ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

23 January, 2011

މުޢުޖިޒާތް


މުޢުޖިޒާތް
މުޢުޖިޒާތް ޢާންމުކޮށް ދެއްވަނީ އެބޭކަލެއްގެ ޤައުމެއް އެކަމަކުން މަޝްހޫރުވެފައިވާ ކަމަކުންނެވެ. މިކަމުގެ ބޭނުމަކީ މީސްތަކުންނަށް މާތްﷲގެ ކުޅަދުންވަންތަކަމާއި ގަދަފަދަވަންތަކަން ދެއްކެވުމެވެ. މިފަދަ މުޢުޖިޒާތްތަކުގެ ތެރޭގައި ޞާލިޙްގެފާނުގެ ޖަމަލާއި މޫސާގެފާނުގެ ޢަޞާކޮޅާއި ކަނޑު އެކަލޭގެފާނަށް ބައިކޮށްދެއްވުމާއި ޢީސާގެފާނު މާތްﷲގެ އިޒުނަފުޅާއެކު މަރުވެފައިވާމީހުން އަލުން ދިރުއްވުމާއި މާތްﷲގެ އިޒުނަފުޅާއެކު ބަލިމީހުން ފަސޭހަކޮށްދެއްވުން ހިމެނެއެވެ.ކަމެއް މުޢުޖިޒާތަކަށްވުމުގެ ޝަރުޠުތަކަކީ:

1. މީހުންނަށް އާދަވެފައިވާ ޤުދުރަތުގެ ޤާނޫނާއި ޚިލާފުވާންވާނެއެވެ. އަދި ޤުދުރަތީ ސަބަބުތަކާއި ޝަރަޙަތަކަށް ގޮންޖަހާލެވެންވާނެއެވެ.


2.  އެކަން ކުރިމަތިވާންވާނީ ކާފިރުންނަށްހުރި ގޮންޖެހުމެއްގެ ގޮތުގައެވެ. އެކަން ވާންޖެހޭނީ، ﷲ ފިޔަވާ އެހެންފަރާތަކުން އައިނަމަ، އެމީހުންނަށް ނުކުރެވޭފަދަ ކަމަކަށެވެ.3.  އެފަދަ އެހެންއެއްޗެއް ނުވަތަ ކަމެއް އުފެއްދިގެން ނުވަތަ ކުރެވިގެން ނުވާނެއެވެ. އެފަދަ އެހެން އެއްޗެއް މީހަކަށް ހެދިއްޖެނަމަ ނުވަތަ ކުރެވިއްޖެނަމަ އެއެއްވެސް ޙާލެއްގައި މުޢުޖިޒާތަކަށް ނުވާނެއެވެ.4.  އެމުޢުޖިޒާތަކީ އެގެންނެވި ރަސޫލެއް ދޮގުކުރާ އެއްޗަކަށް ވެގެންނުވާނެއެވެ. މިސާލަކަށް ރަސޫލުކަމަށް ދަޢުވާކުރާ މީހަކު މުޢުޖިޒާތެއްގެ ގޮތުގައި އޭނާގެ ރަސޫލުކަމަށް ހެކިވާނެ ވާހަކަދައްކާ ޖަނަވާރެއް ހުށަހަޅައި އަދި އެޖަނަވާރު އޭނާއަކީ ދޮގުވެރިއެއްކަމަށް ބުނެފިނަމަ އެކަން މުޢުޖިޒާތަކަށް ނުވާނެއެވެ.މުޢުޖިޒާތުގެ ދެވައްތަރެއްވެއެވެ. އެއީ މާއްދީ އަދި ފިކުރީ މުޢުޖިޒާތެވެ.ކުރީގެ ގިނަ ނަބީބޭކަލުންގެ މުޢުޖިޒާތްތަކަކީ މާއްދީ މުޢުޖިޒާތްތަކެކެވެ. ނަމަވެސް މުޙައްމަދުގެފާނުގެ އެންމެ ބޮޑު މުޢުޖިޒާތަކީ ފިކުރީ މުޢުޖިޒާތެކެވެ. މިއިޝާރާތްކުރާ މުޢުޖިޒާތަކީ ކީރިތި ޤުރުއާނެވެ. މިކަމުގެ ސަބަބެއްކަމުގައި، މިއީ އެންމެ ފަހުގެ ރިސާލަތަށްވާ މުޢުޖިޒާތްކަމަށްވުމާއެކު، އަންނަންހުރި ޖީލުތަކުގެ ވިސްނާ ފިކުރުކުރާމީހުންނަށް ފެންނާނޭ ފަދައިން ޤިޔާމަތާ ހަމަޔަށް އޮންނަންއޮތުން ވެދާނެއެވެ. އެހެން ނަބީބޭކަލުންގެ މުޢުޖިޒާތްވަނީ ތާރީޚުގެ ތެރެއަށް ގެއްލިފައެވެ. އެކަން ފެނިފައިވަނީ އެބޭކަލުންގެ ޒަމާނުގައި ދިރިއުޅުނު މީހުންނަށް އެކަންޏެވެ. ނަމަވެސް މިއާޚިލާފަށް ކީރިތި ޤުރުއާން ޤިޔާމަތާ ހަމަޔަށް ދެމިގެންދާނެއެވެ. މިސަބަބަށްޓަކައި މާތް ރަސޫލާ ޙަދީޘްކުރެއްވިއެވެ. "މީހުން އެބޭކަލަކު ތެދުކުރާނޭ ފަދަ ޢަލާމާތަކާނުލާ އެއްވެސް ނަބީބޭކަލަކު ނުވެއެވެ. ތިމަންކަލޭގެފާނަށް ދެއްވާފައި މިވަނީ ހަމައެކަނި މާތްﷲގެ ވަޙީބަސްފުޅެކެވެ. އެހެންކަމުން ޤިޔާމަތްދުވަހުން (އެބޭކަލަކަށް) އެންމެ ގިނަމީހުން ތަބާވާ ބޭކަލަކަށްވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމުއެވެ." 
ޤުރުއާނީ މުޢުޖިޒާތުގެ ވައްތަރުތައްޤުރުއާނަކީ ހުރިހާ ގޮތަކުންވެސް މުޢުޖިޒާތެކެވެ. ކިތަންމެ ޒަމާނެއް ވޭތެވުދިޔަނަމަވެސް އެކަން އެގޮތަށް އޮންނާނެއެވެ. އަދި އޭގައިވާ ލަފްޡުތަކާއި މާނަތަކާއި ބަޔާންތަކާއި ނަޞޭޙަތްތަކުގައި އޭގެ މުޢުޖިޒާތްވެއެވެ. އޭގައިވާ ޢިލްމުގައި އޭގެ މުޢުޖިޒާތްވެއެވެ. ޤުރުއާނުގައިވާ ތަފްޞީލާއި ދިމާވުމުގެ ބޮޑުކަމުން ކޮންމެ ޢިލްމަކާއި ފަންނެއްގެ މާހިރުންވެސް ހައިރާންކުރުވައެވެ. މިއީ ޤުރުއާނަކީ މާތްﷲ ބާވައިލެއްވި އެއްޗެއްކަމުގެ އެންމެ ވަރުގަދަ ހެކިތަކުގެ ތެރެއިން ހެއްކެކެވެ.1.  ޤުރުއާނުގެ އަދަބީ މުޢުޖިޒާތް

ޤުރުއާނަކީ ފަޞާޙަތްތެރިކަމާއި އަދަބީ ކުލަވަރުގެ މުޢުޖިޒާތެކެވެ. އަދި އެޤުރުއާންވަނީ ޢަރަބީންނަށް އެމީހުންގެ ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމާއެކު އެފަދަ، ކިތަންމެ ކުޑަނަމަވެސް، ސޫރަތެއް ގެނެސްގަތުމަށް ގޮންޖަހާފައެވެ. އަދި ޤުރުއާންވަނީ އެމީހުންނަށް މިކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެ މަދަދުވެ އުޅުމަށް ގޮންޖައްސަވާފައެވެ. މިކަން ކުރުމަށް އެތައް ސަބަބުތަކެއް މެދުވެރިވަމުން ދިޔައިރުވެސް އެމީހުންގެ ތެރެއިން ހަމަ އެކަކުވެސް އެފަދަ އެއްޗެއް ގެނެސްފައެއް ނުވަތަ ގެނެއުމަށް މަސައްކަތް ކޮށްފައެއްވެސްނުވެއެވެ. އެކަން ކުރުމަށް ހުރި ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނާމެދުކުރާ ނަފްރަތާއި ހުންނަ ޢަދާވަތްތެރިކަމާއި މުޙައްމަދުގެފާނަށް އިހާނެތިކޮށް ހިތުމަށްހުރި ޝައުޤާއި ބަހާއިމެދު ހުންނަ ކިބުރުވެރިވާދަ ފަދަ ކަންކަން ހިމެނޭއިރުވެސް އެކަން ކުރުމަށް ހުރި އެމީހުންގެ ނުކުޅެދުންތެރިކަން ދިޔައީ ފާޅުވެގެންނެވެ. އެމީހުންގެ ދޫތައްވީ ހަމަހިމޭނުންނެވެ. ހިތްތައްވަނީ މަންމަނުވެގެންނެވެ. އެމީހުންވަނީ މިޤުރުއާނަކީ އިންސާނެއްގެ ޚިޠާބެއް ނުވަތަ ޅެމެއް ނުވަތަ ނަޘްރެއްނޫންކަމަށް އެއްބަސްވެފައެވެ. އަދި އެއީ އެމީހުންގެ ސާޙިރުންނާއި ކާހިނުންގެ ބަސްތަކެއްނޫން ކަމަށްވެސްވަނީ އިޢުތިރާފުވެފައެވެ. އެއީ ހަމަޔަޤީނުވެސް ބިމުގެ ކަމެއްނޫނެވެ.މިގޮންޖެހުމުގެ ޙާލަތުމުޙައްމަދުގެފާނު ރިސާލަތާއިގެން ފޮނުއްވުމުގެ ކުރީންވެސް ޢަރަބީންވަނީ އެންމެ މަތީ ފަންތީގެ ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމާއި މޮށެއުޅުމުގެ ހުނަރު ހޯދާފައެވެ. ބަސްވެފައިވަނީ އެމީހުންނަށް މުޤައްދަސް އެއްޗަކަށެވެ. އަދި ބަހަށްވަނީ އެމީހުންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ދެވިފައެވެ. އެމީހުންގެ ހިތްތަކުގައި ބަހަށް ހުންނަ ލޯބީގެ ބޮޑުކަމީ އެންމެ މޮޅު ހަތްޅެން ހޮވައި، އެމީހުންގެ ގާތުގައި އެންމެ މުޤައްދަސްތަން ކަމުގައިވާ، ކަޢުބާގެ ދޮރުކޮޅުގައި އެތަކެތި އެލުވައެވެ.

ޢަރަބި މުޖުތަމަޢުގައި ޅެން ވެފައިވަނީ ވަރަށް ބާރުގަދަ އެއްޗަކަށެވެ. އެގޮތުން ޅެންވެރިޔަކު ޤަބީލާއަކަށް ހަޖޫހިމެނޭނެހެން ޅެމެއްކިޔައިފިނަމަ އެޤަބީލާއެއްގެ ޤަދަރު ނެތިގެން ހިނގައިދެއެވެ. އަދި ހަމައެފަދައިން ޅެންވެރިޔަކު ޤަބީލާއަކަށް ތަޢުރީފުކޮށް ޅެމެއްކިޔައިފިނަމަ އެޤަބީލާއެއްގެ ޤަދަރު މަތިވެގެންދެއެވެ.މުޙައްމަދުގެފާނުގެ މުޢުޖިޒާތް މަތިވެރިކުރައްވާ ގަދަކުރެއްވުމަށްޓަކައި މާތްﷲ އެކަލޭގެފާނަށް ދެއްވާފައިވަނީ ކިޔަވާ ވިދާޅުވާނޭ އިޢުޖާޒީ ފޮތެކެވެ. އެފޮތާއިގެން ވަޑައިގެންނެވީ އަމިއްލަ އަތްޕުޅުން އެއްޗެއް ލިޔުއްވާފައިނުވާ އަދި އެހެންމީހެއްގެ ގާތުން ޢިލްމެއް ނުވަތަ ފަންނެއް ދަސްކުރައްވާފައިނުވާ ލިޔަންކިޔަންދެނެވަޑައިނުގަންނަވާ ބޭކަލެކެވެ.

ޤުރުއާނީ މުޢުޖިޒާތުގެ ފާހަގަކޮށްލެވޭ ޚާއްޞިއްޔަތުތައް1.  އެމުޢުޖިޒާތަކީ ރިސާލަތުގެ ޠަބީޢަތާ އެކަށީގެންވާފަދަ މުޢުޖިޒާތެކެވެ. އެހެނީ އެރިސާލަތަކީ އިލާހީ ރިސާލާތްތަކުގެ އެންމެ ފަހު ރިސާލަތެވެ. އެއީ ޤިޔާމަތާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކާއި ޒަމާނެއްގައި އުޅޭ އެންމެންނަށްވާ ރިސާލަތެކެވެ. މިރިސާލަތަށް ޚާއްޞަވެގެންވާ މުޢުޖިޒާތަކީ ދާއިމަށް ދެމިގެންވާ އެއްޗަކަށްވުން މިރިސާލަތާ އެކަށީގެންވެއެވެ. ކުރީގެ ރަސޫލުން ފޮނުއްވިގެންވަނީ ވަކި ޒަމާނެއްގެ ވަކި ބަޔަކަށެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. "(އެހެން) ނަބިއްޔުން ފޮނުއްވުނީ އެބޭކަލުންގެ ޤައުމުގެ މީހުންނަށް ޚާއްޞަވެގެންނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ މުޅި އިންސާނިއްޔަތަށެވެ."2.  ޝަރްޢީ ޤާނޫނާއި މުޢުޖިޒާތަކީ އެކައްޗެކެވެ. ޤުރުއާނަކީ މުޢުޖިޒާތެވެ. އަދި އޭގައި ޝަރުޢީ ޙުކުމުތައްވެސްވެއެވެ.

މިއީ އެހެން ނަބީބޭކަލުންނާމެދު ކަންހިނގައިދިޔަ ގޮތެއްނޫނެވެ. އެންމެ ފަހުގެ އިލާހީ ޝަރްޢީ ޤާނޫނު ހިމެނޭ މުޙައްމަދުގެފާނުގެ ރިސާލަތަކީ މުޢުޖިޒާތެކެވެ. އަދި މުޢުޖިޒާތަކީ ޝަރުޢީ ޤާނޫނެވެ.3.  ޤުރުއާން ކުރީގެ ނަބީބޭކަލުންގެ ތެދުވެރިކަމަށް ހެކިވެއެވެ. މުޙައްމަދުގެފާނުގެ މުޢުޖިޒާތްކަމުގައިވާ ކީރިތި ޤުރުއާން ކުރިން ނަބީބޭކަލުންވާކަމާއި އެބޭކަލުން ގެނެސްދެއްވި ރިސާލަތުގެ ތެދުވެރިކަމާއި އެބޭކަލުން މީސްތަކުންނަށް ގޮވާލެއްވި ކަންކަމުގެ ޞައްޙަކަމަށް ހެކިވެއެވެ.ޤުރުއާނުގައިވާ ގޮންޖެހުމުގެ އާޔަތްތައްއިސްރާ ސޫރަތުގެ 88 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ. قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މިޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.ހޫދު ސޫރަތުގެ 13-14 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ. أَمْ يَقُولُونَ افْتَرَاهُ قُلْ فَأْتُواْ بِعَشْرِ سُوَرٍ مِّثْلِهِ مُفْتَرَيَاتٍ وَادْعُواْ مَنِ اسْتَطَعْتُم مِّن دُونِ اللّهِ إِن كُنتُمْ صَادِقِينَ - فَإِن لَّمْ يَسْتَجِيبُواْ لَكُمْ فَاعْلَمُواْ أَنَّمَا أُنزِلِ بِعِلْمِ اللّهِ وَأَن لاَّ إِلَهَ إِلاَّ هُوَ فَهَلْ أَنتُم مُّسْلِمُونَ

މާނައީ: ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އާޔަތްތަކެއް ކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ ސޫރަތް ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ! ފަހެ، އެއުރެން ތިޔަބައިމީހުންނަށް އިޖާބަ ނުދީފިނަމަ، ފަހެ، ތިޔަބައިމީހުން ދަންނާށެވެ! އެއާޔަތްތައް ބާވައިލައްވާފައިވަނީ، ﷲގެ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި އެކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން މުސްލިމުން ކަމުގައި ވާނޫހެއްޔެވެ؟ބަޤަރާ ސޫރަތުގެ 23-24 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ. وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءكُم مِّن دُونِ اللّهِ إِنْ كُنْتُمْ صَادِقِينَ . فَإِن لَّمْ تَفْعَلُواْ وَلَن تَفْعَلُواْ فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ

މާނައީ: ތިމަން ރަސްކަލާނގެ އަޅާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވިއެއްޗަކާމެދު (އެބަހީ: ޤުރުއާނާމެދު) ތިޔަބައިމީހުން ޝައްކު ކަމެއްގައިވާނަމަ، ފަހެ، ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަންގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ﷲ ފިޔަވައި، ތިޔަބައިމީހުންނަށް، ނަޞްރުދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ! ފަހެ، ތިޔަބައިމީހުންނަށްއެކަން ނުކުރެވުނުނަމަ އަދި ތިޔަބައިމީހުންނަށް ހަމަހިލާ އެކަންތަކެއްނުކުރެވޭނެތެވެ. (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުންނަށް ނަރަކައަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެނަރަކައަކީ، މީހުންނާއިހިލަ، އޭގެދަރުކަމުގައިވާ ނަރަކައެވެ. އެނަރަކަ ތައްޔާރުކުރެވިފައިވަނީ، ކާފިރުންނަށްޓަކައެވެ.ޣައިބުގެ ވާހަކަތައް ޤުރުއާނުގައި ގެނެސްފައިވާ އިޢުޖާޒީގޮތްޣައިބުން އިޝާރާތްކުރެވެނީ މުޙައްމަދުގެފާނަށް އެނގިވަޑައިނުގަންނަވާ ނުވަތަ އެނގިވަޑައިގަތުމުގެ ކުޅަދާނަކަން ލިބިވަޑައިގެންނުވާ ކަންކަމަށެވެ. މިސާލަކަށް އެކަލޭގެފާނު ދެކެވަޑައިގެންފައިނުވާ ނުވަތަ އެކަލޭގެފާނުގެ ޒަމާންނޫން ޒަމާންތަކުގައި ހިނގާފައިވާ އަދި އެކަންކަމުގެ އެއްވެސް ޢިލްމެއް ލިބިވަޑައިގެންނުވާ ކަންކަމުގެ ވާހަކަ ހިމެނެއެވެ. މީގެތެރޭގައި ކީރިތި ޤުރުއާނުގައިވާ ޚަލްޤުކުރެއްވުމުގެ ވާހަކައާއި އާދަމްގެފާނުން ފެށިގެން މުޙައްމަދުގެފާނުގެ ހަމަޔަށް ހިނގާފައިވާ ކަންކަމުގެ ވާހަކަ ހިމެނެއެވެ. އަދި ހަމަމިފަދައިން އެކަލޭގެފާނުގެ ޒަމާނުގައި ހިނގާފައިވާ އެތައްކަމެއްވެސް ހިމެނެއެވެ. އެގޮތުން ދުޝްމިނުން ރާވަމުންގެންދިޔަ ރޭވުންތަކުގެ ޚަބަރު މާތްﷲ ވަނީ ވަޙީގެ ޒަރީޢާއިން އެކަލޭގެފާނާ ޙިއްޞާކުރައްވާފައެވެ.ދެބާވަތެއްގެ ޣައިބު ވެއެވެ. އެއީ މާޟީއާއި ކުރިމަގެވެ. މިދެބާވަތްވެސް ކީރިތި ޤުރުއާނުގައި ވެއެވެ.މާޟީވި ޣައިބުގެ ތެރޭގައި ކުރީގެ އުންމަތްތަކާއި ހާދިސާތަކުގެ ވާހަކަތައް ހިމެނެއެވެ. މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ މުޙައްމަދުގެފާނުގެ ތެދުވެރިކަމާއި ޤުރުއާން އައީ މާތްﷲގެ ޙަޟްރަތުންކަމެވެ. މީގެ ތެރޭގައި އާދަމްގެފާނާއި ނޫޙްގެފާނާއި ހޫދުގެފާނާއި އިބްރާހީމްގެފާނާއި މޫސާގެފާނާއި ޢީސާގެފާނާއި އެކަލޭގެފާނުގެ މައިކަމަނާ މަރްޔަމްގެފާނުގެ ވާހަކަތަކާއި، ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނާއި ބަނީއިސްރާއީލްގެ މީހުންނާއި ފިރުޢައުނުފަދަ އެބޭބޭކަލުންގެ ޤައުމުތަކުގެ މީހުންގެ ވާހަކަ ހިމެނެއެވެ.މިސަބަބަށްޓަކައި ހޫދު ސޫރަތުގެ 49 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ. تِلْكَ مِنْ أَنبَاء الْغَيْبِ نُوحِيهَا إِلَيْكَ مَا كُنتَ تَعْلَمُهَا أَنتَ وَلاَ قَوْمُكَ مِن قَبْلِ هَذَا فَاصْبِرْ إِنَّ الْعَاقِبَةَ لِلْمُتَّقِينَ

މާނައީ: އެއީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރައްވާ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން ޚަބަރުތަކެކެވެ. ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުގެ ޤައުމުގެ މީހުންނަކަށްވެސް، މީގެކުރިޔަކުން އެޚަބަރުތައް އެނގިވަޑައިގެންފައެއް ނުވެއެވެ ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ ތަޤްވާވެރިންނަށެވެ.އަދިވެސް، މަރްޔަމްގެފާނުގެ ވާހަކައާއި އެކަމަނާގެ ބެލެނިވެރިކަން ޒަކަރިއްޔާގެފާނަށް ލިބިވަޑައިގަތްގޮތުގެ ވާހަކަ ބަޔާންކޮށްދެއްވުމަށްފަހު، އާލްޢިމްރާން ސޫރަތުގެ 44 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

ذَلِكَ مِنْ أَنبَاء الْغَيْبِ نُوحِيهِ إِلَيكَ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُون أَقْلاَمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ

މާނައީ: އެއީ، ޣައިބުގެ ޚަބަރުތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ވަޙީކުރައްވާ ޚަބަރުތަކެވެ. މަރްޔަމްގެފާނު ބެލުމާ ޙަވާލުވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (ޤުރުޢަތުލުމުގެ ގޮތުން) އެއުރެންގެ ޤަލަމްތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ ޚިލާފުވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.މާޟީގެ މިފަދަ ވާހަކަތައް މިހާ ތަފްޞީލްކޮށް ހުރުމަކީ، ޤުރްއާނަކީ އިންސާނެއްގެ ކަމެއްނޫންކަމާއި މާތްﷲގެ ވަޙީބަސްފުޅުކަމުގެ ސާފު ހެއްކެކެވެ. މުޙައްމަދުގެފާނު ބޮޑުފުޅުވިފަދަ މާޙައުލެއްގައި ބޮޑުވާ މީހަކަށް މިފަދަ "އަނގައިން އަނގަޔަށް އަޅައިދޭންޖެހޭފަދަ" ޢިލްމެއް ހޯދޭނެ އެއްވެސް ފުރުޞަތެއް ނޯންނާނެއެވެ. އެޖާހިލު މުޖުތަމަޢުގައި އެހާ ތަފްޞީލުކޮށް މިހާދިސާތައް އެނގޭ އެކަކުވެސްނެތެވެ. އާދޭހެވެ! ޔަހޫންދީންނާއި ނަޞާރާއިންނަށް މިކަންކަމުގެ ޚަބަރު ކުޑަކޮށް ނަމަވެސް ލިބިފައިހުރުން އެކަށީގެންވެއެވެ. ނަމަވެސް އެމީހުންދިރިއުޅެމުން ގެންދިޔައީ ޢަރަބިކަރައިގެ ބިތްދޮށުގައެވެ. އަދި އެމީހުންނަކީ ވަރަށް އެމީހުން އެމީހުންނާވެގެން އުޅުނު ބަޔެކެވެ. އަދި އެމީހުންނަކީ ވަށައިގެންވާ މީހުންގެ މައްޗަށް މާނުފޫޒުގަދަ ބަޔެއް ނޫނެވެ. އަދި އެހެންމީހުން އެމީހުންނާ ވާދަވެރިވެ އެމީހުންގެ މަގާމު ގެއްލިދާނެކަމުގެ ބިރަށްޓަކައި އެމީހުންނަށް ލިބިފައިވާ ޢިލްމު އެހެންމީހުންނާ ޙިއްޞާކޮށެއްނޫޅެއެވެ.ކުރިމަގުގެ ޣައިބުގެގެ ތެރޭގައި ރޫމީން ފާރިސީން ބަލިކުރާނެ ވާހަކަ ޤުރުއާނުގައި ބާޔާންވެގެންވުންފަދަ ކަންތައް ހިމެނެއެވެ. ރޫމް ސޫރަތުގެ 2-3 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވ غُلِبَتِ الرُّومُ . فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ

މާނައީ: (ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިކުރެވިއްޖެއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، ކާމިޔާބު ހޯދާނެތެވެ.

ދެން ޤުރުއާނުގައިވާ ފަދައިން ކަންހިނގިއެވެ.ހަމައެފަދައިން މާތް ރަސޫލާގެ ބައެއް ޞަޙާބީންނާ ކުރިމަތިވާނޭ ކަންކަމުގެ ޚަބަރު ކީރިތި ޤުރުއާނުގައިވެއެވެ. މުއްޒައްމިލު ސޫރަތުގެ 30 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

عَلِمَ أَن سَيَكُونُ مِنكُم مَّرْضَى وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ

މާނައީ: ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނެކަމާއި، އަދި އަނެއްބަޔަކު ﷲގެ ފަޟްލަވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި ﷲގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނަވޮޑިގެންވެއެވެ.މިއީ ޤުރުއާނުން އެންމެ ފުރުތަމަ ބާވައިލެއްވުނު އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ.ޤުރުއާނުގައި މުސްލިމުން ހަނގުރާމައިގައި ނަޞްރު ހޯދާނެކަމުގެ އުފާވެރި ޚަބަރުވެއެވެ. ޤަމަރު ސޫރަތުގެ 44-45 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ . سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ

މާނައީ: ނުވަތަ ތިމަންމެން އެންމެންނީ، ނަޞްރު ލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ (ކާފިރުންގެ) ޖަމާޢަތް ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ.

ހަމަމިގޮތަށް ބަދްރު ހަނގުރާމައިގައި ކަންހިނގާދިޔައެވެ.ދަތުރުފަތުރު ކުރުމުގެ އައުގޮތްތައް އަންނާނޭ ވާހަކަވެސް ޤުރުއާނުގައި ވެއެވެ. ނަޙްލު ސޫރަތުގެ 8 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لاَ تَعْلَمُونَ

މާނައީ: އަދި އަހާއި، ބަޣްލާއި، ޙިމާރުވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެތަކެއްޗަށް ސަވާރުވުމަށާއި އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ.

ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކަށް ޒަމާނާއެކު އައިސްފައިވާ ބަދަލު ނަޒަރު ހިންގާލުމުން ފެނިގެންދެއެވެ.ޤުރުއާނުގައިވާ އިލާހީ ޤާނޫނުގެ މުޢުޖިޒާތްމިކައުނާއި މިކަނުގައިވާ ހުރިހާ އެއްޗެއް ޚަލްޤުކުރައްވާ އަދި އެހުރިހާ ޚަލްޤުތަކެއްގެ ތެރެއިން އެންމެ ޝަރަފުވެރި އަދި ޤަދަރުވެރި މަޚްލޫޤުކަމުގައި އިންސާނާ ލެއްވެވި ޚާލިޤްވަންތަ މާތްﷲ ވަނީ އެއިންސާނާއަށް އޭނާގެ ޙަޔާތް ކުރިޔަށް ގެންދަންވީ ގޮތާއި އޭނާގެ ސުލޫކާއި އޭނާފަދަ އެހެން އިންސާނުންނާ ބާއްވަންވީ ގުޅުންތަކާއި ޚާލިޤާއި އޭނާއާމެދު އޮންނަންވީ ގުޅުން ބަޔާންކޮށްދޭ ދުސްތޫރެއް އިޚްތިޔާރުކޮށްދެއްވާފައެވެ. އަދި މިދުސްތޫރަށް ތަބަޢަވާ މީހުންނަށްވަނީ ދުނިޔޭގައާއި އާޚިރަތުގައިވެސް ޚާއްޞަ ޙާލަތްތަކެއް މެދުވެރިކުރައްވާފައެވެ. މިދުނިޔޭގައި އެމީހަކަށް ހިތްހަމަޖެހުމާއި އަރާމާއި ޝަރަފުވެރިކަން ހޯދައިގަނެވެއެވެ. އިންސާނިއްޔަތުގެ ޙަޤީޤަތްތައް އެމީހަކަށް އިޙްސާސްވެ އޭނާ ޚަލްޤުކުރައްވާ މިދުނިޔެއަށް ފޮނުއްވައި އެހެން ޚަލްޤުތަކުންގެ މައްޗަށް މާތްކުރެއްވުމުގައިވާ އިލާހީ ޙިކުމަތް ބަލައިގަނެ ދޭހަކޮށްގަނެވިދާނެއެވެ. އިންސާނުން އެމީހުންގެ ދިރިއުޅުމުގެ ކަންކަމުގައި ޢަމަލުކުރަންވީގޮތުގެ ޤަވާޢިދުތައް ޤުރުއާނުގައިވެއެވެ. އެފޮތުގައި ކަމާގުޅޭ ޙުކުމުތައް ބަޔާންކޮށް ނުދެއްވާ ޙަޔާތުގެ އެއްވެސް މަރުޙަލާއެއް ދުކޮށްލައްވާފައެއްނުވެއެވެ.ޤުރުއާނުގައިވާ ޝަރްޢީ އަދި އަޚްލާޤީ ކަންކަމާގުޅޭ ޙުކުމްތައް އެކަނިވެސް އެއީ ޤުރުއާނަކީ މާތްﷲގެ ޙަޟްރަތުން އައިސްފައިވާ އެއްޗެއްކަމުގެ ހެއްކެކެވެ. ޤުރުއާނުގައިވާ މަތިވެރި އަޚްލާޤީ މިންގަނޑުތަކާއި ޝަރްޢީ އުޞޫލުތައް، ދޭހަކޮށްގަތުމަށް ފަސޭހަވާނެހެން އެހާ ފުރިހަމަކޮށް އަދި އެހާމެ ތަފްޞީލުކޮށް ގެނެސްގަތުމަކީ އިންސާނަކަށް ކުރެވޭނޭ ކަމެއްނޫނެވެ.އިންސާނީ ދިރިއުޅުގެ ކަންކަން އިޖްތިމާޢީ އަދި ޒާތީގޮތެއްގައި ހިމެނޭނެހެން، ދޭހަކޮށްގަތުމަށް ފަސޭހަވާނޭފަދަ ޤާނޫނެއްގެ ޞިފައިގައިވާކަމީ ކިތަންމެ މޮޅު އިންސާނީ ވިސްނުންތަކަށްވެސް ތަޞައްވުރުކުރެވޭނޭކަމެއް ނޫނެވެ. މި ޤާނޫނީ ނިޡާމާއިގެން ވަޑައިގެންނެވީ ޤަދީމީ ފަލްސަފާތަކާއި ލިޔުންތަކާ ބީރައްޓެހި ލިޔަންކިޔަން ދެނެވަޑައިނުގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު ދުނިޔޭގެ ކަންކޮޅުތަކުގައި ބޭނުންކޮށްއުޅޭ ޤާނޫނުތަކާއި އާދަތައް އުނގެނި އަދި ތަޙްޤީޤްކުރުމަށްޓަކައި އެއްވެސް ދަތުރެއް ކުރައްވާފައެއްނުވެއެވެ.މިއިލާހީ ޤާނޫނުވަނީ އެތައް ޤަރުނެއް ވަންދެން އޭގައިވާ މީހުންގެ ސަމާލުކަން ދަމައިގަންނަފަދަ ފުރިހަމަކަމުގެ ކުޑަތަންކޮޅެއްވެސް ނުގެއްލި ދެމިއޮވެފައެވެ. ޤުރުއާނުގެ އިލާހީ މަޞްދަރުތަކަކީ ކޮންމެ ޒަމާނަކާއި ތަނެއްގައިވެސް ބޭނުންކުރެވިދާނޭކަމަށް ވިސްނާބަލައިހަދާ ކޮންމެ މީހަކުވެސް އެއްބަސްވާނެއެވެ.ޤުރުއާނުގައިވާ ޤާނޫނުގެ މިސާލުތައް1.  ޤުރުއާނުގައި އަޅުކަމާއި މުޢާމަލާތާއި ޖިނާއީ ނިޡާމާއި ޢުޤޫބާތްތަކާބެހޭ ޤާނޫނުތައްވެއެވެ. މިހުރިހާ ކަމަކުންވެސް މުޖުތަމަޢު ބާރުގަދަކުރުވާ އެކަކުއަނެކަކަށް އެއްބާރުލުމަށް ހިތްވަރުލިބިގެންދެއެވެ. އެއިން އެމީހުންނަށް ނިޘާމާއި ކިޔަމަންތެރިކަން ފަސޭހަކަމާއެކު ހޯދުމަށް އެހީތެރިވެދީ އީމާންތެރިކަމުން މަގުލިބިފައިވާ މުޖުތަމަޢެއް ޤާއިމްކޮށްދެއެވެ. މިކަން ނަމާދާއި ޒަކާތާއި ޙައްޖާބެހޭގޮތުން އައިސްފައިވާ ޙުކުމްފުޅުތަކުން ފެނިގެންދެއެވެ.ނަމާދަކީ މީހާގެ ޝަޚްޞިއްޔަތު ބިނާކޮށްދޭ ފަރުދީ ތަރައްޤީގެ މަގެވެ. މިކަމުގެ ސަބަބުން އޭނާއަށް އެހެންމީހުންނާ އެއްކޮށް ހަމަޖެހިގެން އުޅުމަށާއި އެހެންމީހުންގެ (ޖަމާޢަތުގެ ނަމާދުގައި އިމާމާގެ) ކިބައިން ލިބޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ދަސްވެއެވެ.ފާރިސީ ޖަނަރެލެއް ކަމުގައިވާ ރުސްތުމް ޤާދިސިއްޔާ ހަނގުރާމައިގައި އިމާމާގެ ފަހަތުގައި މުސްލިމުން އެމީހުންގެ މަޤާމުތަކުގައި ނަމާދުކުރާތަން ފެނުމުން ބުންޏެވެ. "ޢުމަރުގެފާނު (ޚަލީފާ) ޢަރަބީންނަށް ނިޡާމުގެ މަފްހޫމް ދަސްކޮށްދިނުމުން މަގޭ ހިތް ކުދިކޮށްލައިފިއެވެ."ޒަކާތުގެ ސަބަބުން އެކި ގިންތީގެ މީހުންގެ މެދުގައި އޮންނަ ރުޅުވެރިކަން ފޮހެލައި އިސްލާމީ މުޖުތަމަޢުގެ ފަރުދުންނަށް އިޖްތިމާޢީ ޒިންމާއާއި ސަލާމަތްތެރިކަމުގެ ރޫޙެއް އުފައްދައިދެއެވެ.ރޯދައިގެ ސަބަބުން މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށްދީ އެމީހުންނަށް ކެތްތެރިކަމާއި ހަވާނަފްސުގެ މައްޗަށް ގަދަވުމަށް ދަސްކޮށްދެއެވެ. އަދި މާތް ﷲ އެމީހުން ސިއްރުގައާއި ފާޅުގައިކުރާ ހުރިހާ ޢަމަލުތަކަކަށް ޙިސާބު ބައްލަވާނެކަން އަންގައިދެއެވެ.ޙައްޖު މީހުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށްދީ ޤިޔާމަތްދުވަސް ހަމަޔަޤީނުންވެސް އަންނާނެކަން ހަނދާންކޮށްދެއެވެ. އެއީ ވަކިވަކި މުސްލިމުންނާއި މުޅި އިސްލާމީ އުންމަތުގެ މެދުގައިވާ، ކުލައަކަށް އަދި ނަސްލަކަށް ޚާއްޞަކަމެއްނުވާ، ހަމަހަމަކަމުގެ ފެންނަންހުރި އަލިގަދަ ހެއްކެކެވެ.މިއީ މާތްﷲ ގެ އަންނަނިވި ބަސްފުޅުގެ މަފްހޫމެވެ. މުއުމިނޫން ސޫރަތުގެ 52 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ.

يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ . وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ

މާނައީ: އަދި ހަމަކަށަވަރުން، މިއީ އެއް އުންމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުންމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ!2.  ޤުރުއާނުގައި މުސްލިމުންގެ މެދުގައި އިޚްތިލާފާއި ބައިބައިވުމާއި އެފަދަ ބައިބައިވުމެއް އުފެދިއްޖެނަމަ ކަންކުރަންވީގޮތް ބަޔާންކޮށްދިނުމަށާއި އެކަން އިތުރަށް ބޮޑުވެ ފެތުރުން ހުއްޓުވުމަށްޓަކައި ވަކިވަކި ފަރުދުންނާއި މުޖުތަމަޢަށް ޚާއްޞަކުރެވިގެންވާ ޤާނުނުތަކެއްވެއެވެ.މިޤާނޫނުތައް އައިސްފައިވަނީ އިންސާނީ ޙަޔާތް ރައްކާތެރިކޮށްދިނުމަށެވެ. ފުރާނައިންނާއި ގުނަވަނުން ޤިޞާޞް ހިފެއެވެ. ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالأُنثَى بِالأُنثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاء إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ

މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށް އެދުން ހުށްޓެވެ. އަދި (މާފުކުރެވުނުމީހާ) އިޙްސާންތެރިކަމާއެކު އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޒާބު ހުށްޓެވެ.އަދިވެސް މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.

وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنفَ بِالأَنفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ وَمَن لَّمْ يَحْكُم بِمَا أنزَلَ اللّهُ فَأُوْلَئِكَ هُمُ الظَّالِمُونَ

މާނައީ: އެތައުރާތުގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (ޤިޞާޞްގެ އުޞޫލުތައް) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފްސަކަށް ނަފްސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމުތަކަކީ ޤިޞާޞްހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ ކައްފާރާއެކެވެ. އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމުނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.3 . ޤުރުއާނުގައި އިންސާނާގެ ކަރާމާތްތެރިކަން ރައްކާތެރިކޮށްދޭ ޤާނޫނުތައްވެއެވެ. އަދި އެކަރާމަތްތެރިކަން ނަގާލާ އެއްވެސްކަމެއް ކުރުން އިންޒާރު ކުރެއެވެ. މިސާލަކަށް ކައިވެނީގެ އިމުން ބޭރުން ޖިންސީ ގުޅުން ހިންގުންވަނީ ޙަރާމްކުރައްވާފައެވެ. ނޫރު ސޫރަތުގެ 2-3 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ . الزَّانِي لَا يَنكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ

މާނައީ: ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲއަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވާނަމަ، ﷲގެ ދީނުގައި އެދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ. ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ ޝަރިކުކުރާ އަންހެނަކާނޫނީ ނުއިންނާތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝަރީކުކުރާ ފިރިހެނަކާ ނޫނީ އެކަނބުލޭގެ ނުއިންނާތެވެ. އަދި މުއުމިނުންގެ މައްޗަށް އެކަން ޙަރާމްކުރައްވާފައިވެއެވެ.4.  މީހުންގެ މުދަލާއި ތަނަވަސްކަން ރައްކާތެރިކޮށްދޭ ޤާނޫނުތައް ޤުރުއާނުގައިވެއެވެ. މަކަރާއި ހީލަތާއި ގަދަބާރުންނާއި ރިބާގެ ގޮތުގައާއި އަދި އެހެނިހެންވެސް ޙަރާމްވެގެންވާ ގޮތްގޮތަށް މީހުންގެ މުދައު އަތުލުންވަނީ ނަހީކުރެވިގެންނެވެ. ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

وَلاَ تَأْكُلُواْ أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُواْ بِهَا إِلَى الْحُكَّامِ لِتَأْكُلُواْ فَرِيقًا مِّنْ أَمْوَالِ النَّاسِ بِالإِثْمِ وَأَنتُمْ تَعْلَمُونَ

މާނައީ: އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލްގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުންދެނެތިބެގެންމެ، ފާފަވެރިގޮތުގައި މީސްތަކުންގެމުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ. وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا

މާނައީ: ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ޙަރާމްކުރައްވާފައެވެ.ޝަރީޢަތުގައިވަނީ މުޅި މުޖުތަމަޢުގެ ތެރޭގައި ތަނަވަސްކަން ދައުކުރާނޭފަދައިން، ޒަކާތް ދެއްކުމަށް އަމުރުކުރައްވާ އަދި ގިނަގިނައިން ޞަދަޤާތްދީ އުޅުމަށް ބާރުއަޅުއްވާފައެވެ. އަދި މުދާ ބައްކުރުމާއި އޭގެ ޙައްޤުވެރިންނަށްނުދީ ހިފެހެއްޓުންވަނީ ނަހީކުރައްވާފައެވެ. މިކަމުގެ ބޭނުމަކީ އެހެންމީހުންގެ ބުރަމަސައްކަތުގެ ސަބަބުން ލިބޭ ތަނަވަސްކަން މަދުބަޔެއްގެ މުށުތެރެއަށް ޖަމާވިޔަނުދިނުމެވެ. ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاء مِنكُمْ

މާނައީ: އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރުވެވޭ ހުރިޔަނުދިނުމަށްޓަކައެވެ.5  ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ދައުލަތް ހިންގުމުގެ ނިޒާމު ޢަމަލީގޮތުން ތަންފީޒުކުރެވުމުން އޭގެކުރީގެ ތާރީޚުގައި އުފެދިފައިނުވާފަދަ ދައުލަތެއް އުފެދިގެން ދިޔައެވެ. މިނިޒާމުގެ ތެރެއިން ފާގަތިކަމާއި ރައްކާތެރިކަމާއި އިންޞާފުގެ ހުރިހާ ބައިތަކެއް ޤާއިމްކުރެވުނެވެ. އަދި އިސްލާމީ ދައުލަތަށް ޝައުނާއި ޝައުކަތުގެ ކުލަވަރުތައް ފެނިގެންދިޔައެވެ. މިހުރިހާ ކަމަކީވެސް ޤުރުއާނުގައި އައިސްފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގެ ނަތީޖާއެވެ. އެހެނީ ދައުލަތަކަށް އާރާއި ބާރު ލިބެނީ އެދައުލަތަކުން ފޯރުކޮށްދޭ އިންސާނިއްޔަތުކަމުގެ މަބްދައުތަކުންނެވެ. އަދި އެމަބްދައުތައް އިޚްލާޞްތެރިކަމާއި އިންޞާފުވެރިކަމާއިއެކު ތަންފީޒުކުރުމުންނެވެ. މިފަދަ މަބްދައުތަކުގެ ތެރެއިން އެންމެ މުހިންމު ދެމަބްދައުއަކީ:ހ. ޝޫރާ (މަޝްވަރާކުރުން): ޤުރުއާނުގައި މަޝްވަރާކުރުންވަނީ ނަމާދުކުރުމާއި ޒަކާތްދިނުންފަދަ ދީނުގެ އަސާސީ ކަންކަމާ ގުޅުވާފައެވެ. އެހެނީ މަޝްވަރާކުރުމަކީ މުއުމިނެއްގެ ޝަޚްޞިއްޔަތު ބިނާކުރުގައި އަސާސީ ޞިފައެކެވެ. ޝޫރާ ސޫރަތުގެ 37-39 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ . وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَى بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ . وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ

މާނައީ: އަދި އެއުރެންނީ ބޮޑެތި ފާފަތަކާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ. އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ޤާއިމް ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ. އަދި އެއުރެންނީ، އެއުރެންނަށް އަނިޔާވެރިވުމެއް އަންނަހިނދު، ނަޞްރުލިބިގަންނަ މީހުންނެވެ.ޤުރުއާނުގައި މަޝްވަރާކުރާނޭ ވަކިގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. މިއީ ލުއިކޮށްދެއްވުމަށާއި ބަދަލުގެނައުމަށް ފުރުޞަތުދިނުމަށެވެ. އަދި މީސްތަކުންނަށް ރަޙްމަތެއްގެ ގޮތުގައެވެ. އެހެނީ އެކި ޖީލުތަކަށް މަޝްވަރާކުރުމުގެ އެންމެ މޮޅުގޮތް ތަފާތުވާނެތީއެވެ.ށ. ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އިންޞާފު: އިސްލާމީ ދައުލަތެއްގައި ބާރުގަދަ މީހަކަށް ނިކަމެތި މީހެއްގެ ޙައްޤަކަށް އަރައެއް ނުގަނެވޭނެއެވެ. ޝަރީޢަތުގައާއި ޝަރީޢަތްކުރެވޭ މަޖްލީހުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމައެވެ. ވެރިޔާއާއި ރައްޔިތުން ހަމަހަމައެވެ. ބާރުގަދަ މީހާއާއި ނިކަމެތި މީހާ ހަމަހަމައެވެ. ޒުވާނުންނާއި މުސްކުޅިން ހަމަހަމައެވެ. މިސަބަބަށްޓަކައި އިލާހީ ރިސާލަތުގެ މުހިންމު ރުކުންތަކުގެ ތެރެއިން އެއްރުކުނަކީ މީހުންގެ މެދުގައި އިންޞާފު ޤާއިމްކުރުމެވެ. ޝޫރާ ސޫރަތުގެ 15 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.فَلِذَلِكَ فَادْعُ وَاسْتَقِمْ كَمَا أُمِرْتَ وَلَا تَتَّبِعْ أَهْوَاءهُمْ وَقُلْ آمَنتُ بِمَا أَنزَلَ اللَّهُ مِن كِتَابٍ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ اللَّهُ رَبُّنَا وَرَبُّكُمْ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ اللَّهُ يَجْمَعُ بَيْنَنَا وَإِلَيْهِ الْمَصِيرُ

މާނައީ: އެކަމަށްޓަކައި (ބައިބައިވުމުން ދުރުހެލިވެ އެންމެން އެކަނތިގަނޑަކަށްވުމަށް) ފަހެ، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް އަމުރުކުރެއްވި ފަދައިން ސީދާވެވަޑައިގަންނަވާށެވެ! އެއުރެންއެދޭ ބާޠިލް ގޮތްތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން އީމާންވެއްޖައީމެވެ. އަދި އަހުރެންނަށް އަމުރުކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރިގޮތުގައި ކަންތައްކުރުމަށެވެ. ﷲއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ތިމަންމެންނަށް ތިމަންމެންގެ ޢަމަލުތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ޢަމަލުތަކެވެ. ތިޔަބައިމީހުންނާ އަހަރުމެންނާމެދު ޖަދަލުކޮށް ޒުވާބުކުރުމެއްނެތެވެ. ﷲ، އަހުރެމެން އެންމެން (ޤިޔާމަތް ދުވަހުގައި) އެއްކުރައްވާނެތެވެ. އަދި އެނބުރި ދިއުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.ނިސާ ސޫރަތުގެ 135 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

يَا أَيُّهَا الَّذِينَ آمَنُواْ كُونُواْ قَوَّامِينَ بِالْقِسْطِ شُهَدَاء لِلّهِ وَلَوْ عَلَى أَنفُسِكُمْ أَوِ الْوَالِدَيْنِ وَالأَقْرَبِينَ إِن يَكُنْ غَنِيًّا أَوْ فَقَيرًا فَاللّهُ أَوْلَى بِهِمَا فَلاَ تَتَّبِعُواْ الْهَوَى أَن تَعْدِلُواْ وَإِن تَلْوُواْ أَوْ تُعْرِضُواْ فَإِنَّ اللّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ ޢަދުލު އިންޞާފު ޤާއިމްކުރުމުގައި ދެމިތިބޭ (އަދި) ﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައިވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަނޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ، އައުލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަނުވާށެވެ! އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.


މަސްދަރު ..............

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ