ލޯބިވާ ދަރިފުޅާއެވެ! ކޮންމެ ދަރިޔަކީ، الله سبحانه وتعالى މައިންބަފައިންނާ ޙަވާލު ކުރައްވާފައިވާ އަމާނާތެކެވެ. ޤިޔާމަތް ދުވަހުން ދަރިންގެ ޙައްޤުތަކާމެދު މައިންބަފައިންނާ ސުއާލު ވެވޭނެއެވެ. ދަރީންގެ ތެރެއިން އަންހެން ދަރީންގެ މަސްއޫލިއްޔަތު ވަކީން ބޮޑެވެ.
الله سبحانه وتعالى މަޢުރިފާ ކޮށްދިނުމާއެކު، މާތްވެގެންވާ އިސްލާމްދީން އުނގަންނައިދީ، އަދި ފިރިމީހާގެ ޙައްޤު އުނގަންނައި ދިނުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ހަމަ އެހެންމެ އަންހެން ދަރިޔަށް އޭނާއާ ކޫފު ހަމަވާ ޞާލިޙު ފިރިޔަކު ހޯދައިދިނުމަކީވެސް މައިންބަފައިންގެ ވާޖިބެކެވެ. މިހެނީ الله سبحانه وتعالى ގެ ޙައްޤުތަކަށް ރައްކާތެރިވެ ހުރެގެން އަންހެނަކު އެންމެ ބޮޑަށް ރައްކާތެރި ވާން ޖެހޭ ޙައްޤަކީ ފިރިޔާގެ ޙައްޤެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
{ لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِأَحَدٍ لَأَمَرْتُ النِّسَاءِ أَنْ يَسْجُدْنَ لِأَزْوَاجِهِنَّ } (أبو داود)
މާނައީ: " ތިމަން ރަސޫލާ މީހަކަށް ސަޖިދަކުރަން މީހަކަށް އަމުރު ކުރައްވާނޭ ނަމަ، ފިރީންނަށް ސަޖިދަކުރަން އަނބީންނަށް އަމުރު ކުރެއްވީމުހެވެ."
މިޙަދީޘުން އެނގި ބަޔާން ވާ ގޮތުގައި އަންހެނަކަށް މިދުނިޔޭގައި ދިރި އުޅެމުންދާއިރު الله سبحانه وتعالىގެ ޙައްޤުތަކަށް ރައްކާތެރިވެ ހުރެގެން ދެން އެންމެ އިސްކަން ދޭން ޖެހެނީ ފިރިމީހާ އަށް ކިޔަމަން ގަތުމަށެވެ. މިކަމުގައި އަންހެނާ ރައްކާތެރިވާންވީ މިންވަރު ބަޔާން ކުރައްވައި رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
لاَ يَحِلُّ لاِمْرَأَةٍ أَنْ تَصُوْمَ وَزَوْجُهَا شَاهِدٌ إِلاَّ بِإِذْنِهِ (متّفق عليه)
މާނައީ: " އަންހެނަކަށް، އޭނާގެ ފިރިމީހާގެ ޙާޟިރުގައި އެފިރިމީހާގެ އިޛުނަ ލިބިގެން މެނުވީ ސުއްނަތް ރޯދަ ހިފުން ހުއްދައެއް ނޫނެވެ."
ދީނުގައި الله سبحانه وتعالى ފަރުޟު ކުރައްވާފައިވާ ކަންތައްތައް ފިޔަވައި ސުއްނަތް ކަންތައްތައް ކުރުމުގައި، ފިރިމީހާގެ އިޛްނަ، އަނބިމީހާ ހޯދަން ޖެހޭނެކަން މިދޭހަ ކޮށްދެނީ ފިރިމީހާއަށް ކިޔަމަންގަތުމުގެ ހުރި ބޮޑުކަމެވެ.
ލޯބިވާ ދަރިފުޅާއެވެ! ފިރިމީހާގެ ރުހުން ހޯދުން މިއީ އަންހެނެއްގެ ޙަޔާތުގެ އެންމެ އިސް އެއް މަޤްޞަދެވެ. ޙަޔާތުގައި އެންމެ ބުރަބޮޑު މަސްއޫލިއްޔަތަކީ މިއީ އެވެ. މި ކަން ހާމަ ކޮށް ދެއްވަމުން رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا رَاضٍ عَنْهَا دَخَلَتِ الْجَنَّةَ (ترمذي)
މާނައީ: "ފިރިމީހާ ރުހިގެންވާ ޙާލުގައި މަރުވެއްޖެ އަންހެނާ ސުވަރުގެ ވަދެއްޖެއެވެ."
އަދި ހަމަ އެހެންމެ ފިރިމީހާ ރުޅިވެގެންވާ ޙާލު، ރޭގަނޑު ވޭތު ކުރުމުން ހުރި ގެއްލުމާއި ދެރަ ބަޔާން ކުރައްވައި ޙަދީޘް ކުރައްވާފައި ވެއެވެ.
إِذَا بَانَتِ الْمَرْأَةُ هَاجِرَةً فِرَاشَ زَوْجِهَا لَعَنَتْهَا الْمَلاَئِكَةُ حَتَّى تُصْبِحَ (مسلم)
"ފިރިމީހާއާއި ވަކިން އަންހެނަކު ރޭގަނޑު ހޭދަކޮށްފިނަމަ އޭނާގެ މައްޗަށް ފަތިސްވާންދެން މަލާއިކަތުންގެ ލަޢުނަތް ވެއެވެ."
ލޯބިވާ ދަރިފުޅާއެވެ! ފިރިމީހާގެ ގާތުން އެއްވެސް ކަމަކާ ނުލައި، ވަރިޔަށް އެދުން މިއީ ވަރަށް ދެރަ، ގެއްލުން ބޮޑު ކަމެކެވެ. މިކަން އަންގަވައި ދެއްވަމުން رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
أَيُّمَا امْرَأَةٍ طَلَبَتْ مِنْ زَوْجِهَا طَلاَقَهَا مِنْ غَيْرِ بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةٍ (ترمذي)
މާނައީ: " ކަމަކާނުލައި ފިރިމީހާގެ ގާތުން ވަރިޔަށް އެދެފި އަންހެނެއްގެ މައްޗަށް ސުވަރުގެގެ މީރުވަސް ވަނީ ޙަރާމް ވެގެންނެވެ."
ލޯބިވާ ދަރިފުޅާއެވެ! ފިރިމީހާގެ ރުހުން އެއީ ޙަޔާތުގެ އެންމެ އިސް އެއް މަޤްޞަދު ކަމުގައި ވީއިރު، އެ މަޤްޞަދު ކާމިޔާބު ކޮށްގަތުމަށްޓަކައި އަންނަނިވި ނުޤްޠާ ތަކާ މެދު ޚިޔާލު ބަހައްޓައި ފަރުވާތެރިވުން ކޮންމެހެން ބޭނުމެވެ. ނޫންނަމަ މި މުހިއްމު މަޤްޞަދު ކާމިޔާބު ނުވެ، ޙަޔާތް ބަރުބާދުވެ ދިޔުމަކީ ދުރު ކަމެއް ނޫނެވެ.
الله سبحانه وتعالى ، ދަރިފުޅާއި އަދި އެންމެހާ މުސްލިމު އުޚްތުން މިފަދަ އެންމެހާ ނުބަޔަކުން ސަލާމަތް ކުރައްވާށިއެވެ! އާމީން!
|
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ