ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

09 January, 2011

ނަމާދުކުރާ މީހާ ކުރިމަތީގައި ސުތުރާ ބެހެއްޓުން


ނަމާދު ކުރާ އިރު ކުރިމަތީގައި ސުތުރާއެއްގެ ގޮތުގައި އެއްޗެއް ބެހެއްޓުމަކީ ސުންނަތް ވެގެންވާ ކަމެކެވެ


ސުތުރާއަކީ ނަމާދު ކުރަން ހުންނަ މީހާގެ ކުރިމަތިން މީހަކު ނުވަތަ އެއްޗެއް ހުރަސް ކުރިޔަ ނުދިނުމަށްޓަކައި ކުރިމަތީގައ ބެހެއްޓޭ ހުރަހެކެވެ.
ސުތުރާ ބެހެއްޓުމުގެ ޙުކުމް

ނަމާދު ކުރާއިރު ކުރިމަތީގައި ހުރަހެއްގެ ގޮތުގައި އެއްޗެއް ބެހެއްޓުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ބައެއް ޢިލްމުވެރިން ސުތުރާ ބެހެއްޓުމަކީ ވާޖިބެއް ކަމުގައި ވިދާޅުވެފައި ވެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " إِذَا صَلَّى أَحَدُكُمْ فَلْيُصَلِّ إِلَى سُتْرَةٍ َولْيَدُنْ مِنْهَا " (رواه أبوداود وابن ماجه وصححه الألباني)

މާނައީ: " ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާ ހިނދު، ސުތުރާއެއް ބަހައްޓައިގެން ނަމާދު ކުރާ ހުށިކަމެވެ. އަދި އެއާ ކައިރިވާ ހުށިކަމެވެ."އަދި ވެސް رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " إِذَا صَلَّى أَحَدُكُمْ فَلْيَسْتَتِرْ لِصَلاَتِهِ وَلَوْ بِسَهْمٍ " (رواه أحمد والحاكم وصححه)

މާނައީ: " ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާ ހިނދު އޭނާގެ ކުރިމަތީގައި ތީރަކުން ނަމަވެސް ސުތުރާއެއް ބަހައްޓާ ހުށި ކަމެވެ."މާތްﷲ ރުއްސުން ލެއްވި ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވއެވެ. رسول الله صلى الله عليه وسلم ޢީދު ނަމާދު ކުރައްވަން ނިކުމެވަޑައި ގަންނަވާ ހިނދު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ލޮންސިއެއް ބެހެއްޓުމަށް ޚާދިމަށް އަމުރު ކުރައްވައެވެ. ދެން ޚާދިމުމީހާ ލޮންސިއެއް ބަހައްޓައެވެ. رسول الله صلى الله عليه وسلم އެލޮންސިއާ ދިމާއަށް ނަމާދު ކުރައްވައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރިއެވެ. އަދި رسول الله صلى الله عليه وسلم ދަތުރުފުޅުގައި ވެސް އެގޮތަށް ކަންތައް ކުރައްވައެވެ.الإمام الشوكاني رحمه الله ވިދާޅުވަނީ ނަމާދު ކުރާ އިރު ސުތުރާއެއް ބެހެއްޓުމަކީ ވާޖިބެކެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ވިދާޅު ވަނީ ސުތުރާ ބެހެއްޓުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. ސުތުރާ ބެހެއްޓުމަކީ ސަލަފުންގެ ތެރެއިން ގިނަ ބަޔަކު އިސްކަން ދެއްވިކަމެކެވެ. عبد الله بن عمر رضي الله عنهما ވިދާޅުވެފައިވެއެވެ. " ތިޔަބައިމީހުން ނަމާދު ކުރާ ހިނދު، ސުތުރާއެއް ބަހައްޓައިގެން ނަމާދު ކުރާށެވެ. އަދި ކުރިމަތިން ޝައިޠާނާ ދިޔަ ނުދިނުމަށްޓަކައި އެއާ ކައިރިވާށެވެ."ސުތުރާގެ މިންވަރު

އިމާމުވެ ނަމާދު ކުރާ މީހާއާއި އެކަނި ހުރެ ނަމާދު ކުރާ މީހާ ސުތުރާއެއްގެ ގޮތުގައި ކޮންމެ ވެސް އެއްޗެއް ބަހައްޓަން ޖެހެއެވެ. ނަމާދު ކުރާ ހިނދު ކުރިމަތީގައި ތަނބެއް ނުވަތަ ފާރެއް އެއްޗެއް ހުރި ކަމުގައިވާ ނަމަ އެސުތުރާއަކަށް ފުދޭނެއެވެ. އެހެންކަމުން ނަމާދު ކުރާ މީހާ ކުރިމަތީގައި ގޮނޑިއެއް ކަހަލަ އެއްޗެއް ބެހެއްޓުމުން ފުދޭނެއެވެ. އަދި އިމާމުމީހާގެ ސުތުރާ އަކީ މައުމޫމުންގެ ސުތުރާއެވެ. ޖަމާޢަތުގައި ނަމާދު ކުރާ އިރު ސުތުރާއެއް ބެހެއްޓުމަކީ އިމާމުމީހާގެ މައްޗަށް އޮތް ކަމެކެވެ. طلحة بن عبيد الله رضي الله عنهގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރަމެން ނަމާދު ކުރާ އިރު ޖަނަވާރުތައް އަހަރަމެންގެ ކުރިމަތިން ހުރަސް ކުރެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " ތިޔަބައިމީހުން ކުރެ މީހަކު ނަމާދު ކުރާ އިރު ޖަމަލު މަތީގައި ބަހައްޓާފަ ހުންނަ ގޮނޑީގެ ލެގިލަން ހުންނަ ބައިގެ މިންވަރުގެ އެއްޗެއް ބެހެއްޓުމުން އޭނާގެ ކުރިމަތިން އެއްޗެއް ހުރަސް ކުރުމަކުން އޭނާގެ ނަމާދަކަށް އެއްވެސް އުނި ކަމެއް ނާންނާނެއެވެ." ( ރަވާހު މުސްލިމް ވައަބޫދާއޫދު).ނަމާދު ކުރާ މީހާއާ ސުތުރާއާ ދެމެދު ހުންނަށް ޖެހޭ ދުރުމިން

ނަމާދު ކުރާ މީހާއާ ސުތުރާއާ ދެމެދުގައި ހުންނަށް ޖެހޭ ދުރުމިނަކީ ސަޖިދަ ޖަހާ މިންވަރެވެ. ބިލާލުގެފާނުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " رسول الله صلى الله عليه وسلم ފާރަކާ ދިމާއަށް ހުންނަވައިގެން ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނާއި އެފާރާ ދެމެދު ހުންނާނީ ގާތްގަނޑަކަށް ތިން މުށެވެ." (ރަވާހުއްނަސާއީ ވައަޙްމަދު). އަދި ސަހުލު ބުން ސަޢުދުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ނަމާދު ކުރައްވާއިރު އެކަލޭގެފާނާއި ސުތުރާއާ ދެމެދު ބަކަރިއަކަށް ދެވޭ މިންވަރުގެ ދުރުމިނެއް ބަހައްޓަވައެވެ. (ރަވާހުލް ބުޚާރީ ވަމުސްލިމް).އަދި އިމާމުމީހާގެ ސުތުރާ އަކީ މައުމޫމުންނަށް ސުތުރާއަކަށް ފުދެއެވެ. ޢަބްދުﷲ ބުން ޢައްބާސުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ތިމަންކަލޭގެފާނު ހިމާރަކަށް ސަވާރުވެގެން މިނާއަށް ވަޑައިގަތީމެވެ. އަދި އޭރު ތިމަންކަލޭގެފާނު ވަނީ ބާލިޣުވާން ކައިރިވެފައެވެ. އަދި އެވަގުތު رسول الله صلى الله عليه وسلم ހުންނެވީ މީސްތަކުންނާއިގެން ނަމާދު ކުރައްވާށެވެ. ތިމަންކަލޭގެފާނު ހިމާރު މަތީގައި ސަފުތަކުގެ މެދުން ހުރަސް ކުރެއްވީމެވެ. ދެން ހިމާރުން ފައިބައިވަޑައިގެން ސަފަށް ވެއްނެވީމެވެ. އަދި އެއްވެސް މީހަކު ތިމަންކަލޭގެފާނުގެ އެޢަމަލަށް އިންކާރެއް ނުކުރައްވައެވެ." (ރަވާހުލް ބުޚާރީ ވަމުސްލިމް). މީގެން ދޭހަ ވަނީ ދެސަފު ދެމެދުން މީހަކު ދިޔަ ކަމުގައި ވިޔަސް، ނަމާދު ކުރާ މީހާގެ ކުރިި ކެނޑި ކަމަކަށް ނުވާނެއެވެ.އާދެ! ސުތުރާ ޝަރުޢު ކުރައްވާފައި ވަނީ އިމާމުމީހާ އަށާއި އެކަނިހުރެ ނަމާދު ކުރާ މީހާ އަށެވެ. އެހެންކަމުން އިމާމުމީހާގެ ސުތުރާ އަކީ މައުމޫމުންގެ ސުތުރާއެވެ. ޖަމާޢަތުގައި ނަމާދު ކުރާ އިރު ސުތުރާއެއް ބެހެއްޓުމަކީ އިމާމުމީހާގެ މައްޗަށް އޮތް ކަމެކެވެ. ނަމަވެސް އެކަނި ހުރެ ނަމާދު ކުރާ ހިނދު، ކޮންމެ މީހަކު ވެސް ސުތުރާއެއް ބަހައްޓަން ޖެހެއެވެ.ނަމާދު ކުރަން ހުންނަ މީހާގެ ކުރި ކެނޑުމުގެ ނުބައިކަން

ނަމާދު ކުރަން ހުންނަ މީހާއާ ސުތުރާއާ ދެމެދުން ހުރަސް ކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޡްތަކުގައި ވަރަށް ބޮޑަން މަނާ ކުރައްވާފައިވާ ކަމެކެވެ. ނަމާދަށް ހުންނަ މީހާގެ ކުރިކަނޑާ މީހާއަށް ހުރި ވަޢީދުގެ ވާހަކަތައް ވަރަށް ގިނަ ޙަދީޡްތަކުގައި ބަޔާން ކުރައްވާފައި ވެއެވެ. أبي جهيم بن الحارث رضي الله عنهގެ އަރިހުން ރިވާ ވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " لَوْ يَعَلَمُ الْمَارُّ بَيْنَ يَدَيِ الْمُصَلِّي مَاذَا عَلَيْهِ مِنَ الْإِثْمِ لَكَانَ أَنْ يَقِفَ أَرْبَعِيْنَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ " (رواه البخاري ومسلم واللفظ للبخاري) މާނައީ: " ނަމާދު ކުރަން ހުރި މީހާގެ ކުރިކަނޑާ މީހާއަށް، އެކަމުގެ ސަބަބުން އޭނާއަށް ހުރި ފާފަ އެނގޭ ކަމުގައިވާ ނަމަ ސާޅީސް ވަންދެން ކޮޅަށް ހުރުން އޭނާއަށް ހެޔޮ ވެގެން ވެއެވެ."ބައެއް ރިވާޔަތްތަކުގައި ޙަދީޡުގެ ރާވީ ވިދާޅުވި ކަމަށް އައިސްފައިވެއެވެ. " لاَ أَدْرِيْ أَقَالَ: أَرْبَعِيْنَ سَنَةً، أَمْ شَهْرًا، أَمْ جُمْعَةً "

މާނައީ: " رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވީ ސާޅީސް އަހަރުކަމެއް، ނުވަތަ ސާޅީސް މަސް ކަމެއް ނުވަތަ ސާޅީސް ހުކުރު ކަމެއް ތިމަންނައަކަށް ނޭގުނެވެ."

ނަމަވެސް البزار ރިވާ ކުރައްވާފައިވެއެވެ. " أَرْبَعِيْنَ خَرِيْفًا " ސާޅީސް އަހަރެވެ. އެހެންކަމުން ނަމާދު ކުރާ މީހާގެ ކުރިކެނޑުމަކީ ނުވަތަ ކުރިމަތިން ހުރަސް ކުރުމަކީ ސާޅީސް އަހަރު ވަންދެން ކޮޅަށް ހުރުމަށް ވުރެ ވެސް ނުބައި ކަމެކެވެ.ނަމާދުކުރަން ހުންނަ މީހާއާއި ސުތުރާއާ ދެމެދުން މީހާކު ހުރަސް ކުރާ ނަމަ، އެކަން މަނާކޮށް ހުއްޓުވުމަކީ ޝަރުޢުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. أبو سعيد الخدري رضي الله عنهގެ އަރިހުން ރިވާ ވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " إِذَ صَلَّى أَحَدُكُمْ إِلَى شَيْئٍ يَسْتُرُهُ مِنَ النَّاسِ فَأَرَادَ أَحَدٌ أَنْ يَجْتَازَ بَيْنَ يَدَيْهِ فَلْيَدْفَعْهُ فَإِنْ أَبَى فَلْيُقَاتِلْهُ فَإِنَّمَا هُوَ شَيْطَانٌ " (رواه البخاري ومسلم)

މާނައީ:" ތިޔަބައިމީހުން ކުރެ މީހަކު، ސުތުރާއެއް ބަހައްޓައިގެން ނަމާދު ކުރަން ހުއްޓައި ކުރިމަތިން މީހަކު ހުރަސް ކުރަން އުޅެފިނަމަ އޭނާ ހުއްޓުވާށެވެ. ފަހެ، އޭނާ އެކަމަށް އިންކާރުކޮށް ހުރަސް ކުރަން އުޅެފިނަމަ އޭނާއާ ހަނގުރާމަ ކުރާށެވެ. (އެބަހީ: ގަދަކަމުން ވެސް އޭނާ ހުއްޓުވާށެވެ.) ފަހެ، ހަމަކަށަވަރުން އެއީ ޝައިޠާން އެކެވެ."


ނަމާދުކުރާ މީހާ ކުރިމަތީގައި ސުތުރާ ބެހެއްޓުނ


ނަމާދު ކުރަން ހުއްޓައި މީހަކު ކުރިކަނޑަން ނުވަތަ ކުރިމަތިން ހުރަސް ކުރަން އުޅެފިނަމަ، އެމީހަކު އެކަމުން އަތުގެ އިޝާރާތުން މަނާ ކުރަން ޖެހެއެވެ. އަދި އެކަމުން ހުއްޓުވަން ޖެހޭނެއެވެ. އަދި އެމީހަކު އެވަރުން ވެސް ހުރަސް ކުރަން އުޅެފިނަމަ ގަދަކަމުން ވެސް ހުއްޓުވަން ޖެހެއެވެ. އޭގެ ސަބަބުން ނަމާދު ކުރަން ހުންނަ މީހާގެ ނަމާދަކަށް އެއްވެސް އުނިކަމެއް ނުލިބޭނެއެވެ.


އާދެ! މިސްކިތަށް ނަމާދަށް އަރައި ކޮންމެ މީހަކު ވެސް މިފަދަ ކަންތައްތަކާ މެދު ވިސްނާލަން ޖެހޭނެއެވެ. ޖަމާޢަތް ނިމޭފަހުން މިސްކިތަށް އަރާ މީހުން ވެސް ނަމާދު ކުރަން ވާނީ މިކަންތައްތަކަށް ވިސްނަވައިގެންނެވެ. އެއްވެސް މީހަކަށް އުނދަގޫ ނުވާނެ ގޮތަކަށެވެ. އިސްލާމުދީނުގައި އެއްވެސް ކަމެއްގައި އުނދަގޫ ލިބުމެއް ވެސް އަދި އުނދަގޫ ދިނުމެއް ވެސް ނުވެއެވެ.

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ