އަންހެނަކު ގެއިން ބޭރަށް ނުކުންނައިރު އޭނާގެ ހަށިގަނޑުގެ ވަނާތައް ފާޅުނުވާނެގޮތަށް ލާފައި ހުންނަ ދޫހެދުމާއި އެކު އަޅާ މޫނުބުރުގާ އަކީ އިސްލާމީ ހެދުމެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. މުސްލިމެއް ކަމުގައި ވިޔަސް އިސްލާމުންގެ މުޖުތަމައެއްގައި މިކަން ބޮޑު މައްސަލައަކަށް ހަދަންއުޅޭނީ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރަން ޣައިރު މުސްލިމުންނަށް ބައިޢަތު ހިފައިގެން ތިބޭ މީހުންނެވެ.
ބައެއް އަންހެނުންނަށް ނުވަތަ ބައެއް އަންހެންކުދިންނަށް ހީވެފައި އޮންނަނީ އިސްތަށިގަނޑު ކޮންމެވެސް ގޮތަކުން ނިވާކުރީމަ ދެން ހުރިހާކަމެއްނިމުނީ ކަމުގައެވެ. ބުރުގާއާ އެކުލާ ހެދުން ކޮންމެ ގޮތަކަށް ހުއްޓަސް ހެޔޮކަމަށް ބަލައެވެ. މިއީ ރަނގަޅުގޮތެއްނޫނެވެ.
( يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلا يُؤْذَيْنَ ..... ) އަލްއަޙްޛާބު 59. މާނައީ: " އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން (ޖިލްބާބުތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުންނަކީ މުއުމިނު ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ."
މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ: " صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْم مَعَهُمْ سِيَاطٌ كَأَذْنَابِ اْلبَقَرِ يَضْربُونَ بِهَا النَّاسَ ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيْلاَتٌ مَائِلاَتٌ ، رُؤُوْسُهُنَّ كَأَسْنِمَةِ الْبَخْتِ الْمَائِلَةِ ، لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا ، وإنَّ رِيْحَهَا لَيُوْجَد مِنْ مَسِيْرَةِ كَذَا وَكَذَا " ރަވާހު މުސްލިމް. 5547 .މާނައީ: "ނަރަކައިގެ އަހްލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަން ކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގެ ގައިގާ ނުޙައްޤުން ތަޅާ އަދަބު ދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލު ގޮށްގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އެތާނގެ ވަސް އެވަނީ އެވެނި މިވެނި މޭލުކޮޅަށް ފޯރާފައެވެ."
މިޙަދީޘްގައި އެވާ " لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا " މާނަ: " އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ." މި ބަސްފުޅަކީ ވަޢީދުގެ ބަސްފުޅެކެވެ. މިބަސްފުޅުގެ ޝަރަޙާގައި ދެމާނައެއް ދޭހަވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ:
1- އައުރަ ނިވާނުކުރުމަކީ ޙަރާމްކަމެއްކަން އެނގި ހުރެ އެ ޙަރާމްކަންތައް ޙަލާލުކޮށް އައުރަ ނިވާނުކުރާ މީހާ ސުވަރުގެ ނުވަންނާނެއެވެ.
2- ފުރަތަމަ ސުވަރުގެއަށް ގޮވާލެވޭއިރު ކާމިޔާބުލިގެންވާ މީހުންނާއެކު ނުވަދެވޭނެއެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.{ وَلَا يُبْدِينَ زِينَتَهُنَّ }{ النور :31}.މާނައީ:"އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ"
ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{لَيْسَ مِنَّا مَنْ تَشَبَّهَ بِالرِّجَالِ مِنَ النِّسَاءِ ، وَلاَ مَنْ تَشَبَّهَ بِالنِّسَاءِ مِنَ الرِّجَالِ}{ رواه أحمد }.މާނައީ:"އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތްވާ މީހުންނީ ތިމަންމެން(މުސްލިމުން)ގެތެރެއިންވާ ބަޔެއް ނޫނެވެ. އަދި ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތްވާ މީހުންނީ ތިމަންމެން(މުސްލިމުން)ގެ ތެރެއިންވާ ބަޔެއް ނޫނެވެ.".
ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ }{ رواه أبو داود الترمذي والنسائي}.މާނައީ:"އެއްވެސް އަންހެނަކު މީރުވަސްދުވާ ހުވަނދުލައި ބައެއްގެ ތެރެއިން ގޮސް އެބަޔަކަށް އޭނަގެ އެހުވަނދުވަސްދުވައިފިނަމަ އޭނައަކި ޒިނޭކުރާމީހެކެވެ.( ޒީނޭކުރާމީހެކޭ ބޭނުންކުރވިފައި މިވަނީ މަޖާޒީ ގޮތެއްގައެވެ. ސަބަބަކީ މިކަމަކީ ޒިނޭއަށް މަގުފަހިކޮށްދޭކަމެކެވެ)".
ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ }{ رواه أبو داود وحسنه الألباني والأرناؤوط}. މާނައީ:" ދުނިޔެމަތީގައި މަޝްހޫރުކުރުވަނަނިވި(އެބަހީ މީސްތަކުންގެ ކުރިމަތީގައި ފާޅުކަންބޮނޑުކޮށް މީސްތަކުންގެ ނަޒަރު އެހެދުމަށްހުއްޓި ހެދުންލައިގެންހުރި މީހެއްގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަންވަންނަ) ހެދުމެއްލައިފިމީހާ ﷲ ޤިޔާމަތްދުވަހު އޭނައަށް ނިކަމެތިވެގެންވާ ހެދުމެއް ލައްވާހުއްޓެވެ. (އޭނާ މީސްތަކުން ކުރިމަތީގައި ބޮޑާވެ އުޅުމުގެ ސަބަބުން އޭނައަށް ނިކަމެތިކުރުމުގެ ގޮތުންނެވެ)"
ޝައްކެއްނެތް ގޮތުގައި ބައެއް ކުދީން މިފަދަ ހެދުންލަނީ އެދުވަސްވަރުގައި އޮންނަ އޮއިވަރަށް ބަލާފައެވެ. ވިސްނާލިޔަސް މިފަދަ ހެދުންތަކުން އިސްލާމީ ބުރުގާގެ މަޤްޞަދު ޙާޞިލް ނުވާނެކަން ދޭހަވެއެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަންހެނުން ކުދީންނަކީ އިސްލާމްދީނުގެ އަސާސުތަކަށް ޙުރުމަތްތެރިކޮށް ހިތާނެ ކުދީންނެވެ. މިހެންކަމުން އެކުދިންގެ ރީތިކަމާއި އަބުރުވެރިކަން ފާސިޤުންގެ ލޯތަކުން ޙިމާޔަތްކުރުމަކީ އެކުދިންގެ އެންމެ އިސްވާޖިބުކަމުގައި ދެކެންވާނެއެވެ.
ބައެއް އަންހެންކަނބަލުން ތިމަންމެން ވަކި ޢުމުރަކަށް ދިޔާމަ ބުރުގާ އަޅާނަމޭ ނުވަތަ، ޙައްޖައްގޮސްފައި އައިސް ބުރުގާ އަޅާނަމޭ ބުނެހަދައެވެ. މިއީ ޙައިރާން ވާފަދަ ވާހަކައެކެވެ. އެފަދަވާހަކަތައް އެބުނަނީ ތިމާމެން އެދުވަހާ ހަމައަށް ދިރިތިވެވޭނޭ ކަމުގެ ޔަޤީންކަން އޮވެގެންބާވައެވެ؟ ނުވަތަ އެކަން އެނގިގަންނަންބާވައެވެ؟ ނުވަތަ ﷲ ގެ ޙަޟްރަތުގައި މަކަރާއި ޙީލަތް ހަދަނީ ބާވައެވެ؟ މުއުމިމުންގެ ސިފައަކީ މިފަދައިން ޙީލަތެއް ހެދުމެއްނެތި، އަވަހަށް ﷲ އާއި، ރަސޫލާގެ އަމުރަށް ބޯލަނބައި ކިޔަމަންގަތުމެވެ.
ފާފައިން ތައުބާވެއްޖެނަމަ މާތް ﷲ އެމީހަކަށް އެފާފަ އެއް ފުއްސަވާދެއްވާނެއެވެ. މާތްﷲ ވަހީކުރައްވަނީ: " قُلْ يَا عِبَادِي الَّذِيْنَ أَسْرَفُوْا عَلَى أَنْفُسِهِمْ لاَ تَقْنَطُوْا مِنْ رَحْمَةِ اللهِ إِنَّ اللهَ يَغْفِرُ الذُّنُوْبَ جَمِيْعًا..." ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް. މާނައީ:" ކަލޭގެފާނު ވިދާޅު ވާށެވެ! އެބައިމީހުނަގެ އަމިއްލަ ނަފުޞުތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާންގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ."
މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދައްކަވާ ހެޔޮމަގަށް އުޅުމުގެ ތަޥްފީޤުދެއްވާށި! އާމިން
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ