ކޭތަ ނަމާދަކީ ކޮބާ؟
ކޭތަ ނަމާދަކީ އިރު ކޭތަ ހިފުމުން ނުވަތަ
ހަނދު ކޭތަ ހިފުމުން ކުރުމަށް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ސުއްނަތް
ނަމާދެކެވެ. މުއައްކަދު ސުއްނަތެއްގެ ގޮތުގައެވެ. މިގޮތުން އިރުކޭތަ ހިފުމުން ކުރާ
ނަމާދަށް ކިޔަނީ އިރުކޭތަ ނަމާދެވެ. އަދި ހަނދުކޭތަ ހިފުމުން ކުރާ ނަމާދަށް ކިޔަނީ
ހަނދުކޭތަ ނަމާދެވެ.
ނަމާދުގެ ރަކްޢަތްތައް:
މިނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. އެކަމަކު
އޭގެ ކޮންމެ ރަކްޢަތެއްގައި ދެރުކޫޢުއާއި ދެޤިޔާމު އެކުލެވިގެންވެއެވެ. އިމާމު
ޝާފިޢީ އަލްއުއްމުގައި ވިދާޅުވެފައި ވެއެވެ. މަތިވެރި މާތް ﷲ ވަޙީކުރަށްވާފައި
ވެއެވެ. وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لاَ تَسْجُدُوا لِلشَّمْسِ وَلاَ لِلْقَمَر وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إنْ كُنْتُمْ إيَّاهُ تَعْبُدُونَ ، فَإِنِ اسْتَكْبَرُوا فَاَلَّذِينَ عِنْدَ رَبِّكَ يُسَبِّحُونَ لَهُ بِاللَّيْلِ وَالنَّهَارِ وَهُمْ لاَ يَسْأَمُونَ.([1]) މާނައީ: ރޭގަނޑާއި ދުވާލާއި އިރާއި ހަނދަކީ،
އެއިލާހުގެ ކުޅަނދުންވަންތަ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމަތެވެ. ވުމާއެކު
ތިޔަބައިމީހުން އިރަށްވެސް އަދި ހަނދަށްވެސް ސަޖިދަ ނުކުރާށެވެ. ދަންނާށެވެ!
ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާ ބަޔަކު
ކަމުގައި ވަނީނަމަ އެތަކެތި ހެއްދެވި ފަރާތް ކަމުގައިވާ ﷲއަށް ސަޖިދަ ކުރާށެވެ!
އެހެނަސް ދެނެގަތުން ހުއްޓެވެ. ތިޔަބައިމީހުން ބޮޑާވެގަތްކަމުގައި ވިއަސް
ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުގައި އަޅުކަމުގައި ތިބި މަލާއިކަތުން،
ރެއާދުވާލު އެއިލާހަށް ތަސްބީޙަ ކިޔަމުންދެއެވެ. އަދި އެކަމުގައި އެމަލާއިކަތުން
ފޫއްސެއްނުވޭމެއެވެ. މިކަމާބެހޭ ގޮތުން މިނޫންވެސް ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރަށްވާފައިވާ އެތަކެއް އާޔަތެއް އިމާމު ޝާފިޢީ އަލްއުއްމުގައި ގެންނަވާފައި
ވެއެވެ.
އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މިގޮތުން
އެއިލާހުގެ ކުޅަދުންވަންތަ ކަމުގެ ޢަލާމާތްތަކާއި އާޔަތްތައްކަމުގައި ކީރިތި
ޤުރުއާނުގައި އެތަކެއް އެއްޗެއް ބަޔާންކުރެއްވުމާ އެކުގައި އިރާއި ހަނދު ފިޔަވައި
އެހެން އެއްވެސް އެއްޗަކާ ބެހޭގޮތުން ސަޖިދައިގެ ވާހަކައެއް ﷲ އަންގަވާފައި
ނުވެއެވެ. އަދި އެދޭއްޗަށް ސަޖިދަ ނުކުރުމަށްވެސް އެންގެވިއެވެ. އެހެންކަމުން
އެއިން ސާބުތުވަނީ އިރާއި ހަނދުގެ ވާހަކަ ދެކެވޭއިރު ﷲ އަށް ސަޖިދަ ކުރުމަށް
އެއާޔަތުން އިޝާރަތް ކުރެވޭކަން ދޭހަވާކަމަށެވެ. އަދި އިރާއި ހަނދާ ގުޅިގެން ހިނގާ
ޙާދިޘާއަކާ ގުޅިގެން ނަމާދު ކުރަން އަންގަވާފައި އޮންނަ ކަމެވެ. އަދި ހަމައެހެންމެ
މިދެ މަޚްލޫޤުންނަށް ސަޖިދަ ނުރުމަށް އެންގެވި އެންގެވުމުން އެހެން އެއްވެސް
އެއްޗަކަށްވެސް އަޅުކަން ނުކުރުމަށް އަންގަވާފައި ވާކަންވެސް މިއާޔަތުން
ސާބިތުވާން އޮތްކަމެކެވެ. ދަންނާށެވެ! މިކަމާގުޅިގެން رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ގެ ސުއްނަތުން އިރުކޭތަ ހިފާއިރުގައްޔާއި
ހަނދުކޭތަ ހިފާއިރުގައި ނަމާދު ކުރުމަށް ވަނީ އަންގަވާފައެވެ. މިކަމުން ތިމަން
ކަލޭގެފާނަށް ދެމާނައެއް އެބަ އަންގައިދެއެވެ. ފުރަތަމަ މާނައަކީ މިދޭތީންކުރެ
އެއްޗެއް ކޭތަ ހިފައިފި ކަމުގައި ވަނީނަމަ ނަމާދު ކުރުމަށާއި، ﷲގެ ކުޅަދުންވަންތަ
ކަމުގެ ނިޝާންތަކުގެ ތެރެއިން އެނޫން އެއްވެސް ނިޝާނަކާ ގުޅިގެން މިގޮތަށް ނަމާދު
ކުރުމަށް އަމުރު ނުކުރަށްވާ ކަމެވެ. އެހެނީ އެއިން އެއްޗަކާ ގުޅޭގޮތުން ނަމާދު
ކުރުމަކަށް މާތް ﷲ އަންގަވާފައި ނެތީއެވެ. އަނެއްކަމަކީ ނަމާދަކީ މާތް ﷲ އަށް
ކިޔަމަންގަތުމެއް ކަމުގައި ވެފައި، އެކަން ކޮށްފި މީހާއަށް ﷲގެ ޙަޟުރަތުން
ދަރުމައާއި ސަވާބުލިބޭ ކަމެއްކަން ސާބިތުވުމެވެ.
ކުރީން ބުނެވިދިޔަ ފަދައިން އިމާމު ޝާފިޢީއާއި
އެނޫންވެސް ބައެއް ބޭކަލުންގެ އަރިހުގައި ކޭތަ ނަމާދުގެ ކޮންމެ ރަކްޢަތެއްގައި
ދެރުކޫޢާއި ދެޤިޔާމު އޮވެއެވެ. މިހެން މިކަން އޮތްކަމުގައި ވިއަސް ބައެއް ބޭކަލުން
ދެކެވަޑައިގަންނަވާ ގޮތުގައި ކޭތަނަމާދުވެސް ޢާއްމު ނަމާދަކާ ތަފާތުވުމެއް
ނޯވެއެވެ. އަދި ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ތިން ރުކޫޢާއި
ތިންޤިޔާމު އޮންނަ ކަމަށްވެސް ވެއެވެ. އެހެނެއްކަމަކު މިކަމުގައި އައުލާގޮތަކީ
އަދި ދީނުގެ ގިނަ ދަންނަބޭކަލުން ބުރަވެ ވަޑައިގަންނަވަނީ އެއީ ދެރަކްޢަތް ނަމާދު
ކަމަށާއި ކޮންމެ ރަކްޢަތެއްގައި ދެރުކޫޢުއާއި ދެޤިޔާމު އޮންނަ ކަމަށެވެ.
ކޭތަނަމާދު ކުރާނެ ގޮތް:
ކޭތަ ނަމާދުގައި އޮންނީ ދެރަކްޢަތެވެ. ނަމާދު
ކުރާނީ ޖަމާޢަތުގައެވެ. ކޮންމެ ރަކްޢަތެއްގައި ދެޤިޔާމާއި ދެރުކޫޢު އޮންނާނެއެވެ.
އަދި އިޢުތިދާލަކާއި ދެސަޖިދަ އޮންނެއެވެ. ސަލާމް ދޭނީ އައްތަޙިއްޔާތަށް
ފަހުގައެވެ. ފުރަތަމަ ރަކްޢަތުގައި އަޢޫޛު ކިޔައި ސޫރަތުލްފާތިޙާ ކިޔެވުމަށްފަހު
ޤުރުއާނުން ސޫރަތެއް ކިޔަވާނީއެވެ. ދެން ރުކޫޢަށް ދާނީއެވެ. ދެން اَللَّهُ أَكْبَرُ ކިޔާފައި، ރުކޫޢުން ތެދުވެ ހަށަން ބަންނާނީއެވެ. އަދި އަލުން ސޫރަތުލްފާތިޙާ
ކިޔަވައި ކުރީގައި ގެންދިޔަ ގޮތަށް ޤުރުއާން ކިޔަވާނީއެވެ. އެއަށްފަހު ރުކޫޢުކޮށް
އިޢުތިދާލަށް ތެދުވާނީއެވެ. ސަޖިދަ ކުރުމަށްފަހު މިމޭރުމުން ދެވަނަ ރަކްޢަތަށް
އިނދެ، އައްތަޙިއްޔާތު ކިޔައި ސަލާމް ދޭނީއެވެ.
ރަކްޢަތްތަކުގެ ދިގުމިން:
ފުރަތަމަ ރަކްޢަތުގެ ފުރަތަމަ ޤިޔާމު
ދިގުކުރާނީ ބަޤަރާ ސޫރަތުގެ މިންވަރަށެވެ. އަދި ދެވަނަ ޤިޔާމުގައި ކިޔަވާނީ ބަޤަރާ
ސޫރަތުގެ 200 އާޔަތުގެ މިންވަރަށެވެ.
ތިންވަނަ ޤިޔާމު ދިގުކުރާނީ ބަޤަރާ ސޫރަތުގެ 150 އާޔަތުގެ މިންވަރަށެވެ.
ހަތަރުވަނަ ޤިޔާމު ދިގުކުރާނީ 100 އާޔަތުގެ މިންވަރަށެވެ.([2]) ރުކޫޢަށް ބަލާއިރު ފުރަތަމަ
ރުކޫޢުގައި ތަސްބީޙަ ކިޔާނީ ބަޤަރާ ސޫރަތުގެ 100 ވަރަކަށް އާޔަތް ކިޔެވޭހާ
މިންވަރަށެވެ. ދެވަނަ ރުކޫގައި 80 އާޔަތުގެ މިންވަރަށެވެ.
ތިންވަނަ ރުކޫޢުގައި 70 އާޔަތުގެ މިންވަރަށެވެ.
އަދި ހަތަރުވަނަ ކުރޫޢުގައި 50 އާޔަތުގެ މިންވަރަށެވެ.
އިޢުތިދާލާއި ސަޖިދަތަކާއި ދެސަޖިދަ ދެމެދު އިނުމާއި އައްތަޙިއްޔާތުގައި
ދިގުކުރުމެއް ނޯންނަ ކަމަށް އިމާމު ރާފިޢީގެ ކިބައި އައިސްފައި ވެއެވެ. ނަމަވެސް
ޝާފިޢީ މަޛްހަބުގައި އެންމެ ޞައްޙަ ގޮތަކީ އަދި ޞައްޙަ ގިނަ ޙަދީޘުތަކާ އެއްގޮތްވާ
ގޮތަކީވެސް ރުކޫޢާ އެއް މިންވަރަކަށް އިޢުތިދާލާއި ސަޖިދަ ދިގުކުރުމަށެވެ.
މިގޮތުން ފުރަތަމަ ސަޖިދަ އޮންނާނީ ފުރަތަމަ ރުކޫޢާ އެއް މިންވަރަށެވެ. އަދި
ދެވަނަ ސަޖިދަ ދެވަނަ ރުކޫޢާ އެއް މިންވަރަށެވެ. ތިންވަނަ ސަޖިދަ ތިންވަނަ ރުކޫޢާ
އެއް މިންވަރަކަށް، ހަތަރުވަނަ ސަޖިދަ ހަތަރުވަނަ ރުކޫޢާ އެއްމިންވަރަކަށް
ދިގުކުރުން ސުއްނަތްވެގެންވާ ކަމަށެވެ. މިއީ އިމާމު އިބްނު ޞަލާޙާއި އިމާމު ނަވަވީ
ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މަތީގައި
ބަޔާންވެދިޔަ ގޮތަކީ އެންމެ އައުލާގޮތް ކަމުގައި ވިއަސް އެގޮތަށް ދިގުނުކޮށް
އެމަޤާމުތަކުގެ ވަގުތަށް އުނިއިތުރު ގެނައުމަކީވެސް ހުއްދަވެގެންވާ ކަމެކެވެ.
އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ކޭތަ
ނަމާދު ކުރުން އޮންނަނީ ޖަމާޢަތުގައެވެ. ޢަބްދުﷲ އިބްނު ޢައްބާސްގެ އަރިހުން
އިމާމު ޝާފިޢީ ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "كَسَفَتْ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- فَصَلَّى رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- وَالنَّاسُ مَعَهُ فَقَامَ قِيَامًا طَوِيلاً قَالَ نَحْوًا مِنْ قِرَاءَةِ سُورَةِ الْبَقَرَةِ قَالَ ثُمَّ رَكَعَ رُكُوعًا طَوِيلاً ثُمَّ رَفَعَ فَقَامَ قِيَامًا طَوِيلاً، وَهُوَ دُونَ الْقِيَامِ اْلأَوَّلِ ثُمَّ رَكَعَ رُكُوعًا طَوِيلاً، وَهُوَ دُونَ الرُّكُوعِ اْلأَوَّلِ ثُمَّ سَجَدَ ثُمَّ قَامَ قِيَامًا طَوِيلاً، وَهُوَ دُونَ الْقِيَامِ اْلأَوَّلِ ثُمَّ رَكَعَ رُكُوعًا طَوِيلاً، وَهُوَ دُونَ الرُّكُوعِ اْلأَوَّلِ ثُمَّ رَفَعَ ثُمَّ قَامَ قِيَامًا طَوِيلاً، وَهُوَ دُونَ الْقِيَامِ اْلأَوَّلِ ثُمَّ رَكَعَ رُكُوعًا طَوِيلاً، وَهُوَ دُونَ الرُّكُوعِ اْلأَوَّلِ ثُمَّ سَجَدَ ثُمَّ انْصَرَفَ، وَقَدْ تَجَلَّتْ الشَّمْسُ فَقَالَ: إنَّ الشَّمْسَ، وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لاَ يَخْسِفَانِ لِمَوْتِ أَحَدٍ، وَلاَ لِحَيَاتِهِ فَإِذَا رَأَيْتُمْ ذَلِكَ فَاذْكُرُوا اللَّهَ قَالُوا يَا رَسُولَ اللَّهِ رَأَيْنَاكَ قَدْ تَنَاوَلْتَ فِي مَقَامِكَ هَذَا شَيْئًا ثُمَّ رَأَيْنَاكَ كَأَنَّك تَكَعْكَعْت فَقَالَ: إنِّي رَأَيْتُ الْجَنَّةَ أَوْ أُرِيتُ الْجَنَّةَ فَتَنَاوَلْتُ مِنْهَا عُنْقُودًا، وَلَوْ أَخَذْتُهُ لأَكَلْتُمْ مِنْهُ مَا بَقِيَتْ الدُّنْيَا، وَرَأَيْتُ أَوْ أُرِيتُ النَّارَ فَلَمْ أَرَ كَالْيَوْمِ مَنْظَرًا وَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ فَقَالُوا: لِمَ يَا رَسُولَ اللَّهِ؟ قَالَ بِكُفْرِهِنَّ([3]) قِيلَ: أَيَكْفُرْنَ بِاللَّهِ؟ قَالَ: يَكْفُرْنَ الْعَشِيرَةَ وَيَكْفُرْنَ الْإِحْسَانَ لَوْ أَحْسَنْتَ إلَى إحْدَاهُنَّ الدَّهْرَ ثُمَّ رَأَتْ مِنْكَ شَيْئًا قَالَتْ: مَا رَأَيْتُ مِنْكَ خَيْرًا قَطُّ".
މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދުވަސްވަރުގައި އިރުކޭތަ ހިފިއެވެ. ކީރިތި
ރަސޫލާ އަޞްޙާބު ބޭކަލުންނާއެކު ކޭތަ ނަމާދު ވަރަށް ދިގުކޮށް ކުރެއްވިއެވެ. އެއީ
ޤިޔާމުގައި ގާތްގަނޑަކަށް ބަޤަރާ ސޫރަތް ކިޔެވޭހާ މިންވަރަށެވެ. އެކަލޭގެފާނު
ވިދާޅުވެފައި ވެއެވެ. ދެން ކައުއިތުރު ރަސޫލާ ރުކޫޢަތް ވަޑައިގަތެވެ. ރުކޫޢުވެސް
ޤިޔާމާ އެއްވަރަކަށް ދިގުކުރެއްވިއެވެ. ދެން ތެދުވެ ވަޑައިގަތެވެ. މިޤިޔާމުވެސް
ދިގުކޮށް ކުރެއްވިއެވެ. އެކަމަކު ކުރީގެ ޤިޔާމަށްވުރެން ކުރެވެ. ދެން ދެވަނަ
ފަހަރަށް ރުކޫޢަށް ވަޑައިގަތެވެ. މިރުކޫޢު ކުރީގެ ރުކޫޢަށްވުރެން ކުރެވެ. ދެން
ސަޖިދަކުރަށްވައި ދެވަނަ ރަކްޢަތަށް ދެތުވެ ވަޑައިގެން ދިގުކޮށް ޤިޔާމު
ކުރެއްވިއެވެ. މިޤިޔާމު ފުރަތަމަ ޤިޔާމަށްވުރެން ކުރެވެ. ދެން ރުކޫޢަށް ވަޑައިގަތެވެ.
މިރުކޫޢުވެސް ކުރީގެ ރުކޫޢަށްވުރެން ކުރެވެ. ދެން ވަޑައިގަތީ ސަޖިދައަށެވެ.
އެއަށްފަހު ދެވަނަ ރަކްޢަތުގައި ޤިޔާމު ކުރެއްވުމަށްފަހު ރުކޫޢަތް ވަޑައިގަތެވެ.
ރުކޫޢުވެސް ޤިޔާމާ އެއްވަރަކަށް ދިގުކުރެއްވިއެވެ. ދެން ތެދުވެ ވަޑައިގަތެވެ.
މިޤިޔާމުވެސް ދިގުކޮށް ކުރެއްވިއެވެ. އެކަމަކު ކުރީގެ ޤިޔާމަށްވުރެން ކުރެވެ. ދެން
ދެވަނަ ފަހަރަށް ރުކޫޢަށް ވަޑައިގަތެވެ. މިރުކޫޢު ކުރީގެ ރުކޫޢަށްވުރެން ކުރެވެ.
ދެން ސަޖިދަކުރަށްވައި، މިގޮތަށްގޮސް ނަމާދުން ނިންމަވާލެއްވިއެވެ. އެހިނދު ކޭތަ
ވީއްލުމުން އިރުވަނީ ސާފުވެ، ފާޅުވެފައެވެ. އެއަށްފަހު رَسُولُ اللَّهُ صَلَّى اللَّهِ عَلَيْهِ وَسَلَّمَ މީސްތަކުންނާ މުޚާޠަބުކުރަށްވައި ޙަދީޘު ކުރެއްވިއެވެ. ދަންނާށެވެ! އިރާއި
ހަނދާއި މިދޭއްޗަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ތެރެއިންވާ ހެކިތަކެވެ. އެދެތަރި
ކޭތަ ހިފަނީއަކީ މީހެއްގެ މަރަކާ ގުޅިގެނެއް ނޫނެވެ. އަދި މީހަކު އުފަންވުމާއި
މީހެއްގެ ދިރިއުޅުމާ ގުޅުން ހުރެގެނެއްވެސް ނޫނެވެ. ވުމާއެކު ކޭތަ ހިފާފައިވާ
ތަނެއް ތިޔަބައި މީހުންނަށް ފެނިއްޖެނަމަ ﷲ ހަނދުމަ ކުޅައުމަށް އަވަސް
ވެގަންނާށެވެ! އެހިނދު އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ!
ކަލޭގެފާނު ނަމާދުގެ ތެރޭގައި ކުރިއަށް ޖެހިވަޑައިގަންނަވާ ތަނާއި ފަހަތަށް
ޖެހިވަޑައިގަންނަވާ ތަނާއި ކޮންމެވެސް އެއްޗެއް ފަރީކުޅުއްވިތަންވެސް ތިމަންމެނަށް
ފެނުނެވެ. އިތުރު އެކަލޭގެފާނުން ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް
ސުވަރުގެ ދައްކާލެވުނެވެ. އެތަނުން ތިމަންކަލޭގެފާނު މޭބިސްކަދުރު ކޯންޏެއް
ފަރީކުޅުއްވީމެވެ. އެއިން އެއްޗެއް ތިމަންކަލޭގެފާނު ގެންނެވިނަމަ އެއެއްޗަކުން
ތިޔަބައިމީހުން ކައި ހެދީމުހެވެ. އޭރުން އެއެއްޗެއް ދުނިޔެއިން ފަނާވެގެނެއް
ނުދާނެއެވެ. ހަމައެހެންމެ ތިމަންކަލޭގެފާނަށް ނަރަކަވެސް ދައްކާލެވުނެވެ.
ތިމަންކަލޭގެފާނަށް މިއަދު މިފެނުނު ކަހަލަ މަންޒަރެއް މީގެ ކުރީން
ފެނިވަޑައިގެންފައެއް ނުވެއެވެ. އަދި އެވަގުތު ތިމަން ކަލޭގެފާނަށް ނަރަކައިގައި
އެންމެ ގިނަ ބަޔަކަށް ފެނިވަޑައިގަތީ އަންހެނުންނެވެ.([4]) އެހިނދު މީހަކު ދެންނެވިއެވެ.([5]) އޭ ﷲގެ ރަސޫލާއެވެ. އޭގެ
ސަބަބަކީ ކޮބައިތޯއެވެ؟ ޙަދީޘު ކުރެއްވިއެވެ. އެއީ އެކަނބަލުންގެ
ކުފްރާހުރެއެވެ. އެމީހާ ދެންނެވިއެވެ. އެކަނބަލުން ﷲ އަށް ކުފްރުވެރި ވަނީތޯއެވެ؟
ޙަދީޘު ކުރެއްވިއެވެ. ނޫނެވެ. ޢާއިލާއަށް ނާޝުކްރީވަނީއެވެ.([6]) އަދި ލިބިފައިވާ
އިޙްސާންތެރިކަމަށް ނާޝުކްރީވަނީއެވެ. މިހެނީ މީހަކު އެއިން ކަނބަލަކަށް މުޅި
ޢުމުރުގައި އިޙްސާންތެރިވަމުން ގޮސްފައި، ހަމަ ކިރިޔާވެސް ހިތްހަމަނުޖެހޭ
ކަމަކާ ދިމާވާއިރަށް ދުވަހަކުވެސް ހެވެއްނުލިބޭ ކަމަށް ދެކެންފަށާނެއެވެ.([7])
އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ކޭތަ
ނަމާދަށް ފަހު رَسُولُ اللَّهُ صَلَّى اللَّهِ عَلَيْهِ وَسَلَّمَމީސްތަކުންނާ މުޚާޠަބު
ކުރަށްވައި ނަޞީޙަތް ދެއްވިވާހަކަ އިބްނު ޢައްބާސް ވިދާޅުވެފައި އޮތް އޮތުން،
ދަލީލުކޮށްދެނީ އެކަލޭގެފާނު ކޭތަ ނަމާދަށްފަހު ޚުޠުބާ ދެއްވިކަމެވެ. ހަމަ
އެހެންމެ އެއިން ދަލީލުކޮށްދޭ އަނެއް ކަމަކީ ފަރުޟު ނަމާދަށް އޮންނަ ފަރުޟު
ޚުޠާބާއާއި ސުއްނަތް ނަމާދަށް އޮންނަ ސުއްނަތް ޚުޠުބާއާ ދެމެދު ތަފާތެއް އޮންނަ
ކަމެވެ. މިގޮތުން ހުކުރު ނަމާދުގެ ޚުޠުބާ އޮންނަނީ ނަމާދުގެ ކުރީންނެވެ. އެއީ
ފަރުޟަކަށް ވާތީއެވެ. ކޭތަނަމާދުގެ ޚުޠުބާ އޮންނާނީ ނަމާދުގެ ފަހުންނެވެ. އެއީ
ޚުޠުބާ ދިނުން ސުއްނަތަކަށް ވާތީއެވެ. އެހެންކަމުން އިސްތިސްޤާ ނަމާދުގެ
ޚުޠުބާއާއި ޢީދު ނަމާދުގެ ޚުޠުބާއާއި މިފަދަ އެންމެހައި ސުއްނަތް ނަމާދަށް އޮންނަ
ޚުޠުބާ އޮންނަނީ ނަމާދުކޮށް ނިމިގެންނެވެ.
ހަމައެއާއެކު އިރު ކޭތަ ނަމާދާ އެއްގޮތަށް
ހަނދުކޭތަ ނަމާދުވެސް ކުރުމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަމުރަށްވާފައިވާ ކަމަށް އިބްނު ޢައްބާސް
ވިދާޅުވެފައިވާ ވުމާއި އިރުކޭތަ ނަމާދުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޢަމަލުފުޅުން ނަމާދުގެ ރުކޫޢުތަކާއި
ޤިޔާމުތަކާއި ޛިކުރުކުރުން ސާބިތުވާ ވުމަކީ، ހަނދުކޭތަ ނަމާދުވެސް ހަމަ އެގޮތަށް
ކުރުން ސުއްނަތެއް ކަމުގެ ދަލީލުކޮށްދޭ ކަމެކެވެ. އަދި ހަމައެހެންމެ މިގޮތަށް
ޛިކުރުކުރުމާމެދު އިމާމު ސުފްޔާނުއްޘައުރީގެ އަރިހުންވެސް ސާބިވާން އެބައޮތެވެ.
އެއީ އެކަލޭގެފާނު ރިވާކުރަށްވާފައިވާ އަބޫމަސްޢޫދުލް އަންޞާރީގެ މިރިވާޔަތެވެ.
އެޙަދީޘުގައި މިފަދައިން އައިސްފައި ވެއެވެ.
انْكَسَفَتْ الشَّمْسُ يَوْمَ مَاتَ إبْرَاهِيمُ بْنُ رَسُولِ اللَّهِ -صَلَّى اللهُ عَلَيْهِ وَسَلَّمَ- فَقَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- إنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ، وَلاَ لِحَيَاتِهِ فَإِذَا رَأَيْتُمْ ذَلِكَ فَافْزَعُوا إلَى ذِكْرِ اللَّهِ، وَإِلَى الصَّلاَةِ. މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދަރިކަލުން އިބްރާހީމުގެފާނުން އަވަހާރަވީ
ދުވަހު އިރުކޭތަ ހިފިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އިރާއި
ހަނދާއި މިދޭއްޗަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ތެރެއިންވާ ހެކިތަކެވެ. އެދެތަރި
ކޭތަ ހިފަނީއަކީ މީހެއްގެ މަރަކާ ގުޅިގެނެއް ނޫނެވެ. އަދި މީހަކު އުފަންވުމާއި
މީހެއްގެ ދިރިއުޅުމާ ގުޅުން ހުރެގެނެއްވެސް ނޫނެވެ. ވުމާއެކު ކޭތަ ހިފާފައިވާ
ތަނެއް ތިޔަބައި މީހުންނަށް ފެނިއްޖެނަމަ ﷲ ހަނދުމަ ކުޅައުމަށާއި ނަމާދު ކުރުމަށް
އަވަސް ވެގަންނާށެވެ! މިޙަދީޘު ރިވާކުރެއްވުމަށްފަހު އިމާމު ޝާފިޢީ ވިދާޅުވެފައި
ވެއެވެ. މިޙަދީޘުގައިވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ނަމާދު ކުރުމާއި
ޛިކުރުމާއި ދެކަން އެކުއެކީ ކުރުމަށް އަމުރު ކުރަށްވާފައެވެ.
ދެން އެއަށްފަހު އިމާމު ޝާފިޢީ
އަލްޙަސަނުލްބަޞަރީގެ އަރިހުން އިބްނު ޢައްބާސްގެ މިޢަމަލުފުޅުވެސް
ރިވާކުރެއްވިއެވެ. (إنَّ الْقَمَرَ انْكَسَفَ، وَابْنُ عَبَّاسٍ بِالْبَصْرَةِ فَخَرَجَ ابْنُ عَبَّاسٍ فَصَلَّى بِنَا رَكْعَتَيْنِ فِي كُلِّ رَكْعَةٍ رَكْعَتَانِ ثُمَّ رَكِبَ فَخَطَبَنَا فَقَالَ: إنَّمَا صَلَّيْتُ كَمَا رَأَيْتُ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- يُصَلِّي قَالَ، وَقَالَ: إنَّ الشَّمْسَ، وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لاَ يَخْسِفَانِ لِمَوْتِ أَحَدٍ، وَلاَ لِحَيَاتِهِ فَإِذَا رَأَيْتُمْ شَيْئًا مِنْهُمَا كَاسِفًا فَلْيَكُنْ فَزَعُكُمْ إلَى اللَّهِ). މާނައީ: އިބްނު ޢައްބާސް ބަޞަރާގައި
އުޅުއްވަނިކޮށް ހަނދުކޭތަ ހިފިއެވެ. އެކަލޭގެފާނު ތިމަންމެނާއެކު އިމާމުވެ
ދެރަކްޢަތް ނަމާދު ކުރެއްވިއެވެ. ކޮންމެ ރަކްޢަތެއްގައި ދެރުކޫޢު އޮތެވެ. ދެން
ސަވާރީއަށް ސަވާރުވެ ތިމަންމެނާ މުޚާޠަބުކޮށް ޚުޠުބާ ދެއްވިއެވެ. އަދި ވިދާޅުވިއެވެ.
ތިމަންކަލޭގެފާނު ނަމާދު މިކުރެއްވީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަމާދު ކުރަށްވާއިރު
ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތަށެވެ. ޚުޠުބާގައި އެކަލޭގެފާނު
މިފަދައިން ޙަދީޘުކުރަށްވާފައި ވެއެވެ. އިރާއި ހަނދާއި މިދޭއްޗަކީ ﷲގެ ކުޅަދުންވަންތަ
ކަމުގެ ތެރެއިންވާ ހެކިތަކެވެ. އެދެތަރި ކޭތަ ހިފަނީއަކީ މީހެއްގެ މަރަކާ
ގުޅިގެނެއް ނޫނެވެ. އަދި މީހަކު އުފަންވުމާއި މީހެއްގެ ދިރިއުޅުމާ ގުޅުން
ހުރެގެނެއްވެސް ނޫނެވެ. ވުމާއެކު އެދެތަރިން ކުރެ ތަރިއެއް ކޭތަ ހިފާފައިވާ ތަނެއް
ތިޔަބައި މީހުންނަށް ފެނިއްޖެނަމަ ﷲ ގެ ޙަޟުރަތަށް ކުއްތަންވާން އަވަސް
ވެގަންނާށެވެ!
ހަމަ މިމޭރުމުން އިރުކޭތައާބެހޭ
ރިވާޔަތްތަކެއް އިމާމު މާލިކުގެ އަރިހުންވެސް އިމާމު ޝާފިޢީ ރިވާކުރަށްވާފައި
ވެއެވެ. އޭގެތެރޭގައި މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުންގެ ރިވާޔަތްތަކާއި
އިބްނު ޢައްބާސްގެ ރިވާޔަތްތައް ހިމެނިގެންވެއެވެ. އެރިވާޔަތްތަކުގައިވެސް
ދެރުކޫޢު ކުރެއްވި ވާހަކައާއި ބަޤަރާ ސޫރަތާ އެއްމިންވަރަށް ކިޔަވާ ވިދާޅުވިވާހަކަ
އައިސްފައި ވެއެވެ. މިތާގައި ބަޤަރާ ސޫރަތޭ ވިދާޅުނުވެ، އެއާ އެއްމިންވަރަށޭ
ވިދާޅުވި ވިދާޅުވުމުން ދޭހަވަނީ އިރުކޭތަ ނަމާދުގައި ކިޔެވުން އޮންނީ ސިއްރުން
ކަމެވެ. އަދި އެއީ އެނަމާދަކީ ދުވާލުގެ ނަމާދަކަށް ވެފައި ބާރަށް ކިޔަވާ
ވިދާޅުނުވާކަން އެގިސާބިތުވާތީ، ދުވާލުގައި ކުރެވޭ ޢާއްމު ނަމާދުގެ އުޞޫލުން
އިރުކޭތަ ނަމާދުގައި ކިޔެވުން ސުއްނަތްވާނީ ސިއްރުންކަމެވެ. މިއާޚިލާފަށް ހަނދުކޭތަ
ނަމާދުގައި ކިޔެވުން ސުއްނަތްވާނީ ބާރަށެވެ. އެއީ ރޭގަނޑުގެ ނަމާދުގައި
ސުއްނަތްވެގެންވަނީ އެގޮތަށް ކަމަށް ވާތީއެވެ.
ކޭތަ ނަމާދުގެ ވަގުތު:
ކޭތަ ހިފީ ކޮންމެ ވަގުތެއްގައި ކަމަށްވިއަސް
އެވަގުތަކު ކޭތަ ނަމާދު ކުރުން ސުއްނަތް ވާނެއެވެ. އެއީ އިރުމެދު ޖެހޭ އިރުކަމަށް
ވިއަސް ނުވަތަ ޢަޞުރުފަހުން ކަމަށް ވިއަސްވެހެވެ. އަދި އެދެނަމާދުގެ ކުރިން ކަމަށް
ވިއަސް ވެހެވެ. އެހެނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ކޭތަ ހިފުމާއެކު ކޭތަ
ނަމާދު ކުރުމަށް އަންގަވާފައެވެ.
ކޭތަނަމާދާއެކު އެހެން ނަމާދެއް ކުރަން ދިމާވުން:
މިއާގުޅިގެން އިމާމު ޝާފިޢީ ވިދާޅުވެފައި
ވެއެވެ. އިރު ކޭތަ ހިފީ ނަމާދެއްގެ ވަގުތު ޖެހުމާއެކު ކަމުގައިވާނަމަ ފުރަތަމަ
ކޭތަ ނަމާދު ކުރާށެވެ. އަދި ކޭތަ ވީއްލާ ވަގުތު އަންދާޒާ ކުރުމަށްފަހު
އެމިންވަރަށް ނަމާދު ދިގުކޮށް ކުރުމަށްފަހު ކޭތަ ނަމާދުކޮށް ނިމިގެން ޚުޠުބާ ނުދީ،
ފަރުޟު ނަމާދު ކުރާށެވެ. އަދި ފަރުޟު ނަމާދުކޮށް ނިމިގެން ދެން ޚުޠުބާ ދޭށެވެ.
ކޭތަނަމާދާއެކު ހުކުރު ނަމާދު ކުރަން ދިމާވުން:
އަދި އިރުކޭތަ ހިފީ ހުކުރު ވަގުތުގައި
ކަމަށްވާނަމަ ފުރަތަމަ ކޭތަ ނަމާދު ކުރުގޮތަކަށް ކުރާށެވެ. އޭގައި ކޮންމެ
ރަކްޢަތެއްގައިވެސް ސޫރަތުލްފާތިޙާއަށް ފަހު އިޚްލާޞް ސޫރަތް ފަދަ ކުރު ސޫރަތެއް
ކިޔަވާށެވެ. އެއަށްފަހު ހުކުރު ޚުޠުބާ ދޭށެވެ. އެޚުޠުބާގައި ކޭތައާބެހޭ ވާހަކައާއި
ހުކުރު ޚުޠުބާއަށް ބޭނުންވާ ވާހަކަ ދައްކާށެވެ. ޚުޠުބާ ދޭއިރު ނިޔަތް ގަންނާނީ
ހުކުރު ޚުޠުބާ ދިނުމަށެވެ. އަދި ޚުޠުބާ ދިނުމުގައި ޢަޞުރު ނަމާދުގެ ވަގުތަށް
ދަތިވާގޮތް ވެއްޖެނަމަ އަވަސްކޮށްލައިގެން ހުކުރު ނަމާދުކުރާނީއެވެ. ދެން އަޞުރު
ވަގުތު ޖެހުމުން ޢަޞުރު ނަމާދު ކުރާނީއެވެ. އަދި މިގޮތަށް ހުކުރު ނަމާދުގެ ކުރިން
ކޭތަ ނަމާދު ކުރުމުން ޢަޞުރު ނަމާދުގެ ވަގުތު އަތުވެދާނެ ކަމަށް ބިރުހީވާނަމަ
ފުރަތަމަ ހުކުރު ނަމާދުކޮށްފައި ދެން އޮތް ވަގުތުގައި ކޭތަނަމާދު ކުރާނީއެވެ.
ނަމަވެސް މިގޮތަށް ހުކުރު ނަމާދު އެޅިދާނެ ކަމުގެ ބިރު ހީވެގެން ކޭތަ ނަމާދު
ފަސްކޮށްފައި ހުކުރު ކޮށްގެން ބެލިއިރު ކޭތަ ވީއްލައިފިނަމަ ދެން ކޭތަ ނަމާދު
ޤަޟާކުރާނެ ކަމެއްނެތެވެ. އެހެނީ ކޭތަ ނަމާދަކީ ކޭތަ ހިފާފައި ހުންނަ ވަގުތު
ކުރެވޭ ނަމާދަކަށް ވެފައި، އެނަމާދަކީ ޤަޟާކުރުން އޮންނަ ނަމާދަކަށްވެސް ނުވާތީ،
އެގޮތަށް ނަމާދު ކުރުމެއް ނޯންނާނެއެވެ. މިއުޞޫލުގެ ދަށުން ކޮންމެ ފަރުޟު ނަމާދަކާ
އެކުވެސް ކޭތަ ނަމާދު ކުރެވިދާނެއެވެ. އަދި ޚުޠުބާ ދެނީ ނަމާދުގެ ފަހުން ކަމުގައި
ވާތީއާއި ޚުޠުބާ ދިނުމަށް ކޮންމެހެން ކޭތަ ހިފާފައި ހުރުން ލާޒިމުކަމަކަށް ނުވާތީ
ފަރުޟު ނަމާދު ކުރުމަށްފަހު ވަގުތު ފާއިތުވާ ފަހުންވެސް ޚުޠުބާ ދެވިދާނެއެވެ.
ކޭތަނަމާދާއެކު އެހެން އެތަކެއް ނަމާދެއް ކުރަންޖެހުން:
އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ކޭތަ
ނަމާދާއި ޢީދު ނަމާދާއި ކަށުނަމާދާއި އިސްތިސްޤާ ނަމާދާއި މިނަމާދުތައް އެކުއެކީ
ކުރަން ދިމާވެއްޖެނަމަ ފުރަތަމަ ކަށުނަމާދު ކުރާނީއެވެ. ދެންކުރަނީ ކޭތަ ނަމާދެވެ.
އިސްތިސްޤާ ނަމާދު އަނެއް ދުވަހަށް ފަސްކޮށްފައި، ޢީދު ނަމާދު ކުރާނީއެވެ.
އިރުމެދު ޖެހުމުގެ ކުރިން ޢީދުނަމާދު ކޮށް ނިންމަންވާނެއެވެ. އޭގެ ފަހުން
ޢީދުނަމާދާއި ކޭތަނަމާދުގެ ޚުޠުބާ އެއްކޮށްލާއިގެން ދޭނީއެވެ. ޢީދު ޚުޠުބާ
އިރުމެދުން ފިލުމަށްފަހުވެސް ދެވިދާނެއެވެ. އެއާ ޚިލާފަށް ހުކުރު ޚުޠުބާ ވަގުތު
ފާއިތުވަންދެން ލަސްނުުކުރެވޭނެއެވެ.
ހަނދުކޭތަ ނަމާދު ކުރާނެގޮތް:
އަދިވެސް އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ.
މިބުނެވުނު އުޞޫލާ އެއްގޮތަށް ހަނދުކޭތަ ނަމާދާމެދުވެސް ކަންތައް ކުރާނީއެވެ.
އެދެނަމާދުގެ ދެމެދުގައި ތަފާތެއް ނުވެއެވެ. ހަމައެކަނި ތަފާތަކީ ހަނދުކޭތަ
ނަމާދުގައި ކިޔާވާނީ ހަރުއަޑުންނެވެ. އިރުކޭތަ ނަމާދުގައި ސިއްރުންނެވެ. ދެން
އެކަލޭގެފާނު ވިދާޅުވިއެވެ. އެހެނީ ދެއެއްޗެއް އެކުއެކީ ޖަމާވާއިރު އަބަދުވަސް
ކޮންމެވެސް އެކަތި ފާއިތުވެދާނެކަމުގެ ބިރު ހީވާނެއެވެ. މިގޮތަށް ފާއިތުވާނެ ކަމުގެ
ބިރުހީވާއިރު އަބަދުވެސް ވިސްނަންޖެހޭނީ ވަގުތު ގޮސްގެން ފާއިތުވާ އެތި ނޭޅޭ
ގޮތަކަށެވެ. މިސާލަކަށް ދަމުނަމާދު ވަގުތުގައި ކޭތަ ހިފައިފިނަމަ ފުރަތަމަ ކޭތަ
ނަމާދު ކުރާށެވެ. ހަމަ އެގޮތަށް ވިތުރިއާއި ފަތިސް ނަމާދުގެ އިހު ސުއްނަތުގެ
މައްޗަށް ވެސް ކޭތަ ނަމާދަށް އިސްކަން ދޭށެވެ. އެހެނީ ކޭތަނަމާދަކީ ޖަމާޢަތުގައި
ކުރެވޭ ނަމާދަކަށް ވެފައި، އަނެއް ނަމާދު ތަކަކީ އެކަހެރިކޮށް ކުރަން އޮންނަ
ކުރެވޭ ނަމާދުތަކެވެ. އަދި މިނަމާދުތައް ވަގުތު ފާއިތުވެއްޖަނަމަ ޤަޟާވެސް
ކުރެވިދާނެއެވެ. އަދި ކޭތަ ނަމާދު ޤަޟާކުރުމެއް ނޯވެއެވެ. ހަމަ އެއާއެކު ބަޔަކަށް
ނޭގި ތިއްބައި ކޭތަ ހިފާފައި ކޭތަ ވީއްލައިފި ކަމުގައި ވާނަމަ ދެނެއް ކޭތަ ނަމާދު
ކުރުމެއް ނޯންނާނެއެވެ. މިއުޞޫލާ އެއްގޮތަށް ކޭތަ ނަމާދު ކުރަން ތައްޔާރުވަނިކޮށް
ކޭތަ ވީއްލައިފިނަމަ ނަމާދުކުރުން ހުއްޓާލާނީއެވެ. ނަމަވެސް ނަމާދަށް ފަށައިގެން
އުޅެނިކޮށް ކޭތަ ވީއްލައިފިނަމަ ނަމާދު ފުރިިހަމަގޮތުގައި ކޮށް ނިންމާނީއެވެ.
ޙުޠުބާ ދޭނެގޮތް:
ކޭތަ ނަމާދުގެ ޚުޠުބާއަކީ ސުއްނަތެކެވެ.
އޮންނަނީ ދެޚުޠުބާއެވެ. އެެހެން ޚުޠުބާތަކެކޭވެސް އެއްފަދައިން މިންބަރަށް އަރައި
ފުރަތަމަ ޚުޠުބާ ދިނުމަށްފަހު ދެޚުޠުބާ ދެމެދު އިށީނދެ އިނދެ ދެން ދެވަނަ ޚުޠުބާ
ދޭނީއެވެ.([8])
އެންމެހައި ޚުޠުބާތަކެކޭ އެއްފަދައިން
ފުރަތަމަ ޚުޠުބާގައި ﷲ އަށް ޙަމްދުކޮށް ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް
ކިޔަވައި މީސްތަކުންނަށް ހެއުކަންތައްތައް ކުރުމަށް ނަޞީޙަތްދީ ހަދާނީއެވެ. އަދި
ތައުބާވުމަށާއި ފާފަތަކުން އެއްކިބާވުމަށާއި ﷲ އަށް ކުއްތަންވުމަށް ނަޞީޙަތް
ދޭނީއެވެ. ޚުޠުބާ ދޭނީ ނަމާދު ކުރިތަނެއްގައެވެ. ނަމާދު ކުރުން އޮންނަނީ
މިސްކިތުގައެވެ. ނަމަވެސް އެނޫން ތަނެއްގައި ކުރުމީވެސް ހުއްދަވެގެންވާ ކަމެކެވެ.
ޚުޠުބާ ދިނުމަށް މޮޅު އިތުރުވެގެންވަނީ ނަމާދު ކުރިމީހެކެވެ. އެނޫންމީހަކު ޚުޠުބާ
ދިނުމީ ތިމަންކަލޭގެފާނު މަކްރޫހަ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމެކެވެ.
އަންހެނާ ކޭތަނަމާދު ކުރުން:
މިނަމާދަކީ ކުދި ރަށްތަކުގައިވެސް އަދި
ދަތުރުމަތީގައިވެސް ކުރުން ސުއްނަތް ނަމާދެކެވެ. އެކަމަކު މިނަމާދު އެހެން
ނަމާދަކާއެކު ޖަމާކުރުމެއް ނުވެއެވެ.
އަންހެނާއަށް ވެސް ފިރިހެނުންނާއެކު
މިސްކިތުގައި ކޭތަ ނަމާދު ކުރެވިދާނެއެވެ. ނަމަވެސް އެކަނބަލުންނަށް ގޭގައި
ނުވަތަ ނަމާދު ގެއެއްގައި ހުސް އަންހެނުންގެ ޖަމާޢަތެއްގައި ނަމާދު
ނުކުރެވޭނެއެވެ. އެއީ އެކަނބަލުންނަށް ޚުޠުބާ ދިނުމެއް ނޯންނާތީއެވެ. ފިރިހެނަކު
އިސްކޮށްގެން އޭނާއާ ކައިވެނި ހެއުނުވާ އަންހެނެއްގެ ޙާޟިރުގައި އަންހެނުންގެ
ޖަމާޢަތް ކުރެވިދާނެއެވެ.
ބަންގި ދިނުން:
ބަންގިއަކީ ފަރުޟު ނަމާދަށްޓަކައި
މަޝްރޫޢުވެފައި އޮންނަ އެއްޗަކަށް ވާތީ، ކޭތަނަމާދަކަށް ވެސް ބަންގިއެއް އަދި
ޤަމަތެއްވެސް ނޯވެއެވެ. އެކަމަކު އިމާމާ މުޤްތަދީންގެ ސަމާލުކަން ހޯދުމަށް
ބޭނުންވެއްޖެނަމަ "الصَّلاَةُ جَامِعَةٌ" މިފަދައިން ކިއުމީ އެންމެ ރަނގަޅު ކަމެކެވެ.
އެއީ ޢީދު ނަމާދުގައި އެޢިބާރަތުން ގޮވުމަށް މުދިމުންނަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަމުރު ކުރަށްވާތީއެވެ.
ސޫރަތުލްފާތިޙާ ކިޔެވުން:
ކުރީގައި ބަޔާންވެދިޔަ ފަދައިން ނަމާދުގެ
ދިގުމިން، ފުރިހަމަކޮށް ކުރުމާއި އެއްބައި އަނެއްބަޔަށް ކުރުކުރުމާއި މިއިން
ކޮންމެ ގޮތެއްވެސް ހުއްދަވެގެން ވެއެވެ. ނަމަވެސް ކޮންމެ ރަކްޢަތެއްގައި ސޫރަތުލް
ފާތިޙާ ކިޔަވަންވާނެއެވެ. ރަކްޢަތެއްގެ ދެޤިޔާމުން ކުރެ އެއްޤިޔާމުގައިވެސް
ސޫރަތުލް ފާތިޙާ ނުކިޔައިފިނަމަ އަލުން އެރަކްޢަތް އިޢާދަ ކުރަންޖެހޭނެއެވެ.
ނަމަވެސް ކޮންމެ ރަކްޢަތެއްގައި ކޮންމެވެސް އެއްޤިޔާމެއްގައި އެސޫރަތް ކިޔަފިނަމަ
ވާޖިބު އަދާކުރެވުނީއެވެ. އެރަކްޢަތް އިޢާދަ ކުރާކަށް ނުޖެހޭނެއެވެ. ކުށު ސަޖިދަ
ކުރުމުން ފުދިދާނެއެވެ.
އެކެހެރިކޮށް ކޭތަ ނަމާދު ކުރުން:
އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ކޭތަ
ނަމާދު އެކަހެރިކޮށް ކުރުމީ އަޞްލުގައި އޮންނަ ކަމެއްނޫނެވެ. ނަމަވެސް ވެރިޔާގެ
ފަރާތުން ކޭތަ ނަމާދު ނުކުރާނަމަ، ނުވަތަ ސަބަބަކާ ލައިގެން ކޭތަ ނަމާދު ކުރުމުން
ވެރިޔާ ދުރުހެލި ވެއްޖެނަމަ އެކަހެރިކޮށް ނަމާދު ކުރުމީ އެންމެ ރަނގަޅު ކަމެކެވެ.
އެފަދަ ވަގުތެއްގައި ވެސް މޮޅުގޮތަކީ ޖަމާޢަތުގައި ކުރެވޭތޯ ބެލުމެވެ.
އެކަހެރިކޮށް ނަމާދު ކުރާނަމަ އޭގައި ޚުޠުބާއެއް ނޯންނާނެއެވެ.
މާތް ﷲ ރަޙްމަތްލެއްވި ޢަބްދުﷲ އިބްނު
ޞަފްވާންގެ އަރިހުން އިމާމު ޝާފިޢީ ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު
ވިދާޅުވިއެވެ. މައްކާގައި ޒަމްޒަމް ވަޅުކޮޅުގެ މަތީގައި ހުންނަވައިގެން ޢަބްދުﷲ
އިބްނު ޢައްބާސް އިރުކޭތަ ނަމާދު ކުރެއްވިތަން ތިމަން ދުށީމެވެ. އޭގައި ކޮންމެ
ރަކްޢަތެއްގައި ދެރުކޫޢުއާއެކު އެކަލޭގެފާނު ދެރަކްޢަތް ނަމާދު ކުރެއްވިއެވެ. ދެން
އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ތިމަންކަލޭގެފާނަށް ހީފުޅުވާ ގޮތުގައި
އެފަހަރު، ކޭތަ ހިފާފައިވަނީ ޢަޞުރު ނަމާދަށް ފަހުގައި ކަމަށްވެފައި، ނުވަތަ
އެނޫންވެސް އެފަދަ ކޮންމެވެސް ސަބަބަކާ ހުރެ މައްކާގެ ވެރިޔާ ކޭތަ ނަމާދު
ނުކުރެއްވީތީވެ، އިބްނު ޢައްބާސް އެކަހެރިކޮށް ނަމާދު ކުރެއްވީއެވެ. މިހެނީ އުމަވީ
ދައުލަތުގެ ދުވަސްވަރުގައި އައްޔޫބު އިބްނު މޫސާފަދަ ބޭކަލުން ދެކެވަޑައިގަންނަވާ
ގޮތުގައި ޢަޞުރު ނަމާދު ފަހުން އެއްވެސް ނަމާދެއް ނޯވެއެވެ. އެހެންކަމުން
އެބޭކަލުންގެ ރައުޔާ އެއްގޮތަށް އެދުވަސްވަރު ޢަޞުރު ނަމާދު ފަހުން ޠަވާފުގެ
ސުއްނަތެއްވެސް އަދި އެނޫން ސުއްނަތެއްވެސް ކޮށެއް ނުހަދައެވެ. އެކަމަކު
ސުއްނަތުން ސާބިތުވަނީ އެބޭކަލުން އެވިދާޅުވާ ގޮތާ ޚިލާފަށެވެ.
އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ.
އެހެންކަމުން އަހުރެން ދެކޭ ގޮތުގައި އިމާމާއަށް ވެސް އަދި މުންފަރިދަށްވެސް
މިކަހަލަ ސަބަބެއް ބަޔާންކޮށްގެން، އެއްވެސް ޙާލެއްގައި ކޭތަ ނަމާދު ދޫކޮށްލުން
ހުއްދަވެގެނެއް ނުވާނެއެވެ. އެއީ ގަދަވެގެންވާ ސުއްނަތެކެވެ. އިމާމާއަށް
ލާޒިމުވެގެންވަނީ ޖަމާޢަތުގައި އެނަމާދު ކުރުމެވެ. އިމާމާ ނުކުރާ ކަމުގައިވާނަމަ
އެކަހެރިކޮށްވެސް، ކުރީގައި ބުނެވިދިޔަ ގޮތަށް ނަމާދު ކުރަންވާނެއެވެ. އިރުކޭތަ
ނަމާދު ކަމުގައި ވިއަސް، އަދި ހަނދު ކޭތަ ނަމާދު ކަމުގައި ވިއަސް ވެހެވެ.
އަންހެނާވެސް ނަމާދު ކުރާނީ ފިރިހެނުންނާއެކު
އެއްމިސްކިތެއްގައެވެ. މުސްކުޅިންނާއި ކުޑަކުދިންނަށްވެސް ފިރިހެނުންނާއެކު ނަމާދު
ކުރެވިދާނެއެވެ. ނަމަވެސް ގެއިން ބޭރަށް ނުދެވޭ ކަހަލަ ޢުޛުރުވެރިން، ޚާއްޞަކޮށް
ގެއިން ނިކުންނަން އުނދަގޫވާ އަންހެނުން ގޭގައި ނަމާދުކޮށްލުމީ ތިމަންކަލޭގެފާނު
ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ކަމެކެވެ.
ކޭތަހިފުން ނޫން އެހެން ބޮޑެތި ކަންކަމަށްޓަކާ ނަމާދު
ކުރުން:
ކޭތަހިފުން ނޫން އެހެން އެއްވެސް ބޮޑުކަމެއް
ދިމާވުމަކުން ނަމާދު ކުރުމީ ދީނުގައި ތަޝްރީޢު ކުރެވިފައިވާ ކަމެއްނޫނެވެ.
މިސާލަކަށް ޒަލްޒަލާ އައުމާއި ޠޫފާން އައުމާއި ވައިގަދަ ވުމާއި މިފަދަ ބޮޑެތި
ކާރިސާތަކެވެ. މިފަދަ ކަމެއް ދިމާވުމުން އެކަހެރިކޮށް ތަޠައްވުޢު ނަމާދު ކޮށްލުމީ
އެންމެ ރަނގަޅު ކަމެކެވެ. އެއީ އެހެނިހެން ތަޠައްވުޢު ނަމާދުތައްވެސް އެކަހެރިކޮށް
ކުރާ ފަދައިންނެވެ. މިނަމާދުތައް ޖަމާޢަތުގައި ކޮށްގެން ނުވާނެއެވެ.
[1] މިމަޒުމޫނުގައި އަޅުގަނޑު
ގެނެސްފައި މިވަނީ އިމާމު ޝާފިޢީ އަލްއުއްމުގައި ކޭތަ ނަމާދާ ބެހޭގޮތުން
ލިއުއްވާފައިވާ ލިއުންތަކަށް ބަލައިގެން އޭގެ ޚުލާޞާއެކެވެ. އިތުރު ތަފްޞީލަކަށް
ބޭނުންވާ ޙާލު ބައެއް ފަހަރު ފޮތުން ބޭރުންވެސް ބައެއް ވާހަކަ ގެނެސްފައި
ވާނެއެވެ. އެއީ އެހެން ދަންނަބޭކަލުންގެ ވާހަކައާއި އެބޭކަލުންގެ ރައުޔުގެ ވާހަކަ
ގެނައުމުގެ ބޭނުމުގައެވެ.
[2] ޝާފިޢީ މަޛްހަބުގެ އިމާމެއް
ކަމުގައިވާ އަލްއިމާމު އެކަލޭގެފާނުންގެ އަލްބުވައިޠީގައި އިމާމު ޝާފިޢީގެ
އަރިހުން ނަޤުލު ކުރަށްވާފައި ވަނީ، ފުރަތަމަ ޤިޔާމުގައި ޙަދީޘުގައި އައިސްފައިވާ
ފަދައިން ބަޤަރާ ސޫރަތް ނުވަތަ އެމިންވަރަށް ކިޔެވުމަށެވެ. ދެވަނަ ޤިޔާމުގައި އާލުޢިމުރާން
ސޫރަތް ނުވަތަ އެމިންވަރަށް ކިޔެވުމަށެވެ. ތިންވަނަ ޤިޔާމުގައި ނިސާސޫރަތް ނުވަތަ
އެމިންވަރަށް ކިޔެވުމަށާއި ހަތަރުވަނަ ޤިޔާމުގައި މާއިދަތުސޫރަތް ނުވަތަ
އެމިންވަރަށް ކިޔެވުމަށެވެ. ތަޙްޤިޤު ކުރެއްވި ޢިލްމުވެރިން ވިދާޅުވަނީ މިއީ
އިޚްތިލާފެއް ނޫންކަމަށާއި މިއީ ދެޢިބާރަތުން ވިދާޅުވެފައި އޮތް އަންދާޒީ މިނެއް
ކަމަށެވެ. އެހެންކަމުން މިދެގޮތުންކުރެ ކޮންމެ ގޮތަކަށްވެސް އިމާމު މީހާއަށް
އަންދާޒާކޮށް، ޢަމަލުކުރެވިދާނެއެވެ.
[3] މިތާގައި ކީރިތި ރަސޫލާގެ
ބަސްފުޅުގައި މިއޮތް ކުފްރުގެ މުރާދަކީ ނާޝުކްރީއެވެ. ޙަޤީޤީ ކުފްރެއް ނޫނެވެ.
ކީރިތި ޤުރުއާނުގައިވެސް ބައެއް ފަހަރު ކުފްރުގެ މިބަސް ނާޝުކްރީގެ މާނާގައި
ބޭނުން ކުރަށްވާފައި އެބަ ވެއެވެ. އަދި ޙަދީޘުތަކުގައި ކުފްރުގެ ލަފްޒު އެނޫންވެސް
ވަރަށް ގިނަ މާނަމާނާގައި ބޭނުންކުރެވިފައި އެބަހުއްޓެވެ. މިވާހަކަ އިމާމު
މުސްލިމު ޞަޙީޙު މުސްލިމުގެ ފުރަތަމަ ކިތާބުގައި ބަޔާންކުރަށްވާފައި ވެއެވެ.
[4] މިތާގައި އެކަލޭގެފާނަށް
އެންމެ ގިނައިން ނަރަކައިން ފެނިވަޑައިގަތް ބަޔަކީ އަންހެނުންކަމުގައި
ވިދާޅުވެފައިވާ ބަސްފުޅުގެ މުރާދައެއް ކަމުގައި، މިޙަދީޘު ޝަރަޙަ ކުރެއްވުމުގައި
އިމާމު އިބްނު ޙަޖަރާއި އިމާމު ސުޔޫޠީ ވިދާޅުވަނީ، އެއީ އެކަލޭގެފާނު ދެކެވަޑައިގަތް
ވަގުތު އެކަނބަލުން ގިނަ ވާހަކައެވެ. އެހެނީ ޢީދު ދުވަހެއްގައި އަންހެނުންނަށް
ނަޞީޙަތްތެރިވެ ވަޑައިގަންނަވަމުން އެވާހަކަ ބަޔާންކުރަށްވަމުން އެކަމުން
ސަލާމަތްވުމުގެ ގޮތުން ގިނަގިނައިން ޞަދަޤާތް ދެއްވުމަށް އިތުރު އެކަލޭގެފާނު ވަނީ
އަންހެނުންނަށް ނަޞީޙަތްތެރިވެ ވަޑައިގެންފައެވެ. އެހެންކަމުން ވަކި މިވެނި ބަޔަކު
ނަރަކައިގައި ގިނަވުމީ ލާޒިކަމެއްނޫނެވެ. ނަރަކަވެސް އަދި ސުވަރުގެ ލިބުންއޮތީ
އަޅާކުރާ މަސައްކަތެއްގެ ނަތީޖާއަކުންނެވެ. ޢަމަލުކުރުމުގައި އަންހެނަކާ
ފިރިހެނަކާ ތަފާތުވުމެއް ލައްވާފައި ނުވެއެވެ. ޘަވާބު ލިބުން އޮތީ އެންމެން
އެއްވަރަކަށެވެ. (ފަތުޙުލްބާރީ:4798 ، އަދި ޝަރަޙު ސުނަނުއްނަސާއީ:1476)
[5] ޢިލްމުވެރިން ވިދާޅުވަނީ
މިސުވާލު ކުރެއްވި ބޭކަނބަލަކީ މާތް ﷲ ރުއްސުންލެއްވި އަސްމާ ބިންތު ޔަޒީދް
އިބްނުއްސަކަނެވެ. އެކަމަނާއަކީ އަންޞާރިއްޔަ ބޭކަނބަލެކެވެ. އެންމެ ފުރަތަމަ
ބުރުގައި މަދީނާއިން އިސްލާމްވެ ވަޑައިގެންނެވި ބޭކަލުންގެ ތެރެއިން
އެއްބޭކަލެކެވެ. އެކަމަނާއަކީ ބަސްމޮށުންތެރި، ކެރޭ، މުރާލި، ކަންކަމުގައި އިސްނަންގަވާ
ބޭކަނބަލެކެވެ. އެހެންކަމުން ވަރަށް ގިނަފަހަރު އަންހެންވެރިންގެ ފަރާތުން ކީރިތި
ރަސޫލާގެ އަރިހަށް ސުވާލެއް ދެންނެވުމަށް ނުވަތަ އެނޫންވެސް ކަމަކު
ވަޑައިގަންނަވާނަމަ ވެރިއެއްގެ ގޮތުގައި ވަޑައިގަންނަވަނީ އެކަމަނާއެވެ.
އެއްފަހަރެއްގައި ޝަކުވާއަކާގެން ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން
ދަންނަނަވަނީ ތިމަންކަމަނާ ކަލޭގެފާނުންގެ އަރިހަށް މިވަޑައިގަތީ މަދީނާގެ
އަންހެނުގެ ފަރާތުން ވަފުދުގެ ވަކީލެއްގެ ގޮތުގައި ކަމަށެވެ. މިކަންކަމާހުރެ
އެކަމަނާ މަޝްހޫރުވެފައިވަނީ "خَطِيبَةُ النِّسَاءِ" (އަންހެނުންގެ ތަރުޖަމާން)
މިލަޤަބުންނެވެ.
[6] ޢިލްމުވެރިން
ވިދާޅުވެފައިވަނީ މިތާގައި ޢާއިލާ ނުވަތަ ޢަޝީރާގެ މުރާދަކީ ފިރިމީހާއާއި
ބަލަދުވެރިޔާއެވެ. ނުވަތަ ޚަރަދުބަރަދުދީ ބަލަހައްޓާ މީހާއެވެ.
[7] މިތާގައި ކީރިތި ރަސޫލާ
އެއަންގަވާފައި އެވަނީ ހުރިހާ އަންހެނުންގެ ކިބައިހުންނަ ސިފައެއްގެ ވާހަކައެއް
ނޫނެވެ. ނަމަވެސް އެއީ ވަރަށް ގިނަ އަންހެނުންގެ ޠަބީޢަތުގައި ހަރުލާފައި ހުންނަ
ސިފައެކެވެ. އަޅުގަނޑު ލޮލުން ދުށް މިކަހަލަ މިސާލެއް ބަޔާންކޮށްލާނަމެވެ.
އަޅުގަނޑު ދަންނަ މީހެއްގެ އަންބެކެވެ. އޭނާގެ ފިރިމީހާ އޭނާއަށް ވަރަށް
ހެއުވެފައި، އެއްވެސް ކަމެއްގައި އޭނާއަށް ހޭދަކުރުމުގައި އަތްބާރު ނުކުރެއެވެ.
ފިރިމީހާގެ ޢާއިލާގެ ފަރާތުންވެސް އަންހެން މީހާއަށް ވަރަށް ޢިނާޔަތްތައް
ލިބެއެވެ. ބައެއްފަހަރު އަންހެން މީހާއަށްވެސް އޭނާގެ ޢާއިލާގެ ފަރާތުންވެސް
ހަދިޔާއާއި އެހީތެރިކަން ލިބެއެވެ. ނަމަވެސް މިދެމަފިރިންގެ ދެމެދުގައި ކިރިޔާވެސް
ދެބަސްވުމެއް އުފެދޭ ކޮންމެ ހިނދަކު އަންހެންމީހާ ބުނަމުންދަނީ ފިރިމީހާގެ
ފަރާތުން ކާއެތިކޮޅެއް ފިޔަވައި ހަމަ އެކައްޗެއްވެސް ނުލިބޭ ކަމަށާއި އޭނާއަށް
އަންނައުނާއި ޚަރަދުބަރަދު ދީހަނީ އޭނާގެ ޢާއިލާގެ މީހުން ކަމަށެވެ.
[8] މިންބަރުގެ ބަދަލުގައި
ސަވާރީއެއްގައިވެސް ޚުޠުބާ ދެވިދާނެއެވެ. މިގޮތުން ކޭތަ ނަމާދުގައި ޚުޠުބާ
ދިނުމަކީ ސުއްނަތެއްތޯ ނުވަތަ ނޫންތޯ މިއީ ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފު
އުފެދިފައިވާ ކަމެކެވެ. އިމާމު އަބޫޙަނީފާގެ އަރިހުގައި މިއީ ސުއްނަތެއްނޫނެވެ.
އިމާމު ޝާފިޢީ ވިދާޅުވަނީ ސުއްނަތެއް ކަމަށެވެ. އިމާމު މާލިކު ވިދާޅުވަނީ އެއީ
ޚުޠުބާއެއް ނޫންކަމަށާއި ނަޞީޙަތް ދިނުން ކަމަށެވެ. އިމާމު އަޙްމަދުގެ އަރިހުން މިތިންގޮތަށް
ތިން ބަސްފުޅު އައިސްފައި ވެއެވެ. އިމާމު ޝާފިޢީ ވިދާޅުވަނީ ކުރީގައި ބަޔާންވެދިޔަ
ޙަދީޘުތަކާއި އަޞްޙާބުބޭކަލުންގެ ޢަމަލުފުޅު ޙުއްޖަތެއްގެ ގޮތުގައި ފުދޭކަމަށެވެ.
އަދި މާތް ﷲގެ ވަޙީބަސްފުޅުންވެސް އެފަދަ ޙާލަތްތަކުގައި ނަމާދުކުރުމަށާއި ޛިކުރުކުރުމަށް އަވަސްވެގަތުމަށް
އަންގަވާފައިވާތީ އެކަމުން ދޭހަވަނީ އެއީ ކޭތަނަމާދާއި ކޭތަ ޚުޠުބާއަށް އޮތް
އިޝާރަތެއް ކަމެވެ. ދެން އިމާމު މާލިކު ޚުޠުބާއާ އިންކާރު ކުރަށްވައި، ނަޞީޙަތް
ދިނުމަށް ބުރަވެ ވަޑައިގަންނަވާއިރު މިދެކަމަކީ އެއްކަމަކަށްވެފައި
މިއަށްކިޔާނަމަކީ ޚުޠުބާކަމަށް ވާތީ އެކަލޭގެފާނުންގެ ބަސްފުޅު ފުށުއަރާކަމަށް
ޝާފިޢީ މަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވެފައި ވެއެވެ.
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ