ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

09 April, 2014

މުސައްލަމަތީގައި ނަމާދުކުރުން

މުސައްލަމަތީގައި ނަމާދުކުރުން






މުޞައްލަޔަކީ އެއްވެސް ޙާލަތެއްގައި ނަމާދު އޭގައި ކުރުން ލާޒިމް އެއްޗެއްނޫނެވެ. އަދި  ނަމާދު އޭގައިކުރުމަކީ ޘަވާބާއި ދަރުމަ އިތުރުވާކަމެއްވެސް  ނޫނެވެ. އަދި ނަމާދަށް ވަކި ޚާއްޞައްކަމެއް ގެނެސްދޭ ކަމެއްވެސް ނޫނެވެ.

މުޞައްލައިގެ އަޞްލަކީ ނަމާދު އޭގައި ކުރުން ހުއްދަވުމެވެ. އިމާމް ބުޚާރީ އާއި މުސްލިމް މައިމޫނާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي عَلَى الْخُمْرَةِ } މާނައީ: " ރަސޫލާ ޞައްލަﷲ ޢަލަހިވަސައްލަމް ކަދުރުގެ ފަނުން ހެދިފައިވާ ކުޑަ މުޞައްލަޔަކަށް ނަމާދު ކުރައްވާ އުޅުއްވަތެވެ " މިއަށް ޚުމްރާއޭ ކިޔައި އުޅެނީ މޫނާއި ދެއަތްތިލަ ބިމުގެ ހޫނާއި ފިނިން ފޮރުވާލަ ދޭތީއެވެ. 
އިމާމް ޝައުކާނީ ވިދާޅުވަނީ މިޙަދީޘުން ދޭހަކޮށްދެނީ ފޮތިގަނޑެއް ނުވަތަ ކަދުރުގެ ފަންތައް ނުވަތަ އެފަދަ އެއްޗެއްގެ މަތީ ނަމާދު ކުރެވިދާނެ ކަމެވެ. އެއީ އޭގެ ޒާތުގައި ކުޑަ އަދި ބޮޑު އެއްޗެއްކަމުގައި ވިއަސް މެއެވެ.
ނަމަވެސް ނަމާދުކުރެވޭ މުޞައްލާގައި ފުރާނަލީ އެއްޗެއްގެ ސޫރަވާނަމަ، އޭގައި ނަމާދުކުރުން މަކްރޫހަ ވެގެންވާކަމަށް ޙަނަފީ މަޒްހަބާއި މާލިކީ މަޒްހަބު އަދި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ. އަދި ޤިބުލައަށް ކުރިމަތިވާގޮތަށް ވާނަމަ އޭގައި ނަމާދުކުރުން މަކުރޫހަވެގެންވާކަމަށް ވަނީ އިއްތިފާޤުވެފައެވެ. އެއީ ކާފަރުން ބުދަށް އަޅުކަން ކުރުމާއި އެއްގޮތް ކަމަކަށް ވާތީއެވެ. އިސްވެދިޔަ ދަލީލުތަކަށް ބަލާލާއިރު މުސްލިމަކު ނަމާދުކުރާއިރު ތަފާތު ޒާތްޒާތުގެ ފުރާނަލީ ތަސްވީރުތައް ހުރި މުޞައްލައެއްގެ މަތީ ނަމާދުކުރުން އެއީ އެކަށީގެންވާ ކަމެއްނޫންކަން ވަރަށް ސާފުކޮށް އެގެއެވެ.
އަދި އޭގައި މާބޮޑަށް ޖަރީކޮށްފައިނުވާ ފުރާނަނެތް އެއްޗެއްހީގެ ސޫރަނުވާނަމަ (މިސާލަކަށް؛ މިސްކިތް، ފަރުބަދަ ނުވަތަ ގަސްފަދަ ތަކަތީގެ ފޮޓޯ) ވާނަމަ ހުއްދަވެގެން ވެއެވެ. އަދި އެއީ މާބޮޑަށް ޖަރީކޮށްފައިވާ ނުވަތަ ނަމާދުގައި ސަމާލުކަން ގެއްލޭފަދަ ކުރެހުން (ޑިޒައިން) ވާ އެއްޗެއްނަމަ އޭގައިވެސް ނަމާދުކުރުން މަކްރޫހަ ވެގެންވެއެވެ. ސަބަބަކީ އޭގެ ސަބަބުން ނަމާދުކުރާމީހާގެ ޚުޝޫޢަތްތެރިކަން ގެއްލޭނެތީއެވެ. ނަމަވެސް އޭގައި ކުރާނަމާދަކީ ބާޠިލު ނަމާދަކަށް ނުވާނެއެވެ. އެހެން ނަމަވެސް ލިބެންޖެހޭ ފުރިހަމަ އަޖުރާ ޘަވާބު އުނިވާނެއެވެ. والله أعلم