މިއީ އެންމެ ފަހުގެ ރޯދަމަހަށް ވެދާނެއެވެ ... ؟؟؟ މުސްލިމުން ރޯދަމަހަށް އިސްތިޤްބާލު ކުރުމުގެ މަގުމަތީގައި ވާއިރު ، އެބައިމީހުންގެ ޙާލާއިމެދު ބަލާލި ކޮންމެ މީހެއްގެ ލޮލުން އަންނާނީ ލޭގެ ކަރުނައެވެ. އެބައިމީހުންނާ ބައްދަލު ކުރުމަށް އަހަރަކު އެއްފަހަރު އަންނަ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މައްސަރާއި ބައްދަލު ކުރުމުގެ އެއްވެސް ޖޯޝެއް އެބައިމީހުންގެ ކިބަޔަކު ނެތެވެ. ނޫނެކެވެ. ޖޯޝު އެބަހުއްޓެވެ. ނަމަވެސް އެއީ އެމަހުގައި ކޮއްތު އެއްކުރުމުގެ ޖޯޝެވެ. ގެދޮރު ރީތި ކުރުމުގެ ޖޯޝެވެ. ގެއަށް އާ ވެލި ލުމުގެ ޖޯޝެވެ. ނަމަވެސް...އެބައިމީހުންގެ ރޫޙަށް އެއްވެސް ކަހަލަ ދިރުމެއް ގެނެސް ، އެ މައްސަރުގެ ރަޙްމަތާއި ، ފާފަ ފުއްސެވުމާއި ، ނަރަކައިން ދިންނެވުން ލިބޭތޯ މަސައްކަތް ކުރަނީ ވަރަށްވެސް މަދު ބައެކެވެ.