ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

03 June, 2014

ހިޔަރަކާތްވިލޭރޭދިވެހި އާދަކާދައިގެ ތެރޭން އުވިގޮސްފައިވާ އެއްކަމަކީ، ހިޔަރަކާތްވިލޭރޭ ފާހަގަ ކުރުމެވެ. ދިވެހިން ހިޔަރަކާތްވިލޭރެޔޭ ކިޔަނީ ޝަޢުބާންމަހުގެ ފަނަރަވިލޭރެއަށެވެ. އެރެޔަކީ ވަރަށް އިސްކަމެއް ދީގެން، ދީނީ އިޙްތިފާލެއްގެ ގޮތުގައި  ދިވެހިން ފާހަގަކުރަމުން އައި ރެ އެކެވެ.

މައުޟޫޢުގެ ތެރެއަށް އަޅުގަނޑު ވަންނާނީ، ހަމަ އެކަނި ދިވެހިންގެ ދިރިއުޅުމުން އަޅުގަނޑު ދުށްތަނެއް ލިޔެލާ މީހެއްގެ ގޮތުގަ އެވެ. ތާރީޚީ ޙަޤީޤަތެއް ބަޔާންކުރާ މީހެއްގެ ގޮތުގަ އެވެ. ކަމަކީ ދީނީކަމެއްތޯ؟ ސުންނަތެއްތޯ؟ ބިދުޢައެއްތޯ؟ މި ސުވާލުތަކަށް ޖަވާބު ބޭނުންފުޅުނަމަ، ދީނުގެ މުޢުތަބަރު ދަންނަބޭކަލުން އަރިހުން އެ ޖަވާބު ހޯއްދެވުން ރަނގަޅުވާނެ އެވެ.

ހިޔައާއި، ރަކާތް

ދިވެހި ބަސްފޮތް ބުނާ ގޮތުން ''ހިޔަ'' އަކީ، ހިސާބުގެ ވަކި ޢަދަދެކެވެ. އާދެ! 96 އެވެ.  އެހެންވީމާ، ހިޔަރަކާތޭ ބުނާ ބުނުމުގައި އޮންނަ ''ހިޔަ'' އަކީ 96އެވެ. ދެން އޮތް އަނެއް ބަހަކީ ''ރަކާތް'' މި ބަހެވެ. މި ބަހުގެ އަސްލަކީ ޢަރަބި ބަހުގެ ''الر كعة '' މި ބަހެވެ. އެއީ  ދިވެހިން ކިޔާ ގޮތަށް ނަމަ ''ރަކްޢަތް'' މި ބަހެވެ.  ތަޢުރީފު، ތާރީފަށް ބަދަލުވީ ގޮތަށް ރަކުޢަތް ''ރަކާތް'' އަށް ބަދަލުވީ އެވެ.  އެހެންވީމާ، ''ހިޔަ ރަކާތް'' މި ބަހުގެ މާނައަކީ، 96 ރަކުޢަތްކަމަށް ބެލެވެ އެވެ. 


ބުހުތާނު

ޝަޢުބާންމަހު 15 ވިލޭރެއާ ގުޅުވައިގެން ދިވެހިންގެ ބައެއް މީހުން ވަރަށް ވިޔަޔާ ނުދާ ޢަޤީދާތައް ގެންގުޅެ އެވެ. އޭގެތެރޭން ބުހުތާނު ތިން ދޮގެއް މަޝްހޫރުވެފައިވެ އެވެ. އެއް ވާހަކައަކީ،  ކައު އިތުރު ނަބިއްޔާގެ ދަނބިދަރިކަލުން ސައްޔިދިނާ ޢަލީގެފާނާއި، މާތް ނަބިއްޔާގެ ލޮބުވެތި ދަރިކަނބަލުނަވި އައްސައްޔިދާ  ފާޠިމަތުގެފާނާ ބެހޭގޮތުން ދައްކާ  ހުތުރުވާހަކަ އެކެވެ. ތާރީޚާއި، ޢިބްރަތަށްޓަކައި، ''ޢިފްކު''ގެ ވާހަކަ ވެސް ބަޔާންކުރެވިފައިވާތީ،  މި ވާހަކަ ވެސް ހަމަ އެކަނި އެ ނިޔަތުގައި އެ މަޤުޞަދުގައި ބަޔާންކޮށްލަމެވެ.


(1)

ދިވެހިންގެ ބައެއް މީހުން އެމީހުންގެ ދަރީންނަށް،  ކިޔައިދޭ ގޮތުގައި، ޝަޢުބާންމަހު ފަނަރަ ވިލޭރޭ  އައްސައްޔިދާ ފާޠިމާ ރަޟިޔަﷲ ޢަންހާ، ދަމުނަމާދުފުޅަށް ތެދުވެވަޑައިގަތެވެ.  އެ ހިނދު އެކަމަނާގެ ފިރިކަލުން، މާތް ﷲ ރުއްސުއްލެއްވި ސައްޔިދިނާ ޢަލީގެފާނު އެކަމަނާއަށް  ބޭނުންފުޅުވި އެވެ.  ސުންނަތް ނަމާދަކަށްވާތީ،  އެ ކަމަނާ ނަމާދު ދޫކޮށްލައްވައި، ފިރިކަލުންނަށް އިޖާބަ ދެއްވި އެވެ. އެ އަށްފަހު، އަލުން ''ޠާހިރުވެވަޑައިގެން'' ވުޟޫކުރައްވައި ނަމާފުޅަށް ހަށަންބެންނެވި އެވެ. އަނެއްކާ ވެސް ފިރިކަލުންގެ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ. މި ގޮތުގައި މި ޢަމަލު،  96 ފަހަރު އެރޭގައި ތަކުރާރުވި އެވެ.


ކޮންމެއަކަސް، އަނެއް ދުވަހު މި ކަން ކައު އިތުރު މާތް ނަބިއްޔާއަށް އެނގިވަޑައިގެންފި ކަމަށްވެއްޖެ އެވެ. އެ ހިނދު ޢަލީގެފާނު ގެންނަވައި  ރެވި ނާޅިއެއް އަތްޕުޅަށް ދެއްވިޔޯލަ އެވެ. އޭގައިވަނީ ވަރަށް ކުދި ކުދި ރެތްވާއި، ބޮޑެތި އޮއްޓަރުތަކެކެވެ. ޢަލީގެފާނު ކުރައްވަންވި ކަމަކީ، އެދެބައި ވަކިކޮށް ބައިއެޅުއްވުމެވެ. އެ ގޮތުން އެ އުނިވެގެން ދިޔައީ، އެކަލޭގެފާނުގެ ގައިކޮޅުގައިވާ އަނެއް ޖިންސަށް ބޭނުންފުޅުވުމުގެ ޣަރީޒާގެ ބާރުން ދެބައިކުޅަ އެއްބަޔޯލަ އެވެ. نعوذ با لله  އެވެ.  ކޮންފަދަ ހުތުރުވާހަކަ އެއްތޯ އެވެ؟ ޔަޤީނެވެ. ''ދޫނިފުޅުވާހަކަ'' ''މުސަޅުފުޅުވާހަކަ'' ފަދަ، އަސްލެއް ނެތް ބުހުތާނެކެވެ. ކޮންމެޔަކަސް  މިވާހަކަ ގަބޫލުކޮށްގެން  ކިޔައި އުޅޭ މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެރެޔަށް ހިޔަރަކާތޭ ކިޔުނީ ފާޠިމަތުގެފާނު މި ކުރެއްވި ހިޔަ ރަކުޢަތަށް ނިސްބަތްކޮށެވެ.

 (2)

މި ވާހަކައިގައި  ކިޔާ ގޮތުންނަމަ، ހިޔަރަކާތް ދުވަހު ނުވަތަ ހިޔަރަކާތް ވިލޭރޭގެ ކުރިޔަށް އޮންނަ ދުވަހު ދިރިއުޅުމަށް ކުރާ ނަފާލިބެނިވި މަސައްކަތްތައް ކުރުމަކީ ދުވަހުގެ ޙުރުމަތާ ފުށުއަރާކަމެކެވެ. މަހަށް ފަހަރަށް ދިޔުން ފަދަ ކަންކަމީ ޢަމުދުން ވެސް ކޮށްގެން ނުވާނެ ކަންކަމެވެ.  ބޮޑެތި ކުށެވެ. އުރެދުމެވެ.


ކަންމިހެން އޮތް ނަމަވެސް، މި ދުވަހުގެ ޙުރުމަތްކަނޑައި، ދެމީހަކު ދިގުމަސް މަރަން  ނިކުތްކަމަށްވެ އެވެ. ދިގުމަހު ކެޔޮޅުކަން ކޮށްލާހިތުން ނިކުތް ދެމީހެކެވެ. މި މީހުންނަށް ވީގޮތް އެނގިވަޑައިގަންނަވާތޯ އެވެ؟ ރާމާމަކުނުގެ އަސްލަކީ މި ދެމީހުންނެވެ؟ މި ދެމީހުންކުރެ އެކަކު ބަދަލުވީ އަންހެން ރާމާމަކުނަކަށެވެ. އަނެކަކު ބަދަލުވީ ފިރިހެން ރާމާމަކުނަކަށެވެ. އެ ދުވަހަށްފަހު، ރާމާމަކުނުގެ  ނައުޢު އުފެދުނީ އެވެ. މި ދެމީހުންގެ ފަރާތުންނޯލަ އެވެ. ކުޑަ ބޮއްކުރައެއްގައި ދިވެހި ރާއްޖޭގެ ރަށަކުން ދިގުމަސް މަރަން ނިކުތް ދެމީހުންގެ ނަސްލު މިހާރު އެތައް ބާވަތަކަށް ބޯގިނަވެ، ދިރިއުޅުން  އެއޮތީ އެމޭޒަން ޖަންގަލީގަ އެވެ.  ކިޔާނެ އެއްޗެއް ބުނާނެ ބަހެއް އެބަ އޮތްތޯ އެވެ؟ 


ކޮންމެޔަކަސް މިވާހަކަޔަށް ބަލާއިރު، ހިތްހަމަ ޖެހޭތަންކޮޅެއް ވެސް އެބަ އޮތެވެ. ސަބަބަކީ، މި ތިޔަރީން މަޝްހޫރު މުލްޙިދު، 12 ފެބްރުއަރީ 1809ގައި އުފަންވި  ޗާލްސް ޑަރވިންގ ގެ އިވޮލިޔުޝަންތިޔަރީ އެބަ ވަތުއޮތްފުށް އުޑުތިލަމަތި ކޮށްލަ އެވެ. ބޯކޮޅު ނަގޫކޮޅަށް އަނބުރައިލަ އެވެ.    ޗާލްސް ޑަރވިންގ ފަދަ ސައިންސްވެރިން މި  ބުނަނީ، އިންސާނާ އުފެދުނީ ރާމާމަކުނުން ކަމަށެވެ.  ''ހިޔަރަކާތްވެރިން'' މި ބުނަނީ ރާމާމަކުނު އުފެދުނީ އިންސާނުންގެ ކިބައިންކަމަށެވެ.  ވަކިން ދެރައެއް ނޫންތާ އެވެ. 

(3) 

ހިޔަރަކާތާގުޅޭ ތިންވަނަ ވާހަކައެއް ވެސް އެބަ އޮވެ އެވެ. އެ ވާހަކައިގައި ބުނާ ގޮތުން، ހިޔަރަކާތްވިލޭރޭ، މޫނުބަލާ ލޯގަނޑުން މޫނު ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ، އެ އަހަރުތެރޭ މަރުވާނެ މީހުން އެރޭ ލޯގަނޑުން ފެންނައިރު ބޮލެއް ނުހުންނާނެ ޔޯލަ އެވެ. ފެންނާނީ ކަރުން ތިރި އެވެ. އެހެންވެގެން އެރޭ މީހުން ފެންވަރައި ރީތިވުމުގައި ވެސް ލޯގަނޑު ވަރަށް ބޭނުން ނުކުރާނެ އެވެ.

ހިޔަރަކާތްވިލޭރެއަށް ތައްޔާރުވުން


ހިޔަރަކާތްވިލޭރެއަށް ތައްޔާރުވުމުގައި ރަށެއްގައި އުޅޭ މީހުން މައިގަނޑު ތިންބަޔަކަށް ބަހައިލެވިދާނެ އެވެ.


1-      ކުޑަކުދިން

2-      ގޭގޭގެ އިސް މީހުން

3-      ޒިކުރުމާލޫދުކިޔާ ޅެންވެރިންޝަޢުބާންމަހު 14 ވަނަ ދުވަހުގެ ހެނދު ސައިބޮއިގެން، ކުޑަ ކުދިންގެ މަސައްކަތަކަށް އޮންނާނީ ގޭތެރޭ މަކުނުވާ ފޮޅުމާއި، ގިފިލިތެރެ ސާފުކޮށް ފަތްކެޔޮ ގަސްގަހުގެ ބުރިވަރުތަކާއި، އެނޫން ވެސް ކުނިބުނި ގޯތީން ބޭރު ކުރުމެވެ. ވަލުތެރެޔަށް އެތަކެތި އުކުމެވެ. ވަޅުދިޔަ ހިއްކުމެވެ. ބަދިގޭ  މުކައްބައާއި ފިޔަންތައް މޫދަށް ގެންގޮސް އެ އެއްޗެހި ދޮވުމެވެ. މި މަސައްކަތްގަނޑު އަސުރުވާންދެން ހިނގައިފާނެ އެވެ. އޭރު ގޭގެ ބޮޑެތި މީހުންކުރެ އަންހެންވެރިން އުޅޭނީ ކެއްކުމުގެ މަސައްކަތުގައި ބަދިގޭގަ އެވެ. އާދައިގެ ބަތް، ގަށާ ބަތް، ކުކުޅު ރިހަ، މުސައްމާރިހަ، ކަނޑުކުކުޅު، ބިސްރިހަ،  ޕާޕަރު، މި ފަދަ އެތައް ސާމާނަކުން މޭޒުމަތި ބަރާކޮށްލެވުމަކީ އަންހެންވެރިންގެ ފަޚުރެކެވެ. ގޭ ފިރިހެނުންގެ ކަމަކަށް އޮންނާނީ ކުކުޅުކަތިލައި ނޮޅައިދިނުމާއި، ކާށި ހެހި ދިނުމާއި، ބޮޑެއްޗަށް ތިބި ފިރިހެންކުދިން ގޮވައިގެން ގޭ އެނދު އަށީ މަޅުތަކަށް ދާންދެން އަތްވަށްނެރެ އަވީލައި މަކުނު ފޮޅައި، ގެ ސާފު ކުރުމެވެ. ގޯތިތެރެ ސާފު ކުރުމެވެ.  ދުންދަނޑިގަތުމާއި ޒިކުރު ކިޔާމީހުން ހޯދައި ގަޑި ހަމަޖެއްސުމެވެ.  އެކަންކަން ތައްޔާރު ކުރުމެވެ.


އަސުރުވެގެން އަންނަ އިރު، މުޅި ރަށުތެރޭގައި އޮންނާނީ ވަރަށް އާދަޔާ ޚިލާފު ފޯރިޔެއް ހިފައިފަ އެވެ. އަތިރިމަތިން ވެލި އުފުލާ އެކި ފުރައިގެ ޒުވާން ކުދިންނެވެ. ބާލިދީތަކުގަ އެވެ. ތެލިތެއްޔާއި، ޑަބިޔާގަ އެވެ. ގޯންޏާއި ކޮތަޅުގަ އެވެ. އެކުއްޖެއްގެ އުމުރާއި އިސްކޮޅާއި، ރޫފަޔާ ގުޅޭގޮތުންނެވެ. ހިޔަރަކާތްވިލޭރެޔަށް ގެޔާއި ގޭދޮށް ތައްޔާރު ކުރުމަށެވެ. މުޅި ރަށުތެރެ އޮންނާނީ ދޮންވެލިލައިފަ އެވެ. އިރު އޮއްސިގެން އަންނަ އިރު، ކޮންމެ ގެޔެއްގެ ދޮރުކަނިތައް ކައިރީގައި ހިމުން ދޮންވެލިން  ދުންކިބާ ޖަހާފައި ހުންނާނެއެވެ.  މިއީ ވަރަށް ލޮލަށް ރީތިކޮށް ފަންނީ ގޮތަކަށް ކޮށްފައި ހުންނަ މަސައްކަތެކެވެ. ފިނިތަންތާނގައި ދިރިއުޅޭ މީހުން ގަނޑުފެނުން ކަނޑައިނަގައިގެން، ބައެއް ކަހަލަ ސޫރަ ބައްޓަން ކޮށްފައި ހުންނަ ފަދައިންނެވެ. ދުންކިބާ ހުންނާނީ އެކި ގޮތްގޮތަށް ފޮފަ ނަގައިފަ އެވެ. އެންމެ އާދައިގެ ގޮތަކަށް މިކަން ކުރާ މީހުން ހަދާ ގޮތަކީ ކުޑަ ބާލިދީއެއްގެ ފުލުގައި ފޫނާއްޓެއް ބާއްވަނީ އެވެ. ދެން އެ ބާލިދީ ފުރެންދެން ތެތް ހިމުން ދޮންވެލި އަޅަނީ އެވެ. އެ އަށްފަހު، ވަރަށް ވަޒަން ހަމަ ގޮތެއްގައި ވިސްނައިގެން އެ ބާލިދީ ގޭ ދޮރުކަނޑި ބުޑަށް ބަނޑުން ޖަހަނީ އެވެ. ދޫކޮށްލުމެއް ނެތި ހިފެހެއްޓުމާއެކީގަ އެވެ. ދެން މަޑުމަޑުން ބާލިދީ ދަމައިވެލިގަނޑައި ވަކި ކޮށްލާއިރު، ބާލިދީގެ ބައްޓަމަށް ވެލިގަނޑު ފިސާރި ރީއްޗަށް ތައްގަނޑު އެޅިފައި ހުންނާނެ އެވެ. އޭގެ ތެރޭގައި އޮތް ފޫނާށި ވެސް ފަހުން ވެލިގަނޑުތެރޭން ނަގާނެ އެވެ. އެ ޖާގަ އަކީ ދުންދަނޑިތައް ޖަހަން (އިންދަން) އޮންނަ ޖާގަ އެވެ. އިރު އޮއްސިގެން އަންނަ އިރު މުޅި ރަށުތެރޭން ދުވާނީ މީރު ދުންވަހެވެ. މުޅި ރަށުތެރެ އޮންނާނީ ޒިޔާރަތެއްހެން ދޮންވެލިލފައި ޚުޝޫޢާއި ހައިބަތު އުފައްދާފައެވެ. އިރު އޮއްސުނީމާ ކުދިން ބޭރަކަށް ނުނިކުންނާނެ އެވެ. ނަމާދު ކުރަން މިސްކިތަށް ދިޔުން ފިޔަވަ އެވެ. ނަމާދު ނިމިގެން އެކުދިން އައިސް ޔާސީން ސޫރަތް ކިޔަވައި ޢިޝާނަމާދާ ހަމަޔަށް ޤުރުއާން ކިޔެވުމުގައި ހޭދަކުރަނީ އެވެ. މިރެޔަށްޓަކައި ކުދި ބޮޑު އެންމެން ތިބޭނީ، ސާފުތާހިރުވެ އާހެދުންލައި ނަލަހެދިގެންނެވެ.

ދެން ޅެންވެރިންގެ ދައުރު ބަލައިލަމާތޯ އެވެ؟ ޅެންކިޔާ މީހުން ކޮބައިތޯ އެވެ؟  ޒިކުރު މާލޫދު ކިޔާމީހުން ކޮބައިތޯ އެވެ؟ މި ރޭގެ އެންމެ ޑިމާންޑު ބޮޑު ބަޔަކީ އެބައި މީހުންނެވެ. އެރޭގެ މަޣުރިބު ނަމާދަށް ދާއިރު ޒިކުރު ކިޔާ މީހުން ތިބޭނީ ބައިބަޔަށް ބައިހެދި ނިމިފަ އެވެ. ބައެއްގައި ތިން މީހުން ހަތަރު މީހުން ތިބޭނެ އެވެ. މަދު ގެއެއް ފިޔަވައި އެކި ބައިތަކަށް އެކި ގެ އޭރު އޮންނާނީ ހަމަޖެހިފަ އެވެ. ކޮންމެ ގުރޫޕެއްގައި ވެރިޔަކު ހުންނާނެ އެވެ.  މަޣުރިބުނަމާދުން ފައިބައިގެން ޒިކުރު ގުރޫޕުތައް ''ބިމުގައި ފެތުރިގެންފާނެ'' އެވެ. އެކި ގުރޫޕުތައް އެކި ގޭގޭގައި އެކި ރާގުތަކަށް ޒިކުރު ޅެންތައް ކިޔާނެ އެވެ. ގިނައިން ކިޔައި އުޅެނީ خلا صة الفكر މި ފޮތުގައި ހުންނަ ޅެންތަކެވެ.يا نبى سلام عليك (އޭ ނަބީކަލޭގެފާނެވެ! ކަލޭގެފާނަށް ސަލާމް ހުއްޓެވެ!) 

   يا ر سول سلام عليك (އޭ ރަސޫލުﷲގެފާނެވެ! ކަލޭގެފާނަށް ސަލާމްހުއްޓެވެ!)

     يا حبيب سلام عليك (އޭ ލޮބުވެތިކަމުގެވެރި ސާހިބާއެވެ! ކަލޭގެފާނަށް ސަލާމްހުއްޓެވެ!)

         صلوات الله عليك (ކީރިތި ﷲ ކަލޭގެފާނަށް ޞަލަވާތް ލައްވާހުއްޓެވެ!)މި ފަދަ ޅެންތަކެވެ. ތަފާތު ރާގުތަކަށެވެ. އެކި ގޭގެއަށް ދެވޭނީ އެކި އިރަށެވެ. ބައެއް ގޭގެ އަށް ވަރަށް ދަންވާފަހުންނެވެ. ބައެއް ބޭގެއަށް މާއިރާ އެވެ. ޒިކުރު އަޑު އަހަން ގޭގެ ކުޑަކުދީން ހޭލައި ތިބޭނެ އެވެ. ޅެންތައް އަޑުދަށުން ކިޔާ ކުދިން ވެސް އުޅެ އެވެ.

ޒިކުރު ކިޔައި ނިމޭ އިރަށް ކެއުން އޮންނާނެ އެވެ. ބައެއް ގޭގޭގައި ސައިވެސް ހުރެދާނެ އެވެ. ކޮންމެޔަކަސް ސައިވިއްޔާ ސައި، ކެއުންވިއްޔާ ކެއުން، އެ ހުރި އެއްޗަކަށް ފިސާރި އިންސާފު ކޮށްލާނެއެވެ. އެއާ އެކު ހަމަ ކޮންމެ ގެޔަކުންހެން '' ހިތްހަލާލެއް'' ދޭނެ އެވެ. ހިތްހަލާލުގެ ގޮތުގައި ދެވޭ އެއްޗަކީ، ޅެންވެރިންގެ ޚިދުމަތަށް ދެވޭ  ރަމްޒީ ހަދިޔާ އެކެވެ.  ފައިސާގެ އަދަދެކެވެ. އެހެނީ މި ކަމަކީ އަގެއް ނަގައިގެން ކުރާކަމެއް ނޫނެވެ.

ކޮންމެޔަކަސް މި ގޮތުގައި މި ރެޔާއި، އަނެއް ދުވަހާއި އަނެއްރޭން ބައެއް ހޭދަވެދާނެ އެވެ. އޭރު އެއްގޭގައި ޒިކުރު ކިޔާފައި ސައިބޯން ތިއްބައި އަނެއްގޭން އައިސް ފޮތް ގެންދަން ފަށައިފާނެ އެވެ. މިކަމުން ދޭހަވަނީ ދެން ކިޔަންޖެހޭނީ ތިމަންނަމެންގޭގައި ކަމެވެ. އެހެން ގެޔަކަށް އޭގެ ކުރިން ނުދެވޭނެ ކަމެވެ.

ހިޔަރަކާތުގެ ހުރިހާކަމެއް ނިމޭނީ ދެފުރާޅު ޖައްސައި ހިޔާކޮށްފައި ހުރިނަމަ ފަންފިޔަފާޅި ގަނޑެއް ވެސް ދޫނުކޮށް ޒިކުރު ކިޔިގެންނެވެ. އޮޑި ހަރުގެތަކާއި ހޮޅުއަށިތަކާއި އޮޑި ދޯނި ފަހަރަށްދަންދެނެވެ. ބައެއް މީހުން ނަދުރު ޒިކުރު، އޮޑީ ޒިކުރު ފަދަ ނަންނަމުގައި ދެ ޒިކުރު ތިން ޒިކުރު ވެސް ކިޔުއްވައިފާނެތެވެ.  ހިތްހަލާލަށް ލިބޭފައިސާއަކީ، ހިޔަރަކާތް ނިމުމުން، ބައިގެ މެދުގައި އެންމެން އެއްވަރަށް ބެހޭ އެއްޗެކެވެ.


ދިވެހިންގެ ކުރިމަތީގައި ހިޔަރަކާތުގެ ޤަދަރު

އިސްވެ ދަންނަވާލެވުނު ''ރާމާމަކުނު ހާދިސާ'' އިން ވެސް  މި ރެޔާ މެދު އިހުމީހުންގެ އިޢުތިޤާދު އޮތް ނެތް ގޮތް ސާފުވެވަޑައިގަންނަވާ އެހެން ނޫންތޯ އެވެ؟ ކަން އެހެން އޮތުމާއެކު،  ލިޔުން ނިންމާލުމުގެ ކުރިން އަދި އިތުރު ދެ ނުކުތާ އެއް ބަޔާން ކޮށްލާނަމެވެ. ޑރ. ޢަލީޖުމުޢާގެ ފަތުވާއާއި، ކިޔުންތެރިޔަކު އެ ލިޔުމަށް ދެއްވާފައިވާ ކޮމެންޓާއި، އުސްތާޛު މުޢީދު އެ ކޮމެންޓަށް ދެއްވާފައިވާ ޖަވާބާއި، މި ކަންކަން ހަނދާން ކުރަމުންނެވެ.


1953ގައި އަލްއަމީރު މުޙަންމަދު އަމީނުގެ ޖުމްހޫރިއްޔާ ނިމި ދިޔުމާގުޅިގެން އޭރު ހުންނެވި އުއްތަމަފަނޑިޔާރު މަނިކުފާނު ޝައިޚުލްއިސްލާމު، ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނުލްއަޒްހަރީ ތޮއްޑުއަށް ފޮނުވައިލެއްވުނެވެ. އަރުވާލެއްވީއެއް ނޫނެވެ. ރައްކާތެރިކަމުގެ ގޮތުންނެވެ.


ކޮންމެޔަކަސް ހިޔަރަކާތްވިލޭރެއާ ބެހޭގޮތުން އެ މަނިކުފާނު އަތްޕުޅުން ލިޔުއްވާފައި އޮތް ލިޔުމެއް ކިޔާލުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. އެ ލިޔުމުގައި ވާގޮތުން އެރެއަކީ ވަރަށް ޚާއްޞަ ވަރަށް މާތްރެ އެކެވެ. އަޅުގަނޑުގެ އުމުރު ހަގުކަމުންކަމެއް ނޭނގެ އެވެ.  އަކުރުން އަކުރަށް ގިނަ ވާހަކަތައް ހަނދާންނެއް ނެތެވެ. ހަމަގައިމު ވެސް '' ހިޔަރަކާތްވިލޭރެޔަކީ އުޑުތަކުގެ މަލާއިކަތުންގެ ޢީދުވިލޭރެ އެވެ.'' މި ޖުމުލަ އެ ފޮތުގައި އޮންނާނެ އެވެ. ތޮއްޑޫގައި ޒަމާނުއްސުރެ  އެހާ ހައިބަވެތި ކޮށް އެރޭ ފާހަގަ ކުރަނީ އެ މަނިކުފާނުގެ މި ފަދަ އިޝާރާތްތަކަށް ކަމަށްވެދާނެ އެވެ.


މިހެން މިކަން އޮއްވައި، 1987ވަނަ އަހަރު ރާއްޖޭގެ އޭރުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ކުރެއްވި ތަޤުރީރެއްގައި ހިޔަރަކާތްވިލޭރެއާބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އެ ތަޤުރީރާ ގުޅިގެން ދިވެހިންގެ ތެރޭން ވަރަށް ގިނަ ބަޔަކު، ހިޔަރަކާތް ވިލޭރޭ، އެމީހުން ކުރިން ފާހަގަ ކުރަމުން އައިގޮތަށް ފާހަގަ ކުރުން ހުއްޓައިލި އެވެ.  އެ މަނިކުފާނުގެ ތަޤުރީރުގައި އެރެޔާ ބެހޭގޮތުން ވިދާޅުވި އެއްޗެއް ސީދާ ސާފު ޢިބާރާތުން ދަންނަވާކަށް ހަނދާނެއް ނެތެވެ. ހަމަ ގައިމުވެސް ދިވެހިން އެރޭ ފާހަގަ ކުރަމުން އައިގޮތާ މެދު އިންކާރު ކުރެއްވި އެވެ. އެކަމަށް އިޢުތިރާޒު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. މި ވާހަކަ މިހާ ބާރުލައި ދަންނަވައިލަން  ކެރެނީ އެމަނިކުފާނުގެ އެ ތަޤުރީރަށް ފަހު މާލެއަށް ދިމާވި ބޮޑު ހާދިސާއަކާ،  އެ ތަޤުރީރާ ގުޅުވައިގެން އޭރު މާލެއާ މުޅިރާއްޖޭގައި ކަހަލަ ގޮތަކަށް ވައިގައި ހިފި ވާހަކައެއްގެ ސަބަބުންނެވެ. މި ދެންނެވި ހާދިސާއަކީ، މަޝްހޫރު ބޮޑުރާޅު ހާދިސާ އެވެ. މާލެއަށް ބޮޑުރާޅު އެރުމުގެ ހާދިސާއެވެ. މި ހާދިސާ ހިނގީ 1987ވަނަ އަހަރުގެ އެޕްރީލުމަހުގެ ތެރޭގަ އެވެ. މީހުން ކިޔައި އުޅުނީ މާލެއަށް ބޮޑު ރާޅު އެރީ ހިޔަރަކާތްވިލޭރެޔަކީ އޮތް ރެޔެއް ނޫނޭ ރައީސް ވިދާޅުވީމާ، އެހެންވެގެން ކަމަށެވެ.

(ނިމުނީ)

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ