ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

25 October, 2013

ހުވަފެން ތަޢުބީރު

ހުވަފެނެއްގައި، މީހަކަށް އޭނާގެ ފަހަތުން، ސިންގާއެއް ދުވަނިކޮށް ފެނުނެވެ. ސިންގާ ފެނުމުން، އޭނާ ގަހަކަށް އަރައި، އޮފިގަނޑެއްގައި އިށީންދެއްޖެއެވެ.

ތިރިއަށް ބަލައިލިއިރު، އޭނާއަށް ފެނުނީ ގަހުގެ ތިރީގައި އޭނާ ފައިބާނެ ކަމަށް، ސިންގާ އޮތަތީއެވެ. އޭނާ އިށީންދެގެން އިން އޮފިގަނޑު، ގަސްގަނޑާއި ގުޅިފައިވާ ތަނަށް ބަލައިލިއިރު، ދެމީދަލެއް އޮފިގަނޑު، ވަށައިގެން އެނބުރެމުން ކަމުން ދެއެވެ. އެއްމީދާ ކަޅެވެ. އަނެއް މީދާ ހުދެވެ. 

މީދާތައް ކާވަރުން، ގަހުގައި އޮފިގަނޑު، މާގިނައިރު އިންނާނެހެނެއް ހިއެއް ނުވެއެވެ. ސިންގާ ކޮބައިތޯ ބަލައިލިއިރު، އޭނާއަށް ފެނުނީ، ކަޅުކުލައިގެ ހަރުފައެއް އައިސް، އޭނާ އިށީންދެގެން އިން އޮފިގަނޑާއި، ސީދާ ތިރީގައި ޖައްސައިލިތަނެވެ. 

ހަރުފަ، އޭތީގެ ބޮޑު ކަޅު، އަނގަ ހުޅުވައިގެން، އޭނާއަށް އިންތިޒާރު ކުރާ ކަހަލައެވެ. ގަތްބިރުން، ހިފަހައްޓާނެ، އެހެން އޮފިގަނޑެއް އިންތޯ މަތި ބަލައިލިއިރު، މާމުއި ކުޅަނދުރު ހަތައެއް، ޖެހިގެން މައްޗަށް އިން އޮފިގަނޑުގައި، އިންދާ ފެނިއްޖެއެވެ. 

ހަތައިން، ވާދެމެމުން، މާމުއިތައް ތިރިއަށް ތިކިތަޅައެވެ. މާމުއީގެ ރަހަބަލައިލުމަށް، ދޫ ބޭރަށް ނެރެ، ތިއްކެއް ޖައްސައިލިއިރު، މާމުއި ވަރަށް ފޮނިކަމަށް ފެނުނެވެ. މާމުއި ބޯހިތުން، ތިކިތަޅާ ދިމާތިރިއަށް ދޫނެރެގެން އެކަމާ މަޝްޣޫލުވުމުން، ހަރުފަ މަތިން ހަނދާން ނެތިއްޖެއެވެ. އަދި ސިންގާއާއި މީދާ މަތިން ހަނދާން ނެތިއްޖެއެވެ.

ފަތިހު ހޭލެވުމުން، މިސްކިތުން އައި މަގުމަތީގައި، އޭނާއަށް ދީނީ ޢިލްމުވެރިއަކާ ދިމާވިއެވެ. ފެނުނު ހުވަފެން ކިޔާ ދިނުމަށްފަހު، އޭގެ ތަޢްބީރަކީ ކޮބައިތޯ ސުވާލުކުރިއެވެ.

ޢިލްމުވެރިޔާ ބުންޏެވެ. "ހަރުފައަކީ ކަލޭގެ މަރެވެ. ދާ ކޮންމެ ތަނަކަށް ފަހަތުން އޭތި ދާނެއެވެ. ކަޅުމީދަލަކީ ރޭގަނޑެވެ. ހުދު މީދަލަކީ ދުވާލެވެ. މިދޭތި ދައުރުކުރަމުން، ކަލޭގެ ޢުމުރު ހުސްކުރަމުން، ކަލޭގެ މަރާއި ކައިރިކުރަމުން ދެއެވެ. 

އަނގަ ހުޅުވައިގެން އިން ކަޅު ހަރުފައަކީ، ކަށްވަޅެވެ. އެ އިންތިޒާރު ކުރަމުން ދަނީ، އޭގެ އެތެރެއަށް ކަލޭ، ވެއްޓޭނެ ވަޤުތަކަށެވެ. ހަތަޔަކީ މިދުނިޔެއެވެ. މާމުޔަކީ، ދުނިޔޭގެ އުފާތަކެވެ. އެއުފާތަކުގެ ތެރެއަށް، މާ ބޮޑަށް ގެއްލިއްޖެނަމަ، އަހަރެމެންގެ ޢުމުރުގެ މަތިން ހަނދާން ނެތެއެވެ. މަރުގެ މަތިން ހަނދާން ނެތެއެވެ. ކަށްވަޅުގެ މަތިން ހަނދާން ނެތެއެވެ."  

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ