މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ، ﷲ ތަޢާލާ
ޤިޔާމަތަށް ދެމިގެންވާ ރިސާލާތަކާއިގެން ފޮނުއްވެވި ނަބިއްޔާއެވެ. އެކަލޭގެފާނު
ފޮނުއްވެވީ އެންމެހައި ޢާލަމްތަކަށް ރަޙްމަތެއްކަމުގައެވެ. އެންމެ ރިވެތިވެގެންވާ
ނަމޫނާ އެކަލޭގެފާނުގެ ގައިކޮޅުގައާއި އަޚްލާޤުގައި ލެއްވުމަށްފަހުގައެވެ.
އެކަލޭގެފާނުގެ ކިބައިން އަހަރެމެންނަށް ހިދާޔަތުގެ ސީދާ މަގަކީ ކޮބައިކަން
އެނގިގެން ދިޔައެވެ. މި ހިދާޔަތުގެ ދީން އަހަރެމެންނާއި ހަމައަށް
ފޯރުކޮށްދެއްވުމަށްޓަކައި ޖާނާއި މާލުން ޤުރުބާންވެވަޑައިގެންނެވިއެވެ.
ސުވަރުގެއަށް
ވާސިލުވާނޭ މަގަކީ ކޮބައިކަން ބަޔާންކޮށްދެއްވާ، އެ ސުވަރުގެއަށް އަހަރެމެން
ޝައުޤުވެރިކޮށްދެއްވިއެވެ. ނަރަކައިން ސަލާމަތްވާނޭ މަގަކީ ކޮބައިކަން
ބަޔާންކޮށްދެއްވާ ، އެ ނަރަކައިގެ ޢަޒާބުން އިންޒާރުދެއްވިއެވެ. ދުނިޔެއާއި
އާޚިރަތުގެ ޙަޔާތް ބާއްޖަވެރިވެގެންދާނޭ، ހެޔޮ އެއްވެސް ޢަމަލެއް
ބަޔާންކޮށްނުދެއްވާ ދޫނުކުރައްވައެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ޙަޔާތް
އަބާއްޖަވެރިވެގެންދާނޭ އެއްވެސް ޢަމަލަކާއިމެދު އިންޒާރު ނުދެއްވާ
ދޫނުކުރައްވައެވެ. ފަހެ އެކަލޭގެފާނަކީ މުއުމިނުންނަށް ނުހަނު އޯގާތެރި ރަޙުމުހުރި
ބޭކަލެކެވެ.
އެކަލޭގެފާނާއި
ބޭހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ ” سورة التوبة މާނަ: ” ހަމަތިޔަބައިމީހުންގެ ތެރެއިންވާ
ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ.
ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް
ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ
މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި،
ރަޙުމުހުރި ބޭކަލެކެވެ. “
ދުނިޔެއާއި އާޚިރަތުގެ ޙަޔާތް
ބާއްޖަވެރިވުން ބިނާވެފައި އޮތީ އެކަލޭގެފާނުދެކެ ހައްޤު ގޮތުގައި ލޯބިވެ
އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމުގެ މައްޗަށެވެ.
އެއްދުވަހެއްގައި
އަޢުރާބީއަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ސުވާލު
ދެންނެވިއެވެ. ” ޤިޔާމަތްވާނީ
ކޮންއިރަކުން ހެއްޔެވެ؟ ” އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ. ” ތިބާ އެދުވަހަށްޓަކައި ތައްޔާރުކުރީ ކޮންއެއްޗެއްތޯއެވެ؟ ”
އެނާ ބުންޏެވެ. ” ﷲ އާއި އެއިލާހުގެ ރަސޫލާ ދެކެ އަހުރެން ލޯބިވަމެވެ. ” ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” އެހެންވީއިރު ތިބާ ވާނީ ތިބާ
ލޯބިވީ މީހަކާއެކުގައެވެ. “ – رواه البخاري -
އަލްއިމާމު އަލްޤުރުޠުބީ
ރަޙިމަހުﷲ ޒިކުރުކުރައްވާފައި ވެއެވެ. ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައުލާއެއްކަމުގައިވާ ޘަވްބާނު ރަޟިޔަﷲ ޢަންހުއަކީ
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އިންތިހާއަށް ލޯބިފުޅުވާ އަދި
އެކަލޭގެފާނާއި ބައްދަލުވުމަށްއެދި އަބަދުވެސް ކެއްތެރިކަން ކޮޅުންލާފައި ހުންނަ
ބޭކަލެކެވެ. އެއްދުވަހަކު ޘަވްބާނު ރަޞިޔަﷲ ޢަންހު، އެކަލޭގެފާނުގެ ގައިގެ ކުލަ
ބަދަލުވެ ހަށިގަނޑު ނިކަމެތިވެފައިވާހާލު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
އަރިހަށް އައެވެ. އެކަލޭގެފާނުގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވާންހުއްޓެވެ. އެ
ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ކަލޭގެފާނުގެ
ގައިގެ ކުލަވަރު ބަދަލުވެފައި ތިވަނީ ކޮންކަމަކާހެއްޔެވެ؟ ” ޘަވްބާނު
ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާއަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ.
އަދި ތިމަންނާ ބައްޔެއްވެސް ނޫނެވެ. ނަމަވެސް ތިމަންނާއަށް ކަލޭގެފާނު ނުފެންނާތީ
ކަލޭގެފާނު ދެކިލުމަށް މާބޮޑު ޝައުޤުވެރިކަމެއް އުފެދުނީއެވެ. އަދި ކަލޭގެފާނާއި
ބައްދަލުނުވެ ގިނަވަގުތުވުމުން ކަލޭގެފާނާއި ދުރުކަމެއް ވަރަށްބޮޑަށް
އިޙްސާސްވީއެވެ. ދެން ތިމަންކަލޭގެފާނަށް އާޚިރަތް ހަނދާންވެފައި އެދުވަހުން
ކަލޭގެފާނު ނުފެނިދާނެތީ ކަންބޮޑުވީއެވެ. އެހެނީ ޤިޔާމަތްދުވަހުގައި ކަލޭގެފާނު،
ނަބީބޭކަލުންނާއިއެކުގައި އެންމެމަތީ ދަރަޖައަށް އުފުއްލެވޭނެކަން
ތިމަންނައަށްވަނީ އެނގިފައެވެ. އަދި ތިމަންކަލޭގެފާނު ސުވަރުގެއަށް ވަތްކަމުގައި
ވިޔަސް ، ތިމަންކަލޭގެފާނު ވާހުށީ ކަލޭގެފާނަށްވުރެ ދަށު ދަރަޖައެއްގައެވެ. އަދި
ސުވަރުގެއަށް ނުވަދެއްޖެނަމަ ދުވަހަކުވެސް ކަލޭގެފާނަކާއި ބައްދަލެއް ނުވާނެއެވެ. އެ ހިނދު
ﷲ ތަޢާލާ ހަތްއުޑުމަތިން މިއާޔަތް ބާވައިލައްވާފިއެވެ. ” وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿٦٩﴾ “ سورة النساء މާނަ : ” އަދި ﷲ ތަޢާލާއަށާއި އެއިލާހުގެ
ރަސޫލާއަށް ކިޔަމަންތެރިވާ މީހުން ދަންނާށެވެ! އެބައިމީހުންވާހުށީ ﷲ ތަޢާލާ
އެބައެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި
ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުންނާއި އެކުގައެވެ. އެބޭކަލުންނީ
އެކުވެރިންކަމުގައި ވުމަށް ހާދަ ރަނގަޅުބައެކެވެ. “
ނަބިއްޔާ ޞައްލަﷲ
ޢަލައިހި ވަސައްލަމަ އާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. “ وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧﴾ ” سورة الأنبياء މާނަ : ” އަދި އެންމެހައި ޢާލަމްތަކަށް
ރަޙްމަތެއްކަމުގައި މެނުވީ ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ. “
އަލްއިމާމް އިބުނުލްޤައްޔިމް ރަޙިމަހުﷲ جلاء الأفهام ގައި ވިދާޅުވެފައި ވެއެވެ.
” ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ ރިސާލަތުގެ ސަބަބުން އާއްމުކޮށް އެންމެހައި މީސްތަކުންނަށްވެސް
ފައިދާ ހާސިލުވިއެވެ.
އެކަލޭގެފާނުގެ ރިސާލަތުގެ ސަބަބުން،
އެކަލޭގެފާނަށް ތަބާވީ މީސްތަކުންގެ ކަރާމާތްތެރިކަމާއި ދަރަޖަ ދުނިޔެއާއި
އާޚިރަތުގައިވެސް މަތިވެ އުފުލިގެން ދިޔައެވެ.
އަދި އެކަލޭގެފާނާއި ހަނގުރާމަކުރި
އެކަލޭގެފާނުގެ ޢަދާވާތްތެރިން އަވަހަށް ޤަތުލުވެ މަރުވެގެން ދިޔުން،
އެބައިމީހުންނަށް ކާފަރުކަންމަތީ ދުނިޔޭގައި ހުރުމަށްވުރެ ރަނގަޅެވެ. އޭގެ
ސަބަބުން އެބަިއމީހުންގެ އާޚިރަތުގެ ޢަޒާބުގެ ގަދަފަދަކަން އިތުރުވެގެން
ނުދިޔުމަށްޓަކައެވެ. އެހެނީ އެބައިމީހުންނަށް ﷲ ތަޢާލާވަނީ އަބާއްޖަވެރިކަން
ލިޔުއްވާފައެވެ. ވީމާ، އެބައިމީހުންގެ ޢުމުރު ދިގުވުމަށްވުރެ އެބައިމީހުންގެ މަރު
އަވަސްވުން އެބައިމީހުންނަށް ހެޔޮވެގެން ވެއެވެ.
އަދި އެކަލޭގެފާނާއި ޞުލްޙައިގެ މުޢާހަދާގައި
ތިބި މީސްތަކުން ދުނިޔެމަތީގައި ދިރިއުޅެމުން ދިޔައީ އެކަލޭގެފާނުގެ ހިމާޔަތާއި
ޛިއްމާގެ ދަށުގައެވެ. އެހެންކަމުން އެބައިމީހުން އުޅެމުންދިޔައީ ، ހަނގުރާމަކުރި
މީހުންނަށްވުރެ ރައްކާތެރިކަމާއި ފަސޭހައިގައެވެ.
އަދި މުނާފިޤުން އެބައިމީހުންގެ އީމާންކަން
ބޭރުފުށުން ފާޅުކުރުމުގެ ސަބަބުން، އެބައިމީހުންގެ ލެޔާއި މުދަލާއި
އަހުލުވެރިންނަށް ރައްކާތެރިކާމާއި އިޙްތިރާމް ދުނިޔެމަތީގައި ލިބުނެވެ.
އަދި އުއްމަތުގެ އެހެނިހެން މީސްތަކުންނަށް
ބަލާއިރު ﷲ ތަޢާލާ ބިމަށް އާއްމުވެގެންވާ ޢަޒާބެއް އެކަލޭގެފާނުގެ ރިސާތުގެ
ސަބަބުން ނުފޮނުއްވައެވެ. ފަހެ އެކަލޭގެފާނުގެ ރިސާލަތުގެ ސަބަބުން އެންމެހައި
ފަރާތްތަކަށްވެސް ފައިދާ ހާޞިލުވިއެވެ. “
- ނުނިމޭ -
މަސްދަރު : ދިސަލަފިއްޔާ

Comments
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ