ﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ އެކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާކޮށް ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަތުމަށް އަންގަވާފައެވެ. އެހެންނަމަވެސް އިންސާނުންގެ ތެރެއިން އެތައްބަޔަކު ދަނީ އެ އެންގެވުންތަކަށް އަޅާލުމެއްނެތި ރެއާއި ދުވާލު އެތައްފަހަރަކު އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަމުންނެވެ. އިންސާނުންނަކީ އެމީހުންގެ ޠަބީޢަތުގައި ފާފަތަކަށް އަރައިގަތުމުގެ ބާރެއްވާ ބައެކެވެ. އެހެންނަމަވެސް އެއީ ފާފަތަކަށް އަރައިގަތުމަށް އޮތް ބަހަނާއެއްކަމަށް ހަދައިގެންނުވާނެއެވެ . ދެން އުފެދޭސުވާލަކީ ފާފަތަކަށް އަރައިގަތުމުން ގެންލުންވާކަން އެނގޭއިރު އިންސާނުން ފާފަތަކަށް އަރައިގަތުމަށް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ އިންސާނުންނަކީ ބަލިކަށި ބަޔަކަށްވާތީވެ، ނަފުސު ޢައްމާރާ އިންސާނާއަށް ކުރާ އަމުރުތަކަށް ކިޔަމަންވެ ﷲ ގެ އަމުރުފުޅަށް އުރެދެނީ ކަމުގައެވެ. އިންސާނުންނަކީ އުފެދުމުގައިވެސް ބަލިކަށި ބައެއްކަން ކީރިތި ޤުރްއާނުގައިވަނީ ބަޔާންކުރެވިގެންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. و...