އިސްތިޚާރާ ނަމާދަކީ ކޮބާ؟
ދިރިއުޅުމުގައި ވަރަށް ގިނަފަހަރަށް ކަންކަމުގައި، ވަކި ޤަރާރެއް ކަނޑައަޅަން ނޭނގޭ ޙާލަތްތައް އަޅުގަނޑުމެންނަށް ކުރިމަތިވެއެވެ. މިސާލަކަށް، ކިޔަވާނީ ކޮން ދާއިރާއަކުންތޯ، އިންނާނީ ކާކާއިތޯ، އަތުގައިހުރި ފައިސާއިން ވިޔަފާރިއެއް ފައްޓާނީތޯ ނުވަތަ އެނޫން ކަމެއް ކުރާނީތޯ ފަދަ ސުއާލުތައް ހިތުތެރޭގައި އުފެދޭ ކަންކަމެވެ. އިސްލާމްދީނުގައި މިފަދަ ދަނޑިވަޅުތަކުގައި، ކަންތައްކުރާނެ ގޮތުގެ ޙައްލެއްގެ ގޮތުން އިސްތިޚާރާ ނަމާދު ޝަރުޢުކުރައްވާފައިވެއެވެ. މިއީ ހަމަހަމަ ދެގޮތުންކުރެ ބޮޑަށް ރަނގަޅުގޮތެއް ދެއްކެވުން އެދި ކުރާ ނަމާދެކެވެ.