ނިދަން
އޮށޯންނަމުން ކުރާ ދުޢާ
ބިރުވެރި ހުވަފެންތަކާއި މިފަދަ އެހެން ކަންތައް ތަކަކީ
ޝައިޠާނުންގެ ވަސްވާސްތަކުގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ.
ނިދަން އޮށޯންނަމުން މިދުޢާތައް ކުރުމަކީ އެފަދަ ކަންތަކުން، ﷲ ގެ އިޛްނައާއެކު ސަލާމަތްވާނެ ކަމެކެވެ.
ނިދަން އޮށޯންނަމުން މިދުޢާތައް ކުރުމަކީ އެފަދަ ކަންތަކުން، ﷲ ގެ އިޛްނައާއެކު ސަލާމަތްވާނެ ކަމެކެވެ.
ކޮއްކޯއެވެ! މިދުޢާތައް ދަސްކޮށް ކޮންމެ ރެއަކު ނިދަން
އޮށޯންނަމުން މިދުޢާތައް ކުރަން އާދަކުރާށެވެ.
ދެއަތްތިލަ ގާތްކޮށް، ބާރަށް ފުމެލުމަށްފަހު
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ هُوَ اللَّهُ أَحَدٌ (1)
اللَّهُ الصَّمَدُ (2)
لَمْ يَلِدْ وَلَمْ يُولَدْ (3)
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ الْفَلَقِ (1)
مِنْ شَرِّ مَا خَلَقَ (2)
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3)
وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4)
وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ النَّاسِ (1)
مَلِكِ النَّاسِ (2)
إِلَهِ النَّاسِ (3)
مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4)
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5)
مِنَ الْجِنَّةِ وَالنَّاسِ (6)
މި ތިން ސޫރަތް ކިޔެވުމަށްފަހު ބޮލާއި މޫނުން ފެށިގެން
މުޅި ހަށިގަނޑުގައި ދެއަތް ފިރުމާލާށެވެ! މިގޮތަށް 3 ފަހަރު ކަންތައް ކުރާށެވެ!
اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ
اللَّهُمَّ قِني عَذابَكَ يَوْمَ تَبْعَثُ عِبادَك .
(3 ފަހަރު)
އޭ الله! އިބަ އިލާހުގެ އަޅުތަކުން އަލުން ދިރުއްވާ ދުވަހު އިބަ
އިލާހުގެ ޢަޒާބުން އަޅަމެން ރައްކާތެރި ކުރައްވާނދޭވެ!
بِاسْمِكَ رَبِّي وَضَعْتُ جَنْبي ، وَبِكَ أَرْفَعُه، فَإِن أَمْسَكْتَ نَفْسي فارْحَمْها ، وَإِنْ أَرْسَلْتَها فاحْفَظْها بِما تَحْفَظُ بِه عِبادَكَ الصّالِحين
މިއަޅާގެ ވެރި އިލާހު! އިބައިލާހުގެ އިސްމުފުޅުން މިއަޅާގެ
ނަފްސު ބާއްވަމެވެ. އަދި އިބަ އިލާހުގެ އިސްމުފުޅުން މިއަޅާގެ ނަފްސު
އުފުއްލަމެވެ. އިބަ އިލާހު މިއަޅާގެ ނަފްސު ހިއްޕަވައިފިނަމަ އެނަފްސަށް
އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އެނަފްސު އަނބުރާ ފޮނުއްވައިފިނަމަ އިބަ އިލާހުގެ
ޞާލިޙު އަޅުން ރައްކާތެރި ކުރައްވާ ގޮތަށް އެނަފްސު ރައްކާތެރި ކުރައްވާނދޭވެ.
ޖަވާބު: ޞަޙީޙު ބުޚާރީގައި
އައިސްފައިވާ ރިވާޔެތެއްގައި ވެއެވެ : މާތް ﷲ ރުއްސުންލެއްވި
އަލް ބަރާއު ބިން ޢާޒިބުގެ ވިދާޅުވިއެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. ''ތިބާ
(ނިދުމަށްޓަކައި ) އެނދަށް އަރަންވީމައި، ނަމާދަށް ވުޟޫކުރާ ފަދައިން
ވުޟޫކުރާށެވެ! ދެން ތިބާގެ ކަނާތްފަރާތަށް އަރިޔަށް އޮށޯންނާށެވެ. އަދި މިފަދައިން
ކިޔާށެވެ!
(اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ)
އެރޭގައި
މަރުވެއްޖެނަމަ ތިބާ އެމަރުވީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އަދި މިކަލިމަތަކަކީ
( ނިދުމުގެކުރިން )ތިބާ އެންމެފަހުން ކިޔާކަލިމަތަކުގެ ތެރޭގައި ހަދާށެވެ'' (
ބުޚާރީ : ޙަދީޘް ނަމްބަރު: 5836 )
ނިދިން
ތެދުވުމަށްފަހު ކުރާ ދުޢާ
ކޮއްކޯއެވެ! ނިންޖަކީ ކުޑަ މަރެވެ. ފަހެ އިންސާނާ ނިދިން
ހޭލުމަށްފހު އޭނާގެ ފުރާނަ އޭނަގެ ހަށިގަޑަށް އަނބުރާ ރައްދު ކުރެއްވި ﷲ
ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަންވާނެއެވެ. އަދި އޭނާ ނިދީގައި އޭނަގެ
ފުރާނަ މުޅިން ހިއްޕަވައި ﷲ އޭނާ މަރުގެންނެވި ނަމަ ކަންތައް ވާނެ ގޮތާމެދު ފިކުރު
ކުރަން ޖެހޭނެއެވެ.
ބޮޑު މަރަކީ އެ މަރު އަތުވެއްޖެނަމަ ދެވަނަ ފަހަރަށް މި
ދުނިޔެއަށް ނާދެވޭ މަރެވެ.
މި ދުޢާ އަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ
ޢަލައިހި ވަސައްލަމް އަވަހާރަފުޅުން ތެދުވެވަޑައިގެން ވިދާޅުވި ދުޢާއެކެވެ.
އެހެންކަމުން އަހަރުމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް
ދަސްކޮށްދެއްވި މި ރީތި ދުޢާ، ކޮންމެ ދުވަހަކު ނިދިން ހޭލުމަށްފަހު ކިޔަން
އާދަކުރާށެވެ.
الحَمْدُ لله الذِي أحْيَانا بَعْدَمَا أمَاتَنَا وإلَيْهِ النَشُور
"އަޅަމެން މަރުގެންނެވުމަށްފަހު ދިރުއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އަދި
(މަރުވުމަށްފަހު) އެނބުރި ދިޔުން ވަނީ އެއިލާހުގެ ޙަޟްރަތަށެވެ."
އާ ހެދުމެއް
އަޅާއިރު ކިޔާ ދުޢާ
ކޮއްކޯއެވެ! އާ ހެދުމަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ދެއްވި
ވަރަށް އަގުބޮޑު ހަދިޔާއެކެވެ. އެހެންކަމުން އެ އިލާހަށް ޝުކުރު ކުރަން
ޖެހޭނެއެވެ. އަދި އާ ހެދުން ނުލިބޭ ފަޤީރު ކުދިންގެ މަތިން ހަދާން ކުރަންވާނެއެވެ.
اللّهُمَّ لَكَ الحَمْدُ أنْتَ كَسَوْتَنيهِ، أََسْأََلُكَ مِنْ خَيرِهِ وَخَيْرِ مَا صُنِعَ لَه، وَأَعوذُ بِكَ مِنْ شَرِّهِ وَشَرِّ ما صُنِعَ لَهُ.
އޭ ﷲ! އެންމެހައި ޙަމްދުވަނީ އިބަ ﷲ އަށެވެ. އިބަ ﷲ މިއަޅާ
ފޭރާންކޮށް ދެއްވީމުއެވެ. އޭގެ ހެއުކަމާއި އެކަމަށްޓަކައި މިހެދުން އުފެދިފައިވާ
ކަމުގެ ހެއުކަމަށް އެދި ތިޔަ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި މީގެ
ނުބައި ކަމާއި އެކަމަށްޓަކައި އެހެދުން އުފެދިފައިވާ ކަމުގެ ނުބައި ކަމުން
ސަލާމަތް ކުރެއްވުން އެދި، ތިޔަ އިލާހުގެ ޙަޟްރަތު ގައި ދަންނަވަމެވެ.
ހެދުން
ބަދަލުކުރާއިރު ކިޔާ ދުޢާ
އަހަރެމެން ހެދުން ބަދަލުކުރާއިރު ކިޔަން ދުޢާއެއް
އަހަރުމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ
ދަސްކޮށްދެއްވާފައެވެ. އެއީ އަހަރެމެން ހެދުން ބަދަލުކުރާ ވަގުތު ޝައިޠާނުންގެ
ލޯތަކުން އަމާންކަން ލިބިގަތުމަށެވެ.
އެހެނީ އަހަރުމެންނަށް އެ ޝައިޠާނުންތައް ނުފެނުނު
ކަމުގައި ވިއަސް އެ ތަކެއްޗަށް އަހަރުމެން ފެންނާނެތީއެވެ.
އެހެންކަމުން ޝައިޠާނުންގެ ލޯތަކަށް އަހަރުމެން ހެދުން
ބަދަލުކުރާ ވަގުތު ނުދެއްކެވުން އެދި މި ދުޢާ ކިޔުން އެދެވިގެން ވެގެން ވެއެވެ.
بِسْمِ الله .
ﷲ ގެ އިސްމުފުޅުންފަށަމެވެ.
ވުޟޫ ކުރަން
ފެށުމުގެ ކުރީގައި ކުރާ ދުޢާ
ކޮންމެ ރަގަޅު ކަމަކަށް ފަށައިގަތުމުގެ
ކުރީގައި ﷲ ގެ އިސްމުފުޅުން ފަށައިގަތުމަކީ އެކަމެއްގައި ބަރަކާތް ލައްވާ
ކަމެކެވެ. އެ ގޮތުން ވުޟޫ ކުރަން ފެށުމުގެ ކުރީގައި މިފަދައިން ކިޔަން
އާދަކުރާށެވެ.
بِسْمِ الله .
ﷲގެ އިސްމު ފުޅުން ފަށައިގަންނަމެވެ.
ވުޟޫ ކޮށް
ނިމިގެން ކުރާ ދުޢާ
ކޮއްކޯއެވެ! މިއީ ފަސޭހަ ދުޢާއެކެވެ. އެހެން
ނަމަވެސް މި ދުޢާ ކުރުމުން ލިބޭ ޘަވާބާއި ދަރުމަ ވަރަށް ގިނަ ގުނައެވެ.
ވުޟޫކުރުމަށްފަހު މި ދުޢާ ކިޔައިފި މީހަކަށް ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވޭނެއެވެ.
އެއީ އެ ދޮރުތަކުގެ ތެރެއިން ބޭނުން ދޮރަކުން ސުވަރުގެއަށް ވަދެވޭނެއެވެ.
އެހެންކަމުން އަވަހަށް މި ދުޢާ ދަސްކުރާށެވެ. އަދި ވުޟޫކޮށް ނިމިގެން މި ދުޢާ
ކުރަން އާދަ ކުރާށެވެ.
أَشْهَدُ أَنْ لا إِلَهَ إِلاّ اللهُ وَحْدَهُ لا شَريـكَ لَهُ وَأَشْهَدُ أَنَّ مُحَمّداً عَبْدُهُ وَرَسُولُه. اللّهُمَّ اجْعَلني مِنَ التَّوّابينَ وَاجْعَلْني مِنَ المتَطَهّرين.
ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި އެއިލާހަށް ބައިވެރިއަކު ނުވާކަމަށް
އަޅު ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް
އަކީ
އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅުހެކިވަމެވެ. އޭ ﷲ!
ތައުބާވާ މީހުންގެ ތެރެއިން އަޅު ލައްވާނދޭވެ! އަދި ޠާހިރުވާ މީހުންގެ ތެރެއިން
އަޅު ލައްވައިފާނދޭވެ!
ގެއަށް
ވަންނަމުން ކުރާ ދުޢާ
ކޮއްކޯއެވެ! ގެއަށް ވަންނަމުން ﷲ ހަދުމަ
ނުކޮށްފިނަމަ ޝައިޠާނާ އޭނާގެ އެކުވެރިންނަށް ބުނާނެއެވެ. "ކަލޭމެން ނިދާނެ
ތަނެއް ލިބުނީއެވެ." އަދި އެގެއަށް ވަންނާނެއެވެ. އަދި އެގޭގެ މީހުންނަށް
ގޯނާކޮށް ގެއްލުންދީ ހަދާނެއެވެ. ނަމަވެސް ގެއަށް ވަންނަމުން ﷲ ހަދުމަކޮށްފިނަމަ
ޝައިޠާނާ ބުނާނެއެވެ. "އޭ އެކުވެރިންނޭވެ! މިގެއަކު ކަލޭމެން ނިދާނެ ތަނެއް
ނެތެވެ."
އެހެންކަމުން ޝައިޠާނާ އަށް ކޮއްކޮގެ ގޭގައި
ނިދުމުގެ ފުރުޞަތު ނުދޭށެވެ. އަދި މި ދުޢާ ކުރުމަށް އާދަ ކުރާށެވެ.
بِسْمِ اللهِ وَلَجْنا، وَبِسْمِ اللهِ خَرَجْنا، وَعَلى رَبِّنا تَوَكّلْنا
ﷲގެ އިސްމުފުޅުން މިއަޅާ ވަންނަމެވެ. އަދި ﷲގެ އިސްމުފުޅުން މިއަޅާ ނިކުންނަމެވެ.
އަޅަމެން ހައްދަވައި ގެންގުޅުއްވާ އިލާހަށް އަޅަމެން ވަކީލު ކުރަމެވެ.
މި ދުޢާ ކުރުމަށްފަހު ގޭގެ މީހުންނަށް
ސަލާމް ކުރާށެވެ.
السلام عليكم ورحمة الله وبركاته
ގެއިން
ނުކުންނަމުން ކުރާ ދުޢާ
ކޮއްކޯއެވެ! ކޮންމެ މީހަކުވެސް ގެއިން ނުކުތުމާއެކު، ޝައިޠާނުން
އޭނާއާ ދިމާކުރާނެއެވެ. އަދި އޭނާއަށް ނޭގޭ ގޮތް ގޮތުން އޭނާއަށް އުދަގޫކޮށް
ވަސްވާސް ދޭނެއެވެ. އެހެންނަމަވެސް ގެއިން ނިކުންނަމުން މި ދުޢާ ކޮށްފި މީހަކު، ﷲ
ސުބްޙާނަހޫ ވަތަޢާލާ ، ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރައްވައެވެ.
بِسْمِ اللهِ ، تَوَكَّلْتُ عَلى اللهِ وَلا حَوْلَ وَلا قُوَّةَ إِلاّ بِالله .
ﷲގެ އިސްމު ފުޅުން ފަށަމެވެ. މިއަޅާ ﷲއަށް ވަކީލު ކުރަމެވެ. ﷲގެ ޙަޟްރަތުން
މެނުވީ އެއްވެސް އާރެއް އަދި ބާރެއް ނުވެއެވެ.
ހެނދުނާއި
ހަވީރުގެ ދުޢާ
އިންސާނާ އޭނާގެ ދުވަސް ފަށައިގަތުމުގައި
ކުރަން އެންމެ ހެޔޮ ކަމަކީ ﷲ ހަނދުމަކުރުމެވެ. އެއިގެ ސަބަބުން ﷲ ގެ
ރުހިވޮޑިގަތުން ލިބެއެވެ. އަދި ހިތްހަމަޖެހުން ލިބެއެވެ. އަދި ރިޒުޤު ތަނަވަސް ވެ،
އިންސީންނާއި ޖިންނީގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްކަން
ލިބެއެވެ.
ހަވީރު މިދުޢާ ކޮށްފި މީހަކަށް ހެނދުނު
ވަންދެން ﷲ ގެ ސަލާމަތްކަން ލިބެއެވެ. އަދި ހެނދުނު މިދުޢާ ކޮށްފި މީހަކަށް ހަވީރު
ވަންދެން ﷲ ގެ ސަލާމަތްކަން ލިބެއެވެ.
اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ هُوَ اللَّهُ أَحَدٌ (1)
اللَّهُ الصَّمَدُ (2)
لَمْ يَلِدْ وَلَمْ يُولَدْ (3)
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ الْفَلَقِ (1)
مِنْ شَرِّ مَا خَلَقَ (2)
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3)
وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4)
وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ النَّاسِ (1)
مَلِكِ النَّاسِ (2)
إِلَهِ النَّاسِ (3)
مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4)
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5)
مِنَ الْجِنَّةِ وَالنَّاسِ (6)
حَسْبِـيَ اللّهُ لا إلهَ إلاّ هُوَ عَلَـيهِ تَوَكَّـلتُ وَهُوَ رَبُّ العَرْشِ العَظـيم . (7
ފަހަރު)
މިއަޅާއަށް ﷲ ފުދިގެންވެއެވެ. އެއިލާހު ފިޔަވައި އެހެން
އިލާހަކު ނުވެއެވެ. މިއަޅާ އެއިލާހަށް ވަކީލުކުރަމެވެ. އަދިއެއިލާހުއީ މަތިވެރި
ޢަރުޝީގެ ވެރި އިލާހެވެ.
بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم (3ފަހަރު)
ﷲ ގެނަންފުޅުންފަށަމެވެ. އެއިލާހުގެ ނަންފުޅާއިއެކު ބިމާއި
އުޑުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އެއިލާހުއީ އެންމެމޮޅަށް
އައްސަވާ ވޮޑިގެންވާ އެންމެ މޮޅަށް ދެނެވޮޑިގެންވާއިލާހެވެ.
رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ صلى الله عليه وسلم نَبِيّـاً (3ފަހަރު)
ﷲއީ ހައްދަވައި ގެންގުޅުއްވާ އިލާހު ކަމަށާއި،
އިސްލާމްދީނަކީ ދީން ކަމަށާއި އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އީ ނަބިއްޔާކަމަށް
މިއަޅާ ރުހިއްޖެއީމެވެ.
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِماتِـه. (ހެނދުނު 3 ފަހަރު)
މާތް ﷲ އަށް ހުސްޠާހިރުވަންތަކަމާއި ރިވެތި ޘަނާއާއި
ތާރީފު ލިބިވޮޑިގެން ވެއެވެ. އެއިލާހުގެ ޚަލްޤުތަކުންގެ ޢަދަދަށެވެ. އަދި
އެއިލާހުގެ ޒާތުފުޅު ރުހިވޮޑިގަންނަވާ މިންވަރަކަށެވެ. އަދި އެއިލާހުގެ ޢަރުޝީގެ
ބަރުދަނަށެވެ. އަދި އެއިލާހުގެ ބަސްފުޅުތަކުގެ ދެލީގެ މިންވަރަށެވެ.
اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النِّـشور .
އޭ ﷲ! އިބަ އިލާހުގެ މިންވަރުފުޅުން އަޅަމެން ހެނދުނާއި
ހަމަޔަށް އަތުވެއްޖައީމެވެ. އަދި އިބައިލާހުގެ މިންވަރުފުޅުން އަޅަމެން ހަވީރާއި
ހަމަޔަށް އަތުވެއްޖައީމެވެ. އަޅަމެން ދިރިތިބެނީ އަދި އަޅަމެން މަރުވެދަނީ އިބައިލާހުގެ
މިންވަރުފުޅުންނެވެ. އެނބުރި ދިޔުން އޮތީ އިބައިލާހުގެ ޙަޟްރަތަށެވެ.
أَعـوذُ بِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق . (ހަވީރު 3 ފަހަރު)
ހެއްދެވިހައި ތަކެތީގެ ނުބައިކަމުން މިއަޅާ ރައްކާތެރި
ކޮށްދެއްވުމަށް ﷲގެ ފުރިހަމަ ކަލިމަފުޅުތަކުން ހިމާޔަތް އެދެމެވެ.
اللّهُـمَّ صَلِّ وسَلِّم عَلـى نَبِيِّنا مُحمَّـد (10 ފަހަރު)
އޭ ﷲ! އަޅަމެންގެ ނަބިއްޔާ މުޙައްމަދު
ޞައްލަﷲ
ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!
ދަތި އުނދަގޫ
ކަމެއް ދިމާވާ ހިނދު ކުރާ ދުޢާ
މި ދުޢާ ކޮށްފި މީހާއަށް އެ ދިމާވެފައިވާ ދަތި ކަމަކުން ﷲ
ސުބްޙާނަހޫ ވަތަޢާލާ ، އެމީހަކު ސަލާމަތް ކޮށްދެއްވާނެއެވެ.
ކޮއްކޯއެވެ! ފިލާވަޅު ދަސްކުރުން ނުވަތަ ވިސްނައިގަތުން
އުނދަގޫ ވެއްޖެ ނަމަ މިދުޢާ ކުރާށެވެ! ﷲ އިރާދަ ކުރެއްވިއްޔާ އެކަމެއް ފަސޭހަ
ވެގެން ދާނެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި ދަތި އުނދަގޫތައް ފަސޭހަ
ކުރައްވާނޭ އެހެން ފަރާތެއް ނުވެއެވެ.
اللّهُمَّ لا سَهْلَ إِلاّ ما جَعَلتَهُ سَهلاً،
وَأَنْتَ تَجْعَلُ الْحَزْنَ إِذا شِئْتَ سَهلاً.
وَأَنْتَ تَجْعَلُ الْحَزْنَ إِذا شِئْتَ سَهلاً.
އިބައިލާހު ލުއި ފަސޭހަކޮށްދެއްވިކަމެއް މެނުވީ ލުއި ފަސޭހަވެގެން ނުވެއެވެ.
އިބައިލާހު ހިތާމަތައް ލުއިފަސޭހަކޮށްދެއްވަމުއެވެ.
ފާޚާނާއަށް
ވަންނަމުން ކުރާ ދުޢާ
ފާޚާނާއަކީ ޝައިޠާނުން ގިނައިން އުޅޭ
ތަންތަނުގެ ތެރެއިން ތަނެކެވެ. އެހެންކަމުން ޝައިޠާނުންގެ ނުބައިކަމުން
ސަލާމަތްވުން އެދި މި ދުޢާ ކުރުން އެދެވިގެން ވެއެވެ.
އަދި ފާޚާނާ އަށް ވަންނައިރު ވާތުފައި
އިސްކުރަން ވާނެއެވެ.
(بِسْمِ الله ) اللّهُمَّ إِنِّي أَعوذُ بِكَ مِنَ الْخُبْثِ وَالْخَبائِث .
ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ފަށަމެވެ. އޭ ﷲ! އެންމެހައި ނުބައި ކަމަކާއި
އެންމެހައި ނުބައި ތަކެއްޗެއްގެ ކިބައިން އިބައިލާހުގެ ޙަޟްރަތުން މިއަޅާ
ރައްކާތެރިކަން އެދެމެވެ.
ފާޚާނާއިން
ނުކުންނަމުން ކުރާ ދުޢާ
ފާޚާނާއަށް ގޮސް އަހަރުމެންގެ ގައިން ބޭރުވާ
ނަޖިހަކީ އޭގައި ވިހަ ހިމެނޭ އެއްޗެކެވެ. އެ ނަޖިސް ބޭރު ނުކުރެވިއްޖެނަމަ އޭގެ
ސަބަބުން އަހަރުމެންނަށް ބޮޑެތި ބަލިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން
ފާޚާނާ ކުރެވުމުން އެ ލިބުނު ފަސޭހައަށްޓަކައި ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން މި
ދުޢާ ކުރަންވާނެއެވެ.
ފާޚާނާއިން ނުކުންނަމުން ކަނާތުފައި
އިސްކުރުމަށްފަހު މިދުޢާ ކުރާށެވެ.
غُفْرانَك .
އިބަ ﷲގެ ޙަޟްރަތުން ފާފަފުއްސަވައި ދެއްވުމަށް މިއަޅާ އެދެމެވެ.
މިސްކިތަށް
ވަންނަމުން ކުރާ ދުޢާ
ކޮއްކޯއެވެ! މިސްކިތްތަކަކީ ބިންމަތީގައިވާ ﷲގެ
ގެކޮޅުތަކެކެވެ. ރެއާއި ދުވާލު ފަސްފަހަރު ﷲގެ ޙަޟްރަތުން އިއްވާލެވޭ ނިދާއެއް އެ
މިސްކިތްތަކުން އިވެއެވެ.
އެ ނިދާއަށް އިޖާބަ ދިނުމުގެ ގޮތުން ފަރުޟު
ފަސްނަމާދު ޖަމާޢަތުގައި އަދާކުރުމަށް މިސްކިތަށް ދިޔުމަކީ ކޮންމެ މުސްލިމު
ފިރިހެނަކަށް ވާޖިބެކެވެ.
މުސްލިމު އަންހެނުން ބޭނުންނަމަ
އެމީހުންނަށްވެސް މިސްކިތަށް ދިޔުން ހުއްދައެވެ. އެހެންނަމަވެސް އަންހެނުން
މިސްކިތުގައި ކުރާ ނަމާދަށް ވުރެ ގޭގައި ކުރާ ނަމާދުގެ ސަވާބު އިތުރު
ވެގެންވެއެވެ.
މިސްކިތަށް ވަންނަހިނދު ކަނާތުފައި އިސްކޮށް
މި ދުޢާ ކުރާށެވެ.
بِسْمِ الله، وَالصَّلاةُ وَالسَّلامُ عَلى رَسولِ الله، اللّهُمَّ افْتَحْ لي أَبْوابَ رَحْمَتك .
ﷲގެ އިސްމުފުޅުން ފަށަމެވެ. ﷲގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ހުއްޓެވެ. އޭ ﷲ! އިބަ ﷲ ގެ ރަޙުމަތުގެ ދޮރުކޮޅުތައް
މިއަޅާއަށް ހުޅުއްވަވާނދޭވެ!
މިސްކިތުން
ނިކުންނަމުން ކުރާ ދުޢާ
ނަމާދުކޮށް ނިމިގެން މިސްކިތުން ނިކުންނަމުން ވާތުފައި
އިސްކޮށް މިދުޢާ ކުރުމަށް އާދަކުރާށެވެ.
بِسمِ الله وَالصّلاةُ وَالسّلامُ عَلى رَسولِ الله،
اللّهُمَّ إِنّي أَسْأَلُكَ مِنْ فَضْلِك،
اللّهُمَّ اعصِمْني مِنَ الشَّيْطانِ الرَّجيم.
اللّهُمَّ إِنّي أَسْأَلُكَ مِنْ فَضْلِك،
اللّهُمَّ اعصِمْني مِنَ الشَّيْطانِ الرَّجيم.
ﷲގެ އިސްމުފުޅުން ފަށަމެވެ. ﷲގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ހުއްޓެވެ. އޭ ﷲ!
ހަމަކަށަވަރުން މިއަޅާ އިބަ ﷲގެ ދަރުމައަށް އެދެމެވެ. އޭ ﷲ!
ލަޢުނަތް ލެއްވި ޝައިޠާނާގެ ކިބައިން މިއަޅާ ރައްކައުތެރިކޮށް ދެއްވަވާނދޭވެ!
ބަންގީގެ އަޑު
އިވޭ ހިނދު ކުރާ ދުޢާ
ބަންގި ގޮވުމަކީ ވަރަށްވެސް ގިނަ ގުނަ
ސަވާބާއި ދަރުމަ ލިބޭނޭ ކަމެކެވެ. އަދި ހުރިހާ އެންމެންނަށް ބަންގި ގޮވުމުގެ
ފުރުޞަތު ނުލިބޭނެއެވެ. އެހެންކަމުން ހުރިހާ އެންމެންނަށް ބަންގި ގޮވުމުގެ ސަވާބު
ލިބޭނެގޮތް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް
ވަނީ ދަސްކޮށް ދެއްވާފައެވެ. އެއީ؛
ބަންގި ގޮވާ މީހާއާއި އެކީ ބަންގީގެ ކަލިމަތައް
ކިޔަމުން ގެންދިޔުމެވެ. އަދި ބަންގި ގޮވާ މީހާ " حَـيَّ عَلـى الصَّلاة" އަދި " حَـيَّ عَلـى الْفَـلاح" ކިޔުމުން " لا حَـوْلَ وَلا قُـوَّةَ إِلاّ بِالله " މިފަދައިން ކިޔުމެވެ.
ބަންގި ދުޢާ
ކޮއްކޯއެވެ! ބަންގި ގޮވާ މީހާއާއެކު ބަންގީގެ ކަލިމަތައް ތަކުރާރުކޮށް
އެއަށްފަހު، ބަންގި ގޮވާ ނިމުމުން މި ދުޢާކޮށްފި މީހަކަށް ޤިޔާމަތްދުވަހު ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަފާޢަތް ލިބޭނެއެވެ.
ވިސްނާށެވެ! ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު، މިދުޢާ
ކުރާ މީހަކަށް ޝަފާޢަތްތެރިވެ ވަޑައިގަންނަވާނީ ކުރީގެ މީހުންނާއި ފަހުގެ މީހުންގެ
ސާހިބާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެހެންކަމުން މިދުޢާ ކުރުން
މަތީ ދެމިހުރުމަށް އާދަ ކުރާށެވެ.
اللّهُمَّ رَبَّ هَذِهِ الدّعْوَةِ التّامَّة وَالصّلاةِ القَائِمَة آتِ محَمَّداً الوَسيلةَ وَالْفَضيلَة وَابْعَثْه مَقاماً مَحموداً الَّذي وَعَدْتَه، إِنَّكَ لا تُخْلِفُ الميعاد.
އޭ ﷲ! ފުރިހަމަވެގެންވާ މިގޮވައިލުމާއި
ޤާއިމުވެގެންވާ ނަމާދުގެ ވެރި އިލާހު! މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ)
އަށް ވަޞީލަތާއި ފަޟީލަތް ދެއްވާނދޭވެ! އަދި އިބައިލާހު އެކަލޭގެފަނަށް ދެއްވުމަށް
ވަޢުދުވެވޮޑިގެންނެވި މަޤާމަށް އުފުއްލަވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ ވަޢުދާ
ޚިލާފުވެވޮޑި ނުގަންނަވައެވެ.
ބަލިމީހުންނަށް
ޒިޔާރަތްކުރާ ހިނދު ކުރާ ދުޢާ
ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ ސަވާބާއި
ދަރުމައިން ފުރިގެންވާ ކަމެކެވެ. އަދި އެއީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް
އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމީ ރިވެތި އަޚްލާޤު
ތަކުގެ ތެރޭގައި ހިމެނޭ މަތިވެރި ކަމެކެވެ.
ލޯބިވާ ކޮއްކޯއެވެ! ގާތްތިމާގެ މީހަކު
ނުވަތަ ރަޙްމަތްތެރިއަކު ބަލިވެއްޖެނަމަ ޒިޔާރަތްކުރާށެވެ. އަދި މި ދުޢާ ކުރާށެވެ.
لا بأْسَ طَهـورٌ إِنْ شـاءَ الله .
ދެރަ ނުވާށެވެ. މާތް ﷲގެ އިރާދަފުޅުން ތިޔައީ ތިބާއަށް ދެއްވި ޠާހިރު
ކަމެކެވެ. (ފާފަ ފުއްސެވުމެކެވެ.)
ބާރަށް
ވައިޖެހޭ ހިނދު ކުރާ ދުޢާ
ވަޔަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލަޝްކަރު
ތަކުގެ ތެރެއިން ލަޝްކަރެކެވެ. އެއިލާހު އިރާދަކުރައްވާ ބައެއްގެ މައްޗަށް
ފޮނުއްވައެވެ. އަދި އެކަން ޢަޛާބަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މިކަން އަހަރެމެންނަށް ބަޔާންކޮށްދެއްވާފައެވެ.
ބާރަށް ވައިޖެހޭހިނދު އެއީ ޢަޛާބަކަށް ވެދާނެކަމަށް އެކަލޭގެފާނު ބިރުފުޅުގެން
ވަޑައިގަންނަވައެވެ.
އެހެންކަމުން، ބާރަށް ވައިޖެހޭ ވަގުތު މި
ދުޢާ ކިޔުން އާދަ ކުރާށެވެ.
اللّهُمَّ إِنَّي أَسْأَلُكَ خَيْرَها، وَأَعوذُ بِكَ مِنْ شَرِّها.
އޭ ﷲ ! އޭގެ ހެޔޮކަން މިއަޅާއަށް ދެއްވުމަށް
ދަންނަވަމެވެ. އަދި އޭގެ ނުބައިކަމުން މިއަޅާ ރައްކާތެރި ކޮށްދެއްވުމަށް އިބަ ﷲގެ
ޙަޟްރަތުން އެދެމެވެ.
ގުގުރީގެ އަޑު
އިވުމުން ކުރާ ދުޢާ
ގުގުރިއަކީ ﷲ ގެ މަޚްލޫޤުންގެ ތެރެއިން
މަޚްލޫޤެކެވެ. އަދި ގުގުރީގެ އަޑަކީ ﷲ އަށް ދެންނެވޭ ތަސްބީޙައެކެވެ. އެއިލާހު
ވަޙީ ކުރައްވާފައި ވެއެވެ. وَيُسَبِّحُ الرَّعْدُ بِحَمْدِهِ މާނައީ: އަދި ގުގުރި ﷲ ގެ ޙަމްދުން (އެއިލާހަށް) ތަސްބީޙަ
ކިޔައެވެ.
ކޮއްކޯއެވެ! މިއީ ގުގުރީގެ އަޑު އިވޭ ވަގުތު
ކިޔުމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް
ދަސްކޮށްދެއްވި މަތިވެރި ދުޢާ އެކެވެ.
سُبْحانَ الّذي يُسَبِّحُ الرَّعْدُ بِحَمْدِهِ، وَالملائِكةُ مِنْ خيفَته.
އެފަރާތް ދެކެ ބިރުން ގުގުރި އާއި މަލާއިކަތުން މަތިވެރި ކުރާ ﷲގެ ހުސްޠާހިރު
ވަންތަ ކަމާއެވެ.
ވާރޭ ވެހޭ
ހިނދު ކުރާ ދުޢާ
ވާރެއަކީ ﷲ ގެ ނިޢުމަތްތަކުގެ ތެރެއިން
ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެންކަމުން މި ބޮޑު ނިޢުމަތް ދެއްވި ﷲ އަށް ޙަމްދާއި
ޝުކުރު ދެންނެވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
ކޮއްކޯއެވެ! މިއީ ވާރޭ ވެހޭ ހިނދު ކުރުމަށް
އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް
ދަސްކޮށްދެއްވި މަތިވެރި ދުޢާ އެކެވެ.
اللّهُمَّ صَيِّـباً نافِـعاً .
އޭ ﷲ !
އެއީ ފައިދާހުރި ވިލާގަނޑެއްގެ ކަމުގައި ލައްވާނދޭވެ!
ކާން ފަށާއިރު
ކުރާ ދުޢާ
ކާން ފަށާއިރު ކުރަން އެންމެ މުހިއްމު ކަމަކީ ކާން
ފެށުމުގެ ކުރިން އެ ކާބޯތަކެތި ދެއްވި ގަދަކީރިތިވަންތަ ﷲ ހަނދުމަކުރުމެވެ. އޭގެ
ސަބަބުން ކާތަކެތީގައި ބަރަކާތް ލައްވާނެއެވެ. އަދި ކާތަކެތިން ޝައިޠާނާ
ދުރުކުރެވޭނެއެވެ.
ކާން ފަށާއިރު بِسْمِ اللَّهِ (ﷲ ގެ
އިސްމުފުޅުން ފަށަމެވެ.) ކިޔާށެވެ!
ކާންފެށިއިރު بِسْمِ اللَّهِ ނުކިޔޭކަން،
ކެއުމުގެ ތެރޭގައި ހަނދާން ވެއްޖެނަމަ؛
بِسْمِ اللَّهِ أَوَّلَهُ وَ آخِرَهُ
(ކެއުމުގެ ކުރީކޮޅުގައިވެސް އަދި
ފަހުކޮޅުގައިވެސް ﷲ ގެ އިސްމުފުޅުން ފަށަމެވެ.) މި ފަދައިން ކިޔާށެވެ.
އަދި ކާން ވާނީ ކަނާތުންނެވެ. ބޯންވެސް ވާނީ ކަނާތުންނެވެ.
ކައި ނިމިގެން
ކުރާ ދުޢާ
ކޮއްކޯއެވެ! ކައި ނިމުމުން އެ ކާތަކެތި
ދެއްވި ﷲ އަށް ޝުކުރުވެރިވެ ޙަމްދު ކުރަން ޖެހޭނެއެވެ.
ކޮއްކޯއެވެ! ދުނިޔޭގެ އެކި ކަންކޮޅުތަކުގައި
ކާނެއެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގައި ދިރިއުޅޭ އެތައްހާސް ކުޑަކުދިން
ދިރިއުޅެއެވެ. އެހެން ނަމަވެސް ﷲ ގެ ރަޙްމަތުން ކޮއްކޮއަށް ކާންދެއްވީއެވެ.
އެހެންކަމުން އެއިލާހަށް ޝުކުރުވެރިވެ މިފަދައިން ދުޢާކުރާށެވެ!
الْحَمْدُ للهِ الَّذي أَطْعَمَني هذا وَرَزَقَنيهِ مِنْ غَيْرِ حَوْلٍ مِنِّي وَلا قُوَّة
އަޅާގެ އެއްވެސް އާރަކާއި ބާރަކާއި ނުލައި މިކެއުން އަޅަށް ކާންދެއްވި
އިލާހަށް ޙަމްދު ކުރަމެވެ.
ކިނބިހި އެޅުމުން ކުރާ ދުޢާ
|
ކިނިބިހި އެޅުމަކީ ކިހާވަރެއްގެ ފަސޭހައެއް ލިބިގެންދާ
ކަމެއްކަން ތިޔަކުދިންނަށް އެނގޭނެއެވެ. ކިނބިހި ނޭޅިގެން އުޅޭ މީހަކަށް އެވާ
އުނދަގޫ ތިޔަކުދިންނަށް ފެނިފައި ވެދާނެއެވެ.
ކިނބިއްސަކީ ބޮލުގެ ތެރޭގައި އުފެދޭ ގޭހެއް
ބޭރުކޮށްލުމަށްޓަކައި ﷲ ތަޢާލާ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ނިޒާމެކެވެ.
މިގޭސް ބޭރު ނުވެއްޖެނަމަ އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެކަމަށް
ޑޮކްޓަރުން ވިދާޅުވެއެވެ.
ކިނބިހި އެޅޭ ވަގުތު އަހަރެމެން ކަންތައް
ކުރަންޖެހޭގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވަނީ ދަސްކޮށްދެއްވާފައެވެ.
ކިނބިހި އެޅުނު މީހާ: الْحَمْدُ للهِ. އެންމެހާ
ޙަމްދެއް ވަނީ ﷲ އަށެވެ.
އެއަޑު އިވޭ މީހާ: يَرْحَمُكَ الله. މާތް ﷲ
ތިބާޔަށް ރަޙްމަތް ލައްވާށިއެވެ.
ކިނބިހި އެޅުނު މީހާ: يَهْديكُمُ اللهُ وَيُصْلِحُ بالَكُم. މާތް ﷲ
ތިބާއަށް ތެދުމަގު ދައްކަވައި ތިބާގެ ކަންތައްތައް ރަނގަޅު ކޮށްދެއްވާށިއެވެ.
ރުޅި
އަންނަހިނދު ކުރާ ދުޢާ
އިންސާނާ ރުޅިއަރުވައި އޭނާއަށް ގެއްލުން ދިނުމަށް
ދަހިވެތިވެގެންވާ ޙާލުގައި އަބަދުވެސް ޝައިޠާނާ މަސައްކަތް ކުރެއެވެ. އެހެނީ
ރުޅިއައުމުން އިންސާނާއަށް ގިނަފަހަރަށް އޭނާގެ ނަފްސުގެ ކޮންޓްރޯލް ގެއްލެއެވެ.
އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު
ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ގޮތުގައި؛ އެންމެ ބާރުގަދަ
މީހާއަކީ ރުޅިއަންނަ ވަގުތު އޭނާގެ ނަފްސު ކޮންޓްރޯލު ކުރާ މީހާއެވެ.
އެހެންކަމުން އެންމެ ބާރުގަދަ މީހުންގެ
ތެރެއިން ވުމަށްޓަކައި، ރުޅިއަންނަ ކޮންމެ ވަގުތަކު ގިނަގިނައިން މިދުޢާ ކުރާށެވެ!
أَعوذُ بِاللهِ مِنَ الشَّيْطانِ الرَّجيم .
ލަޢުނަތް ލެއްވިގެންވާ ޝައިޠާނަގެ ނުބައިކަމުން މިއަޅާ ސަލާމަތް
ކޮށްދެއްވުމަށް ﷲގެ ޙަޟްރަތުން އެދެމެވެ.
ތިމާއަށް
ހެޔޮކަމެއް ކޮށްދީފި މީހާއަށްޓަކައި ކުރާ ދުޢާ
ކޮއްކޯއެވެ! ހެޔޮކަމެއް ކޮށްދީފި މީހާއަށް
ދެވޭނެ އެންމެ ހެޔޮބަދަލަކީ އެމީހާއަށްޓަކައި މިދުޢާ ކުރުން ކަމަށް އަހަރެމެންގެ
ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު
ދެއްވާފައެވެ.
މިއީ އަހަރެމެންގެ މާތްވެގެންވާ
އިސްލާމްދީން އަހަރެމެންނަށް އުނގަންނައިދޭ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭ
ކަމެކެވެ.
މީހަކު ކޮއްކޮއަށް ހެޔޮކަމެއް ކޮށްދީފިނަމަ
މިދުޢާ ކުރަން އާދަ ކުރާށެވެ.
جَزاكَ اللهُ خَـيْراً.
ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.
ދަތުރު ދުޢާ
ދަތުރަކީ ނަރަކައިގެ އެތިކޮޅެއް ކަމުގައި
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށްދެއްވިއެވެ. އެއީ އޭގައި ހިމެނޭ
ދަތިތަކާއި އުނދަގުލުގެ ސަބަބުންނެވެ. ކޮއްކޯއެވެ! ދަތުރަށް ނުކުންނަހިނދު މި ދުޢާ
ކުރަން ހަނދާން ކުރާށެވެ. އޭރުން ކޮއްކޮގެ ދަތުރު ﷲ ފަސޭހަކޮށް ދެއްވާނެއެވެ.
މިދުޢާ ދަސްކޮށް ދަތުރު ފެށުމުގެ ކުރީގައި މި ދުޢާ ކުރާށެވެ. މިއީ އަހަރެމެންގެ
ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މަތިވެރި
ދުޢާ އެކެވެ.
اللهُ أكبَر ، اللهُ أكبَر ، اللهُ أكبَر، سُبْحانَ الَّذي سَخَّرَ لَنا هذا وَما كُنّا لَهُ مُقْرِنين، وَإِنّا إِلى رَبِّنا لَمُنْقَلِبون، اللّهُمَّ إِنّا نَسْأَلُكَ في سَفَرِنا هذا البِرَّ وَالتَّقْوى، وَمِنَ الْعَمَلِ ما تَرْضى، اللّهُمَّ هَوِّنْ عَلَينا سَفَرَنا هذا وَاطْوِ عَنّا بُعْدَه، اللّهُمَّ أَنْتَ الصّاحِبُ في السَّفَر، وَالْخَليفَةُ في الأهلِ، اللّهُمَّ إِنّي أَعوذُبِكَ مِنْ وَعْثاءِ السَّفَر، وَكَآبَةِ الْمَنْظَر، وَسوءِ الْمُنْقَلَبِ في المالِ وَالأَهْل.
އެންމެ ބޮޑުވެގެންވަނީ ﷲ އެވެ. އެންމެ ބޮޑުވެގެންވަނީ ﷲ އެވެ. އެންމެ
ބޮޑުވެގެންވަނީ ﷲ އެވެ. އަޅަމެންގެ ޚިދުމަތުގައި މީތިލެއްވި
އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. އަޅަމެން އެކަމަށް ކުޅަދާނަވެގެންވާ
ބަޔަކުކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އަޅަމެންގެ ވެރި އިލާހުގެ
ޙަޟުރަތަށް އެނބުރި ދާހުއްޓެވެ. އޭ ﷲ !
އަޅަމެންގެ މިދަތުރުގައި އަޅަމެންނަށް ހެޔޮކަމާއި
ތަޤުވާވެރިކަމާއި އިބަ ﷲ ރުހިވޮޑިގެންވާ ޢަމަލްތައް ދެއްވުމަށް އެދި ދަންނަވަމެވެ.
އަޅަމެންގެ މިދަތުރު ލުއި ފަސޭހަކޮށް ދެއްވާނދޭވެ! އަދި މިދަތުރުގެ ދިގުކަން
ކުރުކޮށް ދެއްވާނދޭވެ! އޭ ﷲ! މިދަތުރުގައި
އިބަ އިލާހީ އަޅަމެންގެ އެކުވެރިޔާއެވެ. އޭ ﷲ! އަޅަމެންގެ
އަހުލުން ދޫކޮށްފައި މިދަނީ އިބަ ﷲގެ ބެއްލެވުމުގެ ދަށުގައެވެ. މިދަތުރުގެ
ދަތިތަކާއި ބުރަތަކުންނާއި ނުބައި މަންޒަރުތަކުންނާއި އަދި އަޅަމެންގެ
އަހުލުންނާއި މުދާ މުޞީބާތް ތަކުން ރައްކާތެރިކޮށް ދެއްވުން އެދި އިބަ ﷲއަށް
ދަންނަވަމެވެ.
ދަތުރު ނިމިގެން އެނބުރި ރަށަށް އައިސް މި
ދުޢާގެ އިތުރަށް
آيِبونَ تائِبونَ عابِدونَ لِرَبِّنا حامِدون . އަޅަމެން ﷲއަށް ޙަމްދުކޮށް އަޅުކަންކޮށް
ތައުބާވާ ޙާލު އެނބުރި އަންނަމެވެ. މިފަދައިން ކިޔާށެވެ!
އަހަރެމެންގެ ލޮބުވެތި ނަބިއްޔާ
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ މާތްކަން
އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު
ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މަތިވެރި
އަޅުކަމެކެވެ. އެއީ އިންސާނުންގެ ސާހިބާއެވެ. އެންމެ ފަހުގެ ރަސޫލާއެވެ.
ނަބިއްޔުންނާއި ރަސޫލުންގެ ސާހިބާއެވެ. އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ
މައްޗަށް އެންމެ ފަހަރަކު ޞަލަވާތް ކިޔަވައިފި މީހާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ 10
ފަހަރު ޞަލަވާތް ލައްވައެވެ.
އެކަލޭގެފާނުގެ ނަންފުޅު އިވި،
އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާއަކީ އަބާއްޖަވެރިއެކެވެ. އެފަދަ އަބާއްޖަވެރި
މީހެއް ކަމުގައި ކޮއްކޮ ނުވާށެވެ!
އެހެންކަމުން އެކަލޭގެފާނުގެ ނަންފުޅު އިވޭ
ކޮންމެ ހިނދަކު ؛
صَلَّى اللَّهُ عَلَيْهِ وَسَلَّمَ
މިފަދައިން ކިޔުން އާދަ ކުރާށެވެ!
ދަރިއަކު
ހޯދުމަށް އެދި ތަވީދު އެޅުމަކީ ކޮންކަހަލަ ކަމެއް؟
ސުވާލު: ދަރިއަކު ހޯދުމަށް އެދި ތަވީދު އެޅުމަކީ ކޮންކަހަލަ
ކަމެއް؟
ޖަވާބު: ތަވީދު އެޅުމަކީ އެއްވެސް ޙާލެއްގައި ހުއްދަކަމެއް
ނޫނެވެ. އެކަން ވަނީ ކީރިތި ރަސޫލާ
صلى الله عليه وسلم ނަހީ ކުރައްވާފައެވެ. އެކަލޭގެފާނު
ޙަދީޘް ކުރެއްވިއެވެ''( من علق تميمة فقد أشرك ) (السلسلةالصحيحة"
1 / 809 )
މާނައީ :'' ތަވީދެއް އަޅައިފިމީހާ ފަހެ
ހަމަކަށަވަރުން ޝިރުކު ކޮށްފިއެވެ.'' والله أعلم
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ