ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

05 February, 2012

އިސްލާމީ ޝަރީޢަތުގައި ސުއްނަތުގެ މަޤާމުއިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރު ކުރައްވާފައިވާ މަގަކީ އިސްލާމް ދީން ކަމުގައި ވީހިނދު، އެކަލާނގެ ޙަޟްރަތުން މީސްތަކުންނާ ހަމައަށް މިދީން އައިސްފައިވަނީ، ރަސޫލަކު މެދުވެރި ކުރައްވައިގެންކަމީ ހުރިހާ މުސްލިމުން ޤަބޫލުކުރާ ކަމެކެވެ. އެއީ، الله ގެ ރަސޫލާ މުޙައްމަދު ބުނު ޢަބުދު الله عليه الصلاة والسلامއެވެ. ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނަށް ބާވާލެވުނު ދީން އެކުލެވިގެންވަނީ މައިގަޑު ދޭއްޗެއްގެ މައްޗަށެވެ. އެއީ، الله ގެ ފޮތާއި، އިތުރު އެކަލޭގެފާފާނުގެ ސުއްނަތެވެ. ކަންމިހެން އޮތްއިރު، މި ޝަރީޢަތުގެ ފުރުތަމަ މަޞްދަރު ކަމުގައި ކީރިތި ޤުރުއާން ވީފަދައިން، ދެވަނަ މަޞްދަރު ކަމުގައި ވެފައިވަނީ ރަސޫލު الله صلى الله عليه وسلمގެ ސުންނަތްކަމާމެދަކު މުސްލިމުންގެ މެދުގައި ދެބަސްވުމެއް ނެތެވެ. އެހެންކަމުން، الله އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިއްދައިގެން ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަށް އެކަލާނގެވަނީ ޤުރްއާނުގެ އެއްތަނަށްވުރެ ގިނަތާނގައި އަމުރު ކުރައްވާފައެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ ޢަމަލުގެ ޘަވާތު ބާޠިލުވެ އުވިގެން ހިނގައިދާނޭ ކަންވެސް އަންގަވާފައިވެއެވެ. މާތް الله ވަޙީ ކުރައްވިއެވެ.  يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلا تُبْطِلُوا أَعْمَالَكُمْ [سورة محمد 33] މާނައީ: "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު ބާޠިލުވިޔަ ނުދޭށެވެ!"
މިއާޔަތުން ދޭހަވަނީ، الله އާ އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ނުކިޔަމަންތެރި ވުމަކީ މުއުމިނުން ކުރާ ހެޔޮ ޢަމަލުގެ ޘަވާތު ބާޠިލުވެދާނޭ ކަމެއްކަމެވެ. އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.  وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ  [سورة الحشر 7] މާނައީ:"އަދި الله ގެ ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ނަހީ ކުރެއްވި ކޮންމެ ކަމަކުން ތިޔަބައިމީހުން ދުރުހެލިވެ ގަންނާށެވެ! އަދި ތިޔަބައިމީހުން الله އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން الله އީ އެކަލާނގެ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ."
އެހެންކަމުން އަޅުގަނޑުމެންނަށް އެނގިކަށަވަރުވާ ކަމަކީ، ރަސޫލާ صلى الله عليه وسلم އަށް ކިޔަމަން ނުވާ މީހާ الله އަށް ކިޔަމަންވާ މީހަކު ކަމުގައި ނުވާނޭކަމެވެ. الله وحى ކުރައްވާފައި ވެއެވެ.  مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ وَمَنْ تَوَلَّى فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا  [سورة النساء 80] މާނައީ: رسول އާއަށް ކިޔަމަންގަންފި މީހާ الله އަށް ކިޔަމަންގަންފިކަން ކަށަވަރެވެ. އަދި އެކަލާނގެފާނަށް ކިޔަމަންވުމަށް ފުރަގަސްދީފި މިހާ ދަންނާށެވެ! ފަހެ، ތިމަން އިލާހު، އެކަލޭގެފާނު އެބައިމީހުންގެ މައްޗަށްވާ ބާރުވެރިއެއް ކަމުގައި ނުފޮނުއްވަމެވެ. އެބަހީ، އެބައިމީހުންގެ ނުކިޔަމަންތެރިކަމުގެ ޢުޤޫބާތް ދެއްވާހުށީ ތިމަން އިލާހެވެ."
ޝައްކެއް ނެތްގޮތުގައި އަޅުގަޑުމެންގެ ގާތަށް މާތް الله ރަސޫލަކު ފޮނުއްވާފައިވަނީ އަޅުގަނޑުމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށެވެ. އެހެންކަމުން، އެކަލޭގެފާނަށް ތަބާވުމީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނަން ޖެހެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.  لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا  [سورة الأحزاب 21] މާނައީ: "ހަމަ ކަށަވަރުން الله ގެ ރަސޫލާގެ ކިބައިގާ ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ الله ގެ ޙަޟްރަތުން ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާ މީހަކަށެވެ."
الله ގެ ކަލާމުފުޅު ކީތިރި ޤުރްއާން އަޅުގަޑުމެންނާ ހަމަ އަށް އައިސްފައި ވަނީ ރަސޫލުބޭކަލެއްގެ ދޫފުޅު މަތިން ކަމުގައި ވީހިނދު، އެކަލޭގެފާނުގެ ސުންނަތަށް އީމާންނުވާ މީހަކު ޙަޤީޤަތުގައި ޤުރްއާނަކަށް ވެސް އީމާންވާ ކަމުގައި ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالا مُبِينًا [سورة الأحزاب 36] މާނައީ: "އަދި الله އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދެއްގައި، މުއުމިނުފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެކަމުގައި އެނޫންގޮތެއް ބަލައިގަތުގެ އިޚްތިޔާރު އެބައިމީހުންނަށް އޮތުމަކީ ނެތްކަމެކެވެ. އަދި الله އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދޭ މީހާ ދަންނާށެވެ! ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."
ސުންނަތޭ ބުނުމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ އެއީ، ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލިޔަސް ޢަޛާބު ނުލިބޭ ކަންތައްތައް އެކަނި ކަމަށެވެ. މާނައަކީ، އެކަމަކީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަމެކެވެ. އެހެންކަމުން، ޝަރުޢުގައި އައިސްފައިވާ ކަމެއް ސުންނަތުން ސާބުވިއަސް، ޤުރްއާނުގައި އޭގެ ޙުކުމް އައިސްފައިނުވާނަމަ، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ބައެއް މީހުން ނުދެކެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި، މުސްލިމުން ޢަމަލުކުރަންޖެހޭ ހުރިހާ ކަމެއް، ކީރިތިވަންތަ الله ވަނީ ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. އެހެންކަމުން، ޤުރްއާނުން ބޭރުން އެހެން ދަލީލަކަށް ބަލާކަށް ނުޖެހޭ ކަމަށް މިބައިމީހުން ދެކެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށްވެސް ބޮޑު އޮޅުމެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގެ ގިނަކަންތައްތައް ސުއްނަތައް ރުޖޫޢުވުމަކާއި ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލު ކުރުމީ މުސްތަޙީލު ކަމެއްކަން ވިސްނާލައިފި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މިސާލަކަށް ބަލަމާތޯއެވެ. ނަމާދަކީ ދީނުގެ އެންމެ މުހިއްމު އެއް ރުކުނެވެ. އަދި އެއީ ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމައަށްފަހު ދީނުގެ އަދާކުރުމަށް އައިސްފައިވާ އެންމެ މުހިއްމު ކަމަކީ ނަމާދު ކުރުމެވެ. ކަން މިހެން އޮތް ހިނދު ނަމާދު ފަރުޟު ކުރެއްވިކަން ޤުރްއާނުން އެނގެން އޮތްކަމުގައިވީނަމަވެސް، ނަމާދު އަދާކުރަންވީ ގޮތެއް ޤުރްއާނުގައި އައިސްފައިނުވެއެވެ. ހަމައެހެންމެ މުސްލިމުންގެ މައްޗަށް ރެޔަކާއި ދުވާލު ފަރުޟު ވެގެންވަނީ ކިތައް ނަމާދު ކަމެއްވެސް އެޤުރްއާނުން އެނގޭކަށް ނެތެވެ. މިކަންކަން އެނގެނީ ސުއްނަތުންނެވެ. އެހެންކަމުން ނަމާދު ކުރަންވީގޮތް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ދަސްކޮށް ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. "صَلُّوا كَمَارَأَيْتُمُوْنِيْ أُصَلِّى" [رواه البخاري] މާނައީ :"ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ!" ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާ ކުރަންވީގޮތްވެސް ދަސްކޮށް ދެއްވަމުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ."خُذُوْ عَنِّى مَنَا سِكَكُمْ"[ رواه البيهقي في ‏‏السنن الكبرى] މާނައީ:" ޙައްޖުގެ އަޅުކަން އަދާކުރެއްވިގޮތް ތިމަންކަލޭގެފާނުގެ ކިބައިއިން ތިޔަބައިމީހުން ލިބިގަންނާށެވެ!
އިސްވެދިޔަ ދަލީލުތަކާއި މިނޫނަސް މިމާނައިގާ ވާރިދުވެފައިވާ ގިނަގުނަ ދަލީލުތަކުން އެނގޭގޮތުގައި، ރަސޫލު ﷲ صلى الله عليه وسلم ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްކަން ކަށަވަރުވެއެވެ. އެހެންކަމުން، ސުންނަތާ ނުލައި ދީނުގެ ޙުކުމްތަކެއް ނޭނގޭނެކަން އަޅުގަނޑުމެން ދަންނަން އެބަޖެހޭ. ކީރިތިވަންތަ الله ވަޙީކުރައްވާފައިވެއެވެ.  وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ [سورة النحل 44] މާނައީ: "އަދި ތިމަން އިލާހު ކަލޭގެފާނަށް ޤުރްއާން ބާވާލެއްވީ އޭގައިވާ ޙުކުމްތައް، ކަލޭގެފާނު މީސްތަކުންނަށް ބަޔާން ކޮށްދެއްވުމަށެވެ. އަދި އެބައިމީހުން ފިކުރު ކުރުމަށަވެ."
އެހެންކަމުން ދަންނަވަންޖެހެނީ، ޤުރްއާނާއި ސުއްނަތާއި ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައާ ދެމެދުވާ ގުޅުންކަމަށެވެ. އެދެކަލިމަ އެކަތިއަނެކެއްޗާ ވަކިނުވާނޭފަދައިން ޤުރްއާނާއި ސުއްނަތާއި ވައްކެއް ނުކުރެވޭނެއެވެ. އާދެ! ޝަހާދަތުގެ ދެކަލިމަ ދުލުންކިޔައި އެއަށް އީމާންނުވާ މީހެއްގެ އީމާންކަން ފުރިހަމަނުވާ ފަދައިން، ޤުރުއާނާއި ސުންނަތް ޤަބޫލުކޮށް މިދެމަޞްދަރްގެ ޙުކުމްތަކަށް ތަބާނުވާ މީހެއްގެ އީމާންކަމެއް ފުރިހަމައެއް ނުވާނެއެވެ.
ޙަޤީޤަތަކީ މިއީ ކަމުގައިވީނަމެވެސް، ސުއްނަތް ދޫކޮށްލައި ހަމައެކަނި އަހަރުމުން ޤަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހުޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ صلى الله عليه وسلم ވަނީ އުއްމަތަށް ދެއްވާފައި ވެއެވެ. އަދި މިފަދަ މީހުންނާމެދު ރައްކާތެރިވެ ތިބުމަށްވެސް އެކަލޭގެފާނު އިރުޝާދު ދެއްވާފައި ވެއެވެ.
جابر بن عبد الله ގެ އަރިހުން الحالكم އާއި الترمذيއާއި ابن ماجه ރިވާކުރެއްވި ޙަދީޘެއްގައި އައިސްފައިވޭ. جابر ގެފާނު ވިދާޅުވި. المِقْدَامُ بُنُ مَعْدِي كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. ޚައިބަރު ހަގުރާމައިގެ ދުވަހު ރަސޫލު ﷲ صلى الله عليه وسلم އެއްޗެހިތަކެއް ޙަރާމް ކުރެއްވިއެވެ. އޭގެފަހުގައި ޙަދީޘް ކުރެއްވިއެވެ. ތިޔައިގެ ތެރެއިން- އެބަހީ މިއުއްމަތުގެ މީހުންގެ ތެރެއިން ތިމަން ކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ވަރަށް ގާތެވެ. އެފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘް އިވޭހިނދު ބޮޑާކަމާއެކު ބޮޑު ގޮނޑީގައި ލެނގިލައިގެން އިނދެ ބުނާނެއެވެ. އަހަރުމެންނާ ތިޔަބައިމީހުންނާ ދެމެދު މިވަނީ الله ގެ ފޮތެވެ. ފަހެ މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއްނަމަ ޙަލާލުކަމެއްކަމުގައި އަހަރުމެން ބަލައިގެންފާނަމެވެ. އަދި މިފޮތުގައި ޙަރާމްކަމެއް ކަމުގައި އައިސްފައިވާ ކަމެއް ނަމަވެސް އެއީ ޙަރާމްކަމެއްކަމުގައި ބަލައިގެންފާނަމެވެ. އެއަށްފަހު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ދަންނައެވެ! ހަމަކަށަވަރުން الله ގެ ރަސޫލާ ޙަރާމް ކުރައްވާ ކަންތައްތަކަކީ، الله ޙަރާމް ކުރައްވާ ކަންތައްފަދަ ކަންތަކެވެ."
عِمْرَان بن حُصَيْن رضي الله عنه ގެކިބައިން البيهقي ރިވާކުރެއްވިއެވެ. ޝަފާޢަތުގެ ވާހަކަ އައިސްފައިވާ ޙަދީޘެއް عِمْرَان ވިދާޅުވެދެއްވުމުން އަޑުއަހަންތިބި މީހުންގެ ތެރެއިން މީހަކުމީހުން ބުންނެވެ. ތިޔަ ވިދާޅުވާ ޙަދީޘްތަކަކީ ޤުރްއާނުން އެއިގެ އެއްވެސް އަޞްލެއް ފެންނަންނެތް ޙަދީޘްތަކެކެވެ. އެހިނދު ޢިމްރާން ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ވިދާޅުވިއެވެ. ތިބާ ޤުރުއާން ކިޔެވިންހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން، ޢިމްރާން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ ޢިޝާ ނަމާދުގައި ވަނީ ހަތަރު ރަކުޢަތް ކަމަށާއި މަޣްރިބް ނަމާދުގައި ތިން ރަކްޢަތް ކަމަށާއި ފަތިސް ނަމާދުގައި ވަނީ ދެރަކްޢަތް ކަމަށާއި މެންދުރު ނަމާދުގައި ހަތަރު ރަކްޢަތް ކަމަށާއި ޢަޞުރު ނަމާދުގައި ހަތަރު ރަކްޢަތް ކަމަގައި ޤުރްއާނުގައި އެބައޮތް ހެއްޔެވެ؟ އޭނާ ނޫނުކޭ ދެންނެވިއެވެ. ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ތިޔަބައިމީހުންނަށް އެނގުނީ ކޮންބަޔެއްގެ ފަރާތުން ހެއްޔެވެ؟ އަހަރަމެންގެ ފަރާތުން ނޫންހެއްޔެވެ؟ އަހަރަމެން އެކަންތައް އުނގެނުނީ ރަސޫލުﷲ صلى الله عليه وسلم ގެ އަރިއަހުންނެވެ. ކޮންމެ ސާޅީސް ބަކަރިއަކުން ބަކަރިއެއް ޒަކާތަށް ނެރޭށޭ، ޤުރްއާނުގައި އެބައޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ޖަމަލެއް ނެރޭށޭ އެބައޮތްހެއްޔެވެ؟ އަދި މިވެނި ވަރެއް ހަމަވީމާ ދިރުހަމެއް ޒަކާތަށް ނެރާށޭ ޤުރްއާނުގައި އެބައޮތްހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވިއެވެ. އެހިނދު އަނެއްކާވެސް ޢިމްރާން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ތިޔަބައިމީހުންނަށް އެނގުނީ ކޮންބަޔެއްގެ ފަރާތުން ހެއްޔެވެ؟ އަހަރަމެންގެ ފަރާތުން ނޫން ހެއްޔެވެ. އަހުރަމެން އެކަންތައް އުނގެނުނީ ރަސޫލުﷲ صلى الله عليه وسلم ގެ އަރިއަހުންނެވެ. އަދި ވިދާޅުވިއެވެ. ޤުރްއާނުގައިوَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ  [سورة الحج 29] މާނައީ:"އަދި އެބައިމީހުން ގެފުޅުގެ ވަށައިގެން ޠަވާފު ކުރާހުށިކަމެވެ". މިފަދައިން އައިސްފައިވާ ހިނދު، ގެފަޅުގައި ހަތް ފަހަރު ޠަވާފު ކޮށްފައި މަޤާމު އިބްރާހީމުގެ ފަހަތުގައި ދެރަކްޢަތް ނަމާދެއް ކުރާށޭ ވޭހެއްޔެވެ؟ ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ މިބަސްފުޅު ތިޔަބައިމީހުން ނާހަނީ ހެއްޔެވެ؟وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا  [سورة الحشر 7] -މާނައީ:"އަދި الله ގެ ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ނަހީ ކުރެއްވި ކޮންމެ ކަމަކުން ތިޔަބައިމީހުން ދުރުހެލިވެ ގަންނާށެވެ!- މިހެން ވިދާޅުވެފައި ޢިމްރާން ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނޭނގޭ ކިތަންމެ އެއްޗެއް އަހަރަމެންވަނީ ރަސޫލު الله صلى الله عليه وسلم އަރިހުން ލިބިގެންފައެވެ."
ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތަށް އިންކާރުކުރާ ބައެއްމީހުން ބުނާ ގޮތުގައި އަހަރުމެންނާ ހަމައަށް ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް އައިސްފައިވަނީ އެހާ އިތުބާރުހުރި ގޮތަކަށް ނޫނެވެ. އެހެން ކަމުން އެއީ ޤަބޫލުކުރެވޭނޭ އެއްޗެއް ނޫނެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އެހެނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުއްނަތަކީ އެކަލޭގެފާނަށް ބާވާލެވުނު ދީނުގެ ބައެކެވެ. އެދީން ކީރިތި الله ވަނީ ޤިޔާމަތާ ހަމައަށްދާނދެން ރައްކާތެރި ކުރައްވާނޭ ކަމަށް ވަޢުދުވެ ވޮޑިގެންފައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.  إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ  [سورة الحجر 9] މާނައީ : "ހަމަކަށަވަރުން ޛިކުރު ބާވާލެއްވީ ތިމަން އިލާހެވެ. އަދި ތިމަން އިލާހު އެޛިކުރު ރައްކާތެރިކުރައްވާހުށީމެވެ." މިއާޔަތުގައިއެވާ ޛިކުރަކީ ޤުރުއާނާއި ސުއްނަތުގެ މައްޗަށް އެކުލެވިގެންވާ އިސްލާމީ ޝަރީޢަތެވެ. އައްތައުބާ ސޫރަތުގެ 32 ވަނަ އާޔަތުން މިކަން ކަށަވަރު ކޮށްދެއެވެ. އެއީ،هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ [سورة التوبة 33] މާނައީ: "ކާފިރުން ކިތަންމެ ނުރުހުނު ކަމުގައިވީނަމަވެސް الله އެކަލާނގެ ދީން ފުރިހަމަ ކުރައްވާނެތެވެ."
ރަސޫލުﷲ صلى الله عليه وسلم ސުންނަނަތް އަހަރުމެންނާ ހަމައަށް އައިސްފައިވަނީ، ޤުރުއާންވެސް އަހަރުމެންނާ ހަމައަށް އައިސްފައިވާ ރޮނގުންނެވެ. ސުއްނަތް ޤަބޫލު ނުކުރާނަމަ ޤުރްއާންވެސް ޤަބޫލުކުރާ ކަމުގައި ބެލެވޭނެ ޖާގައެއް ނެތެވެ. އެހެންކަމުން، ޤުރުއާނާ ސުންނަތް ރައްކާތެރި ކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުވެވޭނެ. އަދި ފުރިހަމައެއްވެސް ނުވެވޭނެ.
ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " كُلُّ أمَّتِىْ يَدْخُلُوْنَ الْجَنَّةَ الاّ مَنْ أبَى ، قِيْلَ يَا رَسُوْلَ اللهِ وَمَنْيَأبَى ؟ قال : مَنْ أطَاعَنِىْ دَخَلَ الْجَنَّةَ ومَنْ عَصَانِى فَقَدْ أبَى " [رواه البخاري] މާނައީ: ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ދެކޮޅު ހަދައިފި މީހަކު މެނެވީ އެއްމެންވެސް ސުވަރުގެ ވަންނަ ހުއްޓެވެ. އެހިނދު އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭﷲ ގެ ރަސޫލާ އެވެ! ސުވަރުގެ ވަންނަން ދެކޮޅު ހަދަނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންގަންފި މީހެއްނަމަ ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަން ކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅު ހަދައިފިއެވެ!!!
ދުނިޔެމަތީގައި އިންސާނަކަށް ލިބޭނޭ އެންމެ މަތިވެރި ނިޢުމަތަކީ، އޭނާ ހެއްދެވި އިލާހުގެ ރުއްސަވައިވޮޑިގަތުން ޙާޞިލުވުން ނޫންތޯ. މިމަތިވެރި ނިޢުމަތް ޙަޞިލުވާންއޮތީވެސް އެކަލާނގެ ފޮނުއްވި ރަސޫލާއަށް ފުރިހަމައަށް ތަބާވެގެންކަން ކަށަވަރެވެ. މިކަން ބަޔާންކުރައްވަމުން الله ވަޙީކުރައްވާފައިވެއެވެ.  قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ  [آل عمران 31] މާނައީ : "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން الله އަށް ލޯބިވާ ކަމުގައިވަނީނަމަ ފަހެ، ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބާވާށެވެ! އޭރުން الله ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެއެވެ. الله އީ ގިނަގިނައިން ފާފަ ފުއްސަވާ ނުހަނު އޯގާވަންތަ އިލާހެވެ."
އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. "تَرَكْتُ فِيْكُم أمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُم بِهِمَا كِتَابَ اللهِ وسُنَّةَنَبِيِّهِ" [رواه مالك والحاكم والبيهقي] މާނައީ:"ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދޫކުރައްވާފައި މިވަޑައިގަންނަވާ ދެކަމުގައި ހިފަހައްޓައިގެން ތިބިހައި ހިދަކު ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ الله ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުއްނަތެވެ. الله ގެ ރުއްސެވުން ޙާޞިލުވާން އޮތީ އެކަލާނގެ ރަސޫލާއަށް ކިޔަމަންގަނެގެންކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ.صلى الله عليه وسلم ގެ ސުންނަތުގައި ހިފަހައްޓައިގެން ތިބެން ޖެހެއެވެ.
މަސްދަރު : އިސްލާމިކްމިނިސްޓްރީ ވެބްސައިޓް
http://islamicaffairs.gov.mv/dh/f/read.php?id=383

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ