ޒަމާނާއި ތަން ބަދަލުވިއަސް
ޙުކުމަށް ބަދަލު ނާންނަ ކަހަލަ މައްސަލަތަކުގައި، އިސްލާމް ދީން ވަނީ
ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅާފައެވެ. ޒަމާނާއި ތަން އަދި
މުޖްތަމަޢު ބަދަލުވަމާއި، ގުޅިފައިވާ މައްސަލަތަކުގެ ޙުކުމް އިސްލާމީ ޝަރީޢަތުގައި
ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދުތަކެކެވެ. ވީމާ ޙުކުމް ތަންފީޒު
ކުރާގޮތާއި ޙުކުމްވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ
މިގޮތުން ބަލާއިރު، ހުރިހާ
މުޖްތަމަޢަކާއި ހުރިހާ ނަސްލުތަކެއްގެ އިންސާނުންގެ ތެރޭގައިވެސް ހިނގާ އަދި
އެއާއި މެދު އިންސާނުން އެއްގޮތަކަށް ދެކޭ ނުރައްކާތެރި މައްސަލަތަކުގެ ޙުކުމް،
ދީނުގައި އައިސްފައިވަނީ ކަނޑައެޅިގެން ސީދާ ނައްޞަކުންނެވެ. ބަދަލެއް ނާނާނެފަދަ ޙުކުމެއްގެ
ގޮތުގައެވެ.
ޤުރުއާނާއި ސުންނަތުގައި
އައިސްފައި ނެތް ކޮންމެ މައްސަލައަކީ، އޭގެ ޙުކުމް ކަނޑައެޅުމުގެ ފުރިހަމަ
މިނިވަންކަން، ޙާކިމަށް ދެވިފައިވާ މައްސަލަތަކެކެވެ. ކުށް ކުރި މީހާގެ ހާލަތާއި،
މުޖްތަމަޢުގެ ހާލަތާއި ކުށުގެ ބާވަތާއި، ކުށް ކުރުން ހުއްޓުވޭނެ ގޮތަކަށް
ވިސްނާފައި ބޭނުން ޙުކުމެއް މިފަދަ މައްސަލަތަކަށް ކަނޑައެޅިދާނެއެވެ. އަދި ބޭނުން
ޤަވާޢިދުތަކެއްވެސް ހެދިދާނެއެވެ. ދީނުގެ ޙުކުމްތަކާ ޚިލާފު ނުވާ ގޮތަށް،
ޤާނޫނުތައް ހެދުމަކީ މަނާކަމެއް ނޫނެވެ.
އިސްލާމީ ޝަރީޢަތުގައި،
ޢުޤޫބާތް ތިން ވައްތަރަކަށް ބެހިގެންވެއެވެ. އެއީ:-
ޙައްދު
ޤިޞާޞް
ތަޢްޒީރު
ޙައްދު
ޙައްދުގެ މާނަ: ޙައްދުގެ
ޝަރުޢީ މާނައަކީ ''މިންވަރު ކަނޑައެޅި ވާޖިބުވެގެންވާ މާތް ﷲގެ ޙައްޤެއްގެ
ގޮތުގައި ދެވޭ ޢުޤޫބާތެކެވެ.''
ޙައްދުގެ ފާހަނގަ ކުރެވޭ
ކަންތަތައް:
ހ- ޙައްދަކީ އޭގެ
ކަނޑައެޅިފައިވާ މިންވަރު މަދުކޮށް އުނިކޮށް ހެދޭ އެއްޗެއް ނޫނެވެ.
ށ- ޙައްދަކީ، ޤާޟީ
ކުރިމައްޗަށް ހުށައެޅި ކުށް ސާބިތުވެއްޖެނަމަ މާފު ކުރެވޭނެ އެއްޗެއް ނޫނެވެ.
ޤާޟީ، ނުވަތަ ޖިނާޔަތް ލިބުނު ފަރާތަށްވެސް މާފެއް ނުކުރެވޭނެއެވެ. ނަމަވެސް
މައްސަލަ ހުށައެޅުމުގެ ކުރިން ނަމަ، މައްސަލައަކީ ފަރުދެއްގެ ޙައްގެއްނަމަ މާފު
ކުރެވިދާނެއެވެ.
ނ- ހައްދަކީ ﷲގެ ޙައްޤެއްގެ
ގޮތުގައި ތަންފީޒު ކުރުން ވާޖިބު އެއްޗެކެވެ. މީގެ މާނައަކީ މިއީ ވަކި
އިންސާނެއްގެ ޙައްޤެއް ނޫނެވެ. ކިއެއްތަ މިއީ މުޅި އިންސާނީ މުޖްތަމަޢްގެ
ރައްކަލަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޙައްދެކެވެ.
ޙައްދު ކަނޑައެޅިފައިވާ
ކުށްތައް:
1- - ވައްކަން ކުރުން
ޙައްދު ޤާއިމު ކުރުން
ވާޖިބުވާ ވައްކަމުގެ މާނައަކީ، އެހެން މީހެއްގެ މުދަލެއް، އަމިއްލައަށް މިލްކު
ކުރުމުގެ ނިޔަތުގައި، ސިއްރު ގޮތެއްގައި، ރައްކާކޮށްފައިވާ ތަނަކުން، ނެގުމެވެ.
ޙައްދު ޤާއިމު ކުރެވޭނީ ވައްކަމުގައި މި އަންނަނިވި ޝަރުޠުތައް ފުރިހަމަ
ވުމުންނެވެ.
ހ- އެހެން މީހެއްގެ
މުދަލަކަށް ވުން .
ށ- އެ މުދަލަކީ ހިފައި
ނަޤުލު ކުރެވޭ ކަހަލަ މުދަލަކަށް ވުން
ނ- އެ މުދަލަކީ އަގެއް ހުރި
އެއްޗަކަށް ވުން. މީގެ މާނައަކީ ވަގަށް ނެގުނު އެއްޗަކީ ދީނުގައި އެއީ އަގެއް ނެތް
(ރާ، އޫރުމަސް ފަދ) އެއްޗަކަށް ވެގެން ނުވާނެއެވެ. އަދި އެ އެއްޗަކީ އެއީ
ޢުރުފުގައި މީހުން އަގު ހުރި އެއްޗެއްގެ ގޮތުގައި ބަލާ އެއްޗަކަށް ވުމެވެ. މިސާލަކަށް
މީހެއްގެ ބޯ ކޮށާފައި ބާކީ ހުރި އިސްތަށި، އޭނާއަށް ނޭނގި ވަގަށް ނަގައިގެން،
ޙައްދު ޤާއިމެއް ނުކުރެވޭނެއެވެ.
ރ- ނިޞާބު ހަމަވާވަރުގެ
އެއްޗަކަށް ވުން.
ބ- ޙައްދު ޤާއިމު
ނުކުރެވޭފަދަ އެއްވެސް ޝުބުހާއެއް ކުރިމަތީގައި ނެތުން.
ވައްކަން ކުރާމީހާއަށް
ދީނުގައި ކަނޑައެޅިފައިވާ ޙައްދަކީ އަތް ބުރި ކުރުމެވެ. ދަލީލަކީ : وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء
بِمَا كَسَبَا نَكَالاً مِّنَ اللّهِ މާނައަކީ: ''ވައްކަން ކުރާ
ފިރިހެނާއާއި ވައްކަން ކުރާ އަންހެނާއާއި ދެ މީހުންގެ އަތްތައް ފަހެ ތިޔަބައި މީހުން
ބުރިކުރާށެވެ. އެއީ އެ ދެމީހުން ކުޅަ ކުށަށް ޖަޒާއެއްގެ ގޮތުން މާތް ﷲ ގެ
ޙަޟުރަތުން ވާ ޢިބްރަތެއްގެ ގޮތުގައެވެ.''
ޙަދީޘަށް ބަލާއިރު ތިރީގައި
މިވާ ޙަދީޘް ފުދެއެވެ. މި ޙަދީޘްފުޅު ޙަދީޘް ކުރައްވަން، ޖެހިވަޑައިގަތް ގޮތަކީ
ޤުރައިޝްވަންހައިގެ ޝަރަފްވެރި އަންހެނަކު ވައްކަން ކުރުމުން، އޭނާގެ މައްޗަށް
ޙައްދު ޤާއިމް ކުރަން ފަސްޖެހި، ބަޔަކު މީހުން ކީރިތި ރަސޫލާގެ އަރިއަހުން
ޝަފާޢަތަކަށް އެދުނެވެ. މިފަދަ ކަމަކަށް އެދި ދަންނަވަން އެކަކަށްވެސް ނުކެރުމުން،
ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- (ދަރިކުރުން ޙަރާމް ކުރުމުގެ ކުރިން)
ދަރިއަކަށް ހައްދަވައިގެން ކުރިން ގެންގުޅުއްވި، އުސާމާ ބިން ޒައިދް ރަސޫލާގެ
ޝަފާޢަތަށް އެދި ދެންނެވުމަށް ފޮނުވުނެވެ.
އުސާމާގެފާނު މި އަންހެނާގެ
ޙައްދު ޤާއިމް ނުކުށް ދޫކުރެއްވުމަށް، ކީރިތި ރަސޫލާ އަރިހުގައި ދެންނެވުމުން،
ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކޯފާފުޅުވެ އެކަލޭގެފާނުގެ
މޫނުފުޅުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އަދި ޙަދީޘްކުރެއްވިއެވެ. ''ކަލޭގެފާނު ﷲ
ގެ ޙައްދަކާމެދު ޝަފާޢަތް އެދެނީހެއްޔެވެ؟" އަދި އެ ވަގުތު އުސާމާގެފާނު، މި
ކުށަށް ތައުބާވެވަޑައިގަތެވެ. އަދި ފަހުން މީހުންތައް އެއް ކުރައްވާ ޚުޠުބާ ދެއްވާ
ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. وَالَّذِي نَفْسِي
بِيَدِهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ
يَدَهَاމާނައަކީ:
''ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ
ހުވާކުރައްވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން
ކުރެއްވިއަސް، ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ހުށީމެވެ.''
2- - މަގު ފޭރުން
މީގެ މާނައަކީ، މީހަކު
ނުވަތަ ޖަމާޢަތެއްވެގެން، މީހުން ހިނގައި ނުވަތަ ދަތުރުކޮށް އުޅޭ މަގަކުން ނުވަތަ
ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން އެހެން މީހެއްގެ މުދާ ފޭރިގަނެ ނުވަތަ އެ
މީހުންގެ ފުރާނައަށް ނުވަތަ އަބުރަށް ގެއްލުން ދީ ހެދުމެވެ. ވީމާ ގަދަ ކަމުން
އަންހެނުން ގަޔަށް އެރުމަކީވެސް މަގުފޭރުމުގެ ހައްދު ކަނޑައެޅިދާނެ ކަމެކެވެ.
މިއީ އިސްލާމް ދީނުގައި
ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ އަދި ވަރަށް އަދަބު ބޮޑު ކުށެކެވެ. މި ކަމުގެ
ދަލީލަކީ ސޫރަތުލް މާއިދާގެ 33 ވަނަ އާޔަތެވެ.
إِنَّمَا جَزَاء
الَّذِينَ يُحَارِبُونَ اللّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَاداً
أَن يُقَتَّلُواْ أَوْ يُصَلَّبُواْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم
مِّنْ خِلافٍ أَوْ يُنفَوْاْ مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا
وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ މާނައަކީ: ''މާތް ﷲ އާއި
އެކަލާނގެ ރަސޫލާއާއި ދެކޮޅުވެރިވެ ހަނގުރާމަ ކޮށް އުޅޭ މހުންނާއި ފަސާދަ ކުރުމުގެ
ގޮތުން ބިމުގައި މަސައްކަތް ކޮށް އުޅޭ މީހުންގެ ޖަޒާއެއްކަން ވާކަން ކަށަވަރީ، އެ
ބައި މީހުން ޤަތުލުވެވުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާ
ގޮތުގައި އެބައި މީހުންގެ އަތްތަކާއި ފައިތައް ބުރި ކުރުމެވެ. ނުވަތަ ރަށުން
އަރުވާލުމެވެ. އެހެނީ އެބައި މީހުންނަށް ދުނިޔޭގައިވެސް ހުރީ ނިކަމެތި ކަމެވެ.
އަދި އާޚިރަތުގައި އެބައި މީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ.''
މި އާޔަތުން އެނގޭ
ގޮތުގައި، ތަފާތު ހާލަތްތަކުގައި، މި އާޔަތުގައި ވާ ކަންތައްތަކުގެ ތެރެއިން
ޤާޟީއަށް އޭރަކު ފެނުނު ޙައްދެއް އިޚްތިޔާރު ކުރެވިދާނެއެވެ. އެއީ ކަމުގެ ކުޑަ
ބޮޑު މިނާއި އެ ހާލަތާއި މަސްލަހަތު ބޮޑީ ކޮން ގޮތެއްތޯ ބެލުމަށްފަހުގައެވެ.
މި ފަދަ މީހަކު އަތުވުމުގެ
ކުރިން ތައުބާވެ، އެކަން ހުއްޓާލައިފިނަމަ، އޭނާގެ މައްޗަށް މި ޙައްދު ތަންފީޒެއް
ނުކުރެވޭނެއެވެ. ނަމަވެސް ޤާޟީ ބޭނުން އެހެން އަދަބެއް ދެވިދާނެއެވެ. ތައުބާ
ވިޔަސް އަދި އަތް ދަށު ވިޔަސް މި ދެހާލަތުގައިވެސް، މަގު ފޭރުނު މީހާ އެހެން
މީހުންގެ ޙައްޤުތައް އަނބުރާ އަދާ ކުރަން ޖެހޭނެއެވެ.
3- - ޒިނޭ
ޒިނޭގެ މާނައަކީ، ޙަލާލް
ނޫން އަންހެނެއްގެ ފަރުޖަށް، ބާލިޣް ފިރިހެނަކު އޭނާގެ ޒަކަރު، އެއްވެސް
ޝުބުހާއެއް ނެތި ވެއްދުމެވެ. ބައެއް މަޛްހަބުތަކުގައި ދުބުރުގައި ޖިމާޢުވުން އެއީ
ޒިނޭ ކަމަކަށް ނުބަލައެވެ. ބަލަނީ އެއީ ލިވާޠު ކަމުގައެވެ. އަނެއް ބައި
މަޛްހަބުތަކުގައި އެއީ ޒިނޭ ކަމަށް ބަލައެވެ. މާލިކީން، ބައެއް ޝާފިޢީން
ޙަންބަލީން އިބާޟިއްޔާ ދެކެނީ އެއީ ޒިނޭ ކަމުގައެވެ. އަބޫ ޙަނީފާ، ގިން ޝާފިޢީން
ދެކޭ ގޮތުގައި ދުބުރުގައި ޖިމާޢުވުން އެއީ ޒިނޭ އެއް ނޫނެވެ.
ޒިނޭ ކުރުމުގެ ޙައްދު
ސާބިތުވާ އާޔަތަކީ ނޫރު ސޫރަތުގެ ދެވަނަ އާޔަތެވެ. : الزَّانِيَةُ
وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلَا
تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ
بِاللَّهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ
الْمُؤْمِنِينَ މާނައަކީ: ''ޒިނޭ ކުރާ އަންހެނާއާއި ޒިނޭ ކުރާ
ފިރިހެނާއާއި ދެމީހުން ކުރެ ކޮންމެ މީހަކު، ދުއްރާއިން ސަތޭކަފަހަރު ޖަހައި އަދަބު
ދޭށެވެ. މާތް ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައި މީހުން އީމާންވާ ކަމުގައި
ވަނީނަމަ މާތް ﷲ ގެ ޙުކުމް ހިންގުމުގައި އެ ދެމީހުންނާ މެދު އޯގާވެރިކަމެއް
ތިޔަބައި މީހުން، ނުހިފާހުށިކަމެވެ. އަދި އެ ދެ މީހުންނަށް އަދަބު ދެވޭތަނަށް
މުއުމިނުންގެ ބަޔަކު ޙާޟިރުވެ އެތަން ދެކޭހުށި ކަމެވެ.''
ޒިނޭ ކުރިކަމަށް ވާނީ:
ޒިނޭ ކުރިކަމަށް ވާނީ
ޙަލާލް ނޫން (އަނބިމީހާ ނޫން) އެހެން އަންހެނެއްގެ ފަރުޖަށް، ފިރިހެނަކު އޭނާގެ
ޛަކަރުން ފާޅުވެއްޖެ ހިސާބު، ވެއްދުމުންނެވެ. އަދި ހަމަ އެހެންމެ މީގައި
ޝުބުހާއެއް ނެތުމެވެ. މި ބަހުގެ މާނައަކީ ޙައްދު ޤާއިމު ކުރުމުގައި އޮޅުމެއް
އަރާފަދަ ކަމެއް ނެތުމެވެ. މިސާލަކަށް ފިރިއަކު އޭނާގެ އެނދަށް އަރާފައި
އަނދިރީގައި، އޭނާގެ އަނބިމީހާ ކަމަށް ހިތައި ޖިމާޢުވުމަށް ފަހު އެއީ އަނބިމީހާ
ނޫންކަން ހާމަ ވުމެވެ. އަދި އަންހެނަކު އޭނާގެ ފިރިމީހާކަމަށް ހިތައި
ޖިމާޢުވާފަހުން އެއީ ވަގަށް ގޭގެއަށް ވަންނަ މީހެއްކަން އެނގުނަސް އެ ވާނީ
ޝުބުހާއަކަށެވެ. ކައިވެނި ޙަލާލް މީހެއް ކަމަށް ހީކޮށް ކައިވެނި ކޮށްގެން ޖިމާޢުވެފައި
ފަހުން އެއީ ކައިވެނި ހުއްދަ މީހެއް ނޫންކަން އެނގުމުން އެ ކައިވެނި ބާޠިލް
ވާނެއެވެ. ނަމަވެސް ކުރެވުނު ކަންތައް އެއީ ޒިނޭ ކަމަކަށް ނުވާނެއެވެ. މިފަދަ
ޝުބުހާތަކަކީ ޒިނޭގެޙައްދާއި ދެމެދު ވާ ހުރަހެކެވެ.
ޖިމާޢުވީ ކޮންޑަމް ފަދަ
އެއްޗެއް ބޭނުންކޮށްގެން ކަމަށް ވިޔަސް އެ ވާނީ ޒިނޭ ކުރި ކަމަށެވެ. އަދި މަނި
ބޭރުވިޔަސް ނުވިޔަސް ވާނީ ޒިނޭ ކަމަށެވެ. އެކަމަކު ދޮން ދިނުމާއި ބައްދައި
ހެދުމަކީ ޒިނޭއަކަށް ނުވާނެއެވެ.
ގަދަކަމުން މީހަކު ރޭޕު
ކުރެވިއްޖެނަމަ، ރޭޕް ކުރެވުނު މީހާ ޒިނޭ ކުރި ކަމަކަށް ނުވާނެއެވެ. އެކަމަކު ރޭޕް
ކުރި މީހާ ޒިނޭ ކުރިކަމަށް ވާނެއެވެ. ވީމާ އޭނާގެ މައްޗަށް ޒިނޭގެ ޙުކުމާއި ރޭޕް
ކުރުމުގެ ތަޢްޒީރީ ޙުކުމެއް ކަނޑައެޅޭނެއެވެ.
ޙަލާލް ނޫން އަންހެނަކާއި
ފިރިހެނަކާއި ދެމެދު ހިނގާ، އެހެން ކޮންމެ ޢަމަލަކީވެސް ޙަރާމް ކަމެކެވެ. ނަމަވެސް
އެއީ ޙައްދު ޤާއިމު ކުރެވޭ ޒިނޭއަކަށް ނުވާނެއެވެ. އެފަދަ ކަމެއް ކުރެވުނު މީހަކު
ކުރަން ވީ ކަމަކީ އަވަހަށް ތައުބާވުމެވެ. ޤާޟީއާއި ހަމައަށް މައްސަލަ
ހިނގައްޖެނަމަ ޤާޟީ ބޭނުން ތަޢްޒީރެއް ކުރެވިދާނެއެވެ.
ޒިނޭގެ ޙައްދު
ޤާއިމުކުރެވޭ ޝަރުޠު:
ހ - ޒިނޭގެ ޙައްދު
ޤާއިމުކުރެވޭނީ، ޢަދުލުވެރި ހަތަރު ހެކިވެރިން، ދެ މީހަކު ޒިނޭ ކުރިތަން، ހަމަ
ލޮލުން ޔަޤީންކަމާއެކު، އޭގެ ހުރިހާ ތަފްޞީލަކާއެކު ފެނުނުކަމަށް ބުނެ
ހެކިވެރިވެގެންނެވެ. ހަތަރު މީހުން ނެތް ނަމަ އެ ވާހަކަ ދެއްކި މީހުންގެ މައްޗަށް
ޤަޛްފު ކުރުމުގެ ކުށް ސަބިތުވެ، ޤަޛްފް ކުރުމުގެ ޙައްދު ޖެހޭނެއެވެ. އެއީ 80
އެތިފަހަރެވެ. ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: وَالَّذِينَ يَرْمُونَ
الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ
ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَداً وَأُوْلَئِكَ هُمُ
الْفَاسِقُونَ
މާނައަކީ: ''އަބުރުވެރި
ޢިއްފަތްތެރި އަންހެނުންނާއި ޒިނޭއާއި މަތިކޮށް (ޤަޛްފުކޮށް) އުޅޭ މީހުން،
އެއައްފަހު ޒިނޭ ކުރިކަމުގެ މައްޗަށް ހަތަރު ހެކީން ނުގެނައިނަމަ، އެބައި މީހުން
(އެއިން ކޮންމެ މީހަކު) އަށްޑިހަ އެތިފަހަރުން ހައްދު ތިޔަބައި މީހުން ޖަހާށެވެ.
އަދި ދުވަހަކުވެސް އެބައި މީހުންގެ ހެކިބަހެއް ތިޔަބައި މީހުން ޤަބޫލު ނުކުރާށެވެ.
އެ ބައި މީހުންނީ ދީނުގެ ޙުކުމްތަކަށް ކިޔަމަންވުމުގެ ދާއިރާއިން ބޭރުވެގެންވާ
މީހުންނެވެ. ''
ށ - ޒިނޭގެ ޙައްދު ޤާއިމު
ކުރެވުމުގެ އަނެއް ޝަރުޠަކީ، އެއްވެސް ޝުބުހާއެއް މި މައްސަލައިގެ ތެރެއަށް
ނުވަނުމެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: اِدْرَءُوا الحُدُودَ
بِالشُّبُهَاتِ މާނައަކީ: ''ޝުބުހާ އެއް އޮވެއްޖެނަމަ ޙައްދު ދުރު
ކުރާށެވެ."
ނޯޓް: ޝުބުހާގެ ބަހުގެ
މާނައަކީ ކަމެއް އެއްގޮތްވެ އޮޅުން އަރާގޮތް ވުމެވެ. އިސްޠިލާޙީ މާނައަކީ ކަމެއް
އޮޅުން އަރައި، އެއީ ޙަރާމް ކަމެއްތޯ ޙަލާލް ކަމެއްތޯ ވަކި ކުރަން ނޭނގުމެވެ.
ޝުބުހާގެ ވައްތަރުތަކަކީ، ޙުކުމާމެދު، ޢަމަލާމެދު، އެއްޗާ މެދު ޝުބުހާ އުފެދުމެވެ.
ޒިނޭގެ މައްސަލާގައި
ފާހަނގަކޮށްލަން ޖެހޭ ބައެއް ނުކުތާތައް:
ހ - ޒިނޭ ކުރެވިއްޖެ މީހާ
-އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް- އެ ފާފައިގެ ވާހަކަ އެއްވެސް މީހެއް ކައިރީ
ބުނެގެން ނުވާނެއެވެ. އެފަދަ ބޮޑު ފާފައެއް ކުރީމާ ވެސް މާތް ﷲ އޭނާ ފަޟީޙަތް
ނުކުރައްވައި، ސިތުރު ކުރެއްވީމާ ޖެހެނީ، އެ ފާފައިގެ ވާހަކަ އެއްވެސް މީހެއް
ކައިރީ ނުދައްކާ ފާފަ ސިއްރު ކުރާށެވެ.
މާޢީޒްގެ މައްޗަށް ޒިނޭގެ
ޙައްދު ޤާއިމު ކުރެއްވުމަށްފަހު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވީ: اجْتنبُوا هَذه
القَاذُوْرَات الَّتي نهى اللّه عَزَّ وَجَل عَنْها فَمَنْ ألمَّ فَلْيَسْتَتر
بستر اللّه عَزَّ وَجَلَّ، فَإنَّه مَنْ يبد لنَا صَفْحتُه نَقُم عَليْه الحَد މާނައަކީ: ''ކުރުން ﷲ ނަހީ
ކުރައްވާފައިވާ މި މުޑުދާރު ކަންތަކުން ކަލޭމެން ދުރުހެލިވާށެވެ. އަދި އެ ކަން
ކުރެވިއްޖެ މީހާ ފަހެ، ﷲ އޭނާ ސިތުރު ކުރެއްވީމާ އެ ކުށް ސިތުރު ކުރާށެވެ. ހަމަ
ކަށަވަރުންވެސް ތިމަންކަލޭގެފާނަށް އޭނާ ކުޅަ ފާފަ ހާމަކޮށްފި މީހަކަށް ޙައްދު
ޤާއިމު ކުރަމެވެ.''
ށ - ދެން މިއަށް ފަހު އޭނާ
ވީ އެންމެ ހިނދުކޮޅެއްވެސް ލަސް ނުކޮށް ތައުބާ ވާށެވެ.* މީހެއްގެ ޙައްޤެއް ނެތް
ކަންކަމުގައި، ތައުބާ ވުމުގައި އޮންނަ ޝަރުޠުތަކަކީ، ފާފައިން ދުރުވެގަތުން،
ފާފައަށް ދުވަހަކުވެސް އެނބުރި ނާންނަން ޢަޒުމް ކަނޑައެޅުން، އަދި ކުރެވުނު
ފާފައަށް ހިތާމަކޮށް ދެރަވެމެވެ. ޒިނޭއަކީ ކިތަންމެހާވެސް ބޮޑު ފާފައެކެވެ.
ނަމަވެސް އެއީވެސް ތައުބާ ނުވެވޭ ވަރުގެ ފާފައެއް ނޫނެވެ. ކޮންމެ ކުށަކީވެސް ތައުބާ
ވެވޭނެ ކަމެކެވެ.
މިކަން ބަޔާން ކުރައްވައި،
ސޫރަތުއް ޒުމަރްގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: قُلْ يَا عِبَادِيَ
الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ
إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُމާނައަކީ: "ބުނާށެވެ.
އޭ ތިމާމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފަކޮށް އިސްރާފުކޮށްފައިވާ
އަހަރެންގެ އަޅުތަކުންނެވެ. ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑާ ނުލާށެވެ. ހަމަ
ކަށަވަރުން، ﷲ އަޅުތަކުންގެ ހުރިހާ ފާފަތައް، އެއްކޮށް ފުއްސަވާލައްވަތެވެ. ހަމަ
ކަށަވަރުން އެކަލާނގެ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ މާތް
ރަސްކަލާނގެއެވެ."
އަދި، ސޫރަތުލް ފުރްޤާން ގެ
68-71 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَالَّذِينَ لَا
يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ
اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَاماً
* يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً *
إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ
اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَّحِيماً * وَمَن
تَابَ وَعَمِلَ صَالِحاً فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَاباً މާނައަކީ: ''އަދި އެބައި
މީހުންނަކީ މާތް ﷲ އާ އެކު އެހެން އިލާހަކަށް އަޅުކަންކޮށް ގޮވާ ނަހަދާ
މީހުންނެވެ. އަދި މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ޙައްޤު
ގޮތެއްގައި ނޫނީ ޤަތުލު ނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން
ކަމެއް ކޮށްފި މީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. * އެ މީހަކަށް
ޤިޔާމަތް ދުވަހު، ޢަޛާބު ދެގުނައަށް އިތުރު ވެގެން ދާނެއެވެ. އަދި އިހާނަތިކަން ލިބި
ނިކަމެތި ކުރެވިގެންވާ ހާލު އެ ޢަޛާބު ތެރޭގައި އެ މީހަކު ދެމިހުންނާނެއެވެ. *
ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލަކުން ޢަމަލު ކުރަ މީހަކު މެނުވީއެވެ. ފަހެ އަބައި
މީހުންނާ މެދު މާތް ﷲ، އެބައިމީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް ބަދަލު
ކުރައްވާނެތެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ކަލާނގެ ކަމުގައި ވެއެވެ.
އަދި ތައުބާވެ ހެޔޮ ޢަމަލު ކޮށްފި މީހާ، ފަހެ ހަމަ ކަށަވަރުން އެ މީހާ އީ
ތައުބާވުމަކުން މާތް ﷲ ކިބައަށް ތައުބާވެ ރުޖޫޢަ ވާ މީހެކެވެ."
ނ - މީހަކު މިފަދަ ކަމެއް
ކުރާތަން ފެނުމުންވެސް ޖެހޭނީ، އެކަން ފަޅާ ނާރުވައި ސިއްރު ކުރާށެވެ. ރަސޫލާ
ޙަދީޘް ކުރައްވާފައިވަނީ: مَنْ سَتَرَ أخَاهُ
المُسْلم في الدُنيَا، سَتَرهُ الله فيْ الدُنْيا وَالآخِرة މާނައަކީ: "ދުނިޔޭގައި
އޭނާގެ މުސްލިމް އަޚާ ފަރުދާކޮށްފި މީހާ، މާތް ﷲ، ދުނިޔެއާއި އާޚިރަތުގައިވެސް
ފަރުދާކޮށް ދެއްވާނެއެވެ." (ރިވާ ކުރެއްވީ އަބޫ ދާއޫދް: 4377 )
ރ - އިސްލާމް ދީނުގައި،
މީސް މީހުންގެ ގެއަކީ ޙުރުމަތްތެރި ވެގެންވާ ތަންތަނެވެ. ވީމާ ގެ ތަކުގެ ތެރޭގައި
ހިނގާ ކަންތައްތައް ހޯދައި ހެދުމަކީ ހުއްދަ ކަމެއް ނޫނެވެ. އެ ގޮތުން ސިއްރުން
ބެލުމާއި، އަޑު ރެކޯޑު ކުރުމާއި ސިއްރުން ވީޑިއޯ ކުރުމަކީ ކުރުން ހެޔޮވާވަރުގެ ކަންކަމެއް
ނޫނެވެ.
ބ - މީހަކު އައިސް ޒިނޭ
ކުރިކަމަށް އިޢްތިރާފް ވިޔަސް، އަދި ވަގުތުން ޙައްދު ޖަހައިގެން ނުވާނެއެވެ. މި
ގޮތަށް އައިސްފިނަމަ އޭނާ ހުރީ ހަމަ ބުއްދީގައިތޯ އަދި އޭނާ އެކަން ކުރީ އެއްވެސް
މަޖްބޫރުކަމެއް ނެތި ތޯ ބަލައި އޮޅުން ފިލުވަން ޖެހެއެވެ. އަދި އޭނާގެ
އިޢްތިރާފުވުން އަނބުރާ ގެންދާތޯ ވެސް ވާހަކަ ދައްކައި، ޙައްދަކީ ކޮބައިކަން
ކިޔައި ދީ ނަސޭހަތްތެރިވާން ޖެހެއެވެ.
މި ކަމުގެ ދަލީލަކީ، މާޢިޒް
ޒިނޭ ކުރުމަށް ފަހު ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހަށް އައިސް،
ޠާހިރުކޮށް ދޭން ދެންނެވިއެވެ. އެހެން ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވީ،
އެނބުރި ގޮސް ތައުބާވެ އިސްތިޣްފާރު ކުރުމަށެވެ. ދެވަނަ ދުވަހުވެސް އައިސް ހަމަ
ކުރިން ދެންނެވިހެން ދެންނެވިއެވެ. މި ފަހަރުވެސް ރަސޫލާ އޭނާ ފޮނުއްވާލެއްވިއެވެ.
މި ގޮތަށް ހަތަރަވަނަ ފަހަރު އައުމުން، ޠާހިރުކޮށް ދޭންވީ ކޮންކަމަކުން ތޯ
އެއްސެވިއެވެ. އެ ހިނދު މާޢިޒް ދެންނެވީ ޒިނޭއިން ކަމަށެވެ. އެ ވަގުތު ރަސޫލާ،
ޞަޙާބީންނާ ސުވާލު ކުރެއްވީ އޭނާ މޮޔަވީތޯއެވެ. މޮޔަ ނޫން ކަމަށް ދެންނެވުނު ހިނދު
ސުވާލު ކުރެއްވީ، އޭނާ ރާ ބޮއެފައިވޭތޯއެވެ؟ މީހަކު ތެދުވެ އޭނާގެ އަނގައިން ވަސް
ބަލާފައި، ރާ ބޮއެފައިވެސް ނެތްކަމަށް ދެންނެވުމުން، ޒިނޭ ކުރިންތޯ އައްސަވައި
ސުވާލު ކުރެއްވިއެވެ. ޖަވާބުގައި، އޭނާ އާނ އެކޭ ދެންނެވުމުން ރަޖަމް ކުރަން
އެންގެވިއެވެ.
ދެން ރަޖަމް ކުރަން
އުޅުމުން އޭނާ ފިލިއެވެ. ނަމަވެސް ޞަޙާބީން އޭނާ ރަޖަމް ކުރިއެވެ. އެ ހިނދު ރަސޫލާ
ޙަދީޘް ކުރެއްވީ ''އޭނާ ތައުބާވެ، ﷲ އޭނާއަށް ތައުބާ ކުރައްވަން ދޫކޮށްލި ނަމަ''
އެވެ. މިއިން އެނގެނީ އޭނާ ފިލައިގެން ދިޔަނަމަ، ކޮންމެހެން އޭނާ ހޯދައިގެން
ޙައްދު ޤާއިމް ކުރައްވަން ރަސޫލާ ބޭނުންފުޅު ނޫން ކަމެވެ. އަދި
އަދި އެހެން ރިވާޔަތެއްގައި
އޮންނަނީ، ''ކަލޭ ފަހަރެއްގައި ދޮން ދިނީކަމަށް ވެދާނެއޭ'' ''ކަލޭ ފަހަރެއްގައި
އަތް ލީ ކަމަށް ވެދާނެއޭ'' ފަދަ ބަސްފުޅުތައް ވިދާޅުވެ އޭނާ ފޮނުއްވާލަން
މަސައްކަތް ކުރެއްވި ކަމަށެވެ. ޣާމިދިއްޔާ އޭ ކިޔޭ އަންހެނެއްވެސް އައިސް ތިމަންނައަށް
ޒިނޭ ކުރެވިއްޖެއޭ ދެންނެވުމުން، ފޮނުއްވާލައްވަން އުޅުއްވުމުން އެ ކަމަނާ
ދެންނެވީ، ކުރީ ދުވަހު މާޢިޒްވެސް ފޮނުއްވި ގޮތަށް ތިމަން ކަމަނާވެސް
ފޮނުއްވާލައްވަން އުޅުއްވަނީތޯއެވެ. ދެން ރަސޫލާ އެންގެވީ ވިހައި ނިމިގެން
އަންނާށެވެ. ދެން އެންގެވީ ކިރު ދީ ނިމިގެން އަންނާށެވެ. ކިރުދީ ނިމިގެން އައިސް
ޙައްދު ޤާއިމު ކުރުވަން އެދި ދޫ ނުކުރުމުން ރަޖަމް ކުރުމަށް އަމުރު ކުރެއްވިއެވެ.
މަތީގައި ވަނީ މި ވާހަކަ،
ޞަޙީޙް މުސްލިމްގެ ޙައްދާއި ބެހޭ ބާބުގެ ''ޒިނޭ ކުރިކަމަށް އަމިއްލައަށް
އިޢްތިރާފްވުން'' މި ފަޞްލުގައި އައިސްފައިވާ ގޮތެވެ. އެހެން ރިވާޔަތްތަކުގައި
ވެސް މި ޙަދީޘް ވަރަށް ކުދި ކުދި ތަފާތާ އެކު އައިސްފައިވެއެވެ. ޖުމްލަ މާނަ އަދި
މައިގަނޑު ހާދިސާ މުޅިން ހަމަ އެއްގޮތެވެ.
4- - ޤަޛްފުކުރުން
ޤަޛްފު ކުރުމުގެ މާނައަކީ،
ޢިއްފަތްތެރި އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ. ނުވަތަ ބައްޕަ
ނެތް ކަމަށް ބުނުމެވެ. ޤަޛްފް ކޮށްފައި އެ އަންހެން މީހާ ޒިނޭ ކުރިކަން ސާބިތު
ކުރެވޭ ހަތަރު ހެކިން ނުގެނެސްފިނަމަ އޭނާގެ މައްޗަށް ޤަޛްފުގެ ޙައްދު ޖެހޭނެއެވެ.
އެއީ 80 އެތިފަހަރެވެ. މި ކަމުގެ ދަލީލަކީ ސޫރަތުއް ނޫރްގެ ހަތަރުވަނަ އާޔަތެވެ.
މާތް ﷲ ވަޙީ ކުރައްވަނީ : وَالَّذِينَ يَرْمُونَ
الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ
ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَداً وَأُوْلَئِكَ هُمُ
الْفَاسِقُونَ މާނައަކީ: ''އަބުރުވެރި ޢިއްފަތްތެރި އަންހެނުންނާއި
ޒިނޭއާއި މަތިކޮށް (ޤަޛްފުކޮށް) އުޅޭ މީހުން، އެއައްފަހު ޒިނޭ ކުރިކަމުގެ މައްޗަށް
ހަތަރު ހެކީން ނުގެނައިނަމަ، އެބައި މީހުން (އެއިން ކޮންމެ މީހަކު) އަށްޑިހަ
އެތިފަހަރުން ހައްދު ތިޔަބައި މީހުން ޖަހާށެވެ. އަދި ދުވަހަކުވެސް އެބައި މީހުންގެ
ހެކިބަހެއް ތިޔަބައި މީހުން ޤަބޫލު ނުކުރާށެވެ. އެ ބައި މީހުންނީ ދީނުގެ
ޙުކުމްތަކަށް ކިޔަމަންވުމުގެ ދާއިރާއިން ބޭރުވެގެންވާ މީހުންނެވެ.
''
ޙައްދު ޖެހުމުގެ އިތުރުން،
އޭނާ ދޭ ހެކިބަހެއް ދެން ދުވަހަކުވެސް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި މީގެ
އިތުރުން އާޚިރަތް ދުވަހު ވެސް ޢަޛާބު ލިބޭނެ ކަމީ ވަންހަނާ ކަމެއް ނޫނެވެ.
އިސްލާމް ދީނުގައި މިފަދަ
ކަންތައް ޙަރާމް ކުރެވިފައިވަނީ މީސްތަކުންގެ އަބުރާއި ޝަރަފު ރައްކާތެރި
ކުރުމަށްޓަކެއެވެ. އެ ގޮތުން މީހަކާއި ދިމާލަށް ޒިނޭގެ ތުހުމަތު އެއްލުމުގެ ކުރިން،
މިފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކަންތައްވެސް ދީނުގައި މަނާ ކުރެވިފައިވެއެވެ.
އެ ގޮތުން ޣީބަ ބުނުން ޙަރާމް ކުރެވިފައިވެއެވެ. އަދި މީހަކަށް މިފަދ ކަމެއް ހީ
ވިޔަ ނުދިނުމަށްޓަކައި(އަދި އެހެން ސަބަބުތަކައްޓަކައިވެސް މެ) އެކަހެރި
ތަންތާނގައި ވަކިން ނުތިބުމަށްވެސް އެންގިއެވެ.
އަދި ޤުރުއާނުގައި
އަހަރެމެންނަށް އަންގާފައި ވަނީ، ގިނަ ހީ ތަކުން ދުރުވެގަތުމަށެވެ. އަދި ޖާސޫސް
ނުކުރުމަށެވެ. މި ވަރުންވެސް ދޫ ނުހިފެހެއްޓި، މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު
އަޅުވައިފިނަމަ ދެން އެވީ ކަނޑައެޅިފައިވާ ޢަޤޫބާތް ދޭށެވެ.
ފަހެއް : ރާ ބުއިން
ރަލަކީ ހުރިހާ ނުބައެއްގެ
މަންމައެވެ. ތަނެއްގައި ރާ ބުއިން ފެތުރިއްޖެނަމަ އެތަނެއްގައި މަސްތުވާ އެހެން
އެއްޗެއްސާއި، ހަށި ވިއްކުމާއި، ތިމާގެ މީހުން ގަޔަށް އެރުމާއި، ވައްކަން
ކުރުމާއި، މާރާމާރީތައް ފެތުރުން އެއީ ނުވެ ނުދާނެ ކަމެކެވެ. ރަލަކީ އިންސާނާއަށް
ލިބެގެންވާ އެންމެ މުހިއްމު ނިޢުމަތް ކަމުގައިވާ ބުއްދީގައި ތަޅުލައި،
ޖަނަވާރުންގެ ދަރަޖައަށް އިންސާނާ ވައްޓާލާ އެއްޗެކެވެ. ނަފްސާނީ އަދި ޖިސްމާނީ
އެތަކެއް އެތަކެއް ބައްޔެއްގެ ފަހަތުގައި ރާ ވެއެވެ.
ޤުރުއާނުގައި ރާ ސިފަ
ކުރައްވާފައިވަނީ އެއީ ޝައިޠާނާގެ ޢަމަލުތަކަށް ވުރެވެސް ހަޑި ހުތުރު ކަމެއްގެ
ގޮތުގައެވެ.
ޝަރީޢަތުގެ މަޤްޞަދު
ކަމުގައި ހިމެނޭ ފަސް ކަންތައް (ދީން، ފުރާނަ، ބުއްދި، ނަސްލު، މުދާ) އެއްފަހަރާ
މުލުން ލުހެލާނެ ހަމަ އެކަނި އެއްޗަކީ ރަލެވެ. އަދި ޙައްދު ކަނޑައެޅިފައިވާ ހުރިހާ
ކަމަކާއިވެސް ގުޅުން ހުރި ހަމަ އެކަނި ފާފައަކީވެސް، ރާ ބުއިމެވެ. ބަލަމާ
ހިނގާށެވެ. ރާ ބޮއެފިއްޔާ މީހާ މުރުތައްދު ވުން އެއީ ދާދި ކައިރި ކަމެކެވެ. މިއީ
އަދި ދީނީ ވާޖިބުތައް ދޫ ކުރުން އެއްކިބާގައި ބާއްވާފައެވެ. ރާ ބޮއެފިއްޔާ މީހަކު
މެރުން އެއީ ވަރަށް ފަސޭހަ ކަމެކެވެ. ރާ ބޮއފިއްޔާ ޒިނޭ ކުރުން އެއީ ނިކަން ފަސޭހަ
ކަމެކެވެ. ރާ ބޮއެފިއްޔާ ވައްކަން ކުރުން އެއީ ޢާއްމު ކަމެކެވެ. ހަމަ އެހެންމެ
ރަލަކީ މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ފަތުރަން، ޝައިޠާނާ
ބޭނުން ކުރާ އެއްޗެކެވެ.
ހައެއް : މުރުތައްދުވުން
މުރުތައްދުވުމަކީ، މުސްލިމަކު
އިސްލާމް ދީނުން ބޭރުވާފަދަ ޢަމަލެއް ކޮށް ނުވަތަ ބަހެއް ބުނުމެވެ. މިކަން
ކަނޑައަޅާނީ ޤާޟީއެކެވެ. ފަހަރެއްގައިވެސް ވަކި ފަރުދަކު މީހަކީ މުރުތައްދެކޭ
ބުނެ، މުސްލިމަކު ދީނުން ބޭރުކޮށްގެން ނުވާނެއެވެ. އެހެނީ އެއީ ވަރަށް ވެސް ބޮޑު
ކަމެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: مَنْبَدَّل دِينَه فَاقتُلُوه މާނައަކީ: ''ދީން
ބަދަލުކޮށްފި މީހާ ފަހެ ޤަތުލު ކުރާށެވެ.''
ނަމަވެސް މުރުތައްދު ވާ
މީހާއަށް އޭނާގެ ނަފްސު މުރާޖަޢާކޮށް އިސްލާހުވެ އަލުން ދީނަށް ވަނުމުގެ ފުރުޞަތު
ދެވެއެވެ. އެއީ އޭނާގެ ހިތުގައި ޝައްކެތް ނުވަތަ އޮޅުން އަރާ ކަމެއް އޮތިއްޔާ އެ
ކަން ސާފުކޮށް ދިނުމަށްފަހުގައެވެ. މިކަމަށް ދޭ މުއްދަތާ މެދު ޢިލްމުވެރިން އިޚްތިލާފުވެ
ވަޑައިގަންނަވައެވެ.
މުރުތައްދުވާ މީހާ މަރާލަން
ޖެހޭނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެލައްވައެވެ. ނަމަވެސް މުރުތައްދު ވާ
ކޮންމެ މީހަކީ ޤަތުލު ކުރަން ޖެހޭ މީހެއް ނޫންކަމަށް ބައެއް ޢިލްމުވެރިން
ދެކެލައްވައެވެ. މި ކަމުގައި ބަލާ ތަންކޮޅަކީ އޭނާ ނުކުތީ އިސްލާމް ދީނާއި
ދެކޮޅަށްތޯ؟ ނުވަތަ އޭނާ ނުކުތީ އިސްލާމް ދީނުންތޯއެވެ؟ މި ދެކަމަކީ ތަފާތު ދެ
ކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
އެ ބޭފުޅުން ވިދާޅުވާ
ގޮތުގައި، މުރުތައްދު ވާ މީހާ މަރާލެވެނީ އޭނާ އެހެން ދީނެއް ޤަބޫލު ކުރީމައެއް
ނޫނެވެ. އެކަމަކު އޭނާ އިސްލާމް ދީނުން ބޭރުވެ އެހެން މީހުން ނެރެން މަސައްކަތް
ކޮށް އެހެން މީހުންގެ ހިތުގައި ޝައްކު އުފައްދަން މަސައްކަތް ކުރާތީއެވެ.
މުޖްތަމަޢްގެ ޢަޤުދުން ބޭރުވެ މުޖްތަމަޢަށް ޚިޔާނާތްތެރި ވާތީއެވެ. ކޮންމެ އަކަސް
މިއީ ވަރަށް ގިނަ ވާހަކަ ދެކެވިފައިވާ މައުޟޫއެކެވެ. ވީމާ މި ވަރުން މި ތާނގައި
ފުއްދާލާނަމެވެ.
ޤިޞާޞް
ޤިޞާޞަކީ އިސްލާމީ
ޝަރީޢަތުގައި އައިސްފައިވާ ޢުޤޫބާތުގެ ދެވަނަ ވައްތަރެވެ. ޤިޞާޞް ގެ މާނައަކީ،
ޖިނާޔަތެއް ދެވުނު މީހާއަށް ލިބުނުފަދަ ގެއްލުމެއް، ޖިނާޔަތް ދިން މީހާއަށްވެސް
ދިނުމެވެ. މަރައިފިނަމަ މެރުމެވެ. ގުނަވަނެއް ބުރިކޮށްފިނަމަ ބުރިކުރުމެވެ.
ޒަޚަމްކޮށްފިނަމަ ޒަޚަމް ކުރުމެވެ. މި ކަމާއި ބެހޭ ތަފްޞީލުތައް ޤާޟީ ބަލާނެއެވެ.
ޤިޞާޞް ހިފުމުގެ މުހިއްމު
ޤަވާޢިދުތައް:
1 - ޤިޞާޞް އޮންނަނީ ހަމަ
އެކަނި، ގަސްދުގައި މީހުން މެރުމާއި ގަސްދުގައި ޒަޚަމް ކުރުމުގައެވެ. އޮޅުމަކުން
މީހަކު މެރުނަސް ޤިޞާޞެއް ނޯންނާނެއެވެ. އަދި ޒަޚަމްވެސް ހަމަ މި ބީދައެވެ. މާތް ﷲ
ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى
މާނައަކީ: ''އޭ
އީމާންވެއްޖެ މީސްތަކުންނެވެ. ޤަތުލު ކުރެވޭ މީހުންނާ މެދު ބަދަލު ހިފުމުގެ ގޮތް،
ތިޔަބައި މީހުންގެ މައްޗަށް ކަނޑައަޅުއްވާ ލިއުއްވުނެވެ.'' (ސޫރަތުލް ބަޤަރާ- 178)
އަދިވެސް ވަޙީ ކުރައްވަނީ: وَالْجُرُوحَ قِصَاصٌ
މާނައަކީ: ''ހާނީއްކަތަކަކީ
ޤިޞާޞް ހުރިކަމެކެވެ.''
2 - ޤިޞާޞް ހިފުމާއި ދިޔަ
ދިނުން އެއީ ޤާޟީ ކުރަން ޖެހޭ ޙުކުމްތަކެކެވެ. މީސް މީހުން އަމިއްލަ އަމިއްލަ އަށް
މި ކަން ކުރުން ހުއްދައެއް ނޫނެވެ.
3 - ޖިނާޔަތް ލިބޭ ފަރާތަށް،
އަނިޔާ ދިން މީހާ އަށް މާފު ކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެން ވެއެވެ. ކިއެއްތަ
އެއީ އެދެވިގެންވާ ކަމެކެވެ.
ތަޢްޒީރު
ތަޢްޒީރުގެ މާނައަކީ
އިސްލާމް ދީނުގައި ޙައްދެއް ނުވަތަ ކައްފާރާއެއް ކަނޑައެޅިފައި ނުވާ ކުށްތަކަށް،
ﷲގެ ޙައްޤެއްގެ ގޮތުގައި ނުވަތަ އާދަމުގެ ދަރިއެއްގެ ޙައްޤެއްގެ ގޮތުގައި، ދެވޭ
ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ޢުޤޫބާތްތަކެވެ.
މީހުން ކުރާ ކުށްތަކަށް
އެންމެ ގިނައިން ދެވޭ ޢުޤޫބާތަކީ ތަޢްޒީރުގެ ޢުޤޫބާތެވެ. ސަބަބަކީ ޙައްދާއި ޤިޞާޞް
އޮންނަނީ މުޅި އެކު އެންމެ ހަތް ކަމެއްގައެވެ. އަދި ޙައްދު ޤާއިމު ކުރެވޭ
ކަންތައްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ވަރުގަދަ ކަމުން ގިނަ ފަހަރަށް އެކަން
ޤާއިމު ކުރެވޭތަނެއް ނާދެއެވެ.
ތަޢްޒީރުގެ ޢުޤޫބާތްތަކަކީ،
ޤާޟީ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެވިފައިވާ
ޢުޤޫބާތްތަކެކެވެ. އެ ގޮތުން ކުށެއް ކުރީމާ ނަސޭހަތްވެސް ދެވިދާނެއެވެ.
އިންޒާރުވެސް ދެވިދާނެއެވެ. އެއްޗަކުން އަނިޔާ ނުވާ ގޮތަށް ޖެހިވެސް ދާނެއެވެ.
ޖަލަށްވެސް ލެވިދާނެއެވެ. އަރުވައިވެސް ލެވިދާނެއެވެ. ޖޫރިމާނާވެސް
ކުރެވިދާނެއެވެ.
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ