Skip to main content

ޝަޢުބާންމަހު ފަނަރަވިލޭރެއަށް ޚާއްޞަ އަޅުކަމެއްނޯވޭ


ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ޝަޢްބާންމަހުގެ ފަނަރަވަނަ ވިލޭރެއަކީ، ޚާއްޞަ ނަމާދުތަކަކާއި ޚާއްޞަ އަޅުކަންތަކެއް ކުރުން ސުންނަތްވެގެންވާ ރެއެއްކަމުގައި، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ރެއެކެވެ. ގިނަބައެއްގެ ތެރޭގައި މިރޭ މަޝްހޫރުވެފައިވަނީ ހިޔަރަކާތް ވިލޭރޭގެ ނަމުންނެވެ. ހިޔަ ރަކާތަކީ ހިޔަ ރަކްޢަތެވެ. ހިޔައަކީ ސަތޭކައެވެ. މާނައީ އެރޭ ސަތޭކަ ރަކްޢަތް ނަމާދު ކުރުން ސުންނަތްވެގެންވާކަމުގައި ދުށުމެވެ
. 

އަދި މިދުވަހު ރޯދަހިފުން ސުއްނަތްކަން ގަދަވެގެންވާ ކަމަށްވެސް ގިނަބަޔަކު ދެކެއެވެ. އެހެނަސް، މާތްކަމާއި މަތިވެރިކަން އަދި ޚާއްޞަ ޘަވާބަކާއި ދަރުމައެއް ލިބޭ ވަގުތުތަކާއި ކަންކަމީ، ޝަރްޢީ ދަލީލަކުން މެނުވީ ސާބިތުކުރެވޭނޭ ކަންކަމެއް ނޫނެވެ. މިގޮތުން ބަލާއިރު ޝަޢްބާންމަހުގެ ފަނަރަވިލޭރޭ،
  ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ ޚާއްޞަ ނަމާދެއް ނުވަތަ ނަމާދުތަކެއް ކުރެއްވިކަމަށް އެކަލޭގެފާނުގެ އަރިހުން ސާބިތުވެފައެއް ނުވެއެވެ. އަދި މިފަދަ ކަމެއް ކުރުމަށް އިރުޝާދެއް ދެއްވާފައެއްވެސް ނުވެއެވެ. މިރޭ އަޅުކަންކުރުމުން މުޞީބާތްތަކުން ސަލާމަތްވާނޭކަމަށާއި ޢުމުރު ދިގުވާނޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއުޅެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކީ، އެއްވެސް އަޞްލެއްގެ މައްޗަށް ބިނާކޮށް   ދެކެވޭ ވާހަކަތަކެއްނޫނެވެ.
ތެދެކެވެ. ރަމަޟާން މަސް ފިޔަވައި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެގިނައިން ރޯދައަށް ހުންނަވަނަނީ ޝަޢުބާން މަހުގެ ދުވަސްތަކުގައި ކަން، ޙަދީޘުން ސާބިތުވެއެވެ. އެހެނަސް މިޙަދީޘުތަކުގައިވެސް ޝަޢުބާން މަހުގެ ފަނަރަވަނަ ވިލޭރެއާއި އެދުވަސް ވަކިއަޅުކަމަކަށް ޚާއްޞަކުރައްވާކަން އެނގޭކަށް ނެތެވެ. އަދި މިކަން ކުރުމުން ވަކިއިތުރު ސަވާބެއް ލިބޭކަމަކަށްވެސް ސާބިތުވެފައި ނުވެއެވެ.
ހަމައެހެންމެ ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއަކީ ކުރިއަށް އޮތް އަހަރަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ކަންތައްތައް ތަޤްދީރުކުރައްވާ ރޭކަމަށް ދެކެވޭ ވާހަކައަކީވެސް އެއްވެސް އަސްލެއް އެކުލެވިގެންވާ ވާހަކައެއް ނޫނެވެ. މިއާ ޚިލާފަށް ދަލީލުތަކުން ފެންނަން އޮތްގޮތުގައި، ކުރިއަށްއޮންނަ އަހަރުތެރޭގައި ވުމަށް، ﷲ އިރާދަކުރައްވާ ކަންތައްތަކުގެ ޚަބަރު މަލާއިކަތް ބޭކަލުންނަށް އަންގަވާރެއަކީ ރަމަޟާންމަހުގެ ރެއެކެވެ. އެރެއަކީ ބަރަކާތްތެރި ލައިލަތުން ޤަދްރު ވިލޭރެއެވެ. އެރެއާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ މިފަދއިންނެވެ. حم (١)وَالْكِتَابِ الْمُبِينِ (٢)إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ (٣)فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (٤)أَمْرًا مِنْ عِنْدِنَا إِنَّا كُنَّا مُرْسِلِينَ (٥) [الدخان 1-5]  
މިއާޔަތްތަކުގައި އެކުލެވިގެންވާ މާނައީ "އެންމެހައި ޙުކުމްތަކެއް ބަޔާންކުރެވިގެންވާ ފޮތް ގަންދެއްވައި ވަޙީކުރައްވަމުއެވެ. ހަމަކަށަވަރުން ތިމަންއިލާހު، އެފޮތް ބާވާލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަރުން، މިފޮތަށް ފުރަގަސްދީފައިދާ މީހުންނަށް ހުރި ގެއްލުމުގެ ވާހަކައިން އިންޒާރުކުރައްވާ ކަލަކުކަމުގައި ތިމަންއިލާހު ވޮޑިގެންވަމެވެ. އެރޭ، ތިމަންއިލާހުގެ ޙަޟްރަތުން އަންނަ އަމުރަކުން، މުޅި އަހަރަށް ނިޔާކުރައްވާ އެންމެހައިކަންތައްތަކެއް މިންވަރު ކުރެވެއެވެ. ހަމަކަށަވަރުން ރަސޫލުބޭކަލުން ފޮނުއްވައި ފޮތްތައް ބާވާލައްވައި، ޤިޔާމަތުގެ ވާހަކައިން ތިމަންރަސްކަލާނގެ މީސްތަކުންނަށް އިންޒާރު ކުރައްވާ ހުށީމުއެވެ".
މިއާޔަތްތަކުން އެނގޭގޮތުގައި ކީރިތި ޤުރުއާން ބާވާލެވުނީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. އަދި ކުރިޔަށް އޮތް އަހަރަށް ﷲ ނިޔާކުރައްވާ ކަންތައްތައް ނިޔާކުރައްވަނީ އެރޭގައިކަންވެސް މިއާޔަތްތަކުން އެބައެނގެއެވެ. ޤުރުއާން ބާވާލައްވަން ފެއްޓުނީ ރަމަޟާން މަހުގައިކަން އަލްބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުން ސާބިތުވެއެވެ. { شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ القُرْآَنُ }  މާނައީ"ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވާލެވުނު މަހެވެ." ޤުރްއާން ބާވާލައްވަން ފެއްޓުނީ ލައިލަތުން ޤަދުރު ވިލޭރޭގައި ކަމާއި، އެއީ ރަމަޟާން މަހުގެ ރެއެއްކަންވެސް ދަލީލުތަކުން އެނގެއެވެ. މާތް ﷲ ވަޙީކުރައްވައެވެ. إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (١) [القدر 1] މާނައީ"ހަމަކަށަވަރުން ޤަދަރު އުފިލިގެންވާ ރޭގައި ތިމަންއިލާހު މިޤުރްއާން ބާވާލެއްވީމެވެ."
މިހުރިހާކަމަކަން އެނގެނީ، ޤަދަރު އުފުލިގެންވާ ރެއަކީ ޤުރުއާން ބާވާލައްވަން ފެށުނު ރެއެވެ. އެރެއަކީ ތަޤުދީރު ކުރައްވާ ރޭވެސް މެއެވެ. އަދި އެއީ ރަމަޟާން މަހުގެ ރެއެކެވެ.
















Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟