހަމަކަށަވަރުން ތިމަން ﷲގެ އަޅާ ތެދު ހަދައިފިއެވެ. ފަހެ، ތިޔަބޭކަލުން އޭނާއަށް ސުވަރުގެއިން (ތަންމަތި) ފަތުރުއްވަވާށެވެ! އަދި ސުވަރުގެއިން (ގެނެވެ) ފޭރާން އޭނާ ލައްވާށެވެ! އަދި އޭނާއަށް ސުވަރުގެއަށް ދޮރެއް ހުޅުއްވާލައްވާށެވެ! (ދެން) ޙަދީޘްކުރެއްވިއެވެ. އެހިނދު އެތަނުގެ މީރުވަހާއި، ހުވަނދުގެވަސް އޭނާއާއި ހަމައަށް އަންނާނެތެވެ. އަދި އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް އޭނާގެ ކައްވަޅު ތަނަވަސް ކުރެވޭނެތެވެ. (ދެން) ޙަދީޘްކުރެއްވިއެވެ. އެހިނދު މޫނުރިވެތި، ފޭރާންރީތި، ވަސްމީރު، މީހަކު އޭނާގެ ކައިރިޔަށް އައިސް (އަދި އެހެން ރިވާޔަތެއްގައި : އޭނާއަށް ސިފަ ޖެހި) ބުނާނެއެވެ. ކަލޭ އުފާވާ ކަންތަކުން ކަލެއަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ!  ﷲގެ ޙަޟްރަތުންވާ ރުއްސެވުމުގެ ތެރެޔަށާއި އެތަނެއްގައި ދެމިހުންނަނިވި ނިޢްމަތްތައްވާ ސުވަރުގެތަކުގެ ވާހަކައިން އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ! މިއީ ކަލެއަށް ވަޢުދުވެވުނު ކަމުގައިވީ ދުވަހެވެ. ދެން އެމައްޔިތާ އެމީހަކަށް ބުނާނެއެވެ. އަދި ތިބާއަށޯ! ފަހެ ﷲ ތަޢާލާ ތިބާއަށްވެސް އުފާވެރިކަމުގެ ޚަބަރު ދެއްވާނެތެވެ. ތިޔައީ ކާކުހެއްޔެވެ؟ ފަހެ ތިބާގެ ތިޔަ މޫނަކީ ހެޔޮކަމާއިގެން އަންނަ މޫނެކެވެ. ދެން އެމީހަކަށް ބުނާނެއެވެ. އަހަންނަކީ ކަލޭގެ ޞާލިޙް ޢަމަލެވެ. ފަހެ ﷲ ގަންދީ ބުނަމެވެ. ﷲއަށް ކިޔަމަންތެރިވުމުގައި އަވަސްވެ، އަދި އެއިލާހަށް އުރެދުމުގައި ލަސްވެ އުޅޭތީ ނޫން ގޮތެއްގައި ވަނިކޮށް، މަށަށް ކަލޭ އެނގިފައެއް ނުވެއެވެ. ވުމާއެކު ﷲ ތަޢާލާ ކަލެއަށް ހެޔޮޖަޒާ ލައްވާށިއެވެ. ދެން އޭނާއަށްޓަކައި ސުވަރުގެއިން ދޮރުކޮޅެއް ހުޅުއްވޭނެތެވެ. އަދި ނަރަކައިންވެސް ދޮރެއް ހުޅުއްވޭނެތެވެ. އަދި އޭނާއަށް ބުނެވޭނެއެވެ. ކަލޭ ﷲއަށް އުރެދޭ ކަމުގައިވީނަމަ ކަލޭގެ މަންޒިލަކަށްވީހީ މިތަނެވެ. (އެބަހީ : ނަރަކައެވެ.) ނަމަވެސް އެތަނުގެ ބަދަލުގައި ﷲ ތަޢާލާ ކަލެއަށް ވަނީ މިތަން (އެބަހީ : ސުވަރުގެ) ދެއްވާފައެވެ. ދެން ސުވަރުގޭގައިވާ ތަކެތި އޭނާ ދެކޭ ހިނދު އޭނާ ދަންނަވާނެއެވެ. އަޅުގެ ރައްބެވެ! ޤިޔާމަތް އަވަސް ކުރައްވައި ފާނދޭވެ! މިއަޅާގެ އަހުލުވެރިންނާއި، މުދަލުގެ ކައިރިއަށް އެނބުރި ދިޔުމަށްޓަކައެވެ. ދެން ބުނެވޭހުއްޓެވެ. ހިމޭންވާށެވެ!
ދެން ޙަދީޘްކުރެއްވިއެވެ. އަދި ހަމަކަށަވަރުން ކާފިރު (އަދި އެހެން ރިވާޔަތެއްގައި : ނުލަފާ) އަޅާ ދުނިޔޭގެ ކަންކަމުން ކެނޑި އާޚިރަތުގެ ކަންކަމަށް ކުރިމަތިލާހިނދު އޭނާގެ ކައިރިޔަށް އުޑުން ގަދަފަދަ ހަރުކަށި، މޫނުފުޅުތައް ކަޅު (އަނދިރި) މަލާއިކަތުންތަކެއް ފައިބައިވަޑައިގަންނަވާނެއެވެ. އެބޭކަލުންނާއިއެކު ނަރަކައިންގެނެވުނު ކުރަކި ބުރަބޮޑު ފޭރާންތަށް ވާނެއެވެ. ދެނ އެބޭކަލުން އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބުގައި އިށީނދެ ތިއްބަވާނެއެވެ. ދެން މަލަކުލްމަވްތު ވަޑައިގެން އޭނާގެ ބޯލާކޮޅުގައި އިށީންދެ އިންނަވައި ވިދާޅުވާނެއެވެ. އޭ ހިޑިމުޑުދާރު ފުރާނަޔާއެވެ! ﷲގެ ޙަޟްރަތުންވާ ކޯފާއާއި ނުރުއްސެވުމުގެ ތެރެއަށް ނުކުންނާށެވެ! (ދެން) ޙަދީޘްކުރެއްވިއެވެ. އެހިނދު އެފުރާނަ އޭނާގެ ހަށިގަނޑުތެރޭގައި ވަކިވަކިވެގަތުމަށްފަހު ތެތްވެފައިވާ ކެހެރިތަކުން ދޫތައްގިނައޫ ވަކިކޮށްގަންނަފަދައިން އެފުރާނަ (ހަށިގަޑުން ވީދަވައި) ވަކިކުރައްވާނެތެވެ. ދެން އެއާއި އެކު ލޭނާރުތަކާއި ހޮޅިތަށް ބުރިބުރިވާނެއެވެ. އަދި އުޑާއި ބިމާއިދެމެދުގައިވާ ކޮންމެ މަލާއިކަތަކު އޭނާއަށް ލަޢުނަތް ލައްވަވާނެއެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތަކުވެސްމެއެވެ. އަދި އުޑުގެ ދޮރުކޮޅުތައް ލެއްޕެވޭނެއެވެ. އެފުރާނަ އެބޭކަލުންގެ ފަރާތްޕުޅުން ނުއުފުއްލެވުމަށް ﷲ ތަޢާލާއަށް ނުދަންނަވާ އެއްވެސް ދޮރުކޮޅެއްގެ އަހުލުވެރިންނެއްނުވެއެވެ. ދެން މަލަކުލްމަވްތު އެފުރާނަ ހިއްޕަވާފާނެތެވެ. ދެން އެކަލޭގެފާނު އެފުރާނަ ހިއްޕަވައިފި ހިނދު އެކަލޭގެފާނުގެ އަތްޕުޅުގައި އެސްފިޔަޖަހާހައި ހިނދުކޯޅަކުވެސް ނުބާއްވަވައި އެކުރަކި ބުރަބޮޑު ފޭރާންތަކުގެ ތެރެއަށް ލައްވަވައިފާނެއެވެ. ދެން އެއިން ބިންމަތިން ފެނިފައިވާ އެންމެ ނުބައިވަސް އަރާނެއެވެ. އެހިނދު އެބޭކަލުން (އެބަހީ : ޢަޛާބުގެ މަލާއިކަތުން) އެފުރާނަޔާއިގެން މައްޗަށް އަރައިވަޑައިގަންނަވާނެއެވެ. ދެން މިއީ ކޮން މުޑުދާރު ފުރާނައެއްހޭ؟ ވިދާޅުނުވާ މަލާއިކަތުންގެ ޖަމާޢަތެއްގެ އަރިހަކުން އެފުރާނައެއް ނުގެންދެވޭނެއެވެ. އެހިނދު އެބޭކަލުން ދަންނަވާނެތެވެ. އެވެނި މީހެއްގެ ދަރި މިވެނި މީހެކެވެ. ދުނިޔޭގައި އުޅުނުއިރު އޭނާއަށް ކިޔާފައިވާ ނަންތަކުންކުރެ އެންމެ ހުތުރުނަމުންނެވެ. ދެން ދުނިޔެވީ އުޑާއިހަމަޔަށް ވާޞިލްވެ ވަޑައިގެންނެވިދާނެއެވެ. ދެން އެބޭކަލުން އޭނާއަށްޓަކައި (އުޑުގެ) ދޮރުކޮޅު ހުޅުއްވައިދެއްވުމަށް އެދިވަޑައިގަންނަވާނެއެވެ. ނަމަވެސް އޭނާއަށްޓަކައި ދޮރުކޮޅެއް ނުހުޅުވޭނެއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް (މިފަދައިން) ކިޔަވައި ވިދާޅުވިއެވެ. "އެމީހުންނަށްޓަކައި އުޑުގެ ދޮރުކޮޅުތަކެއް ނުހުޅުވޭނެތެވެ. އަދި ތިނޯހެއްގެ ފަގައިން ޖަމަލު ވަދެއްޖެއުމަށް ދާންދެން އެމީހުން ސުވަރުގެވެސް ނުވަންނަހުއްޓެވެ." ދެން ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާނެއެވެ. އެންމެ އަޑީބިމުގައިވާ ސިއްޖީނުގައި އޭނާގެ ފަތް ލިޔުއްވާށެވެ! ދެން ވަޙީކުރެއްވޭނެއެވެ. ތިމަން ﷲގެ އަޅާ އެނބުރި ބިމަށްގެންދަވާށެވެ! ފަހެ ހަމަކަށަވަރުން ތިމަން ﷲ އެމީހުން އެތަނުން އުފައްދަވައި، އަދި އެމީހުން އެތަނަށް އެނބުރި ގެންދަވައި، އަދި އަނެއްފަހަރު އެމީހުން އެތަނުން ނެރުއްވާނެ ކަމަށް ތިމަން ﷲ އެމީހުންނަށް ވަޢުދުވެ ވޮޑިގެންނެވީމެވެ. އެހިނދު އުޑުން އޭނާގެ ފުރާނަ އެއްލާލެވުމަކުން އެއްލާލެވޭނެތެވެ. އޭނާގެ ހަށިގަނޑަށް އެފުރާނަ ވެއްޓިއްޖެއުމަށް ދާންދެނެވެ. ދެން އެކަލޭގެފާނު (މިފަދައިން) ކިޔަވައިވިދާޅުވިއެވެ. "ﷲއަށް ޝަރީކު ކުރާމީހާއީ އުޑުން ވެއްޓިއްޖެފަދަ މީހެކެވެ. އެޙާލުގައިވަނިކޮށް ދޫނި އޭނާޖަހައިގެންފާނެތެވެ. ނޫންނަމަ ދުރުތާކަށް، ވައި، އޭނާ އެއްލާލައިފާނެތެވެ. "އެހިނދު އޭނާގެ ހަށިގަޑަށް އެފުރާނަ ރުޖޫޢަކުރެއްވޭނެއެވެ. (ދެން) ޙަދީޘްކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން އޭނާގެ އެކުވެރިން އޭނާއަށް ފުރަގަސްދީ އެނބުރި ދާހިނދު އެމީހުންގެ ފައިވާންތަކުގެ އަޑު އެމައްޔިތާއަށް އިވޭނެއެވެ. ދެން އޭނާގެ ކައިރިޔަށް ގަދަ ހަޅޭކުގެވެރި ދެ މަލާއިކަތުން ވަޑައިގަންނަވާނެއެވެ. އަދި އޭގެ ދެބޭކަލުން އޭނާއަށް ބާރަށް ގޮވާލައްވަވާނެއެވެ. އަދި އޭނާ ބައިންދަވާނެއެވެ. ދެން އޭނާއަށް (ސުވާލުކޮށް) ވިދާޅުވާނެއެވެ. ކަލޭގެ ރައްބަކީ ކާކުހެއްޔެވެ؟ އެހިނދު (ބުނާނެ އެއްޗެއް ނޭނގިގެން ޖަވާބުގައި) އޭނާ ދަންނަވާނެއެވެ. ހާހް، ހާހް މަށަކަށް ނުއެނގެއެވެ. ދެން ވިދާޅުވާނެއެވެ. ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟ އެހިނދު އޭނާދަންނަވާނެއެވެ. ހާހް، ހާހް މަށަކަށް ނުއެނގެއެވެ. ދެން އޭގެ ދެބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ކަލޭމެންގެ ތެރެއަށް ފޮނުއްވުނު މިބޭކަލަކާއިމެދު ބުނަނީ ކީކޭހެއްޔެވެ؟ ދެން އެބޭކަލެއްގެ ނަންފުޅަކަށް އޭނާއަށް މަގެއް ނުދެއްކޭނެތެވެ. ދެން ބުނެވޭހުއްޓެވެ. މުޙައްމަދުތަ! އެހިނދު އޭނާ ދަންނަވާނެއެވެ. ހާހް، ހާހް އަޅުގަނޑަކަށް ނުއެނގެއެވެ. މީހުން އެހެން ބުނާތީ އަޑުއަހަމެވެ. (ދެން) ޙަދީޘްކުރެއްވިއެވެ. އެހިނދު ބުނެވޭނެއެވެ. ކަލެޔަށް އެނގުނު ކަމަކަށްނުވެއެވެ. އަދި ކަލޭ (ޤުރްއާން) ކިޔެވިކަމަކަށްވެސް ނުވެއެވެ. އެވަގުތު އުޑުން ގޮވާލައްވާފަރާތެއް ގޮވާލައްވާނެއެވެ. ހަމަކަށަވަރުން އޭނާ ދޮގުހަދައިފިއެވެ. ފަހެ ތިޔަބޭކަލުން އޭނާއަށް ނަރަކައިން (ގެނެވޭ ތަންމަތިތަށް) ފަތުރުއްވަވާށެވެ! އަދި އޭނާއަށް ނަރަކައަށް ދޮރެއް ހުޅުއްވައިދެއްވާށެވެ! އެހިނދު އޭނާއާއިހަމައަށް އެތަނުގެ ހޫނުން ހޫނުއަންނަހުއްޓެވެ. އަދި އެތަނުގެ ހޫނުވައިވެސްމެއެވެ. އަދި އޭނާގެ ކައްވަޅު އޭނާގެ މައްޗަށް ދަތިވެ (ދެފުށްޖެހި ފިތިބާރު) ވާނެއެވެ. އޭނާގެ އަރިކަށީގެ ކަށިތައް (ރޫޅި) އެއްކަށިގަނޑު އަނެއް ކަށިގަނޑުގެ ތެރެއަށް ވަދެއްޖެއުމަށްދާންދެނެވެ. ދެން އޭނާގެ ކައިރިއަށް މޫނުހުތުރު ފޭރާންހަޑި ވަސްނުބައި މީހަކުއައިސް (އެހެން ރިވާޔަތެއްގައި : އޭނާއަށް ސިފަޖެހި) ބުނާނެއެވެ. ކަލެއަށް ނުބައިކަން ދެނިވިކަންތަކުން އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. މިއީ ކަލެއަށް ވަޢުދު ވެވުނުކަމުގައިވީ ދުވަހެވެ. އެހިނދު އޭނާ ބުނާނެއެވެ. އަދި ކަލެޔަށޯ! ﷲ ކަލެއަށްވެސް ނުބައިކަންތަކުގެ ވާހަކައިން އުފާވެރިކަމުގެ ޚަބަރު ދެއްވާނެތެވެ. ތިޔައީ ކާކުހެއްޔެވެ؟ ފަހެ ތިޔަމޫނަކީ ނުބައިކަން ގެނެސްދެނިވި މޫނެކެވެ. ދެން އެމީހަކު ބުނާނެއެވެ. އަހަންނަކީ ކަލޭގެ މުޑުދާރު ޢަމަލެވެ. ފަހެ ﷲ ގަންދީ ބުނަމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި ލަސްވެ، އަދި އެއިލާހަށް އުރެދުމުގައި އަވަސްވެ އުޅޭތީ ނޫން ގޮތެއްގައި ވަނިކޮށް، މަށަށް ކަލޭ އެނގިފައެއްނުވެއެވެ. ވުމާއެކު ﷲ ތަޢާލާ ކަލެޔަށް ނުބައި ޖަޒާ މިންވަރުކުރައްވާށިއެވެ. ދެން އޭނާއަށްޓަކައި ކަނު ބީރު މަންމަން ބޭކަލަކު ފާކުރެއްވޭހުއްޓެވެ. އެބޭކަލެއްގެ އަތްޕުޅުގައި މުގުރުބުރިއެއް ވާނެއެވެ. އެއިން ފަރުބަދައެއްގައި ޖެހިއްޖެނަމަ އެފަރުބަދައެއް ވެއްފަށްވެދާހުއްޓެވެ. ދެން އޭނާ ވެއްޔަށް ވެއްޖައުމަށް ދާންދެން (ވަރުގަދަ) ޖެއްސެވުމަކުން ޖައްސަވައިފާނެއެވެ. ދެން ﷲ ތަޢާލާ އޭނާ ކުރިޔެކޭވެސް އެއްފަދައިން އެނބުރި ރުޖޫޢަ ކުރައްވާހުއްޓެވެ. އެއަށްފަހު އަނެއްކާވެސް ޖައްސަވައިފާނެއެވެ. އެހިނދު އޭނާ ހަޅޭލަވައިގަންނާނެއެވެ. އިންސާނާއި ޖިންނީން ފިޔަވައި އެހެން ކޮންމެ އެއްޗަކަށް އެއަޑު އިވޭނެތެވެ. ދެން އޭނާއަށް ނަރަކައިގެ ދޮރެއް ހުޅުއްވޭހުއްޓެވެ. އަދި ނަރަކައިގެ ތަންމަތިތަކުން (ތަންމައްޗެއް) ފެތުރުއްވޭނެތެވެ. އެހިނދު އޭނާދަންނަވާނެއެވެ. އަޅުގެ ރައްބު! ޤިޔާމަތް ޤާއިމް ނުކުރައްވާނދޭވެ!"
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ކައްވަޅުގެ ޢަޛާބު އިވޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީނަމަ ބިރުން މަރުވެދާނެތެވެ. ނުވަތަ ހޭހުސްވެގެން ވެއްޓިދާނެއެވެ. ނޫންނަމަ ބިރުން މައްޔިތަކު ވަޅެއްވެސް ނުލާނެއެވެ. އެހެން ކަމުން އެތަނުގެ ބިރުވެރިކަމާއި ނާމާންކަން ހިތްޕުޅަށް ގެންނަވާށެވެ! އަދި ގަދައަޅައި މަސައްކަތްކުރައްވައިގެން އެތަނުން ނަޖާވޭތޯ ބައްލަވާށެވެ! ތިބާ ބޭނުންވަނީ ކައްވަޅުގައި އެކަނިވެރި ޙާލު، އަލިފާނުގައި އޮންނަންހެއްޔެވެ؟ ކަނުއަނދިރިކަމާއި ދަތިކަމުގައި އޮންނަންހެއްޔެވެ؟ ތިބާ މަރުވުމަށްފަހު ތިބާއާ މެދު ވާނޭގޮތަކާއިމެދު ނިކަން ވިސްނަވާށެވެ! ތިމާގެ ގައިގާ އެފަދަ މުގުރުބުރިއަކުން ޖެހިއްޖެނަމަ ތިބާއަށް ވާނީ ކޮންގޮތެއްހެއްޔެވެ؟ ތިބާ ތިޔައުޅެނީ ނިކަމެތި މަޚްލުޤުން (ފުލުހުންނާއި ސިފައިން) ތެޅި ތަންތަނުން އަދިވެސް ތަދު ނުފިލައިގެންނެވެ. ވީއިރު އެފަދަ ގަދަފަދަ މަލާއިކަތުންގެ ތެޅުއްވުމަށް ކެތްކުރެވޭނެހެއްޔެވެ؟ ﷲ ތަޢާލާ އަޅަމެން މިބިރުވެރި އަނދަވަޅުން ސަލާމަތް ކުރައްވައި އެތަން ބަޤީޗާއަކަށް ބަދަލުކޮށްދެއްވާށިއެވެ. އަޅަމެންގެ ދީނާއި ދުނިޔޭގެކަންތައް ޞުލްޙަކުރައްވައި އެދެތަން ބާއްޖަވެރި ކުރައްވާށިއެވެ. އަދި މަރާއި ކައްވަޅުގެ ބިރުވެރިކަމުން ޢިބްރަތް ޙާޞިލް ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން.