ކީރިތި
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތުގެ ތެރެއަށް ފީނާލުމުން ފެނިގެންދާ
އެއް ހަޤީޤަތަކީ އިސްލާމްދީން އޭގެ އެންމެ ތަނަވަސް މާނާގައި ފުޅާކުރުމަށް
ކޮށްފައިވާ މަސައްކަތްޕުޅުތަކެވެ. އެގޮތުން އިސްލާމީ ދައުލަތް ފުޅާކުރުމުގެ
ސަބަބެއް ކަމުގައިވެގެން ގޮސްފައިވާ ޙުދައިބިއްޔާގެ ޞުލްޙައަށްފަހު ދުނިޔޭގެ
އެކިރަ ސްރަސްކަލުންނާއި އަމީރުންނަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް
ހިޖުރައިން ހަތްވަނަ އަހަރުގެ މުޙައްރަމް މަހުގެތެރޭގައި 7 ބޭކަލަކަށް އިސްލާމް
ދީނަށް ގޮވއިލެއްވުމުގެގޮތުން ފަތްކޮޅުތަކެއް ފޮނުއްވިއެވެ. އެގޮތުން
ދުނިޔޭގެ ބޮޑެތިބޮޑެތި ރަސްރަސްކަލުންނާއި، ލީޑަރުނާއި ވެރިންނަށްވަނީ
ފަތްކޮޅުތައް ފޮނުއްވައި އިސްލާމްދީނުގެ ދައުވަތުދެއްވައިފައެވެ.
"عن أنس رضي الله عنه : أن رسول الله صلى الله عليه وسلم كتب إلى كسرى وقيصر وإلى النجاشي وهو غير الذي صلّى عليه - وإلى كل جبّار يدعوهم إلى الله عز وجل. މާނައީ، މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކިސްރާއަށާއި ޤައިޞަރަށާއި ނަޖާޝީއަށާއި އަދި އަނިޔާވެރިވި (ވެރިންނަށް) މާތްﷲ ގެ ދީނަށް ގޮވައިލައްވައި ސިޓީފުޅުތަކެއް ފޮނުއްވިއެވެ.
މާތް ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިސްލާމްދީން އަރަބިކަރަ ފަހަނައަޅައި، ދުނިޔޭގެ ހަތަރު އުދަރެހަށް ފޯރުވައިދެއްވާފައެވެ. އެގޮތުން އެކަލޭގެ ފާނުންވަނީ އޭރު ދުނިޔޭގެ ބޮޑެތި ބާތުރައްކަމުގައިވާ ޙަބްޝްކަރައާއި، މިސްރާއި، ފާރިސްކަރައާއި ރޯމަންފަދަ ބާރުގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށް އިސްލާމީ ވަޙުދަތު ފޯރުކޮށް ދެއްވުމަށްޓަކައި އެތަންތަނުގެ ވެރިންނަށް ފަތްކޮޅުތައް ނުވަތަ ސިޓީފުޅުތައް ފޮނުއްވައި ދީނަށް ގޮވާލައްވާފައެވެ. އިސްލާމީ ތާރީޚް ދީރާސާކޮށް، ލިޔުއްވާފައިވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތުން އެނގޭގޮތުގައި އެކަލޭގެ ފާނުން ދުނިޔޭގެ ބޮޑެތި 07 ރަސްކަލަކަށްވަނީ އިސްލާމް ދީނަށް ގޮވާލެއްވުމަށްޓަކައި ފަތްކޮޅުތައް ފޮނުއްވާފައެވެ. އޭގެ ތެރޭގައި،
1. ޙަބްޝް ކަރައިގެ ރަސްގެފާނު ނަޖާޝީ (އަޞްޙާމާ) އަށް ފޮނުއްވި ފަތްކޮޅާއި،
2. މިސްރުގެ ވެރިޔާ ޙާކިމް މުޤައުޤިސްއަށް ފޮނުއްވި ފަތްކޮޅާއި
3. ފާރިސީންގެ ރަސްގެފާން ކިސްރާއަށް ފޮނުއްވި ފަތްކޮޅާއި
4. ރޯމަނުންގެ ރަސްގެފާން ޤައިސަރަށް ފޮނުއްވި ފަތްކޮޅާއި
5. ބަހުރައިންގެ ރަސްގެފާން އަލްމުންޛުރު ބުން ސާވީއަށް ފޮނުއްވި ފަތްކޮޅާއި
6. ޔަމާމާގެ ރަސްގެފާން ހައުޒަތުބިން އަލިއްޔަށް ފޮނުއވި ފަތްކޮޅާއި
7. ދިމިޝްޤުގެ ރަސްގެފާން އަލްހާރިސްބުން އަބީ ސަމިރުލްޣަސްނީއަށް ފޮނުއްވި ފަތްކޮޅު ހިމެނެއެވެ.
މީގެ އިތުރުން ބައެއް އެހެން ސީރަތު ފޮތްތަކުގައިވަނީ އިތުރު ބައެއް ބޭފުޅުންނަށްވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފަތްކޮޅުތައް ފޮނުއްވާފައިވާކަމަށެވެ. އެގޮތުން ބުޞްރާގެ ގަވަރނަރާއި، ޢުމާންގެ ރަސްގެފާން ޖައިފަރާއި އަބްދަށްވެސް ފަތްކޮޅުތައް ފޮނުއްވިކަމަށެވެ.
1- މަގުޞަދާއި
ބޭނުން
އިތުރުއެކަލޭގެ
ފާނުންގެ މި މަސައްކަތްޕުޅުގެ މައިގަނޑު މަޤުޞަދަކީ ފަހަރެއްގައިވެސް ހަމައެކަނި
ޑިޕްލަމެޓިކް ގުޅުންތަކެއް ޤާއިމުކުރުމެއް ނޫނެވެ. އަދި އިސްމާލީ ވަހުދަތު
ފުޅާކުރުމުގައި ސަފީރުން އައްޔަންކުރެއްވުމެއްވެސް ނުމެ ނޫންމެއެވެ. އެކަލޭގެ
ފާނުންގެ މަސައްކަތްޕުޅުގެ އެންމެ ބޮޑު މަޤުޞަދަކީ އިސްލާމް ދީނަށް ގޮވާލުމެވެ.
އެކަން އެކަލޭގެ ފާނުން ފޮނުއްވާފައިވާ ފަތްކޮޅުތަކުން ވަރަށް ސާފުކޮށް ހާމަވެ
އެނގެއެވެ.
2- ފަތްކޮޅުތަކުން
ލިބިދޭ އިބުރަތް
މި
މަސައްކަތްޕުޅުގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ އިސްލާމީވަޙުދަތު
ފެތުރުއްވުމެވެ. ބަޙުރައިންގެ އަމީރު މުންޛިރު ބުނި ސާވީއަށް ރަސޫލާ ޞައްލަﷲ
ޢަލައިހި ވަސައްލަމް ފޮނުއްވި ފަތްކޮޅުގައި އެކަލޭގެ ފާނުން ލިޔުއްވާފައިވެއެވެ.
"ހަމަކަށަވަރުން ތިމަންކަލޭގެފާނު މާތްﷲގެ މަތިން ތިބާއަށް ހަނދުމަކޮށް
އަރުވަމެވެ. ހަމަކަށަވަރުން ނަޞޭޙަތްތެރިވެއްޖެ މީހާ އޭނާގެ އަމިއްލަ ނަފުސަށް
މެނުވީ ނަޞޭޙަތްތެރިއެއް ނުވެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވި މީހުންގެ
ބަސް ޤަބޫލުކޮށް، އެބައިމީހުންނަށް ކިޔަމަންތެރިވެއްޖެ މީހާ ތިމަންކަލޭގެފާނަށް
ކިޔަމަންތެރިވެއްޖައޫއެވެ. އެބައިމީހުންނަށް ނަޞޭޙަތްތެރިވެއްޖެ މީހާ
ތިމަންކަލޭގެފާނަށް ނަޞޭޙަތްތެރިވެއްޖައޫއެވެ."
ހަމައެބީދައިން ރޯމަނުންގެ ރަސްގެފާން ޤައިސަރަށް ފޮނުއްވި ފަތްކޮޅުގައި ލިޔުއްވާފައިވެއެވެ. "ތިމަންކަލޭގެފާނު ތިބާއަށް މިގޮވާލަނީ އިސްލާމްދީނަށް ވަނުމަށެވެ. ތިބާ އިސްލާމްވާށެވެ. ތިބާ އިސްލާމްވެއްޖެނަމަ ތިބާއަށް ރައްކާތެރިކަން ހުއްޓެވެ. އަދި މާތްﷲ ތިބާއަށް ދެގުނަ އަޖުރު ދެއްވާނެއެވެ. ތިބާ އެކަމަށް ފުރަގަސްދީފިނަމަ ހުރިހާ އެންމެންގެ ފާފަ ތިބާގެ ބޮލުގައި އެޅޭހުއްޓެވެ."
އަދިވެސް އެހެން ފަތްކޮޅެއްގައި ލިޔުއްވާފައިވާ އިބާރާތެއް ނަކަލުކޮށްލާނަމެވެ. ޢުމާންގެ ރަސްކަމުގައި ތިއްބެވި ޖައިފަރާއި އަބްދަށް ފޮނުއްވި ފަތްކޮޅުގައި ލިޔުއްވާފައިވެއެވެ. "ތިމަންކަލޭގެފާނީ އެންމެހައި މީސްތަކުންގެ ގާތަށް ފޮނުއްވި ﷲގެ ރަސޫލާއެވެ. ދިރިތިބީންނަށް މާތްﷲއަށް ބިރުވެތިވުމުގެ އިންޒާރު ދެއްވުމަށެވެ. އަދި ﷲ އަށް ކާފިރުވީ މީހުންނަށް ޙައްޤުބަސް އަންގަވާ ދެއްވުމަށެވެ. ތިޔަދެބޭކަލުން އިސްލާމްދީން ޤަބޫލުކޮށްފިނަމަ ތިޔަދެބޭކަލުންގެ ޤައުމުގެ ވެރިކަމުގެމަތީ ޤާއިމުވެ ތިބެވޭހުށިކަމެވެ. ތިޔަދެބޭކަލުން އިސްލާމްދީނަށް އިންކާރުކޮށްފިނަމަ ތިޔަދެބޭކަލުންގެ ވެރިކަން ނެތިދާހުއްޓެވެ."
މި ބަޔާންކުރެވުނު ބަސްފުޅުތަކުން ދޭހަވެގެންދަނީ ކޮންކަމެއްތޯއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވި ފަތްކޮޅުތަކުން ބުއްދީގެ އަހުލުވެރިންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބެއެވެ. ކޮންމެ ފަތްކޮޅެއްވެސް ފައްޓަވާފައިވަނީ މާތްﷲގެ ދީނަށް ގޮވާލުމުންނެވެ. އޭގެ ފަހުގައި އެ ރަސްކަލެއްގެ ޤައުމަށް ނުވަތަ ރަސްކަމަށް މޭރުންކޮށް، އިބާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުންވެސް ބަސްފުޅު ތަރުތީބު ކުރައްވާފައިވެއެވެ. އެހެންކަމުން މިއީ އެހެންމީހުންނަށް އިޚުތިރާމް ކުރުމާއެކު، ބޭނުންފުޅުވާ މަޤުޞަދަށް ވާސިލްވުމަށް ކުރައްވާފައިވާ ޙިކުމަތްރި މަސައްކަތްޕުޅެއްކަން ދޭހަވެގެންދެއެވެ.
3- ފަތްކޮޅުތަކާމެދު ރަސްރަސްކަލުން ޢަމަލުކުރެއްވިގޮތް
ޙައްޤުވެގެންވާ
ހަމައެކަނި ދީން ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދެއްވުމުގައި މާތް ސާހިބާ
ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަސައްކަތްޕުޅު ކުރައްވާފައިވަނީ އެއިން މިއަދުގެ
ސިޔާސީ ބޭފުޅުންނާއި ޤައުމުތަކުގެ ވެރިންނަށްވެސް އިބުރަތް ހާސިލްކޮށްދޭފަދަ
މަތިވެރިގޮތަކަށެވެ. އެގޮތުން އެކަލޭގެ ފާނުން ދުނިޔޭގެ އެކިރަސްރަސްކަލުންނާއި
އަމީރުންނަށް ފޮނުއްވި ފަތްކޮޅުތައް އެބޭފުޅުންނަށް އެރުވުމަށް ފޮނުއްވާފައިވަނީ،
ޢިލްމުވެރި، ދީންވެރި، ބޭފުޅުންނެވެ. މަޤުޞަދަކީ އެފަތްކޮޅުތައް އެބޭފުޅުންނަށް
އެރުވުމަށްފަހު، ދީނީގޮތުންނާއި ރަސޫލާގެ ރަސޫލުކަމާއި ގުޅޭގޮތުންނާއި ސިޔާސީ
ގޮތުންވެސް މަޢުލޫމާތު ދެވޭނެފަދަ ބޭފުޅުންނަށް ހެއްދެވުމެވެ.
މިގޮތުން ޙަބުޝްކަރައިގެ ރަސްގެފާނު ނަޖާޝީގެ އަރިހަށް ރަސޫލާގެ ފަތްކޮޅައިގެން ވަޑައިގެންނެވީ ޢަމްރުބުން އުމައްޔަތު އައްޟަމްރީއެވެ. މިފަތްކޮޅަށްފަހު ނަޖާޝީ އިސްލާމްވެވަޑައިގެންނެވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ މައްޗަށް ޣައިބުގައި ކަށުނާމާދު ކުރެއްވިކަމަށް ސީރަތުއް ސާބިތުވެއެވެ. ރޯމްގެ ރަސްގެފާން ހިރިޤުލްގެ ގާތައް ރަސޫލާގެ ފަތްކޮޅައިގެން ވަޑައިގެންނެވީ އިސްލާމީ ތާރީޚްގައި މަޝްޙޫރު ޞަހާބީއެއްކަމުގައިވާ ދިޙްޔަތުލްކަލްބީއެވެ. އަދި އެކަލޭގެފާނު ހިރަޤުލްއަށް ދީނަށް ގޮވާލެއްވުމުން އެ ގޮވާލެއްވުމަކީ ޙައްޤު ގޮވާލެއްވުމެއްކަން ހިރަޤުލް އަށް ފަހުމްވިއެވެ. އެހެން ނަމަވެސް ހިރަޤުލްގެ ޤައުމުގެ މީހުން ހިރަޤުލްއާއި އެއްބަސްނުވުމުގެ ސަބަބުން އިސްލާމްވުމުން އެކަހެރިވެގަތެވެ. ފާރިސްކަރައިގެ ރަސްގެފާނު ކިސްރާގެ ގާތަށް ރަސޫލާގެ އަމުރުފުޅަށް ވަޑައިގެންނެވީ ޢަބްދުﷲ ބުން ޙުޒާފާ އައްސަހްމީއެވެ. އެހެން ނަމަވެސް ކިސްރާ ބޮޑާވެގަނެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވި ސިޓީފުޅު ވީދާލިއެވެ. ދެންފަހެ ﷲ ތަޢާލާ ކިސްރާގެ ވެރިކަމާއި އޭނާގެ ޤައުމުގެ ބާރުކަނޑުވާލައްވައި ބަލިކުރެއްވިއެވެ.
އިސްކަންދަރިއްޔާ އާއި މިޞްރުގެ ރަސްގެފާނު އަލްމަޤައިޤިސް ގެ ގާތަށް ޙާޠިބު ބިން އަބީ ބަލްތަޢަތު އައްލުޚްމީ ފޮނުއްވިއެވެ. އެކަލޭގެފާނު އަލްމަޤައިޤިސަށް ދީނަށްގޮވާލެއްވުމުން އެއީ ހެޔޮވާހަކަތަކެއް ކަމުގައި އޭނާ ބުންޏެވެ. އަދި އިސްލާމްދީނާ ގާތްވިއެވެ. އެހެނެއްކަމަކު އިސްލާމްދީން ޤަބޫލްކުރުމުން އެއްކިބާވިއެވެ. ޢުމާންގެ ދެ ރަސްކަލުންގެ އަރިހަށް ޢަމްރު ބުނުލް ޢާޞް ރަސޫލާގެ ފަތްކޮޅައިގެން ސަފީރެއްގެގޮތުގައި ވަޑައިގެންނެވިއެވެ. އަދި މިދެރަސްކަލުން އިސްލާމްވެވަޑައިގަނެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިސާލަތު ޤަބޫލުކުރެއްވިއެވެ.
ޔަމާމާގެ ރަސްގެފާން ހައުޒަތުބިން އަލީގެ ގާތައް މާތް ސާހިބާގެ ފަތްކޮޅައިގެން ވަޑައިގެންނެވީ ސަލީޠު ބުން ޢަމްރު އަލްޢާމިރީއެވެ. އޭނާ އަކަލޭގެފާނާއި ބައްދަލުކުރައްވައި ހެޔޮކޮށް ހިއްތެވިއެވެ. އެހެންނަމަވެސް އިސްލާމްވުމާއި ދުރުވެގަތެވެ. އަދި ޝާމްކަރައިގެ ބިމުގައިވާ ބަލްޤާއު ކިޔާ ރަށުގެ ރަސްގެފާނު އަލްޙާރިޘް ބުން އަބީ ޝަމިރު އަލްޣަސާނީގެ ގާތަށް ޝުޖާޢު ބުން ވަހްބު އަލް އަސަދީ ފޮނުއްވިއެވެ. އޭނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިޓީފުޅު ކިޔުމަށްފަހު އެ ސިޓީފުޅު އުކާލިއެވެ.
ޔަމަނުގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްކަމުގައިވާ އަލްޙާރިޘް އަލްޙުމައިރީ ގެ ގާތަށް އަލްމުހާޖިރު ބުން އަބީ އުމައްޔާ އަލްމަޙްޒޫމީ ފޮނުއްވެވިއެވެ. އެ ރަސްގެފާނު އިސްލާމްދީނަށް ވަނުމާމެދު ހަދާނެގޮތެއް ނޭނގި ދީނަށް ވަނުމުން ދުރުހެލިވިއެވެ. މީގެ އިތުރުން ބަޙްރައިންގެ ރަސްގެފާނު އަލްމުންޒިރު ބުން ސާވާ އަލްޢަބްދީ ގެ އަރިހަށް އަލްޢަލާއު ބުން އަލްޙަޟަރުމީ ފޮނުއްވެވިއެވެ. އަދި އެރަސްގެފާނު އިސްލާމްދީން ޤަބޫލްކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަން ތެދުކުރެއްވިއެވެ.
4- ފަތްކޮޅުތައް
ފޮނުއްވުމުގައި ޢަމަލުކުރެއްވިގޮތުން ލިބުނު އިބުރަތްތައް
މަތީގައި
ބަޔާންކޮށްފައިވާ ބޭފުޅުންނަށް ބަލާލުމުން އެގިގެންދާ އެއްޙަޤީޤަތަކީ މާތް ސާހިބާ
ދުނިޔޭގެ އާރާއިބާރުހުރި ރަސްރަސްކަލުންނަށް ފަތްކޮޅުތައް ފޮނުއްވުމުގައި
ގެންގުޅުއްވާފައިވާ ހަރުދަނާ ސިޔާސަތެވެ. ބޭނުން ކުރައްވާފައިވާ
ހިކުމަތުޢަމަލީއެވެ. އެފަދަ ރަސްރަސްކަލުންނަށް ދީނަށްގޮވާލުމަށް އެބޭފުޅުންގެ
ގާތައް ފޮނުއްވި ސަފީރުންނަކީ ދީނުގެ ޙުކުމްތަކާއި، އިސްލާމީ ސިޔާސަތުތައް
ފުރިހަމައަށް ލިބިލައްވައިގެން ތިއްބެވި މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ
އަގުމާތްވި ތަރުބިއްޔަތުން ދަސްވެނިވެފައިވާ ލީޑަރުންނެވެ. އެހެންކަމުން
ފަތްކޮޅުތައް ފޮނުއްވުމުން ދޭހަވެގެންދާ އެއްކަމަކީ ކަންކަމާއި މަތިކޮށް، ކަންކަން
ޙަވާލުކުރުމުގައި ކަމަށް ޤާބިލް ބޭފުޅުން އިޚުތިޔާރުކުރުމުގެ މުހިންމުކަމެވެ.
އިސްލާމް ދީން ފެތުރުއްވުމުގައި ގަދަ ބާރުން ކަންކުރުމުގެ އުޞޫލު ބޭނުންކުރެއްވުމުގެ ބަދަލުގައި ޙައްޤުގޮތް އަންގައިދެއްވުމަށް އިސްކަންދެއްވުމާއެކު، ސިޔާސީގޮތުން އިޙުތިރާމާއި ގަދަރު ލިބިފައިވާ ރަސްރަސްކަލުންނަށް އެ މަޤާމު ދެއްވިކަމެވެ. ވެރިކަމާއި، އާރާއި ބާރަކީﷲ ތަޢާލާ ދެއްވާއެއްޗެއްކަން ވިސްނާދެއްވުމާއި، ރަސޫލާގެ ރަސޫލުކަން އެއީ ޙައްޤުތެދުކަން ހާމަކޮށްދެއްވުމެވެ. ޢިލްމާއި ތަޖުރިބާއަކީ ކަންކަން ޙާޞިލްކުރުމާއި އިސްކަންދޭންޖެހޭ އަސާސެއްކަން ވަރަށް ރަނގަޅަށް މާތް ރަސޫލާގެ މިކަމުގައި ގެންގުޅުއްވާފައިވާ ސިޔާސަތުން ދޭހަވެގެންދެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ދުނިޔޭގެ ބޮޑެތި ރަސްރަސްކަލުންނާއި، އަމީރުންނާއި ވެރިންނަށް ފޮނުއްވާފައިވާ ފަތްކޮޅުތައް ދިރާސާކޮށް ބެލުމުން ދޭހަވެގެންދަނީ، މާތް ނަބިއްޔާގެ އެމަސައްކަތްޕުޅު ބިނާކޮށްފައިވަނީ ވަރަށް ބޮޑަށް ހިކުމަތްތެރިކަމާއި، ވިސްނުންތެރި ކަމާއެކުގައިކަން ދޭހަވެގެންދެއެވެ. އެގޮތުން ބަލާއިރު ފޮނުއްވާފައިވާ ހުރިހާ ފަތްކޮޅެއްގައިވެސް މައިގަނޑު ގޮވައިލުމަކީ ނުވަތަ އެދުމަކީ އިސްލާމްދީނަށް ގޮވާލުންކަން އެނގިގެންދެއެވެ. ހަމައެއާއެކު ފަތްކޮޅުތައް ފޮނުއްވުމުގައި ބޭނުންފުޅު ކުރައްވާފައިވާ އުސްލޫބަށް ބަލާއިރު، ވެރިންނަށް އިޙުތިރާމް އަދާކުރުމާއެކު، ހުއްޖަތް ދައްކަވާފައިވާކަން ހާމަވެގެންދެއެވެ.
މީގެ އިތުރުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްއަކީ ފަހަރެއްގައިވެސް ވެރިކަމުގެ ދަހިވެތިކަމެއް އޮވެގެން އެކަން ޙާޞިލްކުރުމަށް މަސައްކަތްޕުޅުކުރައްވާފައިވާ ބޭފުޅެއް ނޫންކަން ސާބިތުވެއެވެ. އެގޮތުން އިސްލާމްދީން ޤަބޫލުކޮށްފިނަމަ، އެބޭފުޅުންނަށް އެބޭފުޅުންގެ ވެރިކަމުގައި އަރާމާއި އިއްޒަތުގައި ތިބެވިދާނެކަންވެސް ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެހެންކަމުން ރަސޫލާގެ ސިޓީފުޅުތަކުން މިއަދުގެ ސިޔާސީވެރިންނަށް އިބުރަތް ލިބިގެންދާނެ މުހިންމު ނުކުތާތަކެއް އެބަހުރިކަން ފާހަގަވެގެން ދެއެވެ.
ހަމައެއާއެކު ރަސޫލާ މިފަތްކޮޅުތައް ފޮނުއްވުމުގައި އިޚުތިޔާރު ކުރައްވާފައިވަނީ އަސްހާބުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ބޭފުޅުންކަން އެނގެއެވެ. މިއިން ދޭހަވެގެންދަނީ، ކަންކަންކުރުމުގައި ކަމަށް ގާބިލް މީހުންނަށް ދީނުގައި އިސްކަން ދީފައިވާކަމެވެ. ހަމައެގޮތަށް ފަތްކޮޅުތަކުގައި ރަސޫލާގެ ސިއްކަފުޅު ޖައްސަވާފައިވުމުން، އޭގެ ސައްޙަކަމާއި ރަސްމީސިފަވެސް ގެންނަވާފައިވާކަން އެނގެއެވެ. އެހެންކަމުން މިއީ މިއަދުވެސް އެއިން އިބުރަތް ޙާޞިލްކުރެވޭނެ ނުކުތާއެކެވެ.
-----------------
ޙަވާލާ:
ލ.ގ
އައްޝައިޙު އިބުރާހީމް އަހުމަދު، ކީރިތި ރަސޫލާގެ ސީރަތު،2011،ސ.343
ރަވާހު މުސްލިމް
އައްޝައިޙް އަހުމަދު ޝަލީމް ދިވެހި ބަހަށް ތަރުޖަމާކޮށްދެއްވާފައިވާ ލިޔުމަކުން ނަކަލް ކޮށްފައި،
ބަޙުރައިންގެ އަމީރު މުންޛިރު ބުނި ސާވީއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވި ފަތްކޮޅު، އައްޝައިޙް އަހުމަދު ޝަލީމް ދިވެހި ބަހަށް ތަރުޖަމާކޮށްދެއްވާފައިވާ ލިޔުމަކުން ނަކަލް ކޮށްފައި،
އައްޝައިޙު އިބުރާހީމް އަހުމަދު، ކީރިތި ރަސޫލާގެ ސީރަތު،2011،ސ.343
ރަވާހު މުސްލިމް
އައްޝައިޙް އަހުމަދު ޝަލީމް ދިވެހި ބަހަށް ތަރުޖަމާކޮށްދެއްވާފައިވާ ލިޔުމަކުން ނަކަލް ކޮށްފައި،
ބަޙުރައިންގެ އަމީރު މުންޛިރު ބުނި ސާވީއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވި ފަތްކޮޅު، އައްޝައިޙް އަހުމަދު ޝަލީމް ދިވެހި ބަހަށް ތަރުޖަމާކޮށްދެއްވާފައިވާ ލިޔުމަކުން ނަކަލް ކޮށްފައި،
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ