المائدة ސޫރަތުގެ 3ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ]...الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا...[ މާނައީ:- "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."
ﷲ ޞުބްޙާނަހޫ ވަޠައާލާ އަޅުގަނޑުމެންނަށް އިސްލާމް ދީން ފުރިހަމަ ކޮށްދެއްވާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މެދުވެރި ކޮށްދެއްވާ މިދީނުގެ އެންމެހާ އަސާސްތަށް ވަނީ ބަޔާން ކޮށްދެއްވާފައެވެ. ކޮންމެބޭފުޅަކު ވިސްނާ ވަޑައިގަންނަވަންޖެހޭނެ ކީރިތި قرآن އާ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތާ ދޭތި ވަކިނުކުރެވޭނެކަން. قرآن އާ ޙަދީޝް ވަކިނުކުރެވޭނެކަން ދަންނަން ޖެހޭނެ. އެންމެހާ މުސްލިމުން އީމާންވާންޖެހޭނީ މި ދެ މަސްދަރަށް. ކީރިތި قرآن، رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް. މީގެތެރެއިން ސުންނަތް ވަކިކޮށްލާފަ ހަމައެކަނި قرآن އަށް އީމާންވި ކަމަށްވިޔަސް ވެސް އެމީހަކު އީމާންވިކަމަށް ނުބެލެވޭނެ. އެއީ އޭގެ އަނެއް މަސްދަރަށް އީމާންނުވާތީ. قرآن އެއީ މުސްލިމުންގެ ދުސްތޫރް އެންމެހާ އަސާސީ ނުގުތާތަކެއް އޭގަ އައިސްފައިވޭ. އެހެންނަމަވެސް އެކަންތަކުގެ ތަފްސީލުތައް އައިސްފައިވަނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހަދީޝް ތަކުގަ.
މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ޔަހޫދީންނާއި، ނަޞާރާއިންގެ އުސޫލް ތަކަށް ތަބާވާ އެބައި މީހުން ޤަބޫލު ކުރާ ގޮތް ތަކަކީވެސް މި ދިވެހި މުސްލިމުންނަށް ޤަބޫލް ކުރެވޭ ގޮތްތަކަކަށް ވަނީ ވެފައެވެ. ތަފާތު އެކިއެކި ދުވަސްތަށް އެކި ނަންނަމުގަ ފާހަގަ ކުރެވުމަކީ މިކަމާއިމެދު މުސްލިމުން ވިސްނާލަން ޖެހޭނެ ކަންކަމެވެ. މާތް ﷲ ވަނީ އިސްލާމް ދީން ފުރިހަމަ ކޮށްދެއްވާފައެވެ. އަދި އަޅުގަނޑުމެން އުޅެންވީ ސާފް ސީދާ ތެދުމަގު ވަނީ ބަޔާންކޮށް ނިމިފައެވެ. ވީމާ މިއަދު ބަޔަކު މިދީނަށް އާކަންތަށް ތަކެއް ވައްދާ އެކަންތަށް މުސްލިމުން ފާހަގަ ކުރުމަކީ ކަނޑައެޅި ބަޔާންވެގެންވާ ބިދުޢަ ފިޔަވާ އިތުރު ކަމެއް ނޫނެވެ.
އުފަންދުވަސް ފާހަގަ ކުރުމާއި، ދުނިޔެ ދޫކުރާ ދުވަސް ފާހަގަ ކުރުމާއި، ލޯބިވެރިންގެ ދުވަސްފަދަ ދުވަސްތަށް ފާހަގަ ކުރުމަކީ އިސްލާމް ދީނުގެ މަތިވެރި ސުންނަތްތަކަށް ތަބާވާ ބަޔަކު ކުރާނެ ކަންތަށްތަކެއް ނޫނެވެ. އަދި އެއީ މިއަދު ކާފަރުން މުސްލިމުންގެ މެދުގައި ދީނީގޮތުން ބައިބައިވުންއުފައްދާ އެބައިމީހުންގެ ދީނާއި އަޅުކަންއެބައިމީހުންގެ ކިބައިން ދުރުކޮށް ދުނިޔަވީ ގޮތުން މަންފާތަށް ހޯދާ ހުރިހާވެސް އުފަލަކާ އަރާމަކީ ދުނިޔޭގެ އުފަލާ އަރާމުކަން އެބައިމީހުންނަށް ވިސްނުމަށް ކުރަމުންދާ ވިހަގަދަ ދުސްތޫރީ ޕްލޭންތަކެކެވެ. މި ނުބައި ދަންތުރަ ތަކުގައި ޖެހި އަޅުގަނޑުމެންގެ މުޅި މުޖްތަމަޢު މިވަނީ ޤާފިލް ކަމުގެ ތެރޭގައެވެ. އަޅުކަމާއި ދުރުވެ ދުނިޔަވީ އެދުންތަކަށް ތަބާވާ މީހުންގެ އަދަދު މިވަނީ ގިނަވެގެން ގޮސްފައެވެ.
ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. لَتَتَّبِعُنَّ سُنَنَ مَنْ كَانَ قَبْلَكُمْ شِبْرًا بِشِبْرٍ ، وَذِرَاعًا بِذِرَاعٍ ، حَتَّى لَوْ دَخَلُوا حُجْرَ ضَبٍّ لاتَّبَعْتُمُوهُمْ " ، قَالُوا : يَا رَسُولَ اللَّهِ ، فَمِنَ الْيَهُودِ وَالنَّصَارَى ؟ قَالَ : " فَمَنِ النَّاسُ إِلا الْيَهُودُ وَالنَّصَارَى ؟ " " ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރީން އައި މީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންނަށް އެކަމުގައި ތަބާވާނެއެވެ. (އެބަހީ އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ.) އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެރަސޫލާއެވެ. އެބަޔަކީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟" (ބުޚާރީީ: 8/151، މުސްލިމް 4/2054 (އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ" (أخرجه أبو داود وأحمد) "ބަޔަކާއި ވައްތަރުވެގެންފި މީހަކު ވަނީ އެބައިމީހުންގެ ތެރެއިންނެވެ ."
މިއަދު ފާހަގަ ކުރަމުން މިދާ ޢީދު މީލާދު ދުވަހަކީ ކަންޑައެޅިގެން ބިދުޢަ އެއްކަމަށް ދީނުގެ ދަންނަބޭކަލުން އިއްތިފާގް ވެފައިވެއެވެ. ނަމަވެސް ޖާހިލުކަމުގެ ނިދީގައި ތިބި ބަޔަކަށް އެއީ ކިހާވަރެއްގެ ކަމެއްކަމެއް ނޭނގެއެވެ. ބައެއް މީހުން ބުނާގޮތުން ރަސޫލާ صلى الله عليه وسلم ގެ އުފަންދުވަސް ފާހަގަކުރުމުން އެކަލޭގެފާނުގެ ޛިކުރާ އާކުރެވެއެވެ. ނަމަވެސް އެކަލޭގެ ފާނު އުފަންވެވަޑައިގަތީ މިދުވަހުގައި ކަމެއް އެއްވެސް ފަރާތަކަށް ކަށަވަރު ކޮށްދެވިފައެއް ނުވެއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަހާބީން ޢީދުމީލާދު ފާހަގަ ކޮށްފައި ނުވެއެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވާ އެކަލޭގެ ފާނުގެ މަށްޗަށް ސަލާމް ލެއްވުމަށް އެދި ދުއާ ކުރުމަށް އަހަރެއްގެ އެއްދުވަސް ފާހަގަ ކޮށް އެދުވަހުގައި އެކަން ކޮށް ނިންމާލުމަކީ މުސްލިމުންނަށް ހުއްދަވެވިގެން ވާކަމެއް ނޫނެވެ. އެކަލޭގެ ފާނުގެ މައްޗަށް ޞަލަވާތް ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި ކިޔެވެއެވެ. ބަންގިއާއި، ގަމަތާއި، ދެމެދު އެކަލޭގެ ފާނުގެ ޛިކުރާ އާކުރެވެއެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރުމަށް މުސްލިމުންނަށް މާތްﷲ ވަނީ އަމުރު ކުރަށްވާފައެވެ. އެކަލާނގެ ވަޙީ ކުރަށްވާފައިވެއެވެ. إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا (الاحزاب: ٥٦) “ހަމަކަށަވަރުން، ﷲއާއި، އެއިލާހުގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!”
މިޙަދީޘް އިން އެނގެނީ ޞަލަވާތް ކިޔަވަންވީ އަޅުގަނޑުމެން އަމިއްލަޔަށް ކަމެވެ. ބަޔަކު މީހުންނަށް ފައިސާ ދީގެން ވަކި ދުވަހެއް ފާހަގަ ކޮށް އެކަލޭގެ ފާނުގެ މައްޗަށް ޞަލަވާތް ކިޔަވާލުމުން މިކަން ފުދިގެން ދިޔައީކީ ނޫނެވެ.
ރަސޫލުﷲ صلى الله عليه و سلم ދެކެ ލޯބިވުމަކީ އެއްވެސް ޙާލެއްގައި ހަމައެކަނި ތަޢުރީފްގެ ބަސްތަކަކަކުން އެކަލޭގެފާނަށް މަދަހައާއި ޘަނާ ކިޔުމެއް ނޫނެވެ. އެކަލޭގެ ފާނުދެކެ ލޯބިވުމަކީ އެކަލޭގެފާނަށް ފުރިހަމަޔަށް ތަބާވުމެވެ. އެކަލޭގެފާނު ގެނެސްދެއްވި ރިވެތި މަންހަޖުގައި ހިފަހަށްޓައި އެއާ އެއްގޮތަށް ޢަމަލުތަށް ސީދާ ކުރުމެވެ. މިއާ ޚިލާފަށް ރަސޫލުﷲ صلى الله عليه و سلم ގެ ސުންނަތާމެދު ޝައްކު އުފައްދައި އެކަލޭގެފާނުގެ އަމަރުފުޅުތަކަށް ކިޔަމަންވުމަށް ލަދުގަނެ، ނުވަތަ ކަނޑައެޅިގެން އެ ޙުކުމްތަކާދެކޮޅު ހަދާހާ ހިނދެއްގައި އެކަލޭގެފާނު ދެކެ ލޯބިވާކަމުގައި ބެލެވޭނެ ގޮތެއް ހަމަ ހިލާ ނޯންނާނެއެވެ.
އުފަންދުވަސް ފާހަގަ ކުރުމާއި މަރުވެގެން ދުނިޔެއާއި ވަކިވެގެން ދާ ދުވަސް ފާހަގަ ކުރުމަކީ އިސްލާމް ދީނުގައި ކުރުން ހުއްދަ ކަންތަށްތަކެއް ނޫނެވެ. އަދި އެއީ ކާފަރުން ފާހަގަ ކުރާ އެބައިމީހުންގެ ގޮތްތަކެކެވެ. ވީމާ ތިމާމެންގެ އަމިއްލަ އުފަންދުވަސް ފާހަގަ ކުރަމުން ތިމާމެންގެ އަހުލުވެރިން، ތިމާގެމީހުންގެ މަރުގެ ދުވަސް ފާހަގަ ކުރަމުން ގޮސް އެންމެ ފަހުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه و سلم އަވަހާރަވެ ވަޑައިގެންނެވި ދުވަސް އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކޮށް ތިމާމެން ކުރަމުން އަންނަ ވިޔަފާރި ތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަށް ނުކޮށް އެދުވަސް އެކަލޭގެ ފާނަށް ނިސްބަތް ކުރުމަކީ އިސްލާމް ދީނަށް އަލަށް ވެއްދޭ ކަންކަމެވެ.
މިފަދަ އެންމެހާ ބިދުޢަ ތަކުން ރައްކާތެރިވެ ތައުބާ ވުމަށް ނަޞޭޙަތް ތެރިވަމެވެ.
އަދި މުޝްރިކުންގެ ޢީދު ތަކުގައި ބައިވެރި ވުމަކީވެސް މުސްލިމުންނަށް ޙާރާމްވެގެންވާ ކަމެކެވެ. ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވިދާޅުވެފައިވެއެވެ. “مَنْ أَقَاَم بِأَرْضٍ المُشْرِكِيْنَ يَصْنَعُ نَيْرُوْزَهُمْ وَمِهْرَجَانَهُمْ وتَشَبَّهَ بِهِمْ حَتَّى يَمُوْتَ حُشِرَ يَوْمَ القِيَامَةِ مَعَهُمْ” މާނައީ: ” މުޝްރިކުންގެ ބިމުގައި ތިބޭ މުސްލިމުންގެ ތެރެއިން އެބައިމީހުންގެ ޢީދުތަކާއި ފެސްޓިވަލްތަކުގައި ބައިވެރިވެ، މަރުވަންދެން އެބައިމީހުންނާއި އެއްގޮތްވުމުގެ މަތީގައި ތިބޭމީހުން ޤިޔާމަތްދުވަހަކު މަޙްޝަރުކުރެވޭނީ މުޝްރިކުންނާއި އެކީގައެވެ
.
މި ލިއުމުގެ މަސްދަރު: http://islaameenoor.com/508
ލިޔުނީ: ބިން ޢަބްދުﷲ
ނޯޓު: މި ވީޑިއޯ ގައިމިވާ އަޑުކޮޅަކީ، މަދުވެގެން އަހަރަކު އެއްފަހަރު އަޑުއިވޭ ސިޔަރަތުގެ ތަންކޮޅެކެވެ އަދި ކިއެއްތަ މި ސިޔަރަތަކީ އެބައިމީހުން ހިތުގެ އަޑިން ގަބޫލްކުރާ ސިޔަރަތެކެވެ ނަމަވެސް އެމީހުން މިތަންކޮޅު އަޑު ނުއިވެނީތާއެވެ.ނުވަތަ އަޑު އިވި ދޮގުކޮށްފީމުތާއެވެ. އ ހ
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ