Skip to main content

ރޭގަނޑެއްގެ ދަތުރު



ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމުގެ އެއްއަހަރު ކުރީގެ ރެއެއްގެ ވަގުތެވެ. މަޑުމައިތިރިކަމާއި، ހަމަހިމޭންކަން ވަނީ މައްކާގެ މައްޗަށް ވެރިވެފައެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަފުޅު ލައްޕަވާއިގެން އޮންނަވަނިކޮށް އެކަލޭގެފާނުގެ ގެކޮޅުގެ ފުރާޅު ފަޅުއްވައި އެކަލޭގެފާނުގެ އަރިހަށް ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ.
އަދި އެކަލޭގެފާނުގެ މޭފުޅު ފަޅުއްވައި، ހިތްޕުޅު ނަންގަވައި، ޒަމްޒަމް ފެނުން ދޮންނެވިއެވެ. އެއަށްފަހު ޙިކުމަތާއި އީމާންކަން އޭގައި ފުރެންދެން ހުރި ރަނުގެ ތަށްޓެއް ގެންނެވިއެވެ. އަދި އެތަށީގައިވާ ތަކެތި އެކަލޭގެފާނުގެ މޭފުޅަށް އަޅުއްވައި މޭފުޅު ބަންދުކުރެއްވިއެވެ. ދެން ޖިބްރީލުގެފާނު މާތް ނަބިއްޔާ އާއިގެން ކަޢުބާގެ ދޮރުކޮޅާ ދިމާލަށް ވަޑައިގެންނެވިއެވެ. އެތަނުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ހުދުކުލައިގެ ދާއްބައެއް ފެނިވަޑައިގެންނެވިއެވެ. އެއީ ހިމާރަކަށް ވުރެ ބޮޑު ބަޣުލަކަށް ވުރެ ކުޑަ އެއްޗެކެވެ. އެސޮރު ފިޔަވަޅު އަޅަން މޮއްގަނޑު ބަހައްޓަމުންދަނީ ލޮލުގެ ފެނުން ގޮސް ޖެހޭ ހިސާބުގައެވެ. އެކަލޭގެފާނު އެދާއްބަޔަށް ސަވާރުވެވަޑައިގެން ބައިތުލް މަޤްދިސަށް  ދަތުރުކުރެއްވިއެވެ. އެކަލޭގެފާނުގެ ދަތުރުފުޅުގެ މިބަޔަށް އަލްއިސްރާއޭ ނަންދެވިފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވަނީ  سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ  [1]މާނައީ: ” އެއިލާހުގެ ހުސް طاهـر ވަންތަކަމާއެވެ! އެއިލާހީ، المسجد الحرام ން، المسجد الأقصى އަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު بركات ލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ. “
އެސަވާރީން ފައިބާވަޑައިގެން މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ، އަލްމަސްޖިދުލް އަޤްސާއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އެތަނުން މޫސާ ޢަލއިހިސަލާމާއި ، ޢީސާ ޢަލައިހިސަލާމްގެ އިތުރުން ﷲ ޚަލީލް އިބްރާހީމް ޢަލައިހި ސަލާމް ފެނިވަޑައިގެންނެވިއެވެ. އަދި އެތަނުގައި ހުރިހާ ނަބިއްޔުންނާއި ރަސޫލުންނާއިގެން އިމާމުވެވަޑައިގެން ނަމާދުފުޅެއް ކުރެއްވެވިއެވެ. ދެން އަނެއްކާވެސް ޖިބްރީލުގެފާނުގެ އަރިހުގައި މިކާއިނާތު ދޫކުރައްވައި އުޑުތަކުގެ މަތިވެރިވެގެންވާ ޢާލަމަށް ދަތުރު ފެއްޓެވިއެވެ. އެކަލޭގެފާނުގެ ދަތުރުފުޅުގެ މިބަޔަށް މިޢުރާޖުގެ ނަންދެވިފައިވެއެވެ.
ޖިބްރީލުގެފާނު މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއިގެން އުޑުތައް ހުރަސްކުރެއްވިއެވެ. އެކި އުޑުތަކުން އެކަލޭގެފާނާއި އެކިނަބީބޭކަލުންނާ ބައްދަލުވެވަޑައިގެންނެވިއެވެ. ޖިބްރީލުގެފާނު އެކަލޭގެފާނައިގެން ސިދުރަތުލް މުންތަހާ އާއި ހަމައަށް ވަޑައިގެންނެވިހިނދެވެ. އެތަނުގައި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް، އެއްވެސް މެދުވެރިޔަކާއި ނުލައި ﷲ ސުބުހާނަހޫ ވަތަޢާލާ ސީދާ ބަސް ވަޙީކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ބަޤަރާ ސޫރަތުގެ އެންމެފަހު އާޔަތްތައް ބާވައިލެއްވުނެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ދެއްވުނު މިބޮޑު މުޢުޖިޒާތީ ދަތުރުފުޅުގައި، ރެއަކާއި ދުވާލު ފަސްނަމާދު، އެކަލޭގެފާނާއި އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ﷲ ސުބުހާނަހޫ ވަތަޢާލާ ފަރުޟުކުރެއްވެވިއެވެ. ނަމަވެސް، އެނަމާދު އެންމެ ފުރަތަމަ ފުރުޟުކުރެއްވުނީ، ފަންސާސް ނަމާދުގެ ގޮތުގައެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކުރެއްވި މި އަމުރުފުޅުތަކައިގެން އެނބުރި ވަޑައިގެންނެވި މަގުމަތީގައި މޫސާ ޢަލައިހި ވަސައްލަމް އާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެހިނދު، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ﷲ ސުބުހާނަހޫ ވަތަޢާލާ ފަރުޟުކުރެއްވި އަޅުކަމަކީ ކޮބައިތޯ މޫސާ ޢަލައިހި ސަލާމް ސުވާލު ކުރެއްވެވިއެވެ. ދެން މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުއްމަތަށް ކޮންމެ ރެއަކާއި ދުވާލު ފަންސާސް ނަމާދު ފަރުޟުކުރެއްވި ވާހަކަ ޙަދީޘްކުރެއްވުމުން މޫސާ ޢަލައިހި ސަލާމް ދެންނެވިއެވެ. ” ކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންނަށް ކުރުމަކަށް ކުޅަދާނަ ވެގެންނެއް ނުވާނެއެވެ. ކަލޭގެފާނުގެ ކުރީން ތިމަންކަލޭގެފާނު މީސްތަކުން ތަޖުރިބާ ކުރެއްވީމެވެ. ފަހެ، ތިމަންކަލޭގެފާނު ފޮނުއްވުނީ ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ގާތަށެވެ. އެމީހުންގެ ފުށުން ތިމަންކަލޭގެފާނަށް އެތަކެއް ތުރާތަކާއި ކުރިމަތިވިއެވެ. ކަލޭގެފާނުގެ ވެރިއިލާހުގެ ޙަޟްރަތަށް އަލުން އެނބުރި ވަޑައިގަންނަވާށެވެ. އަދި އުއްމަތުގެ މީސްތަކުންނަށް ލުއިކޮށްދެއްވުމަށް ދަންނަވާށެވެ. ” މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެފަދައިން ޢަމަލުކުރެއްވެވިއެވެ. އަދި ﷲ ސުބުހާނަހޫ ވަތަޢާލާ އެނަމާދުތަކުގެ ޢަދަދުން ދިހައެއް މަދުކޮށްދެއްވެވިއެވެ. ދެން އެކަލޭގެފާނު އެނބުރިވަޑައިގެންނެވި މަގުމަތީގައި މޫސާ ޢަލައިހި ސަލާމާ ބައްދަލުވެވަޑައިގަތުމުން، މިފަހަރުވެސް ކުރިން ވިދާޅުވިފަދައިން ވިދާޅުވެ، އަދި އިތުރަށް އުއްމަތުގެ މީހުންނަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނުގެ ވެރިއިލާހުގެ ޙަޟްރަތުގައި ދެންނެވުމަށް ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ވެރިއިލާހުގެއާއި މޫސާ ޢަލައިހި ވަސައްލަމް އާއި ދެމެދުގައި އެތަކެއްފަހަރު ހިންގެވިއެވެ. މާތް ﷲ މިފަދައިން ވަޙީކުރެއްވުމަށް ދާންދެނެވެ. ” އެއީ ރެއާއިދުވާލު ފަސްނަމާދެވެ. އެފަސްނަމާދު ފަންސާސް ނަމާދު ފަދައެވެ. ” މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެނބުރި ވަޑައިގެންނެވި މަގުމަތީގައި އަނެއްކާވެސް މޫސާ ޢަލައިހި ސަލާމް އާ ބައްދަލުވެވަޑައިގެންނެވިއެވެ. އަދި ރެއަކާއިދުވާލު ފަސްނަމާދު އެކަލޭގެފާނުގެ އުއްމަތަށް ފަރުޟުކުރެއްވުނުކަމުގެ ޚަބަރު ދެއްވެވިއެވެ. އެހިނދު ކުރީންވެސް މޫސާ ޢަލައިހި ސަލާމް ދެންނެވިފަދައިން އެވާހަކަ ތަކުރާރުކުރެއްވެވިއެވެ. ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވެވިއެވެ. ” ތިމަންކަލޭގެފާނުގެ ވެރިއިލާހުގެ ޙަޟްރަތުގައި ލުއިކޮށްދެއްވުމަށް އިތުރަށް ދެންނެވުމަށް ލަދުވެތިވެ ވަޑައިގަންނަވަމެވެ. “
މިދަތުރުފުޅުގައި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ދެކެވަޑައިގެންނެވިއެވެ. އަދި އެތާނގައި މުތީގެ ފުނިވަރުވަރު ވެއެވެ. އަދި އެތާނގެ ވެލި ވަނީ މިސްކުންނެވެ. އަދި އެކަލޭގެފާނަށް ނަރަކަ ދެއްކެވުނެވެ. އެތަނުގެ އަހުލުވެރީންނަށް އެކި ފާފަތަކުގެ ސަބަބުން ނުބައިވެގެންވާ ޢަޛާބު ދެއްވަނިކޮށް ފެނިވަޑައިގެންނެވިއެވެ. މިދަތުރުފުޅު ނިންމަވައި އެކަލޭގެފާނު ގެކޮޅަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނުގެ އެނދުދާންމަތިކޮޅުގައި ހުރި ހޫނުކަން އަދި ކެނޑިގެން ނުދެއެވެ.
مَا كَذَبَ الْفُؤَادُ مَا رَأَىٰ  {11}أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ  {12}وَلَقَدْ رَآهُ نَزْلَةً أُخْرَىٰ  {13}عِنْدَ سِدْرَةِ الْمُنْتَهَىٰ {14}عِنْدَهَا جَنَّةُ الْمَأْوَىٰ  {15}إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ  {16}مَا زَاغَ الْبَصَرُ وَمَا طَغَىٰ  {17}لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ  [2] {18} 
މާނައީ: ” އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ. سدرة المنتهى ގެ ކައިރިންނެވެ. އެތާނގެ ކައިރީގައި جنة المأوى ވެއެވެ. ( އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ. ) سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ. “  

މަސްދަރު ދިސަލަފިއްޔާ

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.