ﷲ އެއިލާހުގެ ޛާތުފުޅައިގެން ވޮޑިގެންވަނީ ހުރިހާ ތަނެއްގައިކަމަށް ޤަބޫލުކުރާމީހަކަށް ވުރެ މަގުފުރެދިފައިވާ މީހަކު ފަހެ ކޮބައިބާ؟
ލިޔުއްވީ: އައްޝައިޚު މުޙައްމަދު ސިނާން
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ
ޛާތުފުޅައިގެން ހުރިހާ ތަނެއްގައި ކަމަށް ޤަބޫލުކުރާމީހާ އެޤަބޫލުކުރަނީ ﷲ ހުރިހާ
ހަޑިތަނެއްގައިވެސް ވާނޭކަމަށެވެ. ކުނިވަސްދުވާ ހަޑިމުޑުދާރު ތަންތަނުގައިވެސް
ވާނޭކަމަށެވެ. އަދި އެމީހާ ހިނގާބިނގާވެ އެއުޅެނީ އެއިލާހުގެ މަތީގައި ނުވަތަ
އެއިލާހުގެ ތެރޭގައި ކަމެވެ. މިއީ ކަނޑައެޅިގެން އެއިލާހުގެ
ޢިއްޒަތްވަންތަކަމަށާއި، މަތިވެރިވަންތަކަމަށް ބުނެވޭ ކުޑައިމީސްބަހަކަށް މެނުވީ
ނުވާނެއެވެ.
އިންސާނާގެ ސާފުފިޠުރަތާ މުޅިން އިދިކޮޅު ކަމެކެވެ. ކީރިތި ޤުރުއާނާއި
ސުންނަތުންގެ ދަލީލުތަކާ ކަނޑައެޅިގެން ޚިލާފު ބުނުމެކެވެ. އެފަދައިން
ބުނާމީހަކަށް ސަލަފުންގެ ފަރާތުން އެމީހާގެ ބުނުމަށް ބާރުދޭނެ އެއްވެސް ބަސްފުޅެއް
ލިބިގެންނުވެއެވެ. ހަމަކަށަވަރުން، ﷲގެ ޝަރީޢަތުގެ ކަންތައްތައް ރަސޫލާ ޞައްލަﷲ
ޢަލައިހިވަސައްލަމައަށްފަހު އެންމެ މޮޅަށް ދެނެވަޑައިގަންނަވާ ބޭކަލުންނަކީ
އެބޭކަލުންނެވެ. އެބޭކަލުންގެ މަގާ ޚިލާފަށް ބަސްބުނާމީހަކީ
ކަނޑައެޅިގެން ޙައްޤު މަގުން އެއްކިބާވެފައިވާ މީހެކެވެ.
މިމައުޟޫއަށް
ފަށައިގަތުމުގެ ކުރިން ދެނެގަންނަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއްވެއެވެ. އެއީ ﷲ
ސުބުޙާނަހޫ ވަތަޢާލާއާގެ ޛާތުފުޅާއި، އެއިލާހާގުޅޭ ކަންކަމަކީ އަޅުގަނޑުމެންނަށް
ޣައިބުގައިވާ ކަންކަމެވެ. އަދި އަޅުގަނޑުމެންނަށް ހަމައެކަނި އެއިލާހާ ބެހޭގޮތުން
ލިބިފައިވާ ޢިލްމަކީ ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވާ މިންވަރެވެ. އޭގެ
އިތުރަށް އަޅުގަނޑުމެންނަށް އެއިލާހާ ބެހޭގޮތުން އެއްވެސް ޢިލްމެއް
ލިބިގެންނުވެއެވެ. ޤުރުއާނާއި ސުންނަތުގައިވާ މިންވަރެއް ފިޔަވައި، އެއިލާހާމެދު
ބަސްކިޔައި ހެދުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާކަމެއްނޫނެވެ. އަދި
އެކަންވާނީ ޢިލްމަކާއިނުލައި އެއިލާހުގެ މައްޗަށް ބުނެވޭ ބަސްތަކަކަށެވެ. އެކަމުގެ
ތެރެއަށް އަމިއްލަ ޚިޔާލާއި، ފިކުރާއި، ވިސްނުން ވެއްދުމަކީ މަގުފުރެދުމެކެވެ.
އަދި ޣައިބުގައިވާ ކޮންމެ ކަމަކީ އަޅުގަނޑުމެންނަށް އޭގެ ޙަޤީޤަތާއި، ޞިފަ އަޅުގަނޑުމެންގެ
ކޮށި ވިސްނުންތަކަށް އެނގިގެންވާ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެންގެ މައްޗަށް
ވަނީ އެއިލާހާމެދު ޤުރުއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވާފައިވާ ގޮތަށް
އީމާންވެ އެކަން ޤަބޫލުކުރުމެވެ. ޣައިބުގައިވާ ކަންތައްތަކާމެދު ސުވާލު ގިނަކޮށް،
ފައިދާއެއްނެތް ސުވާލުކޮށް ހެދުމަކީ މަގުފުރެދިގެން ހިނގައިދާނެކަމެކެވެ.
އިންސާނާއަށް ނުވިސްނޭ، ނުވަތަ އިންސާނާ ތަޖުރިބާކޮށްފައިވާ ނުވާ ކަންކަމަކީ
ނުވާކަމެއްކަމަށް ނުވަތަ ބުއްދި ޤަބޫލުނުކުރާކަމެއްކަމަށް ޤަބޫލުކުރުމަކީ
ގޯހެކެވެ. މިސާލެއްގެގޮތުން، މީގެ ހާހެއްހާ އަހަރުކުރީގެ މީހަކު، މިޒަމާނުގައި
މިފެންނަ ތަރައްޤީ ޤަބޫލުކުރާނެތޯއެވެ؟ ދުނިޔޭގެ އެތަންމިތަނުގައިވާ މީހުންނާ
ވަގުތުން ވާހަކަ ދައްކާލެވި، އެތައް ދުވަހަކުން ދަތުރުކޮށްފައި ދެވޭ ތަންތަނުގެ
ކަންތައްތައް ވަގުތުން ބަލާލެވިދާނެކަމަށް ޤަބޫލުކުރާނެތޯއެވެ؟ އެހެންނަމަވެސް، އަޅުގަނޑުމެންގެ
ލޮލަށް މިހާރުއެކަންކަން މިދަނީ ފެންނަމުންނެވެ. އަޅުގަނޑުމެންނަށް ނުފެންނަ
ނުވަތަ ތަޖުރިބާ ކުރެވިފައިނުވާ ކަންކަމަކީ ނުވާނެކަމެއްކަމަށް ޤަބޫލުކުރުމަކީ
މޮޔަކަމެއްކަން އަޅުގަނޑުމެންނަށް މިހާރު އެނގެއެވެ.
ވީއިރު،
ﷲ ސުބުޙާނަހޫ ވަތަޢާލާއާމެދު ކީރިތި ޤުރުއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިވާ
ކޮންމެކަމަކީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް އެކަންކަން ތަސައްވުރު
ނުކުރެވޭކަމެއްކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ މައްޗަށް ވަނީ ޤަބޫލުކޮށް،
އެއިލާހުގެ ބަސްފުޅުތަކަށާއި، އެއިލާހުގެ ރަސޫލާގެ ބަސްފުޅުތަކަށް އީމާންވުމެވެ.
އަޅުގަނޑުމެންގެ ބުއްދިއާއި ވިސްނުމުގައިވާ އުނިކަމަކީ، ކަމެއް ނުވާނެކަމަށް
ނުވަތަ ބުއްދި ޤަބޫލުނުކުރާކަމެއްކަމަށް ބުނެވޭނެ ކަމެއްނޫނެވެ. އެއީ
ހަމައަޅުގަނޑުމެންގެ ނިކަމެތިކަމެވެ.
އިމާމް މާލިކާއި އެހެންވެސް ބައެއް ބޭކަލުންގެ ކިބައިން
އައިސްފައިވާ ބަސްފުޅަކީ، އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ
އިސްތަވާވޮޑިގަތުމާއި، އަދި އެހެންވެސް އެއިލާހާމެދު އައިސްފައިވާ ނައްޞުތަކާމެދު
އީމާންވާންޖެހޭނެގޮތެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ. ((الاسْتِواءُ غيْرُ مَجْهُولٍ، والكيْفُ غيْرُ معْقُولٍ، والإيمانُ بِهِ وَاجِبٌ، والسُّؤالُ عَنْهُ بِدْعَةٌ)) “އިސްތަވާވެވޮޑިގަތުން
ފޮރުވިގެންނުވެއެވެ. އަދި އޭގެ ކައިފިއްޔަތު ބުއްދިނުކުރެވޭނެއެވެ. އަދި އެކަމަށް
އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.”އެބަހީ،
ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަރުޝިއަށް އިސްތަވާވޮޑިގެންވާކަން ޤުރުއާނާއި ސުންނަތުގައި
އައިސްފައިވެއެވެ. އެކަން އަހަރެމެންނަށް ސިއްރުވެ ފޮރުވިގެންނުވެއެވެ.
އެހެންނަމަވެސް، އެއިލާހު އިސްތަވާވޮޑިގެންވަނީ ކިހިނެއްކަން ކޮންގޮތަކަށްކަން
އަހަރެމެންގެ ބުއްދިއަށް ނުވިސްނޭނެއެވެ. އެކަން އަހަރެމެންގެ ބުއްދިއަށް
ނުވިސްނުނަސް އެކަމަށް އީމާންވުމަކީ އަހަރެމެންގެ މައްޗަށް
ވާޖިބުވެގެންވާކަމެކެވެ. އަދި އިސްތަވާވޮޑިގެންވަނީ ކިހިނެއްކަމާއި،
ކޮންގޮތަކަށްކަމާމެދު ސުވާލުކުރުމަކީ ބިދުޢައެކެވެ.
ﷲ ވޮޑިގެންވާ ތަނާމެދު
މީސްތަކުން:
ﷲ ވޮޑިގެންވާ ތަނާމެދު
މީސްތަކުންގެ ބަސްތައް ތަފާތުވެފައިވެއެވެ. އެގޮތުން ހަތަރުބަހެއް
ނަގުލުވެފައިވެއެވެ.
ފުރަތަމައީ: ސުންނަތާއި ޖަމާޢަތުގެ
އަހުލުވެރިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ
ވޮޑިގެންވަނީ ހުރިހާ އުޑުތަކެއްގެ މަތީ، އެންމެހާ ޚަލްޤުތަކާ ވަކިވެވަޑައިގެން،
ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ. މިއީ ސަލަފުންނާއި، އަހުލުއްސުންނަތުގެ
ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ޤުރުއާނާއި ސުންނަތް މަގު ދައްކާގޮތެވެ.
ދެވަނައީ: ޖަހުމީންގެ
ބައެއްކަމުގައިވާ މުޢައްޠިލާއިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، ﷲ ސުބުޙާނަހޫ
ވަތަޢާލާ ވޮޑިގެންވަނީ ޢާލަމްތަކުގެ ތެރެއަކުވެސް ނޫނެވެ. އަދި ޢާލާމްތަކުގެ
ބޭރުގައެއްވެސް ނޫނެވެ. އަދި އެއިލާހުގެ މަޚްލޫޤުންނާ ވަކިވެ ވަޑައިގެންވެސް
ނޫނެވެ. އަދި މަޚްލޫޤުންނާ އެކުގައެއްވެސް ނޫނެވެ. މިބައިމީހުން އިދިކޮޅު ދެޞިފަ
އެކީގައި ނަފީކުރަނީއެވެ. މިއީ މުޢުތަޒިލާއިންގެ ގިނަ މީހުންގެވެސް ބަހެވެ.
ތިންވަނައީ: ޖަހުމީންގެ
ބައެއްކަމުގައިވާ ޙުލޫލިއްޔާއިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، އެއިލާހުގެ
ޛާތުފުޅާއެކު ހުރިހާ ތަނެއްގައި ވޮޑިގެންވެއެވެ.
ހަތަރުވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ ޛާތުފުޅާއިގެން
ވޮޑިގެންވަނީ ޢާލަމްތަކުގެ މަތީގައެވެ. އަދި ހަމައެފަދައިން ޛާތުފުޅާއިގެން
ކޮންމެތަނެއްގައި ވޮޑިގެންވެއެވެ. މިއީ ޞޫފީންގެ ތެރެއިން ބައެއްމީހުންނާއި،
އަހުލުލް ކަލާމްގެ މީހުންގެ ބަހެވެ.
މިބަސްތަކުގެ
ތެރެއިން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކާ އެއްގޮތްވެގެންވާ ބަޔަކީ ފުރަތަމަ
ބައިގެ މީހުންނެވެ. އާދެ، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ބަހެވެ. ދެންތިބި
ބާކީ ބައިގަނޑުތަކުގެ ބަސްތަކަކީ ޤުރުއާނާއި ސުންނަތާ ޚިލާފު ބާޠިލު ބަސްތަކެކެވެ.
ސުންނަތާއި ޖަމާޢަތުގެ ޢިލްމުވެރިންގެ ދަލީލުތައް:
ސުންނަތާއި
ޖަމާޢަތުގެ ޢިލްމުވެރިންގެ ބަސްފުޅަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ހުރިހާ
އުޑުތަކެއްގެ މަތީ، އެންމެހާ ޚަލްޤުތަކާ ވަކިވެވަޑައިގެން، ޢަރުޝިއަށް
އިސްތަވާވޮޑިގެންނެވެ. މިއީ ޤުރުއާނާއި، ސުންނަތާއި، ޢިލްމުވެރިންގެ އިޖްމާޢުއާއި،
ބުއްދިއާއި، ފިޠުރަތު އެގޮތަކަށް މަގުދައްކާ މަގެވެ.
1.
ޤުރުއާނުގެ ދަލީލުތައް:
ޢަރުޝިއަށް
އިސްތަވާވޮޑިގެންވާކަމަށް ބަޔާންކުރައްވާފައިވުން: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ
ކީރިތި ޤުރުއާނުގެ ހަތްތަނެއްގައި އެއިލާހު އަރުޝިއަށް އިސްތަވާވެވޮޑިގެންވާކަމަށް
ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ.
ފުރަތަމަ ތަނަކީ: އަޢްރާފު ސޫރަތުގެ 54 ވަނަ އާޔަތެވެ. ((إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ
ރައްބަކީ ﷲއެވެ. އެކަލާނގެއީ ހަދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދި
ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”
ދެވަނަ ތަނަކީ: ޔޫނުސް ސޫރަތުގެ 3 ވަނަ އާޔަތެވެ. ((إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ
ރައްބަކީ ﷲއެވެ. އެކަލާނގެއީ ހަދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދި
ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”
ތިންވަނަ ތަނަކީ: ރަޢުދު ސޫރަތުގެ 2 ވަނަ އާޔަތެވެ. ((اللّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “ތިޔަބައިމީހުން ދެކޭނޭ އެއްވެސް
ތަނބަކާނުލައި އުޑުތައް އުފުއްލެވީ ހަމަ ﷲއެވެ. ދެން އެކަލާނގެ ޢަރުޝިއަށް
އިސްތަވާވެވޮޑިގެންނެވިއެވެ.”
ހަތަރުވަނަ ތަނަކީ: ޠާހާ ސޫރަތުގެ 5 ވަނަ އާޔަތެވެ. ((الرَّحْمَنُ عَلَى الْعَرْشِ اسْتَوَى)) މާނައީ: “ރަޙްމާންވަންތަ ﷲ ޢަރުޝިއަށް
އިސްތަވާވެވޮޑިގަންނަވައިފިއެވެ.”
ފަސްވަނަ ތަނަކީ: ފުރުޤާން ސޫރަތުގެ 59 ވަނަ އާޔަތެވެ. ((الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “އެކަލާނގެއީ އުޑުތަކާއި ބިމާއި
އެދެމެދުގައިވާހާތަކެއްޗެއް ހަދުވަހުގެ ތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން
އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”
ހަވަނަ ތަނަކީ: ސަޖިދަ ސޫރަތުގެ 4 ވަނަ އާޔަތެވެ. ((اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “އެއީ ﷲއެވެ. އެކަލާނގެއީ އުޑުތަކާއި
ބިމާއި އެދެމެދުގައިވާހާތަކެއްޗެއް ހަދުވަހުގެ ތެރޭގައި ހެއްދެވި ކަލާނގެއެވެ.
ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”
ހަތްވަނަ ތަނަކީ: ޙަދީދު ސޫރަތުގެ 4 ވަނަ އާޔަތެވެ. ((هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “އެކަލާނގެއީ އުޑުތަކާއި ބިން
ހަދުވަހުގެ ތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް
އިސްތަވާވެވޮޑިގެންނެވިއެވެ.”
މިހަތް
އާޔަތުން ދޭހަކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޢަރުޝިއަށް
އިސްތަވާވޮޑިގެންކަމެވެ. ޢަރުޝި ވަނީ އެންމެހާ މަޚްލޫޤާތްތަކުގެ މަތީގައެވެ. އަދި
މިއާޔަތްތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ޛާތުފުޅާއިގެން
މަޚްލޫޤުންނާއެކުގައިވާކަމަށް ބުނާ މީހުންނަށްވާ ރައްދުތަކެކެވެ.
އެހެން އާޔަތެއްގައި ވަޙީ ކުރައްވާފައިވެއެވެ. ((يَخَافُونَ رَبَّهُم مِّن فَوْقِهِمْ)) النحل: 50 މާނައީ: “އަދި އެބޭކަލުންގެ (އެބަހީ
މަލާއިކަތުންގެ) މަތީގައިވާ އެބޭކަލުންގެ ރައްބަށް އެބޭކަލުން
ބިރުވެތިވެވަޑައިގަންނަވައެވެ.”އުޑުތަކުގައިވާ މަލާއިކަތުންގެ މަތީގައި
އެއިލާހުވާކަމަށް އަންގަވާފައިވާއިރު، އެއިލާހުގެ ޛާތުފުޅާއިގެން ބިމުގައިވާ
މަޚްލޫޤުންނާއެކު ވާނެކަމަށް ބުނުމާއި، އެގޮތަށް ޤަބޫލުކުރުމަކީ ބާޠިލުކަމެކެވެ.
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.((وَهُوَ الْقَاهِرُ فَوْقَ عِبَادِهِ وَهُوَ الْحَكِيمُ الْخَبِيرُ)) الأنعام: 18 މާނައީ: “އަދި އެކަލާނގެއީ އެހެންފަރާތްތައް
ދެރަކުރައްވާ ގަދަފަދަވަންތަ ކަލާނގެއެވެ. އެކަލާނގެ އަޅުތަކުންގެ މަތީގައި
ވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ޙަކީމްވަންތަ ޚަބީރުވަންތަ ކަލާނގެއެވެ.” އަދިވެސް ވަޙީ
ކުރައްވާފައިވެއެވެ. ((وَهُوَ الْقَاهِرُ فَوْقَ عِبَادِهِ وَيُرْسِلُ عَلَيْكُم حَفَظَةً)) الأنعام: 61 މާނައީ: “”އަދި އެކަލާނގެއީ އެހެންފަރާތްތައް
ދެރަކުރައްވާ ގަދަފަދަވަންތަ ކަލާނގެއެވެ. އެކަލާނގެ އަޅުތަކުންގެ މަތީގައި
ވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ރައްކާތެރިކޮށް ބަލަހައްޓަވާނެ
(މަލާއިކަތުން) ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައެވެ.” އަދިވެސް ވަޙީ
ކުރައްވާފައިވެއެވެ. ((عَالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ)) الرعد: 9 މާނައީ: “އެކަލާނގެއީ ޣައިބުގައިވާ
ކަންތައްތަކާއި ފައުޅުވެފެންނަން ހުންނަ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ،
ނުހަނު ހައިބަބޮޑުވެގެންވާ އަދި ހުރިހާތަކެއްޗަކަށްވުރެ މަތިވެރިވެވޮޑިގެންވާ
ކަލާނގެއެވެ.” އަދިވެސް ވަޙީ
ކުރައްވާފައިވެއެވެ. ((إِنَّ اللّهَ كَانَ عَلِيًّا كَبِيرًا)) النساء: 34 މާނައީ: “ހަމަކަށަވަރުން ﷲއީ ނުހަނު
މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލަކުކަމުގައިވޮޑިގެންވެއެވެ.” މިއިންކޮންމެ
އާޔަތަކުންނާއި، މިމާނައިގައި އައިސްފައިވާ ކޮންމެ އާޔަތަކުން އަންގައިދެނީ ﷲ
ސުބުޙާނަހޫ ވަތަޢާލާ ވަނީ މަތިވެރިވެވޮޑިގެންކަމެވެ. އަދި އެއިލާހު ވޮޑިގެންވަނީ
އެއިލާހު ޛާތުފުޅައިގެން އެއިލާހުގެ މަޚްލޫޤުންނާ ވަކިން ޢަރުޝިއަށް
އިސްތަވާވެވޮޑިގެންކަމެވެ.
ﷲ ސުބުޙާނަހޫ
ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((أَأَمِنتُم مَّن فِي السَّمَاء أَن يَخْسِفَ بِكُمُ الأَرْضَ فَإِذَا هِيَ تَمُورُ * أَمْ أَمِنتُم مَّن فِي السَّمَاء أَن يُرْسِلَ عَلَيْكُمْ حَاصِبًا)) الملك: 16-17 މާނައީ: “ތިޔަބައިމީހުން ފަހެ ތިޔަތިބީ އުޑުގައިވާ
ކަލާނގެ ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައި ނުގަންނަވާނެކަމާއިމެދު
އަމާންވެގެން ހެއްޔެވެ؟ އަދި އެބިންގަނޑު ގަންބަވައިގެންފިނަމަ އެބިންގަނޑު ދެން
ޙަރަކާތްތެރިވެ ބޭޤަރާރުވެދާނެއެވެ. ނުވަތަ ތިޔަބައިމީހުން ތިޔަތިބީ އުޑުގައިވާ
ކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އުޑުން ހިލަތަކެއް ފޮނުއްވުމާއިމެދު
އަމާންވެގެން ހެއްޔެވެ؟” ޢަރަބި
ބަހުގައި ޢާއްމުކޮށް “فِي” ބޭނުންކުރަނީ
އަޅުގަނޑުމެން ދިވެހިބަހުން ބުނާނަމަ “ގައި” މިމާނާގައެވެ. މިސާލަކަށް، صَلَّيْتُ فِي المسْجِدِ މީގެ މާނައަކީ: އަހަރެން
މިސްކިތުގައި ނަމާދުކުރީމެވެ. އަދި “عَلَى” ޢާއްމުކޮށް ބޭނުންކުރަނީ، އެއްޗެއްގެ މަތީގައި ވުމަށެވެ.
މިސާލަކަށް، القَلَمُ عَلَى المكْتَبِ މީގެ މާނައަކީ: ޤަލަން
އޮތީ މޭޒުމަތީގައެވެ. ނަމަވެސް ޢަރަބިބަހުގައި ބައެއްފަހަރަށް “عَلَى” އޮންނަންޖެހޭ ތަންތަނަށް ”فِي” ބޭނުންކުރެއެވެ. އަލްއިމާމް
ބައިހަޤީ ރަޙިމަހުﷲ، އެކަލޭގެފާނުފޮތް “އަލްއަސްމާއު ވައްޞިފާތު” ގައި މިއާޔަތާ
ބެހޭގޮތުން ވިދާޅުވެފައިވެއެވެ. އަބޫބަކުރު އަޙްމަދު ބުން އިސްޙާޤް ރަޙިމަހުﷲ
ވިދާޅުވެފައިވެއެވެ. ޢަރަބިން “عَلَى” އޮންނަންޖެހޭ ތަންތަނަށް ”فِي” ބޭނުންކުރެއެވެ. ﷲ އައްޒަވަޖައްލަ ވަޙީ
ކުރައްވާފައިވެއެވެ. ((فَسِيحُواْ فِي الأَرْضِ)) التوبة: 2 (މާނައީ:
ފަހެ، ތިޔަބައިމީހުން ބިމުގައި ހިނގާބިނގާވެ ދަތުރުކޮށްއުޅޭށެވެ.) އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَلَأُصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ)) طه: 71 (މާނައީ:
އަދި ހަމަކަށަވަރުން ކަދުރުރުކުގެ ގަސްގަނޑުގައި ކަނޑައެޅިގެން ތިޔަބައިމީހުން
ޞަލީބު ކުރާ ހުށީމެވެ.) މި (ދެއާޔަތުގެ) މާނައަކީ: ބިންމަތީގައެވެ.
އަދި ކަދުރުރުކުގެ (ރުއްގަނޑު) މަތީގައެވެ. ފަހެ، ހަމަމިފަދައިން އެއިލާހުގެ
ބަސްފުޅު ((فِي السَّمَاء)) އެބަހީ: ނަބިއްޔާގެ ޞައްލަﷲ ޢަލައިހިވަސައްލަމަގެ
އަރިހުން ޚަބަރުތައް އައިސްފައިވާގޮތުގެމަތީން، އުޑުތަކުގެ މަތީ ޢަރުޝި މަތީގައިވާ
(އިލާހު) އެވެ.” (الأسماء والصفات للبيهقي: ص. 527)
ހަމައެފަދައިން، ފިރުޢަޥްނު މޫސާގެފާނުގެ އިލާހާ
ބައްދަލުކުރަންވެގެންނޭ ކިޔައިގެން ކަންތައްކުރިގޮތް ބަޔާންކުރައްވައި ﷲ ވަޙީ
ކުރައްވާފައިވެއެވެ. ((وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحاً لَعَلِّي أَبْلُغُ الأَسْبَابَ * أَسْبَابَ السَّمَوَاتِ فَأَطَّلِعَ إِلَى إِلَهِ مُوسَى وَإِنِّي لأَظُنُّهُ كَاذِباً)) غافر: 36-37 މާނައީ: “ފިރުޢަޥްނު ބުންޏެވެ. އޭ ހާމާނެވެ!
އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ. އެއީ އަހުރެންނަށް މަގުތަކެއް
ފެނޭތޯއެވެ. އެއީ އުޑުތަކުގެ މަގުތަކެވެ. މޫސާގެފާނުގެ އިލާހު، އަހުރެންނަށް
ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ އެކަލޭގެފާނީ
ދޮގުވެރިޔެއްހެނެވެ.” މިއާޔަތުން
އަޅުގަނޑުމެންނަށް ދޭހަވަނީ މޫސާގެފާނުގެ ފަރާތްޕުޅުން ފިރުޢަޥްނަށްވެސް ﷲ
ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ މަތީގައިކަން އެނގޭކަމެވެ. އޭނާ މައްޗަށް އެބިނާ
ބިނާކުރެއްވީ އެހެންވެގެންނެވެ.
އަދިވެސް އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ)) فاطر: 10 މާނައީ: “ރަނގަޅު ބަސްތައް އުފުލިގެންދަނީ،
އެކަލާނގެ ޙަޟްރަތަށެވެ. އަދި ޞާލިޙުޢަމަލުތައް އެކަލާނގެ ޙަޟްރަތަށް
އުފުލައްވަތެވެ.” އަދިވެސް
ވަޙީ ކުރައްވާފައިވެއެވެ. ((يُدَبِّرُ الْأَمْرَ مِنَ السَّمَاء إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِمَّا تَعُدُّونَ)) السجدة: 5 މާނައީ: “އުޑުން ފެށިގެން ބިމާ ހަމަޔަށް
ހުރިހާ ކަމެއް އެކަލާނގެ ތަދުބީރުކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން
އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ ޙަޟްރަތަށް
އަރައިގެންދެއެވެ.” އަދިވެސް
ވަޙީ ކުރައްވާފައިވެއެވެ. ((تَعْرُجُ الْمَلائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ)) المعارج:4މާނައީ:
“ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި،
ޖިބްރީލްގެފާނު، އެކަލާނގެ ޙަޟްރަތަށް އަރާވަޑައިގަންނަވާނެތެވެ.” އަދިވެސް ވަޙީ
ކުރައްވާފައިވެއެވެ. ((قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ بِالْحَقِّ)) النحل: 102 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެޤުރުއާން
ބާވާއިލެއްވީ ކަލޭގެފާނުންގެ ރައްބުގެ ޙަޟްރަތުން ޙައްޤުގޮތުގައި
ޖިބްރީލްގެފާނެވެ.” އަދިވެސް
ވަޙީ ކުރައްވާފައިވެއެވެ. ((إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ)) المائدة: 44 މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ
ތަޥްރާތު ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި،
އަލިކަންވެއެވެ.” އަދިވެސް
ވަޙީ ކުރައްވާފައިވެއެވެ. ((نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقاً لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالإِنجِيلَ)) آل عمران:
3 މާނައީ: “ކުރީގެ ފޮތްތައް ތެދުކުރާ ޙާލުގައި،
ޙައްޤުގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި ޤުރުއާން)
ބާވައިލެއްވިއެވެ. އަދި ތަޥްރާތާއި އިންޖީލުވެސް ބާވައިލެއްވިއެވެ.” އެއިލާހުގެ ޙަޟްރަތަށް
ހެޔޮކަންތައްތައް އެރުއްވޭކަމާއި، މަލާއިކަތްބޭކަލުން އެއިލާހުގެ ޙަޟްރަތަށް
އަރައިވަޑައިގަންނަވާކަމަށާއި، އެއިލާހުގެ ޙަޟްރަތުން އެބޭކަލުން
ފައިބައިވަޑައިގަންނަވާ ކަމަށާއި، ޤުރުއާނާއި ތަވްރާތާއި އިންޖީލު ފަދަ ފޮތްތަކަކީ
އެއިލާހުގެ ޙަޟްރަތުން ބާވާލެއްވުނު ފޮތްތަކެއްކަމަށް ދަލީލުކޮށްދޭ ކޮންމެ
އާޔަތަކުން ދަލީލުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ
ޚަލްޤުތަކުންނަށްވުރެ މަތިވެރިވެވޮޑިގެންފައިކަމެވެ. އަދި އެއިލާހު ވަނީ އެންމެހާ
އުޑުތަކެއްގެ މަތީގައިކަމެކެވެ.
އެހެންކަމުން،
ބަޔާންވެދިޔަ އެންމެހާ އާޔަތްތަކަކުން ދަލީލުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ
ވޮޑިގެންވަނީ އެއިލާހުގެ ޛާތުފުޅައިގެން އެންމެހާ އުޑުތަކެއްގެ މަތީ، އެއިލާހުގެ
ޚަލްޤުތަކުންނާ ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ.
2.
ސުންނަތުގެ ދަލީލުތައް:
ﷲ ސުބުޙާނަހޫ ވަތަޢާލާ
ވޮޑިގެންވަނީ އެއިލާހުގެ ޛާތުފުޅާއިގެން އުޑުތަކުގެ މަތީގައިކަމަށް ދަލީލުކުރާ
ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ. މިމަސްއަލާގައި ވާރިދުވެފައިވާ
ޙަދީޘްތަކާއި އަޘަރުތައް ޖަމާކުރައްވައި އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ފޮތެއް
ލިޔުއްވާފައިވެއެވެ. އެފޮތުގެ ނަމަކީ “العُلُوّ لِلْعَلِيِّ العَظِيمِ” އެވެ. އަދި މިފޮތަށް “كِتَابُ العَرْشِ” ވެސް ކިޔައެވެ. މިފޮތުގައި ﷲ ސުބުޙާނަހޫ
ވަތަޢާލާ، އެންމެހާ ތަކެއްޗަށް ވުރެ މަތިވެރިވެވޮޑިގެންވާކަމާއި، އެއިލާހު
ވޮޑިގެންވަނީ އުޑުތަކުގެ މަތީގައިކަމާއި، އަދި މިނޫނަސް މިމަސްއަލައާގުޅޭ
ޙަދީޘްތަކާއި އަޘަރުތައް ޖަމާކުރައްވާފައިވެއެވެ. ޝެއިޚް އަލްއަލްބާނީ ރަޙިމަހުﷲ
ވަނީ، އިމާމް އައްޛަހަބީގެ މިފޮތް ޚުލާޞާކުރައްވައި، ފޮތުގައިވާ ޙަދީޘްތަކުގެ
ދަރަޖަ ބަޔާންކުރައްވާފައެވެ. ޝެއިޚް އަލްއަލްބާނީގެ މިޚުލާޞާ ފޮތަށް ކިޔަނީ “مُخْتَصَرُ العُلُوّ لِلْعَلِيِّ العَظِيمِ” އެވެ. އެގޮތުން މިތަނުގައި ބައެއް
ޙަދީޘްތައް ޛިކުރުކޮށްލަމެވެ.
ރަސޫލުﷲ
ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްރާއާއި މިޢުރާޖު ކުރެވުނުރޭ ބައިތުލް މަޤްދިސުން
ހަތްވަނަ އުޑަށް އުފުއްލެވުނުކަމާއި، އަދި އެރޭ އެކަލޭގެފާނަށް ނަމާދު
ފަރުޟުކުރެއްވުނުކަމާއި، ފަންސާސް ނަމާދު ފުރަތަމަ ފަރުޟުކުރެއްވުމުން ރަސޫލާ
ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި މޫސާ ޢަލައިހިއްސަލާމްއާ ދެމެދު ހިނގާދިޔަ
ކަންތައްތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އުޑުތަކުގެ މަތީގައި ވޮޑިގެންވާކަމުގެ
ފުރިހަމަ ދަލީލެކެވެ. (ބައްލަވާ: ޞަޙީޙުލް ބުޚާރީ: 349، 3342، ޞަޙީޙް މުސްލިމް:
161، 163)
އަދި އެކަލޭގެފާނު ޖާރިޔާއަކަށް ޙަދީޘް ކުރެއްވިއެވެ. ((أَيْنَ اللهُ؟)) قَالَتْ: فِي السَّمَاءِ، قَالَ: ((مَنْ أَنَا؟)) قَالَتْ: أَنْتَ رَسُولُ اللهِ، قَالَ: ((أَعْتِقْهَا، فَإِنَّهَا مُؤْمِنَةٌ)) (مسلم وأحمد) މާނައީ : “ﷲ (ވޮޑިގެންވަނީ) ކޮންތާކު
ހެއްޔެވެ؟” އެކުއްޖާ ދެންނެވިއެވެ. އުޑުގައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“ތިމަންކަލޭގެފާނަކީ ކާކު ހެއްޔެވެ؟” އެކުއްޖާ ދެންނެވިއެވެ. “ކަލޭގެފާނަކީ ﷲގެ
ރަސޫލާއެވެ.” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެކުއްޖާ މިނިވަންކުރާށެވެ.
ފަހެ، އެކުއްޖާއަކީ މުއުމިނާއެކެވެ.” (މުސްލިމް: 537، އަޙްމަދު: 17945، 19455). މިހަދީޘާ
ބެހޭގޮތުން އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިޚަބަރުގައި
ދެމަސްއަލައެއް އެކުލެވިގެންވެއެވެ. ފުރަތަމައީ: ﷲ ވަނީ ކޮންތާކުތޯ ސުވާލުކުރުމަކީ
މުސްލިމުންނަށް ޝަރުޢުވެގެންވާކަމެއްކަމެވެ. ދެވަނައީ: ސުވާލުވެވޭމީހާ އުޑުގައޭ
ބުނުމެވެ. ފަހެ، (މިޙަދީޘުން ދޭހަކޮށްދޭ) މިދެމަސްއަލައަށް އިންކާރުކޮށްފިމީހާ،
އޭނާ އެއިންކާރުކުރަނީ އަލްމުޞްޠަފާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށެވެ.” ބައެއް
ބާޠިލު ފިރުޤާތަކުގެ މީހުންގެ ކައިރީ ﷲ ވޮޑިގެންވަނީ ކޮންތާކުތޯ ސުވާލުކުރުމަކީ
ހުއްދަކަމެއްނޫނެވެ. މިޙަދީޘްގައި ޚުދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ
އެސުވާލުކުރައްވާފައެވެ. އެއިން ދޭހަވަނީ އެސުވާލުކުރުމަކީ ހުއްދަކަމެއްކަމެވެ.
އަދި ހަމައެހެންމެ، އެސުވާލަށް ރަނގަޅަށް ޖަވާބުދޭން އެނގުމަކީ އީމާންކަމުގެ
ތެރެއިންވާކަމެއްކަމެވެ. (މުޚްތަޞަރުލް ޢުލުއްވު: ޞ. 81) މަތީގައި
އަލްބައިހަޤީ ރަޙިމަހުﷲ އެކަލޭގެފާނުގެ “އަލްއަސްމާއު ވައްޞިފާތު” މިފޮތުގައި
ބަޔާންކުރައްވާފައިވާ ފަދައިން ޢަރަބިން “عَلَى” އޮންނަންޖެހޭ ތަންތަނަށް ”فِي” ބޭނުންކުރެއެވެ.
މިތަނުގައިވާ ((فِي السَّمَاء)) ގެ މުރާދަކީ އުޑުތަކުގެ މަތީ ޢަރުޝި
މަތީގައެވެ.
އަދި ޔަހޫދީ ޤަބީލާއެއްކަމުގައިވާ ޤުރައިޟާގެ މީހުންނާމެދު
ޙުކުމް ކުރެއްވި ޙާދިސާގައި ސަޢުދު ބުން މުޢާޛަށް އެކަލޭގެފާނު ޙަދީޘް
ކުރެއްވިއެވެ. ((لَقَدْ حَكَمْتَ فِيهِمْ بِحُكْمِ الْمَلِكِ مِنْ فَوْقِ سَبْعَةٍ أَرْقِعَةٍ)) (البخاري) މާނައީ :
“ހަމަށަވަރުން، ތިބާ އެބައިމީހުންނާމެދު ޙުކުމްކޮށްފައިވަނީ، ހަތްއުޑުގެ މަތީ
ވޮޑިގެންވާ ރަސްކަލާނގެ ޙުކުމްފުޅެވެ.” (އެބަހީ އެއިލާހުގެ ޙުކުމްފުޅާ
އެއްގޮތަށެވެ.) (ޞަޙީޙުލް ބުޚާރީ: 3043)
އަދި އާދަމު ދަރިންގެ ކަންތައްތަކާ ޙަވާލުވެ ތިއްބަވާ
މަލާއިކަތުންނާބެހޭގޮތުން އައިސްފައިވާ ޙަދީޘްގައިވެއެވެ. ((ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ فَيَسْأَلُهُمْ وَهُوَ أَعْلَمُ بِهِمْ …)) (متفق عليه) މާނައީ :
“އެއަށްފަހު، ތިޔަބައިމީހުންނާއެކު ރޭގަނޑު ހޭދަކުރެއްވި ބޭކަލުން (އެބަހީ
މަލާއިކަތުން) މައްޗަށް އަރައިވަޑައިގަންނަވާނެއެވެ. އަދި އެބޭކަލުންގެ
ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ޙާލު، އެއިލާހު އެބޭކަލުންނާ
ސުވާލުކުރައްވައެވެ…”(ޞަޙީޙުލް ބުޚާރީ: 555، 7429، 7486، ޞަޙީޙް މުސްލިމް: 632)
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ وَلاَ يَصْعَدُ إِلَى اللَّهِ إِلاَّ الطَّيِّبُ)) (البخاري) މާނައީ : “ޙަލާލު ރަނގަޅު މުދަލުގެ ތެރެއިން
ކަދުރުއޮށެއްގެ މިންވަރު ޞަދަޤާތްކޮށްފިމީހާ ދަންނާށެވެ. ޙަލާލު ރަނގަޅު (ތަކެތިން
ކޮށްފައިވާ ޞަދާޤާތް) މެނުވީ އެއިލާހުގެ ޙަޟްރަތަށް އަރައިގެން ނުދެއެވެ.” (ޞަޙީޙުލް ބުޚާރީ: 1410)
އަދި ވަޙީއާބެހޭ ޙަދީޘްގައި ޙަދީޘް ކުރައްވާފައިވެއެވެ. ((إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ ضَرَبَتْ الْمَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ …)) (البخاري) މާނައީ : “ﷲ އުޑަށް އަމުރެއް ކުރައްވައިފި
ހިނދު، އެއިލާހުގެ އެބަސްފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން މަޑުމޮޅިވެގެންވާ ޙާލު
މަލާއިކަތުން، އެބޭކަލުންގެ ފިޔަފުޅުތައް ތިރިކުރައްވާ ހުށްޓެވެ. (އެބޭކަލުން
އެކުރައްވާ ކަންތަކުން ނުކުންނަ އަޑުގެ) މިސާލަކީ ޗޭނުފައްޗެއް ގާތައްމަތީގައި
ދަމާއަޑުގެ މިސާލެވެ.” (ޞަޙީޙުލް ބުޚާރީ: 4800،
7481)
މިފަދަ
އެތައް އެތައް ޙަދީޘަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ
މަތީގައިކަމަށް ދަލީލުކުރެއެވެ. ދިގުވެދާނެކަމަށް މިހައިވަރުން ފުއްދާލަމެވެ.
3.
އިޖުމާޢު:
ﷲ ސުބުޙާނަހޫ
ވަތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ މަތީ، އެއިލާހުގެ ޚަލްޤުތަކުންނާ
ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންކަމުގައި މިއުއްމަތުގެ ސަލަފުން
ވަނީ އިޖުމާޢުވެވަޑައިގެންފައެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ
ވިދާޅުވެފައިވެއެވެ. “ﷲއަށް
އީމާންވުމުގެ ތެރޭގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެއިލާހުގެ
ޚަލްޤުތަކުންނަށްވުރެ މަތިވެރިވެވަޑައިގެން އުޑުތަކުގެ މަތީ، އެއިލާހުގެ ޢަރުޝި
މަތީކަމަށް އީމާންވުންވެއެވެ. އެއީ ﷲ އެއިލާހުގެ ފޮތުގައި ޚަބަރުދެއްވާފައިވާ،
އަދި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ތަވާތުރުކޮށް
އައިސްފައިވާ، އަދި އުއްމަތުގެ ސަލަފުން އިޖުމާޢުވަޑައިގެންފައިވާކަމެކެވެ.” (ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/66)
އިބްނު ތައިމިއްޔާގެ މިބަސްފުޅުގެ ޝަރަޙާގައި މުޙައްމަދު
ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(މިކަމަށް
ވެވިފައިވާ) އިޖުމާޢު ދަންނައެވެ. ފަހެ، ސަލަފުން ވަނީ މިކަމަށް
އިޖުމާޢުވެވަޑައިގެންފައެވެ. އެބޭކަލުން އިޖުމާޢުވެލެއްވިކަން އެނގޭގޮތަކީ،
ޤުރުއާނާއި ސުންނަތުގައިވާގޮތާ އިދިކޮޅަށް (އެބަހީ ބޭރުފުށުގެ މާނައާ އިދިކޮޅަށް)
އެބޭކަލުންގެ ކިބައިން ބަސްފުޅެއް ނަޤުލުވެފައިނެތުމެވެ. ފަހެ، ހަމަކަށަވަރުން
އެބޭކަލުންނަކީ ޤުރުއާން ކިޔަވައި، (ރަސޫލާގެ ފަރާތްޕުޅުން) ޚަބަރުތައް
ނަޤުލުކުރައްވައި، އޭގެ މާނަތައް ދެނެވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އެބޭކަލުންގެ
ކިބައިން (ޤުރުއާނާއި ސުންނަތުގެ) ބޭރުފުށުގެ މާނައާ ޚިލާފަށް ބަސްފުޅެއް
ނަޤުލުވެފައިނުވުމުން އަންގައިދެނީ، އެބޭކަލުން (ޤުރުއާނާއި ސުންނަތުން
އެދޭހަކޮށްދޭ) ބޭރުފުށުގެ މާނަނޫން އެހެންގޮތަކަށް އިޢުތިޤާދުނުކުރައްވާކަމެވެ.
އަދި އެއެންމެހާ ބޭކަލުން އެކަމަށް އެއްބަސްވެވަޑައިގެން ތިއްބެވިކަމެވެ.” (ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67)
4.
ހަމަބުއްދި:
ޤުރުއާނާއި
ސުންނަތާއި ސަލަފުން އިޖުމާޢުވެވަޑައިގެންފައިވާ ގޮތަކީ ހަމަބުއްދިވެސް އެކަމަށް
ހެކިވާކަމެކެވެ. އެއީ ދެގޮތަކުންނެވެ.
ފުރަތަމައީ: އެހެން ހުރިހާ
އެއްޗަކަށްވުރެ މަތިވެރިވުމަކީ ފުރިހަމަ ޞިފައެއް ކަމަށް ހަމަބުއްދި
ޤަބޫލުކުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަނީ އެއިލާހަށް އެންމެހާ ފުރިހަމަ
ޞިފަތައް ލިބިވޮޑިގެންވާކަން ބަޔާންކުރައްވާފައެވެ. އެހެންކަމުން، އެއިލާހަށް
މަތިވެރިވެވޮޑިގަތުން ނިސްބަތްކުރުމަކީ ވާޖިބެކެވެ.
ދެވަނައީ: އަޅުގަނޑުމެން ބުއްދިން
ވިސްނާލައިފިކަމުގައިވާނަމަ، އެއްޗެއް މަތީގައިނުވާނަމަ ދެން އެއެއްޗެއް ވާނީ
ދަށުގައި ނުވަތަ އެއްވަރެއްގައެވެ. މަތީގައި ނުވެ ދަށުގައި ނުވަތަ އެއްވަރެއްގައި
ވުމަކީ އުނިޞިފައެކެވެ. އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް
މަތިވެރިވެވޮޑިގަތުން ނިސްބަތްކުރުން ލާޒިމުވާނެއެވެ. އެހެނީ، އެއިލާހު ވަނީ
އެންމެހާ އުނިޞިފަތަކުން ހުސްޠާހިރުވެވޮޑިގެންނެވެ. (ބައްލަވާ: ޝަރަޙް
އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67)
5.
ފިޠުރަތު:
ސަލާމަތުން
ހުރި ފިޠުރަތް މަގުދައްކާގޮތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ
ޚަލްޤުތަކުންނާ ވަކިން މަތީގައިކަމެވެ. އެހެނީ، ﷲ މަތީގައި ވޮޑިގެންވާކަމާ
ދެކޮޅުހަދާމީހާގެ ސަލާމަތުން ހުރި ފިޠުރަތު ވަނީ ހަލާކުވެ، ޝައްކުތަކާއި
ޝުބުހަތަކަށް ހެއްލިފައެވެ. އެހެނީ، ކޮންމެ އިންސާނަކުވެސް ދުޢާކުރުމަށް
އަތްނަގައި އޭނާގެ ހިތް އަރައިގެން ދަނީ އުޑަށެވެ. އެއްވެސް ޙާލެއްގައި
ކަނާތްފަރާތަށް ވާތްފަރާތަށް އެނބުރި ނަހަދައެވެ. އެކަމުން އެނގެނީ ﷲ ވަނީ
އުޑުތަކުގެ މަތީގައިކަމެވެ. (ބައްލަވާ: ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67)
ކަންމިހެން ހުރިއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ
ޛާތުފުޅައިގެން ހުރިހާ ތަނެއްގައި ކަމަށް ޤަބޫލުކުރާމީހާ އެޤަބޫލުކުރަނީ ﷲ ހުރިހާ
ހަޑިތަނެއްގައިވެސް ވާނޭކަމަށެވެ. ކުނިވަސްދުވާ ހަޑިމުޑުދާރު ތަންތަނުގައިވެސް
ވާނޭކަމަށެވެ. އަދި އެމީހާ ހިނގާބިނގާވެ އެއުޅެނީ އެއިލާހުގެ މަތީގައި ނުވަތަ
އެއިލާހުގެ ތެރޭގައި ކަމެވެ. މިއީ ކަނޑައެޅިގެން އެއިލާހުގެ
ޢިއްޒަތްވަންތަކަމަށާއި، މަތިވެރިވަންތަކަމަށް ބުނެވޭ ކުޑައިމީސްބަހަކަށް މެނުވީ
ނުވާނެއެވެ. އިންސާނާގެ ސާފުފިޠުރަތާ މުޅިން އިދިކޮޅު ކަމެކެވެ. ކީރިތި ޤުރުއާނާއި
ސުންނަތުންގެ ދަލީލުތަކާ ކަނޑައެޅިގެން ޚިލާފު ބުނުމެކެވެ. އެފަދައިން
ބުނާމީހަކަށް ސަލަފުންގެ ފަރާތުން އެމީހާގެ ބުނުމަށް ބާރުދޭނެ އެއްވެސް ބަސްފުޅެއް
ލިބިގެންނުވެއެވެ. ހަމަކަށަވަރުން، ﷲގެ ޝަރީޢަތުގެ ކަންތައްތައް ރަސޫލާ ޞައްލަﷲ
ޢަލައިހިވަސައްލަމައަށްފަހު އެންމެ މޮޅަށް ދެނެވަޑައިގަންނަވާ ބޭކަލުންނަކީ
އެބޭކަލުންނެވެ. އެބޭކަލުންގެ މަގާ ޚިލާފަށް ބަސްބުނާމީހަކީ
ކަނޑައެޅިގެން ޙައްޤު މަގުން އެއްކިބާވެފައިވާ މީހެކެވެ.

Comments
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ