ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

11 April, 2013

ނަރަކައިގެ ބިރުވެރިކަމާއި ނާމާންކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ

ނަރަކައިގެ ބިރުވެރިކަމާއި ނާމާންކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ
އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
    އޭ ޣާފިލްވެފައިވާ އަޚުންނާއި އުޚްތުންނެވެ! މިފަނާވެ ދަނިވި ދުނިޔޭގެ ދަޅަތަކަށް ހެއްލިފައިވާ މީހުންނޭވެ! ތިބާ ދޫކުރަން ތިޔައުޅޭ ތަނާމެދު އެވަރަށް ނުވިސްނަވާށެވެ! އޭގެ ބަދަލުގައި ތިބާ ދާން އުޅޭ ތަނާމެދު ވިސްނަވާށެވެ! އެހެނީ އެންމެން ނަރަކައިގެ ކައިރިން ގެންދެވޭނެކަމަށް ވަނީ ޚަބަރުކުރެވިފައެވެ.


    "އަދި ތިޔަބައިމީހުންކުރެ އެކަކުވެސް އެނަރަކައިގެ ކައިރިން ނުގޮސް ނުވާހުއްޓެވެ. އެކަމަކީ ކަނޑައެޅިގެން ވާނެކަމެއްކަމަށް ކަލޭގެފާނުގެ ރައްބު ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައެވެ. ދެން ތަޤްވާވެރިވި މީހުން ތިމަން ﷲ ސަލާމަތްކުރައްވާ ހުށީމެވެ. އަދި އަނިޔާވެރިތަކުން ދެރަނިކަމެތިކަންމަތީ ގަދަ ޢަޛާބުގެތެރޭގައި ދެމިތިބުމަށް ދޫކޮށްލައްވާހުށީމެވެ." (މަރްޔަމް : 71، 72)
    ވުމާއެކު ތިބާ ތިޔަވަނީ ސަލާމަތްވެދާނެކަމާމެދު ޝައްކެއްގެ މަތީގައެވެ. އެހެންކަމުން ތިބާގެ ހިތަށް އެތަނުގެ ބިރުވެރިކަމުގެ ޝުޢޫރުތައް ވައްދަވާށެވެ! އެތަނުން ސަލާމަތްވުމަށް ތައްޔާރުވެވަޑައިގަންނަވާށެވެ! އަދި ތިބާ ޚަލްޤުތަކުންގެ ޙާލާއި މެދު ވިސްނަވާށެވެ! އެބައިމީހުންނަށް ވަނީ ޤިޔާމަތުގެ ބިރުވެރިކަން ކުރިމަތިވެފައެވެ. ފަހެ އެބައިމީހުން އެދުވަހުގެ ބިރުވެރިކަމާއި ހިތާމައިގައި ހުއްޓިގެންވާ ޙާލު އެދުވަހުގެ ޙަޤީޤީ ޚަބަރުތަކަށް އަދި ޝަފާޢަތްތެރީންގެ ޝަފާޢަތަށް އިންތިޒާރު ކުރާނެތެވެ. އެހިނދު ބައިބައިގެ ވެރި އަނދިރިތައް އައިސް މުޖްރިމުން ވަށާލާށެވެ. އަދި ހުޅުގަނޑުގެ ވެރި ނަރަކަ އެމީހުންނާ ދިމާ ކުރާނެތެވެ. އަދި އެނަރަކައިގެ ގަދަފަދަ ރުޅިވެރިކަމުގެ އަޑުތައް އެބައިމީހުން އަހާނެތެވެ. އެހިނދު މުޖްރިމުންނަށް ހަލާކު އަންނަނީކަން ޔަޤީންވާނެއެވެ. އަދި ޒަބާނިއްޔާ މަލާއިކަތްބޭކަލުން ގޮވާލައްވަވާނެތެވެ. މިވެނި މީހެއްގެ ދަރި މިވެނި މީހަކު ކޮބައިހެއްޔެވެ؟ އޭނާއަކީ ދުނިޔޭގައި ޢުމުރު ދިގުކަމަށް ހެދިގެން އުޅުނު މީހެކެވެ. އަދި ނުބައި ޢަމަލްތައް ކުރުމުގައި އޭނާގެ ޢުމުރު ހޭދަކޮށްފައިވާ މީހެކެވެ. އެހިނދު އެބޭކަލުން ދަނގަޑުގެ ހަންމުށިތަކުން އެބައިމީހުންނަށް މުޢާމަލާތް ކުރައްވާނެތެވެ. އަދި ބޮޑެތި ބޮޑެތި އިންޒާރުތަކާއެކު އެމީހުންނަށް އިސްތިޤްބާލު ކުރައްވާނެތެވެ. އަދި އެމީހުން ގަދަފަދަ ޢަޛާބުގެ ތެރެއަށް ގެންދަވާނެތެވެ. އަދި އެބައިމީހުން ނަރަކައިގެ އަޑިޔަށް ވައްޓަވާލައްވާނެތެވެ. އަދި އެބޭކަލުން އެފަދަ މީހުންނަށް ވިދާޅުވާނެތެވެ. "ކަލޭ (މިޢަޛާބުގެ) ރަހަ ދެކޭށެވެ! ހަމަކަށަވަރުން ކަލެއަކީ ގަދަފަދަ މަތިވެރި މީހަކީމުދޯއެވެ." (އައްދުޚާން : 49) އެބަހީ ކަލޭ ދުނިޔޭމަތީ އުޅުނުއިރު ކަލެއަކީ ބާރުގަދަ މީހެއްކަމަށާއި މަތިވެރިކަންބޮޑު މީހެއްކަމުގައި ބުނެ އުޅުނީމުއެވެ. ވީމާ ކަލޭ މިގަދަފަދަ ޢަޛާބުގެ ރަހަ ދެކޭށެވެ!
    ފަހެ ތިޔަމަސައްކަތްކުރައްވަނީ އެގޮވަތީގައި ދިރިއުޅުއްވަންތޯއެވެ؟ އެތަނެއްގެ ކަންކޮޅުތައް ނުތަނަވަސްވެގެންވެއެވެ! އެތަނުގެ ޖައްވު ވަނީ އަނދިރިވެފައެވެ. އެތަނުގައި ހައްޔަރުވާ މީހާ އަބަދަށް ދެމިހުރެއެވެ. އެތަނުގައި އަލިފާން ގަދައަށް އެންދެއެވެ. އެތަނުގައި އެބައިމީހުންގެ ބުއިމަކަށްވަނީ އިންތިހާއެއްނެތް ދަރަޖައަކަށް ހޫނުކުރެވިފައިވާ ކެކިކެކި ހުރި ފެނެވެ. އަދި އެބައިމީހުން ޤަރާރުވެ ތިބޭނީ ގަދަ އަލިފާނުގައެވެ. ޒަބާނިއްޔަ ބޭކަލުން އެބައިމީހުން ތަޅާ ސުންނާފަތިކުރައްވާނެތެވެ. އަދި ހާވިޔާ އެވެ ކިޔުނު އަލިފާންގަނޑު އެބައިމީހުން އަންދާނެއެވެ. އެތަނުގައި އެބައިމީހުންގެ އުއްމީދަކީ ހަލާކެވެ. އެމީހުން އެތަނަކުން ދެނެއް ސަލާމަތެއް ނުވާހުއްޓެވެ. އެބައިމީހުންގެ ފައިތިލަތަށް ނިއްކުރިއާއި ހަމައިން ބަނދެވިފައިވެއެވެ. އަދި އުރެދުމުގެ އަނދިރިކަމުން އެމީހުންގެ މޫނުތައް ކަޅުކޮށްފައިވެއެވެ. އެތަނުން އެބައިމީހުން ކަންކަމަށް އެދި ގޮވާނެތެވެ. ހިތާމަކޮށް ރޮއެ ހަޅޭލައި ހަދާނެއެވެ. އޭ މާލިކުއެވެ! އަޅުގަނޑުމެންގެ މައްޗަށް އިންޒާރުގެ ބަސްފުޅު ހިނގައިފިއެވެ. އޭ މާލިކުއެވެ! އަޅުގަނޑުމެންގެ ހަށިތަކުގެ ހަންތައް ރޯފިލައިފިއެވެ. އޭ މާލިކުއެވެ! އަޅުގަނޑުމެން މިތަނުން ނެރުއްވާށެވެ! އެހެނީ ދެނެއް މިތަނަކަށް އެނބުރި ނާންނާނަމުއެވެ. އެހިނދު ޒަބާނިއްޔަ ބޭކަލުން ވިދާޅުވާނެތެވެ. އެހެންނެއް އެކަން ވާކަށް ނެތެވެ. މިއަދަކު ދެނެއް އަމާންކަމެއް ނެތެވެ. ނިކަމެތި ކުރެއްވުމުގެ ގޮވަތިން ކަލޭމެން ދެނެއް ނެރެވުމެއް ނެތެވެ. ވީމާ ނިކަމެތިވެގެންވާ ގޮތުގައި ތިޔަތަނުގައި ތިބެންވީއެވެ. އަދި އަނގަ ނުތަޅާ ވާހަކަ ނުދައްކާ ތިބޭށެވެ! އަދި ކަލޭމެން ތިޔަތަނުން ނެރެވިއްޖެނަމަވެސް ކަލޭމެންނަށް ނަހީކުރެއްވިގެންވާ ކަންތައްތައް ކުރުމަށް ކަލޭމެން އެނބުރިދާނެތެވެ. އެހިނދު އެބައިމީހުން ނާއުއްމީދުވެދެއެވެ. ﷲގެ ޙައްޤުފުޅުގައި ނުކުރެވިދިޔަ ކަންތަކަށް ސަހަރޯ ހީވެއެވެ. އެހިނދު އެބައިމީހުންކުރާ ހިތާމަތަކެއް އެބައިމީހުން ސަލާމަތްކޮށެއް ނުދޭހުއްޓެވެ. އަދި އެބައިމީހުންގެ ސަހަރޯ ހީވުން އެބައިމީހުންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭހުއްޓެވެ! އަދި ކިއެއްހެއްޔެވެ؟ އަތްފައި ބަނދެވިގެންވާޙާލު އެބައިމީހުން މުނުވަތަށް އެއްލާލެވޭ ހުއްޓެވެ. އެބައިމީހުންގެ މަތިންވަނީ އަލިފާނެވެ. އަދި އެބައިމީހުންގެ ދަށުންވެސް ވަނީ އަލިފާނެވެ. އަދި އެބައިމީހުންގެ ކަނާތްފަރާތުންވެސް ވަނީ އަލިފާނެވެ. އަދި އެބައިމީހުންގެ ވާތްފަރާތުންވެސް ވަނީ އަލިފާނެވެ. ފަހެ އެބައިމީހުން އެވަނީ އަލިފާނުގެ ތެރެއަށް ޣަރަޤުވެފައެވެ. އެބައިމީހުންގެ ކާތަކެއްޗަކީ އަލިފާނެވެ. އަދި އެބައިމީހުންގެ ބޯތަކެއްޗަކީވެސް އަލިފާނެވެ. އަދި އެބައިމީހުންގެ ފޭރާމަކީވެސް އަލިފާނެވެ. އަދި އެބައިމީހުންގެ ތަންމައްޗަކީވެސް އަލިފާނެވެ. ފަހެ އެބައިމީހުން އެވަނީ އަލިފާނުގެ އެކިއެކި ބައިތަކުގެ ދެމެދުގައެވެ. ޤަތިރާންގެ ފޭރާމާއި ހަންމުށިތަކުގެ ތެޅުމާއި ހިލިހިލާތަކުގެ ބުރަ ބޮޑުކަން ތަޙައްމުލެއް ނުކުރެވޭހުއްޓެވެ. އެމީހުންނަށް އެކަން އުނދަގޫ ބޮޑުކަމަކަށްވެއެވެ. އެކަންކަމުން އެމީހުން ސިހި ހިތްތަށް ތެޅެއެވެ. އަދި އެތަނުގެ ބިރުވެރިކަން ބޮޑު ބައިތަކުގައި އެބައިމީހުން ފުނޑު ފުނޑުވެދެއެވެ. އެބައިމީހުންގެ ހަށިތަކުގައި އަލިފާން ކެކިކެކި ހުރެއެވެ. ތެލިތައް ކެކިކެކި ހުންނަފަދައިންނެވެ. އެބައިމީހުންނަށް ހަލާކުއައިސް ކުރިމަތިވެފައިވެއެވެ. އަދި އެބައިމީހުން ކިރިޔާވެސް ހަލާކަށް އެދިގޮވައިފިނަމަ އެބައިމީހުންގެ ބޯތައްމަތީން ކެކިކެކި ހުރި ހޫނުފެން އޮއްސެއެވެ. އެއިން އެބައިމީހުންގެ ބަނޑުތަކުގެ ތެރޭގައިވާ ތަކެއްޗާއި ހަންތައް ވިރިގެންދެއެވެ. އަދި އެބައިމީހުންނަށް ދަގަނޑުގެ ޗާބޫކުތައްވެއެވެ. އެއިން އެބައިމީހުންގެ ނިތްކުރިތަކުގައި ތަޅުއްވާއިރަށް އެބައިމީހުންގެ އަނގަތަކުން ފާދިޔައާއި ދޮސްފަދަ ތަކެތި ނުކުމެގަނެއެވެ. އަދި ފެންބޮވައިގަތުމުގެ ސަބަބުން އެބައިމީހުންގެ މޭތައް ކުދިކުދިވެދެއެވެ. އަދި އެބައިމީހުންގެ ކޯތާފަތްމައްޗަށް އެބައިމީހުންގެ ކަޅިތައް ފައިބައެވެ. އަދި ކޯތާފަތުން އޭގެ މަސްތައް ވެރިދެއެވެ. މިކަންކަމާ އެކުއެކީގައި އެމީހުން މަރުވުމަށް އެދިއެދި ތިބެއެވެ. ނަމަވެސް އެމީހުން މަރެއްނުވާނެއެވެ.
    ނަރަކައިގެ ކާނާލިބެނިވިގަހެވެ. އެއީ ކޮން ގަހެއްތޯއެވެ؟
    "ހަމަކަށަވަރުން އެގަހަކީ ނަރަކައިގެ އެންމެ އަޑީން ފަޅައިގެން ހެދޭ ގަހެކެވެ. އެއިން ނުކުންނަ މޭވާ ޝައިޠާނުންގެ ބޯތަކާއި އެއްފަދަވެގެންވެއެވެ." (އައްޞާއްފާތި : 64، 65)
    އެބައިމީހުންގެ ގައިގާ ތެޅުއްވުމެވެ. އެއީ ކިހިނެއް ހިނގާ ކަމެއްތޯއެވެ؟
    "އަދި އެބައިމީހުންނަށްޓަކައި ދަގަނޑު ޗާބޫކުތަކެއްވެއެވެ. އެމީހުން އެތަކުންނާއި ގަދަފަދަ ވޭނުން ނިކުންނަން ގަސްދުކޮށްފި ކޮންމެ ހިނދެއްގައި އަލުން އެތަނަށް އެނބުރި އިޢާދަ ކުރެވޭ ހުއްޓެވެ. އަދި އެމީހުންނަށް ބުނެވޭނެއެވެ. ނަރަކައިގެ ޢަޛާބުގެ ރަހަ ދެކޭށެވެ!" (އަލްޙައްޖު : 21، 22، 23)
    ފަހެ ނަރަކައިން އެއްފަރާތް ކުރެވި ސުވަރުގެ ވެއްދެވިއްޖެ މީހަކީ ފަހެ ހަމަކަށަވަރުން ކާމިޔާބު ލިބިއްޖެމީހެކެވެ. އަދި ދުނިޔެވީ ޙަޔާތަކީ ކެހިވެރިކަމުގެ އުފަލެއްކަމުގައި ނޫނީ ނުވެއެވެ. އަޅުގަނޑުމެން ކުރެ މީހެއްގެ ފައިވާނުގެ ވަދަށްވުރެވެސް ސުވަރުގެ ކުއްތަންކަން ބޮޑެވެ. އަދި ނަރަކަވެސް ހަމަ އެފަދައެވެ. ވީމާ ވިސްނަވާށެވެ! ވިސްނަވާށެވެ! ބިރުވެރިކަން ބޮޑީ ނަރަކަތޯއެވެ؟ ނުވަތަ ޖަލުތޯއެވެ؟ އަދި ނާމާންކަންބޮޑީ ޖަހައްނަމަތޯއެވެ؟ ނުވަތަ ވަލުތޯއެވެ؟ އަދި ބިރުވެތިވުން ޙައްޤީ ﷲއަށްތޯއެވެ؟ ނުވަތަ ނުލަފާ ވެރީންނަށްތޯއެވެ؟
    ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިޔަބޭފުޅުން ނިކަން ވިސްނަވާށެވެ! މިހުރީ ބިރުވެރިކަމުގެ ގޮވަތިން ފެންނަން ހުންނަ ކަންތައްތަކެވެ. ތިޔަބޭފުޅުންގެ ތެރެއިން އެކަކުވެސް އެފަދަތަނެއް އަދި އެފަދަ ކަމެއްވިޔަސް ބޭނުންވާނެތޯއެވެ؟ ނުވާނެއެވެ. ވުމާއެކު މަސްތުވާތަކެތިފަދަ ނުބައި ބަލިތަކުން ސަލާމަތްވަމާތޯއެވެ؟ ޒިނޭއާއި ފާޙިޝް ޢަމަލުތަކުން އެއްކިބާވަމާތޯއެވެ؟ އަނިޔާވެރީންގެ ކިބައިން މިބިން ޠާހިރުކުރަމާތޯއެވެ؟ ނަމާދާއި އެންމެހައި ހެޔޮޢަމަލްތައް ކުރަމާތޯއެވެ؟ އެނަރަކައިގެ ބިރުވެރިކަމާއި ނާމާންކަމުން އަޅަމެން ސަލާމަތްވަމާތޯއެވެ! ﷲ ތަޢާލާ އަޅުގަނޑުމެން އެންމެން އެތަނުގެ ބިރުވެރިކަމާއި ހޫނުން އަދި ވޭނާއި ކެކުޅުމުން ސަލާމަތްކުރައްވާށިއެވެ!                އާމީން.

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ