ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

03 April, 2013

އިހުގެ ފަތްފުށްތަކުން



މި ފަޑިޔާރުގެއިން ރާއްޖޭގެ ރަށްރަށުގެ ނައިބު ކަން މީސްމީހުނަށް ދެއްވިފައިވަނީ އެމީސްމީހުންގެ އިއްޒަތަކަށް ނޫނެވެ. އެ މީސްމީހުން ނަށް ދެއްވެވިފައިވާ ފަތުގައި ހުރިމަގުން އެހީތެރިކަމާއެކު އިސްލާމު ދީނުގެ ކަންތައް ރަގަޅަށް ހިންގުމަށެވެ.


 އެ މީސްމީހުން ހިންގާން އުޅޭ ދީނުގެ ކޮންމެ ކަމަކާ މެދުގައި ތިޔަބައި މީހުން އެންމެން ވާނީ އެހީތެރިވާށެވެ. އެމީސް މީހުން ދީނުގެ ކަންތަކާ އެހީތެރި ނުވާނަމަ އެ ކަން މިފަޑިޔާރު ގެ އަށް ނާންގައެއްވެސް ނުވާނެއެވެ.  ފަހެ ނައިބުން ވާނީ އެމީސް މީހުން ނަށް އަމުރު އޮންނަ ރަށްރަށުގައި ދީނުގެ ކަންތައް ހިގައިނުހިގައި ގޮތް ބަލާ، ޖަމާއަތުގައި މީހުން ނަމާދު ކުރޭތޯ ނުކުރޭތޯ ބަލައި ނަމާދު ނުކުރާ މީހުންނަށް އަދަބުދީ ހަދާށެވެ. ފައުޅުގައި ހިގާ ކޮންމެ މުންކަރާތެއް ވާނީ މަނާ ކުރާށެވެ. އެކަކު އަނެކަކަށް ހުތުރުބަސްތަށް ގޮވައި ލަދު ޙަޔާތް ނެތް ގޮތަށް އުޅުން މަނަޢު ކޮށް އެފަދަ ކަންކަމަށް ވާނީ އަދަބުދޭށެވެ. ދެމީހުންގެ ދެމެދުގައި ސަރީއަތެއް ޖެހިއްޖެ ނަމަ އަވަހަށް ވާނީ އެކަން ފިލުވައިދޭށެވެ. އަމިއްލަ އަށް ނުފިލާ ވަރުގެ ކަމެއްކަމުގައިވާނަމަ މި ފަޑިޔާރުގެ އަށް އަންގައިގެން ފިލުވައިދޭނީއެވެ. ކޮންމެ ރަށެއްގައިމެ ތިބި އުމުރުން ބާރަ އަހަރު ވެއްޖެ އަންހެން ފިރިހެން އެންމެންގެ ކިބައިން އަރަބި އަކުރާއި ތާނަ އަކުރު ލިޔާން ކިޔާން ދަނޭތޯ ބަލައި ނުދަންނަ ބަޔަކު ފެނިއްޖެނަމަ އެބަޔެއްގެ ނަން ރަގަޅަށް އޮޅުން ފިލާނޭހެން  މިއަހަރު ނާއިބު ފަތް ބަލައި އަންނަމުން ފަޑިޔާރު ގެއަށް ގެންނާށެވެ. މި އަންނަ ރަޖަބު ނޫން ދެން އަންނަ ރަޖަބަކަށް އަރަބި އަކުރާއި ތާނަ ލިޔާން ކިޔާން ދަސް ނުކޮށް ހުރެއްޖެ ކޮންމެ މީހަކަށް އަދަބު ދޭނޭކަން އަންގާށެވެ. މައިން ބަފައިން ނެތް ޔަތީމު ކުދިންނަށް  އަކުރު ދަސް ކޮށް ދިނުމަށާއި ދީން ދަސް ކޮށް ދިނުމަށް ރަށްރަށުގެ ޙަތީބު މުދިމުން އެހީ ވާށެވެ. އެމީހުން ނަށް ރައްޔަތުންގެ ކިބައިން ވެރިން އުޖޫރަ ލިބިދެއްވައިފާ ވަނީ  އެރަށްޔަތުންގެ މިފަދަ ޙާލުތަކަށް ވެސް އެހީތެރިވެ އުޅޭން ކަން ދަންނާށެވެ. ތިޔަބައިމީހުން އެންމެން މާތް ދޭވަތާއިންގެ ކިބަޔަށް ބިރުވެތިވެ ތަޤުވާވެރިވެ ސުލްޙަ މަސަލަހަތުގައި ރިވެތިކޮށް ދީނަށް އުޅޭހުށިކަމެވެ.