Skip to main content

ޝަރްޢީ ކޯޓުގައި ކައިވެންޏާއި ވަރި ރަޖިސްޓްރީ ކުރުމުގެ މުހިއްމުކަން



ކައިވެންޏަކީ،ވަރަށް މާތް އަދި އެހައިމެ މަތިވެރި މަޤުޞަދެއްގައި ކުރެވޭ ޢަޤުދެކެވެ. ކައިވެނި ކުރިކަން އެހެންމީހުންނަށް އެންގުމުގެ ގޮތުން ކައިވެނީގެ ވަލީމާ ބޭއްވުމަކީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.
ކައިވެނި ޞައްޙަވާނީ ކައިވެނީގެ ރުކުންތަކާއި ޝަރުޠުތައް ފުރިހަމަ ވެގެންނެވެ. ކައިވެނީގެ ރުކުންތަކަކީ، ކައިވެނީގެ ޢަޤުދާއި ވަލީވެރިޔާގެ ވަލީއާއި، ޢަދުލުވެރި ދެހެކިންގެ ހެކިބަހާއި، ކައިވެނީގެ ރަނެވެ. މިނޫނަސް ކައިވެނި ކުރުމުގައި ބަލަން ޖެހޭ ކަންތައްތަކެއް ވެއެވެ.
މިހާރަކަށް އައިސް ކޯޓުގައި ރަޖިސްކުރުމަކާ ނުލައި، ބައެއްމީހުން ގޭގޭގައި އަމިއްލައަށް ކައިވެނި ކުރަމުން އެބަދެއެވެ. ކައިވެނީގެ ޢަޤުދާއި ވަލީވެރިޔާގެ ވަލީއާއި ދެހެކިންނާއި ތިބެފައި، ރަންކިޔައިގެން ކައިވެނި ކުރުމުން، ޞައްޙަވާނޭ ކަމަށް، ބައެއް ފަރާތްތަކުން ފަތުވާ ދެމުން އެބަދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  ގެ ދުވަސްވަރުގައިވެސް ކޯޓުގައި ކައިވެނި ރަޖިސްކުރުމެއް ނޯވެއޭ ކިޔައިގެންނެވެ.
މިއީ ޙަޤީޤަތުގައި ވަރަށްބޮޑު އޮޅުވާލުވާލުމެކެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް  ގެ ދުވަސްވަރު ނެތް ކިތަންމެކަމެއް ދައުލަތް ހިންގުމަށާއި މީސްތަކުންގެ މަޞްލަޙަތަށްޓަކައި ތަރުތީބުކުރެވިފައި އެބަވެއެވެ. މިހުރިހާކަމަކީވެސް، އެކަންކަމުގެ ބިންގާ ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް  އަޅުއްވާ ދެއްވާފައިވާ ކަންކަމެވެ. ޤުރްއާނާއި ސުންނަތުން އެކަމެއްގެ ދަލީލު ފެންނަންނެތަސް އެއީ މަޞްލަޙަތު ހިރި ކަމެއްކަމުގައިވާނަމި އެއީ ކުރަންޖެހޭ ކަމެކެވެ. މިފަދަ ކަންކަމުގައި ޢަމަލުކުރަންވީގޮތް އެކަލޭގެފާނުވަނީ އަންގަވައި ދެއްވާފައެވެ. މިގޮތުން އިޖްތިހާދުކުރުމާއި، ދަންނަބޭކަލުންގެ އިޖްމާޢާއި، ޤިޔާސްކުރުމާއި، މަޞްލަޙަތަށް ރިޢާޔަތްކުރުމާއި، ނުބައިކަންކަމަށް މަގުފަހިވާ ކަންކަން ހުއްޓުވުމާއި މިއީ ހައްތާވެސް ޝަރްޢީ ހަމަތަކުން ބަލާއިރު އެކަންކަމުގެ ދަލީލު، ކީރިތި ޤުރްއާނުންނާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ގެ ސުންނަތުން ސާބިތުވާ ކަންކަމެވެ.
މިގޮތުން ބަލާއިރު، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ޤާޟީއެއްގެ ގޮތުގައި، މުޢާޒު ބުނު ޖަބަލު، ޔަމަނަށް ފޮނުއްވަމުން އެކަލޭގެފާނަށް އަންގަވާފައިވާ ގޮތުގައި، އެއްވެސް މައްސަލައެއްގެ ޙުކުމް، ޤްރުއާނުންވެސް އަދި ސުންނަތުންވެސް ނުފެނިއްޖެނަމަ، ދެން އޮންނާނީ އިޖްތިހާދުކޮށް، މިދެމަޞްދަރުގެ އަލީގައި ޤިޔާސްކުރުންކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެބޭކަލުން ދައްކަވާ މަގުން ހިނގުމަށް، އަޅުގަނޑުމެންނަށް އަމުރުކުރެވިގެންވާ މާތް ހަތަރު ޚަލީފާއިން، އިޖްތިހާދު ކުރެއްވި ކަމާއި، މީސްތަކުންގެ މަޞްލަޙަތަށްޓަކައި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ގެ ޙަޔާތްޕުޅުގައި ދިމާވެފައިނުވާ ކަންކަމުގައި، ޢަމަލުކުރަންވީ ގޮތުގެ ބިންގާ އެބޭކަލުން ވަނީ އަޅުއްވާ ދެއްވާފައެވެ.  
ވީމާ، ކައިވެންޏާއި ވަރި ރަޖިސްޓަރީކޮށް ބަލަހައްޓާނޭ، ޝަރްޢީ ކޯޓްތައް އެޤައުމެއްގައި ވަނިކޮށް،  އެތަންތާނގައި ރަޖިސްޓްރީ ކުރުމަކާ ނުލައި، އަމިއްލަ އަމިއްލައަށް ކައިވެނިކުރުމީ އެއްގޮތަކަށްވެސް ހުއްދަވާނޭ ކަމެއްނޫނެވެ. އެއީ، މިފަދަގޮތްތަކަށް ޢަމަލުކުރުމުން، އެތައް ބަޔެއްގެ މަޞްލަޙަތު ގެއްލޭތީއެވެ. މިގޮތުންބަލާއިރު ކައިވެނިކުރެވުނު ޢަދަދާއި، ޢިއްދައާއި ތިންފަށްވުމާއި ބަލިވެއިނުމާއި، ދަރިންގެ ޚަރަދާއި މަޙްރަމުން ކަނޑައެޅުމާއި، ވާރުތައެރުމާއި ވާރުތަމުދާ ބެހުމާއި، މިފަދަ ކިތަންމެކަމެއް ކައިވެންޏާއިވަރީގެ މައްޗަށް ބިނާވެފައިވެއެވެ. މިއިން ކޮންމެކަމަކީވެސް ކަނޑައެޅިގެން ޝަރްޢީ ކޯޓެއްގައި ސާބިތުކުރެވިގެން މެނުވީ، މިއިންކަމެއްގެ މައްޗަށް ބިނާވާ ޝަރްޢީ ޙުކުމެއް ނުނިންމޭނޭ ކަންކަމެވެ.
ހަމައެހެންމެ، ކައިވެންޏަކާ ނުލައި ޖާރިޔާއިންނޭ ކިޔައިގެން، އަންހެންކުދިން ގެންގުޅުމީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެހެނީ، އިސްލާމް ދީނުގައި އަޅުވެތިކުރެވޭ ހަމައެކަނި ގޮތަކަށް އޮންނަނީ، މުސްލިމުންނާއި ޣައިރު މުސްލިމުންނާ ކުރެވޭ ހަނގުރާމައެއްގައި، ކާފިރުންގެތެރެއިން ބަޔަކު ހައްޔަރު ކުރެވިއްޖެނަމަ، ހަނގުރާމައިގެ ލީޑަރަށް ނުވަތަ ޙާކިމުމީހާއަށް އެބައިމީހުން އަޅުވެތި ކުރަންފެނިއްޖެ ހިނދެއްގައި، އަޅުންގެ ގޮތުގައި ކަނޑައެޅުމުންނެވެ. މިނޫންގޮތަކަށް އިސްލާމް ދީނުގައި އިންސާނަކު އަޅުވެތިއެއް ނުކުރެވޭނެއެވެ. މިގޮތަށް މިކަން އޮންނައިރުވެސް އަޅުވެތި ކުރުމަކީ އެއްވެސް ޙާލެއްގައި އިސްލާމް ދީން ހިތްވަރުދޭކަމެއްނޫނެވެ. އޭގެ ބަދަލުގައި އިސްލާމް ދީނުގައި ހިތްވަރުދެނީ، އަޅުވެތި ކުރެވޭ މީހުންވެސް މިނިވަންކުރުމަށެވެ. މިގޮތުން، ބޮޑެތި ހުރިހާ ކުށެއްގެ ކައްފާރާއެއްގެ ގޮތުގައި އެންމެ ފުރަތަމަ ކުރަން އަންގަވާފައިވާ ކަމަކީ އަޅަކު މިނިވަންކުރުމެވެ. ކައްފާރާއަކަށް ނޫނަސް އަޅަކު މިނިވަންކުރުމީ ނުހަނު ގިނަގުނަ ޘަވާބު ލިބެނިވި ކަމެއްކަމުގައި މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  އަންގަވާފައިވެއެވެ. މީގެ އިތުރުން، އިންސާނުން އަޅުވެތިކޮށްގެން ނުގެންގުޅުމަށް ޤައުމުތަކުން އެއްބަސްވެފައިވާތީވެ، ހަނގުރާމައިގެ ތެރޭގައި ހިފާހައްޔަރު ކުރެވޭ އަސީރުންވެސް، މިޒަމާނުގައި އަޅުވެތިކޮށެއް ނުއުޅެއެވެ. އެހެންކަމުން، ޝަރްޢީ ހަމަތަކުން ބަލާއިރު، މިޒަމާނުގައި އެއްވެސް ޤައުމެއްގައި، އެއްވެސް އަޅެއް އަދި ޖާރިޔާއެއްވެސް ނުހުންނާނެއެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟